ވިޔަފާރި / ބީއެމްއެލް

މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ބީއެމްއެލް އިން ފަށައިފި

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް އާއި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފް އަދި ވިސާ އިން ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅާފައިވާ ކަންޓްރީ މެނޭޖަރު އަވަންތި ކޮލަމްބަގެ، އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.--- ފޮޓޯ: ނިޝާން އަލީ | މިހާރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖޭގައި މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގުމަށް ވިސާއާ އެކު ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ބީއެމްއެލް އާއި ވިސާގެ ޒަމާންވީ ގުޅުމަށް 22 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ޕްރޮގްރާމް އިފުތިތާހުކޮށް، އެއްބަސްވުމުގައި ސޮއިކުރެއްވީ ވިސާގެ ފަރާތުން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު އަވަންތި ކޮލަމްބަގެ އާއި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ޕާޓްނާޝިޕްގެ ދަށުން ޒުވާނުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ތައުލީމީ އިދާރާތަކުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރާނެ އެވެ. ބީއެމްއެލް އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން، ވިސާގެ ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމްގެ 'ޕްރެކްޓިކަލް މަނީ ސްކިލްސް' އަދި 'ޕްރެކްޓިކަލް ބިޒްނަސް ސްކިލްސް' ސެޝަންތައް ރާއްޖޭގައި ހިންގާނެ އެވެ.

ބަޖެޓް ކުރުމާއި ފަހަށް ރައްކާކުރުމާއި ދަރަނި ހެޔޮގޮތުގައި މެނޭޖު ކުރާނެ ގޮތާއި ރަނގަޅު ގޮތުގައި ފައިސާ މެނޭޖުކޮށް ހަރަދުތައް ބަލަހައްޓާނެ ގޮތްތައް އެ ސެޝަންތަކުގައި ކިޔައިދޭނެ އެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ފައިސާ މެނޭޖު ކުރާނެ ގޮތުގެ އިރުޝާދުތަކާއި ކޭޝް ފްލޯ މެނޭޖު ކުރާނެ ގޮތާއި އަގު ކަނޑައެޅުމާއި ޑިޖިޓަލް ޕޭމަންޓް އަދި ކަސްޓަމަރުން އިތުރު ކުރާނެ ގޮތްތަކާއި ވިޔަފާރީގެ އުކުޅުތައް ވެސް ކިޔައިދޭނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ މާލީ ހޭލުންތެރިކަން އިތުރުކުރުވުމުގެ ޕްރޮގުރާމާ އެކު، މިހާރު އަމަލުކުރާ މުގައްރަރު އިތުރަށް ވަރުގަދަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މާލީ ހޭލުންތެރިކަމަކީ ކޮންމެ އުމުރުފުރާއަކަށް ވެސް މުހިންމު ބޭނުންތެރި ކަމެއް ކަމަށާއި ގައުމުގެ އިގުތިސާދު ހަރުދަނާ ކުރުމަށް ވެސް މާލީ ހޭލުންތެރިކަމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ އެމްޑީ ޝަރީފް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވި ގޮތުގައި، ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރު ކުރުމަކީ އެ ބޭންކުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަމެކެވެ. އަދި އެއީ ކުރިމަގުގެ ޖީލުތަކަށް މާލީ ކަންކަމުގައި ހޭލުންތެރިކަމާ އެކު ގޮތް ނިންމުމުގައި އެހީތެރިވުމަށް ބީއެމްއެލުން ދޭ އިސްކަން ހާމަކޮށްދޭ ޕްރޮގްރާމެއް ކަމަށް ވިދާޅުވި އެވެ. ދަރިވަރުންނަށް ހަރުދަނާ މާލީ ބިންގާއެއް އެޅުމަށް އެހީތެރިވެރިވެދިނުމަކީ ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ދިގުމުއްތަކަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމްޑީ ސިފަކުރެއްވި އެވެ.

ވިސާ އިން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު، އަވަންތި ކޮލަމްބަގެ ވިދާޅުވީ މާލީ ހޭލުންތެރިކަމަކީ ހަރުދަނާ އިގްތިސާދުގެ ކުރިއެރުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށެވެ. އަދި ވިސާގެ 'ޕްރެކްޓިކަލް މަނީ ސްކިލްސް އާއި 'ޕްރެކްޓިކަލް ބިޒްނަސް ސްކިލްސް' ޕްރޮގްރާމު މެދުވެރިކޮށް އާންމު ފަރުދުންނާއި ކުދި ވިޔަފާރިތައް ބާރުވެރި ކުރުވައި، ދެމެހެއްޓެނިވި އަދި މާލީ ގޮތުން އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ގާބިލު ޑިޖިޓަލް މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދޭނެ ވިދާޅުވި އެވެ.

"މި މަސައްކަތަކީ ރާއްޖެ އަށް ޑިޖިޓަލް ބޮޑު އިންގިލާބެއް ގެނުވައި، ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން ސިނާއަތްތަކާ އެކު ރަނގަޅު އިގްތިސާދެއް ބިނާކުރުމަށް ރާއްޖޭގެ ދިގު ރާސްތާ ޕްލޭނަށް އެހީތެރިވުމަށް އަޅުގަނޑުމެން ދޭ އަހުމިއްޔަތުކަން ހާމަވެގެން ދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުވުމުގައި މުހިންމު ދައުރެއް އަދާ ކުރާ ބޭންކެކެވެ. މާލީ ހޭލުންތެރިކަން އިތުރު ކުރުވުމުގެ ގޮތުން އެކި އުމުރުފުރާތަކަށް ހާއްސަކޮށް 200 އަށް ވުރެ ގިނަ ސެޝަންތައް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ބޭންކުން ވަނީ ހިންގައިފަ އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަރިޔަންކަޓޭ

10 December 2025

ހޭލުންތެރިކުރާވަރަކަށް މަމެންވަނީ ގަޅި. ( ・ω・)ノ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454