މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސަް މުއިއްޒު މިރޭ ވާހަކަފުޅު ދައްކަވަނީ--ފޮޓޯ: ރައީސް އޮފީސް
13 ޑިސެމްބަރ 2025 - 23:58
ދައުލަތުގެ މަސްކުންފުނި މިފްކޯ އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު މާދަމާ އިން ފެށިގެން ހެޔޮކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.
ރ. ދުވާފަރުގައި ބޭއްވި މަސްވެެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، މިފްކޯ އިން މަސްވެރިންނަށް ވިއްކާ ތެލުން އެވްރެޖުކޮށް 51 ލާރި އަގު ހެޔޮވާނެ ކަމަށެވެ. އަދި ތިން ޓަނަށް ވުރެ މަތިން އެ ކުންފުންޏަށް މަސްކިރާ ފަރާތްތަކަށް އެވްރެޖުކޮށް 71 ލާރި ތެލުން އަގުހޮޔޮވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ލުއި މިފްކޯގެ ހުރިހާ ސްޓޭޝަންތަކުން މަސްވެރިންނަށް ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިފްކޯ އަށް މަސްކިރާ ހުރިހާ ފަރާތްތަކަށް ނަމަ މާދަމާ އިން ފެށިގެން ތެޔޮ ވިއްކާނީ 13.90 ލާރި އަށެވެ. އާންމު ފަރާތެއް ނަމަ އެ ކުންފުނިން ތެޔޮ ވިއްކާނީ 14.43ލާރި އަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ބައިވެރިވި ބައެއް މަސްވެރިން.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ، އެ ބަދަލާ އެކު އެވްރެޖުކޮށް ހާހެއްހާ ރުފިޔާ މަސްވެރިންނަށް ރަައްކާ ކުރެވޭނެ ކަމަށެވެ.
"މިއީ އިރާދަކުރެއްވިއްޔާ އެސްޓީއޯގެ ބޭސް ރޭޓުގައި އެސްޓީއޯ އިން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ފިއުލް ސްޓޭޝަން ހެދުމުގެ އިތުރަށް އެފްއެސްއެމް އާއި މިފްކޯއާ ގުޅިގެން ގެނެވުނު އެރޭޖުމަންޓެއްގެ ދަށުން މިފްކޯ އިން ސީދާ މަސްވެރިންނަށް ތެޔޮ ވިއްކުމުގައި ދެވޭ ވަރަށް ބޮޑު ލުޔެއް. އަދި އޭގެ ސަބަބުން މަސްވެރިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް އާމްދަނީއަށް ލިބިގެންދާނެ ކުރިއެރުންތަކެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ރަައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގެ އެއް ރަށުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކުމުގެ އަމަލީ މަސައްކަތް ވެސް މިއަދު ފަށާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެއީ ދުވާފަރުގައި އެ އަގުގައި މިއަދު ތެޔޮ ވިއްކަން ފެށުމެވެ.
ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މިރޭ ވިދާޅުވީ، އެ މަނިކުފާނު ވައުދުވި ގޮތަށް ކޮންމެ އަތޮޅެއްގެ ކޮންމެވެސް އެއް ރަށަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކުމުގެ ހިދުމަތް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ދީ ނިންމާނެ ކަަމަށެވެ.
މިފްކޯ އަށް ގަންނަ ކަޅުބިލަމަހުގެ ތެރެއިން ރަނގަޅު އަގު ލިބޭ، ސައިޒުގެ މަހަކީ 1.5 ކިލޯއަށް އޮތްއޮތުން ބަދަލުކޮށް ކިލޯއަކަށް ވުރެ ބަރު ނަމަ އެންމެ މަތީ ރޭޓުގައި މަސް ގަންނަން ނިންމިކަން ވެސް ރައީސް މިރޭ އިއުލާން ކުރެއްވި އެވެ.
މިފްކޯ އިން މިހާރު ކަޅުބިލަމަހާއި ކުދި ކަންނެއްޔަށް ދޭ އެންމެ ބޮޑު އަގަކީ ކިލޯއަކަށް 16 ރުފިޔާ އެވެ. އަދި ކުދިމަސް ކަމަށް ބަލާ މިންގަނޑަކީ 1.5 ކިލޯއަށް ވުރެ ލުއިވުމެވެ.
ރައީސް މިރޭ އިއުލާން ކުރެއްވި ގޮތުގައި ކަޅުބިލަމަހާއި ކުދި ކަންނެލި މިފްކޯ އަށް މާދަމާ އިން ފެށިގެން އެންމެ ދަށްވެގެން ގަންނާނީ 16ރ. އަށެވެ.
"މާނައަކީ މިފްކޯއަށް އެ ދުވަހަކު 17ރ. އަށް ގަނެވެންޏާ، 18ރ. އަށް ގަނެވެންޏާ އެ ބޭފުޅުން އަދި އެ އަށް ވުރެ މައްޗަށް ވެސް ގަނެވެންޏާ މިފްކޯ އިން ކަނޑައަޅާނެ އެ ވަގުތަކު ގަނެވޭނެ އެންމެ މަތީ އަގު. އެންމެ ދަށްކޮށް 16ރ. [މަސް ގަންނާނީ]،" ތަފުސީލް ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާއިންސާފު
14 December 2025
މަސްވެރިންގެ ހައްގު ތަކާއި ބިދޭސީންގެ ހައްޤު މުޅި ގައުމުގަ.. ބިދޭސީންނަށް ލޭނާރު ދީގެން ހެޔޮ އަގުގައި ތެޔޮވިއްކުން އެއީ އިންސާފެއް ނޫން.. ދިވެހި މަސައްކަތް ތެރިންނަށް އެކަނި ސަބްސިޑީ ލިބެން ވަނީ ، ބިދޭސީންނަށް ސަބްސިޑީ ލިބިގެން ނުވާނެ..
