ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

އީގަލްސްގައި ރިޒޭގެ ފަހު މެޗު، އޭނާ ބަދަލުވާ ވިކްޓަރީ އަތުން ބަލި!

ރިޒޭ އީގަލްސްގެ ޖޯޒީގައި --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އީގަލްސްގެ ކެޕްޓަން އަހްމަދު ރިޒްވާން (ރިޒޭ) މި ސީޒަނުގައި އީގަލްސް އަށް ކުޅުނު ފަހު މެޗުގައި އޭނާ ބަދަލުވާ ވިކްޓަރީ އަތުން ބަލިވެއްޖެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ވިކްޓަރީން ކާމިޔާބު ކުރީ 2-0 ންނެވެ.

މި ސީޒަންގެ ބާކީ ބައިގައި ވިކްޓަރީ އަށް ލޯނު އުސޫލުން ރިޒޭ ދޫކޮށްލަން އީގަލްސްއިން ވަނީ ނިންމައިފަ އެވެ. ނިއު ރޭޑިއަންޓަށް ސޮއި ކުރާނެކަމަށް ބެލެވުނު ރިޒޭ ވިކްޓަރީ އަށް ބަދަލުވާން ވަނީ ސއިކޮށްފަ އެވެ. އޭނާގެ ޓްރާންސްފާ ފީގެ ގޮތުގައި ވިކްޓަރީން ވަނީ އީގަލްސް އަށް 100،000ރ. ދީފަ އެވެ.

އެ ދެ ކްލަބްގެ ދެމެދުގައި ވެވުނު ޓްރާންސްފާ އެއްބަސްވުމުގައިވާ ގޮތުން ރިޒޭ ވިކްޓަރީ އަށް ބަދަލުވާނީ މިއަދުގެ މެޗަށް ފަހު އެވެ. އަދި ސީޒަންގައި ވިކްޓަރީ އާއި އީގަލްސް ދެން ކުޅޭ މެޗެއްގައި، ރިޒޭ ލައްވައި ނުކުޅުވުމަށް އީގަލްސްއިން ވަނީ ޝަރުތުކޮށްފަ އެވެ. އެންމެ ފަހުގެ ސްޕޯޓްސް އެވޯޑްގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި ރިޒޭގެ ސޮއި ވިކްޓަރީން ހޯދީ އެ އީގަލްސްގެ އެ ޝަރުތުތަކަށް އެއްބަސްވެގެންނެވެ.

މިއަދުގެ މެޗުގައި އީގަލްސްގެ ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ވަނީ ކުޅެފަ އެވެ. އެކަމަކު ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކުރަން އޭނާ އަށް ކުރެވުނު ކަމެއް ނެތެވެ.

އެކަމަކު ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ކުޅުނު މެޗުގައި ވިކްޓަރީން ދެ ލަނޑުގެ ލީޑެއްގައި ވަނިކޮށް އީގަލްސްއިން 2-2 ން ނަތީޖާ ހަމަހަމަ ކުރީ ރިޒޭ ޖަހައިދިން ދެ ލަނޑުންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މ ކުޅުނު މެޗުން އޭނާ އީގަލްސް އަށް އަލުވާދާއު ކީ، ވިކްޓަރީއާ ދެކޮޅަށް އެފަދަ އެއްވެސް އެހީ އެއް އީގަލްސް އަށް ނުކޮށްދެވި އެވެ.

ރިޒޭ

މިހާރު ކުރިއަށްދާ ޓްރާންސްފާ ޕީރިއަޑްގައި ވިކްޓަރީން ވަނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިގެ ޖާގަތަކަށް ބަދަލު ގެނެސްފަ އެވެ. ލީގުގެ ފުރަތަމަ ބުރުގައި ގޯލް ބެލެހެއްޓި ސީރިއާގެ ކުރީގެ ގައުމީ ކީޕަރު މަހްމޫދު އަލް ޔޫސުފް ދޫކޮށްލުމަށް ފަހު ގެނައި ނޭޕާލްގެ ކީޕަރު ކިރަން ކުމާރު ވަނީ މިއަދުގެ މެޗުގައި ކުޅެފަ އެވެ. އަދި ލީގުގެ ފުރަތަމަ ބުރުގައި އެ ޓީމުން ފެނުނު ބްރެޒިލްގެ ފޯވާޑް ވްލަޑްމިއާ އެވަޓަން ދޫކޮށްލުމަށް ފަހު އެ ޓީމުން ގެނައީ ސްލޮވާކިއާގެ މިލޯސް ލަޗްނީ ސޮއި ކުރުވާފަ އެވެ.

