އާދަމް އާޒިމް ރޭ ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ބައެއް ސަޕޯޓަރުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
12 ޑިސެމްބަރ 2025 - 07:49
ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގެ ކެމްޕެއިންގައި "އެއްވެސް މީހެއްގެ މަހާއި ކައްޓާ ކައިގެން" އެ އިންތިހާބު ކާމިޔާބު ކުރައްވަން ބޭނުން ނުވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، އަންނަ އަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެމްޑީޕީގެ މާލޭގެ މޭޔަރުގެ ޓިކެޓު ހޯއްދަވަން މިހާރު ފަށާފައިވާ އެ ޕާޓީގެ ޕްރައިމަރީ ކެމްޕެއިނަށް ހުޅުމާލޭގައި ބޭއްވި ޖަލްސާގަ އެވެ.
މަގާމު ދިފާއު ކުރައްވަން ނުކުންނެވި އާދަމް އާޒިމް، އެމްޑީޕީގެ ޕްރައިމަރީގައި އޭނާގެ ވާދަވެރި ކެންޑިޑޭޓް އަލީ އާޒިމަށް ނުސީދާ ރައްދެއް ދެއްވަމުން ވިދާޅުވީ، އިންތިހާބު ކާމިޔާބު ކުރައްވާނީ އިހުތިރާމާއި ލޯތްބާ އެކު ކުރާ ކެމްޕެއިނަކުން ކަމަށެވެ.
ޓީމެއްގެ ގޮތުގައި އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެންމެ ގޮނޑިއެއް ވެސް އެހެން ބަޔަކަށް ނުދޭން. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ހުރިހާ ގޮނޑިއެއް އެމްޑީޕީ ކާމިޔާބު ކުރަން،"--- އާދަމް އާޒިމް
އަޅުގަނޑެއް އަޅުނަޑަށް ތާއީދުކުރާ މީހުންނަކަށެއް އިންސާނުންގެ މަހާއި ކައްޓާ ކައިގެންނެއް އިންތިހާބުތައް ކާމިޔާބު ކުރުމަކީ ދަންނަ ކަމެއް ނޫން. އަޅުގަނޑު ދަންނަ ކަމަކީ ހުރި މައްސަލަތަކާ ވާދަކޮށްގެން އެ މައްސަލަތައް ހައްލު ކޮށްދީގެން، ހައްލު ކުރާނެ ގޮތްތައް ކިޔައިދީގެން އިންތިހާބު ކާމިޔާބުކޮށް އެ މައްސަލަތަކުގެ އަލީގައި އެ ރައްޔިތުންނަށް ފަސޭހަތައް ހޯދައިދިނުން. އެއީ އަޅުގަނޑުމެން ދަންނަ ކަމަކީ،" މިހާރު ވެސް އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި އާދަމް އާޒިމް ވިދާޅުވި އެވެ.
އޭނާ އެ މޭރުމުން ވާހަކަ ދެެއްކެވީ ޕްރައިމަރީގެ ވާދަވެރި ކެންޑިޑޭޓު އަލީ އާޒިމްގެ ކެމްޕެއިން ހަފުލާތަކުގައި ބަހުގެ އަދި ޒާތީ ހަމަލާތައް ދެއްވާތީ ކަމަށް ބެލެވެ އެވެ.
ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އާދަމް އާޒިމް އޭނާގެ ސަޕޯޓަރުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން އަތްޖައްސަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އާދަމް އާޒިމް ވިދާޅުވީ، އޭނާ މި ކެމްޕެއިނަށް އެކި ގޭގެ އަށް ވަޑައިގަންނަވާއިރު، އިސްތިގުބާލު ކުރަން މާ ކުރިން މީހުން ނުކުމެ ތިބޭ ކަމަށާއި އެއީ އެމްޑީޕީގެ ރޫހު ކަމަށެވެ. އެއީ އެމްޑީޕީގެ އަޒުމް ކަމަށާއި އެ މީހުން ތިބީ އޭނާ އިންތިހާބު ކުރަން ކެތްމަދުވެފައި ކަމަށް އާދަމް އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ އަޒުމުގައި އެމްޑީޕީގެ މެމްބަރުން ތިބި ނަމަ މިހާރުގެ ސަރުކާރަށް އެ ޕާޓީ ބައްޔެއް ނުކުރެވޭނެ އެވެ.