އިމްރާން މުހައްމަދު
14 December 2025
މަސްވެރިންނަށް ލުއި ދޭކަށް ނުޖެހޭ ކޮންމެހެން. ރައީސް މާ ބޮޑަށް ހެޔޮ ފުޅުވީ
ބިދޭސީންނަށް
14 December 2025
ރައީސްއެވެ. ސަރުކާރުގެ ހެޔޮނިޔަތުގައި ކުރާ ކަންތައްތަކަށް ޝުކުރު ހައްގެވެ. އެހެންނަމަވެސް ތެޔޮވެސް މިހާރު ދޭންޖެހޭނީ ބިދޭސީ މަސްވެރިން ނަށެވެ. ދިވެހިންގެ ލޭނާރު އޮތީ ބިދޭސީންނަށް ލިބިފައެވެ. ދިވެހިންނަށް އިސްކަން ދީގެން ތެޔޮވިއްކުން އެދެން..
މަސްވެރިއެއް
14 December 2025
ގައުމު ބަގުރޫޓު ހާލަތުގައި މިއަށްވުރެ މަސްވެރިކަމަށް އިސްކަންދިން ވެރިއެއް ނާދެ.. ވަރަށް ބޮޑު ލުޔެއް.
އަލީ މަތީން
14 December 2025
ހުވާ ގަންދީ ހެޔޮ ރައީސްއެއް
ޖައިބެ
14 December 2025
ކޮން ލުޔެއް ދޭކަށް މި ބައިގަނޑަށް. ވަރަށް ވެފަ އުޅޭ މީހުން މީ. ކައްޕި ނުލާ ދެން ތިބެނީ ހުސް ބަންގާޅީން ލާފަ. ދެން ކޮން މަސްވެރިކަމޭ ލޭނާރެކޭ މަތީ ނާރެކޭ މިކިޔަނީ؟
އަޖާއިބާ
14 December 2025
ރިލެކްސް. އާދޭ މަސްބާނާލަން 30 މޭލު ބޭރަށް. ކުޑަކޮށް ޒުވާބުކޮށްލަން ހެހެހެ
އިސްމާލި
14 December 2025
އަނެއްކާ އަނެއް ކަންތައް. ދެން ގެއްލުމުގައި ތެޔޮ ވިއްކައިގެން ލިބޭ ގެއްލުން ފޫބައްދަން ޓެކްސް ދައްކަންވީ އަހަރެމެން ތަ؟ ނުބިތާކަށް މިހެން ހެދީމައި ދެން ހުރި މަސް ކިރާ ކުންފުނިތަކަށް ވާނީ ކިހިނެއް؟ އެ ކުންފުނިތަކަކީ ދައުލަތުން މިލިޔަނުން ސަބްސިޑީ ދޭ ތަންތަނެއް ނޫން.
ގޮނުއަނގަ
14 December 2025
މަސްވެރިންގެ ބަންގގާޅީންނަށާ. ވިޔަފާރިތަކުން ޓެކްްސްް ނުނަގާނެ. ހުރިހާ ފަސޭހައެއް ބަންގާޅީންނަށް. ޓެކްސް ނުދައްކާ ވިޔަފާރި ކުރާ ބަންގާޅީންގެ ހިފަހައްޓާނެ އެކައުންޓެއްވެސްނެތް. ހުރިހާ ކަމެއް އޮޅުވާލައިގެން އުޅޭއިރުވެސް ފެންނަ ވެރިޔެއް ބަލާނެ ޕޮލިހެއް ނެތް. ކޮންމެ ކަމެއް ރައްޔިތުންގެ ބޮޅުގައި އަޅުވަން މަސައްކަތް ކުރަނީ. ގަވާއިދާ ޚިލާފަށް އުޅޭ މީހުން އަންގަންވަނީ އާންމުން. އެހެން ޤައުމު ތަކުގައި މިކަންކަން ބަލަނީ ފުލުހުން.
ރަބޭ
14 December 2025
ރަނގަޅު. ކޫޑޫއިން ތެޔޮ ނުލިބޭތާ 2 މަސްވެއްޖެ. އަދި ވިއްކަނީ 2 ރުފިޔާ ބޮޑުކޮށް.
ރަށްއިތުމީހާ
14 December 2025
ވަރަށް ގިނަ މަސްވެރިން އެ ބުނަނި ފިސަރީޒް މިނިސްޓަރ ސިޔާމަކީ ވަރަށް ނާގާބިލު މިނިސްޓަރެކޭ އެފަދަ ނާގާބިލު ވަޒީރަކު މި ބަހަށްޓަނީ ކީއްވެބާ؟
އަސްލުމީ
14 December 2025
މިނިސްޓަރު ރަނގަޅުވެފަ ގާބިލްކަމާމެދު ޝައްކެއްނެތް. މަސްވެރިން ބޭނުންވާ ދޯނިއެއްގެ ކެޔޮޅެއް ލާންވީނު މިނިސްޓަރުކަމަށް؟ ކަޑައޭ ފަޅޮލޭ ކިޔާނެ ދެވަނަ ދުވަހު.