15 ޑިސެމްބަރ 2025 - 09:50
ޑިޕޯޓިވޯ އަލަވޭޒްގެ މައްޗަށް ކުރި ހޯދައި، ރެއާލް މެޑްރިޑުން ކޯޗު ޒަބީ އަލޮންސޯ އަށް އޮތް ޕްރެޝަރު ކަނޑުވަލާއިފި އެވެ.
ސްޕެއިންގެ ބާސްކް ކަންޓްރީގެ އަލްވާގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 2-1 ންނެވެ.
މޮޅާ އެކު ރެއާލުން ވަނީ އެއްވަނައިގައި އޮތް ބާސެލޯނާއާ ހަތަރު ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ. މި ނަތީޖާއަކީ ހިތްދަތި ފަސް މެޗެއްގެ ނަތީޖާއަށް ފަހު ރެއާލް އަށް ލިބުނު ހަމަޖެހުމެކެވެ. އެ ސިލްސިލާގައި ލަލީގާގެ ތިން މެޗުން މޮޅު ނުވެވުމާއި ހަތަރުވަނަ މެޗުގައި ސެލްޓަ ވީގޯ އަތުން ބަލިވުން ހިމެނެ އެވެ. އެ
އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ބަލިވުމުން ޒަބީ މަގާމުން ވަކިކުރުމާ ބެހޭގޮތުން ރެއާލްގެ އެގްޒެކެޓިވްގެ މެންބަރުންގެ މެދުގައި މަޝްވަރާތަކެއް ވެސް ކުރިއަށްދިޔަ އެވެ.
ޗެމްޕިއަންސް ލީގުގައި ސިޓީ އަތުން ބަލިވި މެޗަށް ފަހު ޒަބީގެ، ވަޒީފާ ސަލާމަތްކުރަން އޭނަ އަށް ދީފައި އޮތީ، އަލަވޭސްއާ ދެކޮޅަށް ރޭ ކުޅުނު މެޗެވެ. މެޗުން މޮޅު ނުވިނަމަ އޭނާގެ ވަޒީފާ ގެއްލުމުގެ ބިރު އޮތްކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަނިޔާގެ ސަބަބުން ސިޓީގެ މެޗުގައި ނުކުޅެވުނު، ކިލިއަން އެމްބާޕޭ ވަނީ ރޭގެ މެޗުގައި ކުޅެފަ އެވެ. ރެއާލުން ލީޑް ނެގީ އޭނާގެ ލަނޑުންނެވެ. އެކަމަކު ދެވަނަ ހާފަށް ނުކުމެ އަލަވޭޒްގެ ކާލޯސް ވިސެންޓޭ، އެ ޓީމަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. ރެއާލް މޮޅުކޮށްދިން ލަނޑު ޖެހީ ރޮޑިރިގޯ ގޮއިސް އެވެ.
އޮކްޓޯބަރު މަހު ބާސައާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ވިނީޝިއުސް ފައިބާން ޖެހުމުން، އެކަމާ ހިތްހަމަނުޖެހޭކަން ހާމަ ކުރި ފަހުން ޒަބީ އާއި ވިނީޝިއުސްގެ ގުޅުން ވެސް އޮތީ ހިނަރުވެފަ އެވެ. އެކަމަކު އަލަވޭޒްގެ މެޗުގެ ކުރިން އެ ގުޅުން ހަރުދަނާ ކުރަން ޒަބީ އާއި ވިނީޝިއުސްގެ އެކުގައި ވާހަކަދެއްކި ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުންޏެވެ.
އެ ގުޅުން ހަރުދަނާވި ކަމުގެ ހެއްކަކީ ރޭގެ މެޗުގައި ވިނީޝިއުސް ބަދަލުކުރަން ޖެހުމުން އޭނާ އެއްވެސް ނުރުހުންތެރިކަމެއް ނުދައްކައި ފައިބައިގެން ދިއުމުވެ. އަދި ބެންޗު އޭރިއާ އަށް ގޮސް ޒަބީ އަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ބައްދާވެސްލި އެވެ.
"އަހަރެމެން މިތިބީ އެކުގައި. އިދިކޮޅު ޓީމާ އަހަރެމެން ކުރިމަތިލާނީ ވެސް އެކުގައި. އަދި އެންމެ ރަނގަޅު ނަތީޖާތަން ނުކުންނަ ވަގުތުތަކުގައި ވެސް އަދި އެހާ ރަނގަޅު ނޫން ނަތީޖާތައް ނުކުންނަ ވަގުތުތަކުގައި ވެސް އަހަރެމެން ދެމިތިބޭނީ އެއްބައެއްގެ ގޮތުގައި،" މެޗަށް ފަހު ޒަބީ ބުންޏެވެ.
"ޓީމުން ވަރަށް ރަނގަޅަށް މަސައްކަތް ކުރި. ފެށުން ވަރަށް ރަނގަޅު. ނިމިގެންދިޔައީ ވެސް ވަރަށް ރަނގަޅަށް. އެއްބައިވަންތަކަށް ވަރަށް މުހިންމު."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy