ޝަމްއާން ކުރީގެ އަޑުއެހުމެއްގައި: އޭނާގެ ޝަރީއަތަކީ މީޑިއާ ސާކަސްއަކަށް ހެދުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައި
16 ޑިސެމްބަރ 2025 - 15:29
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަކީ "މީޑިއާ ސާކަސްއަކަށް" ހަދަން އޭނާ މަސައްކަތް ނުކުރުމަށާއި އަދި އެކަން ކުރާ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު އެ މައްސަލަ ބައްލަވާ ގާޒީ މިއަދު ދެއްވައިފި އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ މައްސަލާގައި އިމިގްރޭޝަންގެ މުވައްޒަފުންތަކާ ބައިވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ އަތުލުމަށް ފަހު އެ މީހާ އިމިގްރޭޝަންގެ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޝަމްއާން ބަންދުކޮށް، ގިނަ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ.
އެ މައްސަލާގެ ޝަރީއަތް މީޑިއާ ހެޑްލައިން ހެދުމަށް ބޭނުން ނުކުރުމަށް އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން މިއަދު އިންޒާރު ދެއްވީ މިއަދު ބޭއްވި އަޑުއެހުމުގައި ހެކިވެރިއެއްގެ ގޮތުގައި ހާޒިރުކުރި އިމިގްރޭޝަންގެ ކޮންޓްރޯލާ ބިއުރޯގެ މުވައްޒަފަކާ ޝަމްއާން ކުރި ސުވާލަކާ ގުޅިގެންނެވެ.
އެ ހެކިވެރިޔާއާ ޝަމްއާން ސުވާލުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ލައްވައި ގާނޫނާ ހިލާފް ކަންކަން ކުރަން ހޯމް މިިނިސްޓަރު އަލީ އިހްސާން އެންގެވި ކަމަށް ބުނެ، އެކަމާ ގުޅޭގޮތުންނެވެ. އެ ސުވާލު ޝަމްއާން ކުރެއްވުމުން ދައުލަތުން އެކަމަށް އިއުތިރާޒް ކުރިއިރު، ގާޒީ ވެސް އެ ސުވާލު ހުއްޓުވި އެވެ.
ގާޒީ އިހްސާން ވިދާޅުވީ މީޑިއާ ސާކަސްއެއްގެ ގޮތުގައި ނުވަތަ މީޑިއާ ހެޑްލައިން ހެދުމަށް އެ ޝަރީއަތް ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި ދިފާއުގައި ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމާއި ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ޝަމްއާނަށް ވެސް އޮންނާނެ ކަމަށާއި ނަމަވެސް ވަކި މެސެޖެއް ބަޔަކަށް ދޭން އެ ޝަރީއަތް ބޭނުން ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެކަން ކުރާ ނަމަ ފިޔަވަޅު އެޅޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
"މީޑިއާ ސާކަސްއެއް ހަދާކަށް، މީޑިއާ ހެޑްލައިން ހަދާކަށް ފުރުސަތެއް ނުދެވޭނެ." ގާޒީ ވިދާޅުވި އެވެ.
ގާޒީ އިހްސާން ވިދާޅުވި ގޮތުގައި ހެކިވެރިންނާ ސުވާލު ކުރުމުގެ މަރުހަލާގައި ވަކި މެސެޖެއް ނުވަތަ ބަޔާނެއް ނުދެވޭނެ އެވެ. އަދި ޝަމްއާން އެގޮތަށް ދެން އަމަލު ކުރާނަމަ ސުވާލު ކުރުމުގެ ފުރުސަތު ނުދެވިދާނެ ކަމަށް ވެސް ގާޒީ އިހްސާން ވިދާޅުވި އެވެ.
އިމިގްރޭޝަންގައި މަސައްކަތްކުރާ އެ މުވައްޒަފު ބުނި ގޮތުގައި އެ މައްސަލާގައި ހިމެނޭ ބިދޭސީ މީހާ ހިފަހައްޓާފައި ވަނިކޮށް އޭނާ ދޫކޮށްލަން އެދި ސިޓީއެއް އީމެއިލްއަށް ލިބިފައިވާތީ އެ ސިޓީ ބެލުމަށް ފަހު އެ މީހާ ދޫކޮށްލުމަށް ކަމާބެހޭ ޑިޕާޓްމެންޓްތަކަށް އެންގުމަށް ޝަމްއާން އޭނާއަށް އެންގި އެވެ.
އެގޮތަށް އެންގުމުން ސިޓީގައި އެކަން ލިޔުމަށް ފަހު އެކަން ކަމާބެހޭ ޑިޕާޓްމެންޓްތަކަށް އެންގި ކަމަށް އެ މުވައްޒަފު ބުންޏެވެ. ނަމަވެސް ދޫކޮށްލުމުގެ ކުރިން އޭނާގެ ބަޔާން ނެގުމަށް އެ ސިޓީގައި އަންގާފައިވާނެ ކަމަށް ހެކިބަސް ދެމުން އެ މުވައްޒަފު ބުންޏެވެ.
މިއަދު ދެވަނައަށް ހެކިބަސް ދިނީ ބިދޭސީން ރެކްރޫޓް ކުރުމުގެ މަސައްކަތުގައި އުޅޭ މީހެކެވެ. އޭނާ ބުނި ގޮތުގައި ހިފެހެއްޓި ބިދޭސީ މީހާ އަކީ ރާއްޖޭގައި އަމިއްލައަށް މަސައްކަތްކޮށްގެން އުޅޭ މީހެއް ކަމަށް އެހެން މީހުންގެ ފަރާތުން އެނގިފައިވެ އެވެ.
އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ޝަމްއާންގެ ބަންދު މުރާޖާކުރަން އޭނާގެ ފަރާތުން ހުށަހަޅާފައި ވިޔަސް، މިއަދު ވަގުތު ހުރިގޮތުން އެކަން ނުކުރެވޭތީ މި ހަފުތާގެ އެހެން ދުވަހެއްގައި ބަންދު މުރާޖާ އަޑުއެހުން ބާއްވާނެ ކަމަށް ގާޒީ އިހްސާން ވިދާޅުވި އެވެ.
އެ މައްސަލާގައި ޝަމްއާންގެ އިތުރުން މ. ހަޒާރީވިލާ އަހުމަދު ލައްސާނާއި ގ. ހެޕީސައިޑް އިބްރާހިމް އަހުމަދާއި ހަމަ އެގޭ ހަސަން ޝަހެޝާންގެ އިތުރުން ތ. ބުރުނީ މޫނިމާގޭ، މުހައްމަދު އަލްސަން އިސްމާއިލްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ.
އޭގެ ތެރެއިން އަލްސަން ކުށަށް އިއުތިރާފްވެ، ދައުލަތާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހެދުމުން އޭނާއަށް އިއްވީ ދެ މަހުގެ ޖަލު ހުކުމެކެވެ. އަދި އެ ހުކުމް ތަންފީޒުކޮށް ނިމި، އޭނާ މިހާރު ވަނީ ބަންދުން މިނިވަންވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފީފާން
17 December 2025
މީ މަބުނާ ޖޭ.އެސް.ސީ އަކީ ސިޔާސީ ޖަގަހެއެކޭ ބުނާ ތަންކޮޅު. ގާޒީއަކު. ރާއްޖޭގަ ކަންހިންގާ، ގޮތާމެދު ރީޢާއަތް ކޮށް ވާހަކައެއް ބުނީމާ. އެމަނިކްފާން އަށް ބިރުދައްކާ ސުލޫކީ މައްސަލަ ނަގަނީ. ދެން ސިޔާސީ ގާޒީން ނޫހަށް އަރަން ޗަރުކޭސް ދެއްކީމާ ޖޭ.އެސް.ސީ އަތްޖަހަނީ. އެއްޗެކޭ ބުނީމާ ބުނާމީހާ ގޯސްވާނީ.
ވަށަފަރު
17 December 2025
ޤާޒީގެ ނިންމުން ރަގަޅު. ޝަރީޢަތާ ނުގުޅޭ ވާހަކަ ވަގުތު ބޭކާރުކުރަން ، ސުރުޚީ ހަދަން ނުދެއްކޭނެ. ފުރުސަތުދީގެން އިންނާކަށްވެސް ނުޖެހޭނެ. ސުލޫކީ މައްސަލައެއް.
އާމިނަތު1
17 December 2025
ޤާޟީ ވަކިކޮޅަކަށް ގޮސް ހުސްވެފަ
ޢެޑްމުންޑޯ
17 December 2025
ވައްކަމާއި ރިޝްވަތު ނަގާމީހުންގެ ދިފާއުގައި ވާހަކަ ދައްކާ މީހުން ވިސްނާ ފިކުރުކޮއްބަލަ
ސީދާ ކަޓުގެ މައްސަލައެއް
17 December 2025
މީހަމަ އަދީބަށްވެސްވީގޮތް. ގާޒީގެ އިންޓްގްރިޓީ އޮތް ހިސާބު ވަރަށް ސާފު
އ އަހްމަދު
17 December 2025
ގިޔާމަތްދުވަހުވެސް މިގާޒީއަށް މިފަދަގޮތަކަށް ކަންކުރެވޭނެބާ ހެކިވެރިންނާކުރަންވާސުވާލު ގާޒީބުނެދޭހިސާބައް ދިއައިމަ ދެންތަންކޮޅެއްބޮޑުވަރު
އަންދަލޫސިޔާ
16 December 2025
ޤާޟީ ވަކިކުރޭ!
ޑހަހަ
16 December 2025
މިވަރުގެ މީހުންގެ މުސާރަ އަދިވެސް އަތްނުފޯރާ ފަށައް ބޮޑުކޮށްފަ މިހުރީ؟ ޤާޟީ ތިއޮތީ ވަކިކޮޅަކަށް ހުސްވެފައެއްނު. ޢިންސާފާ އެކު ކަންކަން ނުކުރެވޭނަމަ އިސްތިެުފާ ދީ
ކޮން
17 December 2025
މީގަ ކޮބާ އިންސާފުނެތިފަ
އަލީ ބަޝީރު
16 December 2025
ޑރ މުއިއްޒަށް ހަމަ މިކަން މިހިނގާގޮތް ނޭގޭކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން . ކިތަންމެ ކުޑަ ކުއްޖަކަށްވެސް ތިޔަ ޝަރީއަތުގައި ނުފޫޒު ހުރިވަރު ސާފުވާނެ.
އުއްތަމަ އުސްތާޛް
16 December 2025
ތިޔަ ޤާޒީ އިންސާފުގެ ކުރިމައްޗަށް ހާޒިރުވާނެ.