ބްރެޒިލްގެ ފޯވާޑް އެވަޓަން ފޮނުވާލި އޭނާގެ ކިބައިގައި ފެންވަރު ނެތުމުންނެވެ. ވިކްޓަރީގެ ދިވެހި ކުޅުންތެރިންނަށް ވުރެ މެޗުތަކުގައި އޭނާގެ ފެންވަރު ފެނުނީ ދަށްކޮށެވެ.

ވިކްޓަރީގެ ޖޯޒީގައި މިލޯސް ކުޅުނު ފުރަތަމަ މެޗުގައި އޭނާ މިއަދު ވަނީ ލަނޑު ޖަހައިފަ އެވެ.

މެޗުގެ 34 ވަނަ މިނެޓްގައި އަލީ ޝާމިސް (ތޮއްޕެ) އީގަލްސްގެ އޭރިއާގެ ބޭރުން، އޭތިއާ ތެރެއަށް ދިން ތުރޫ ޕާސް ލަޗްނީ ވަނީ އެއް ފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އޭގެ ކުރިން ވެސް ވިކްޓަރީގެ ހުސައިން ނިޔާޒު މުހައްމަދު (ބޮކްރީ) އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. މުޅިން ހުސްކޮށް އަރައި އޭނާ ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު މުހައްމަދު އަޝްވާން ދިފާއު ކުރި އެވެ.

މެޗުގެ 75 ވަނަ މިނެޓްގައި ރިޒޭގެ ބަދަލުގައި ރާއްޖޭގެ ކުރީގެ އެންމެ މޮޅު އެޓޭކިން މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) ކުޅެން ނުކުތެވެ.

އޭނާ އީގަލްސް އަށް ސޮއި ކުރީ މިފަހަރުގެ ޓްރާންސްފާ ޕީރިއަޑްގަ އެވެ. މިއީ ފަސް އަހަރަށް ފަހު ފުރަތަމަ ޑިވިޝަނުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ. އޭނާ ވަނީ 2015 ގައި ޓީސީ އަށް ކުޅެފަ އެވެ.

މެޗުގެ 85 ވަނަ މިނެޓްގައި އީގަލްސް އަށް ނަތީޖާ ހަމަހަމަކޮށް ދެވުނު ކަމަށް ހީކޮށް އޭނާ އުފާފާޅު ވެސް ކުރި އެވެ. އެކަމަކު އޭނާ އޮފްސައިޑްގައި ހުރިކަމަށް ބޯޅަ ފޮނުވާލިއިރު ވެސް ލައިސްމަން ދިދަ ނަގައިގެން ހުރުމުން އެ ލަނޑު ބަލައެއް ނުގަތެވެ.

ވިކްޓަރީގެ ދެވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޝަފްރާޒް އިބްރާހިމް (ޝަފްލޭ) އެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ ޝަފްލޭ ލަނޑު ޖެހީ އޭނާ ކުޅެން ނުކުތްތާ ދެ މިނެޓް ތެރޭގަ އެވެ.

އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) އީގަލްސްގެ ހާފުގެ ތެރެއިން މެދުރޮނގާ ކައިރީގައި ހުރެފައި އޭރިއާ ދިމާލަށް ފޮނުވާލި ބޯޅަ ހޯދައި ޝަފްލޭ ވަނީ އޭރިއާ ތެރެއަށް ވަދެ އެ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.

މެޗުން ވިކްޓަރީ މޮޅު، ޕޮއިންޓްގެ ގޮތުން ވަނީ އީގަލްސްއާ ހަމަހަމަކޮށްފަ އެވެ. އީގަލްސް އޮތީ ފަސްވަނައިގަ އެވެ. ލަނޑުގެ ތަފާތުން އީގަލްސް އަށް ވުރެ ކުރިއެރޭގޮތް ނުވުމުން، ވިކްޓަރީ އޮތީ ހަ ވަނައިގަ އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަފޯޓަރ

14 December 2025

މަހަކު 60000ރ ދީފަ ގެންދާވަރު ކުޅުންތެރިއެއް ނޫން ރިޒޭ އަކީ މިހާރު. ކުރީގަ ރިޒޭ މޮޅު.

The name is already taken The name is available. Register?

ކާޖާ

13 December 2025

ބެންޖޯ ހެހެހެހެހެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454