16 ޑިސެމްބަރ 2025 - 07:48
ބޯންމައުތާ ދެކޮޅަށް އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑުން 4-4 ން އެއްވަރުވީ އިރު ވެސް ދިފާއީ ގޭމްގެ މައްސަލައެއް ނެތް ކަމަށް ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.
އަށް ލަނޑު ފެނިގެން ދިޔަ މެޗުގެ ލީޑް ޔުނައިޓެޑަށް ހިފަހައްޓާ ނުލެވި އެއްވަރުވީ ފަހު ވަގުތު ބޯންމައުތުން ޖެހި ލަނޑުންނެވެ.
މެޗުގެ ކުރީކޮޅު އަމަޑް ޑިއާލޯ ޔުނައިޓެޑަށް ލިޑް ނަގައި ދިނެވެ. މެޗުގެ 40 ވަނަ މިނެޓްގައި އެންޓޮއިން ސެމޭނިޔޯ ބޯންމައުތަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކާލޯސް ކަސެމީރޯ ޔުނައިޓެޑަށް އަލުން ލީޑް ނަގައިދިނެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓްގައި ފްރެންސިސްކޯ އެވަނިލްސަން، ބޯންމައުތަށް އަލުން ނަތީޖާ ހަމަހަމަކޮށްދިނެވެ. އޭގެ 10 މިނެޓް ފަހުން ބޯންމައުތުން ފުރަތަމަ ފަހަރަށް ލީޑެއް ނެގި އެވެ. އެ ލަނޑު ޖެހީ މާކޮސް ޓެވަނިއާ އެވެ. އޭގެ ފަހުން ކެޕްޓަން ބުރްނޯ ފެނާންޑޭޒާއި މަތެއަސް ކޫންޔާގެ ލަނޑުތަކުން ނަތީޖާ ހަމަހަމަކޮށް ލީޑް ވެސް ޔުނައިޓެޑުން ނެގި އެވެ. އެކަމަކު 84 ވަނަ މިނެޓްގައި ޖެހި އުމުރުން 19 އަހަރުގެ އެލީ ޖޫނިއާ ކްރޫޕީގެ ލަނޑުން ބޯންމައުތުން ނަތީޖާ ހަމަހަމަ ކުރި އެވެ.
ޔުނައިޓެޑް ކޮޅަށް ގޯލްތައް ވަނުމުގައި ޑިފެންޑަރު ލޫކް ޝޯ އާއި ޑިއޯގޯ ޑަލޮޓްގެ އިހުމާލު ފެނުނެވެ. އިތުރު ދެ ޑިފެންޑަރުން ކަމަށްވާ އެއިޑަން ހެވަން އާއި ލިނީ ޔޯރޯ ނުބައި ޕޮޒިޝަންތަކުގައި ތިބުމުން އެވަނިލްސަން އަށް ބޯޅަ ނިންމާލަން ފުރުސަތު ލިބުނެވެ. ޓެވަނިއާ ހިލޭ ޖެހުން ފޮނުވާލިއިރު އެ ބޯޅަ ހުއްޓުވަން ޔުނައިޓެޑްގެ ކުޅުންތެރިން އަތުރާލި ފާރު ވެސް އޮތީ ނުބައިކޮށެވެ. އަދި ކީޕަރު ސެނޭ ލަމަންސް އަށް އަށް ބޯޅަ ސަލާމަތެއް ނުކުރެވުނެވެ.
ޑިފެންސްގެ ފީކަޅާ ގޯސްތަކެއް ހުރި އިރު ވެސް އަމޮރިމް ބުނީ ދިފާއީ ޕްލޭން ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"އަހަރެމެންގެ ޑިފެންސްގައި ހުނަރު އެބަހުރި. ފެންވަރު އެބަހުރި ކުޅުންތެރިންގެ ހުނަރު އެބަހުރި. އަހަރެމެން ބޭނުންވަނީ ރަނގަޅަށް ޑިފެންސްކުރަން،" އަމޮރިމް ބުންޏެވެ.
"އަހަރެމެން ވަރަށް ރަނގަޅަށް އެޓޭކް ދެމެހެއްޓިން. ޓީމުގައ ފެންވަރު އެބަހުރި. ޖެހޭނީ އަހަރެމެން އެންމެން ގުޅިގެން މަސައްކަތް ކުރަން."
އަމޮރިމް ބުނީ މެޗުން ތިން ޕޮއިންޓް ގެއްލުނީ ދެވަނަ ހާފުގައި ކަމަށް ހީވެދާނެ ކަމަށެވެ. ނަމަވެސް ދެ ޕޮއިންޓް ގެއްލުނީ ފުރަތަމަ ހާފުގައި ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ފުރަތަމަ ހާފުގައި ދެ ލީޑް ގެއްލުމުން ދެވަނަ ހާފް ތަފާތުކޮށް ފަށަން ޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މެންޔޫ ފޭނ..
16 December 2025
ރަނގަޅު . ޓީމްގެ ފެންވަރު ނެތިގެނެއް ނޫން މި އުޅެނީ. ކަލޭގެ ފެންވަރު ނެތިގެން މި އުޅެނީ. 24 އޮކްޓޯބަރ 2025 ގައި އަމިއްލަ ދަނޑުގަ ބްރައިޓަން އަތުން މޮޅުވިފަހުން ، އަދި އަމިއްލަ ދަނޑުގަ މޮޅެއް ނުހޯދޭ. އެފަހުން 03 މެޗު މި ދިޔައީ އަމިއްލަ ދަނޑުގަ ކުޅެވިގެން. ކަލޭ އިސްތިއުފާ ދީފަ ދޭ!