"ﷲގެ ރަހުމަތްފުޅާއި ތިޔަބޭފުޅުންގެ ތާއީދާ އެކީގައި އެމްޑީޕީ މި އިންތިހާބު ކާމިޔާބު ކުރާނީ އިރާދަކުރެއްވިއްޔާ މަސައްކަތް ކޮށްގެން، މަސައްކަތް ކޮށްގެން، މަސައްކަތް ކޮށްގެން ހިތްވަރާ އެކު،" އާދަމް އާޒިމް ވިދާޅުވި އެވެ.
އާދަމް އާޒިމް ރޭ ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ބައެއް ސަޕޯޓަރުންނާ އެކު.---ފޮޓޯ: ނިޝާން އަލީ| މިހާރު
އޭނާ ވިދާޅުވީ، އެންމެ އިންޗިއެއް ވެސް އެމްޑީޕީ ފަހަތަކަށް ނުޖެއްސޭނެ ކަމަށާއި ކޮންމެ ދުވަހަކު އިންޗިއެއް ޖެހޭނީ ކުރިއަށް ކަމަށެވެ.
ރޭގެ ޖަލްސާގައި އާދަމް އާޒިމް ވިދާޅުވީ، އޭނާ ވާދަކުރައްވަނީ މައްސަލަތަކާކަން މިހާރު ފެންނާނެ ކަަމަށެވެ.
"[މާލޭގެ މަގުތަކުގައި] ފެން ބޮޑުވާތީ އެކަމާ ވާދަކުރީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރަނގަޅު ކާމިޔާބީއެއް ހޯދިން. އަޅުގަނޑުގެ ކޯލް ސެންޓަރުގެ ކަންތައްތަކާއި ކެމްޕެއިން ހަރަކާތްތައް ހިންގައި ދެއްވަނީ ތިޔަބޭފުޅުން. އެމްޑީޕީގެ ތަޖުރިބާކާރު ކެމްޕެއިން ޓީމުގެ މެމްބަރުން. އަބަދުމެ ތިއްބަވަނީ ގުޅާލަގުޅާލާ،" އާދަމް އާޒިމް ވިދާޅުވި އެވެ.
އާދަމް އާޒިމް ރޭ ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ބައެއް ސަޕޯޓަރުންނާ އެކު.---ފޮޓޯ: ނިޝާން އަލީ| މިހާރު
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އާއި މުޅި މާލެ އަށް ރަނގަޅު ދުވަހެއް ފެންނާނީ އެމްޑީޕީ އަށް ވޯޓު އަޅައި ފުރުވާލަދިން ދުވަހަކުންނެވެ. މިހާތަނަށް ކަންކަން ވެފައި އޮތީ އެެހެންވެ ކަމަަށް އާދަމް އާޒިމް ވިދާޅުވި އެވެ.
ވިދާޅުވީ، އޭނާއާ އެކު މާލޭގެ އެހެން ދާއިރާތަކަށް ނުކުންނަވާ ކެންޑިޑޭޓުން ބޮޑު ތަފާތަކުން އިންތިހާބު ކޮށްދީފި ނަމަ އުފާވެރި ދުވަސްތަކެއް ގެނެސްދޭނެ ކަމަށެވެ.
"ޓީމެއްގެ ގޮތުގައި އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެންމެ ގޮނޑިއެއް ވެސް އެހެން ބަޔަކަށް ނުދޭން. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ހުރިހާ ގޮނޑިއެއް އެމްޑީޕީ ކާމިޔާބު ކުރަން. އަޅުގަނޑުގެ ހުރިހާ މަސައްކަތެއް، ހުރިހާ ވަގުތެއް އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ހޯދައި ދިނުމަށް މަސައްކަތް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ދެން،" އާދަމް އާޒިމް ވިދާޅުވި އެވެ.
އާދަމް އާޒިމް ރޭ ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ބައެއް ސަޕޯޓަރުންނާ އެކު.---ފޮޓޯ: ނިޝާން އަލީ| މިހާރު
ތާރީހު ހަނދާން ކޮށްދެއްވަމުން އާދަމް އާޒިމް ވިދާޅުވީ، އޭނާ މޭޔަރުގެ މަގާމު މިހާރު ފުރުއްވަނީ ބައި އިލެކްޝަނެއް ކާމިޔާބު ކުރައްވައިގެން ކަމަށާއި މަގާމުގައި އަދި މިވީ އެންމެ ދޮޅު އަހަރު ކަމަށެވެ. އެކަމަކު، އެ ދޮޅު އަހަރު ކުރެއްވި މަސައްކަތްތައް ގިނަ ކަމުން މަގާމުގައި ފަސް އަހަރު ހޭދަވެއްޖެ ކަމަށް ބައެއް މީހުންނަށް ހީވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި އާދަމް އާޒިމް ވަނީ އޭނާގެ މަގާމުގެ ދޮޅު އަހަރުގައި މާލެ އަށް ކޮށްދެއްވި ކަންކަން ވިދާޅުވެދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިގަލި
14 December 2025
ސަޅި، އަލީ ޢާޒިމްގެ ކަމަކަށް އޮންނަނީ މޭޔަރުގެ މަސްކެއުން، އެންޓި ކެމްޕެއިން. އެއީ އަންނިގެ ސްޓްރެޓެޖީ. މުޢިއްޒު މޭޔަރުކަމަށް ކުރިމަތިލީމާވެސް ދެވަނަ ކަމެއް ނުކުރޭ. ނިމުނީ މުއިއްޒު ކާމިޔާބު ކުަރއްވައިގެން. އެހެންވީމާ އަލީ ޢާޒިމް އެބަޖެހޭ އިބްރަތް ޙާޞިލުކޮށް ޕޮޒިޓިވް ކެމްޕެއިން ކުރަން.
މަސް ކާށި
12 December 2025
މަހާ ކަށްޓާ ނުކެޔަސް މަހާ ކާއްޓާ ނުކާ މީހަކަށް ތާއިދެއް ނެތް. އެހެން ނޫނަސް މިހާރު ބޭނުންވަނީ އެހެން މޭޔަރެއް.
މިހާރުގެ
12 December 2025
މަހާއި ކައްޓާ ކައިގެން ހެންހީވަނީ މިހާރު ތިހިރީ
ހުތރެ
12 December 2025
ކެއުން ނޫނީ ބުއިން...
އަލީފާރޫގުރައުތެކަލޯ
12 December 2025
އާޒިމަކީ މިހާރު އެމްޑީޕީ ގައި އުޅޭ ވަރަށް މަދު ބޯހަމަޖެހޭ ހިތްވަރެއްހުރި ރަގަޅު މީހުން ގެތެރެއިން އެކަކު. އާޒިމުމެން ކުރިއަށް ޖެހި އެމްޑީޕީ އެތެރޭގައިހުރި ކުނިބުންޏާއީ ގަސްބުޑުތައް ނަގާ ކުނިވާޒާތުގެ ތަކެތިވެސް ނެރެ ފޮޅާ ސާފުކުރަންވެއްޖެ. ރަގަޅު އިދިކޮޅު ސިޔާސި ޕާޓީއެއް ގައުމުގައި ނެތްތަން ވަރަށް ބޮޑައެބަފެނޭ
ސިޓީ
12 December 2025
ގަބޫލު ކުރިއަސް ނުވަތަ ގަބޫލު ނުކުރިޔަސް އާދަމް ޢާޒިމަކީ ހިންގުންތެރިއެއް. މިއީ އޭނާ ދަންނަ މީހުންނާއި ނުދަންނަމީހުންނަށްވެސް އެނގޭ ކަމެއް. މާލެ ސިޓީގެ މޭޔަރ ކަން ލިބުނު އިރު، ކައުންސިލްގެ މެޖޯރިޓީ އޮތީ އެހެން ބައެއްގެ އަތުގަ. އެ ގޮންޖެހުންތަކާއި އެކުވެސް، ޓީމެއްގެ ގޮތުގައި މުހިއްމު މަސައްކަތްތަކެއް ކޮއްދެއްވި.
ޖާނޭ
12 December 2025
ވަރަށް ރަނގަޅު ވާހަކަފުޅެއް ޕީއެންސީގެ ބޮޑުމެޖޯރެޓީ އޮންނައިރުވެސް އާދަމް އާޒިމް މާލޭ ރަށްޔިތުންނަށް ޓަކައި ވަރަށްގިނަ ކަންތަށް ކޮށްދެއްވާ ވަރަށް ވަރަށްސާފް އިނގޭތޯ