ޖުމްހޫރީ ޕާޓީ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު (ކ-ދ) އާއި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ
05 އެޕްރީލް 2017 - 15:28
ގާނޫނާއި އިޖުރާއަތުތަކާ ހިލާފުވެ ރައްޔިތުންގެ މަޖިލިސް "ހަމައިން ނެއްޓިފައިވާ" ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިންޓަޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އަށް މައްސަލަ ހުށަހަޅައިފި އެވެ.
ޖުމްހޫރީ ޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަހްމަދު އާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި، ގަވާއިދާ ހިލާފަށް ވޯޓު ނެގުމާއި އެ ވޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރުދައްކާ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ ވޯޓު ކުރިއަށް ގެންގޮސްފައި ވަނީ ޑިމޮކްރަސީގެ ހަމަތަކާއި ގާނޫނީ ހުދޫދުތަކުން ބޭރުން ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.
"އެކަމަކު ވެސް އެއީ ސައްހަ ވޯޓެއް ކަމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އެ ވަނީ ނިންމާފައި. އެއީ އިދިކޮޅު ފަރާތްތަކަށް ލިބޭ ކާމިޔާބީއެއް،" އާސިމް ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ރައީސް އަލީ ޒާހިރު ވިދާޅުވީ ޑިމޮކްރަސީ އާއި ގާނޫނުތަކުން ބޭރުވެ ސަރާކާރުން ހިންގަމުންދާ ހުރިހާ ކަންކަމެއް އިދިކޮޅު ފަރާތްތަކުން އަންނަނީ ރާއްޖެއާ އެކު ގުޅުން ގާއިމްކޮށްފައިވާ ބައިނަލްއަގުވާމީ ފަރާތްތަކާ ހިއްސާ ކުރަމުން ކަމަށެވެ. އެންމެ ފަހުން މަޖިލީހުގައި ވޯޓު ނެގި ގޮތާއި ކުރިއަށް އޮތް ވޯޓުތަކާ ގުޅިގެން މެމްބަރުންނަށް ބިރުދެއްކައި އިންޒާރު ދީ، ފުލުސް އޮފީހަށް ހާޒިރުކުރަމުންދާ ކަން ވެސް ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ޒާހިރު ވިދާޅުވި ގޮތުގައި މި މައްސަލަތައް ރާއްޖޭގެ މިނިވަން މުއައްސަސާއަކަށް ހުށަހެޅިޔަސް މިނިވަންކަމާ އެކު ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ. މިނިވަން މުއައްސަސާތަކަކީ ވަކި ފަރާތެއްގެ ނުފޫޒުގެ ދަށުގައި ފިތިފައި ތިބި ބަޔަކަށް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަކި ފަރާތެއް ދެކެ ބިރުން އަޅުންގެ ގޮތުގައި މަސައްކަތް ކުރާ ތަން މި ފެންނަނީ. އެހެންވީމަ، ބައިނަލްއަގުވާމީ އެހީ ހޯދަން ޖެހެނީ އެ ނޫން ގޮތެއް ނެތިގެން،" އަލީ ޒާހިރު ވިދާޅުވި އެވެ.
ދިވެހިންގެ މައްސަލަތައް ހައްލު ކުރާނީ ދިވެހިން ކަމަށާއި ބޭރުގެ ފަރާތްތަކާ އެ ވާހަކަ ހިއްސާ ކުރުމަކީ ހުތުރު ކަމެއް ކަމަށް ސަރުކާރުން ބުނަނީ، ރައީސުލްޖުމްހޫރިއްޔާގެ "ދިގު އަތް" ހުރިހާ މުއައްސަސާތަކަށް ފޯރުއްވާފައިވާ ކަން ކަށަވަރުކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ޒާހިރު ވިދާޅުވީ ގާނޫނުތަކާ ހިލާފުވެ، ބާރު ދައްކައިގެން ސަރުކާރުން ކުރާ ކަންކަން ފޮރުވަން ރައީސް އޮފީހުން ބަޔާނެއް ނެރުނަސް ބައިނަލްއަގުވާމީ މުޖުތަމައުން އެކަން ބަލައެއް ނުގަނެވޭ ކަމަށެވެ. އެއަށް ވުރެ، ބޮޑަށް ރާއްޖޭގައި ކަންކަން ހިނގާ ގޮތް ބަލައި މޮނިޓާކުރާ ކަމަށާއި އެކަމާ ހެދި ސަރުކާރު ހަމަމަގަށް ރުޖޫއަވާން މަޖުބޫރުވާ މަންޒަރު ފެނިގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރުންމަތީގެ ޑޮކްޓަރު
05 April 2017
ހާދަ ދެރަގޮތެކޭ ތިޔަވީ. ދެން އައިޕީޔޫން އައިސް މަޖިލިސް އެއްކޮށް އުވާލާ އައިޕީޔޫގެ މެންބަރުން މަޖިލީހަށް ލާނީ. ގަދަ ނިންމުމެއް ނުވިސްނޭ ބަގަ.
އަޙްމަދު
05 April 2017
ކޮމަންވެލްތައްވެސް ޖެެހޭނެދޯ ހުށަހަޅަން އ ދ އޮއްނަ ހިއުމަންރައިޓްސް ޖަމާއަތައްވެސް ޓްރާންސްޕޭރެންސީއައްވެސްދޯ އަދި މާސަޅިވާނެ ކުރީގެ ރައީސް ނަޝީދައްށާ މައުމޫނައް ހުށަހެޅިއްޔާ!؟
ބަތޫކް
05 April 2017
މި ޔާމީނުގެ ސަރުކާރުން ހިނގާ ތިކަހަލަ ގައިރު ގާނޫނީ މައްސަލަތައް އަވަސް ގޮތުގައި ޖެހެނީ ބޭރު ދުނިޔޭގެ އިންޓަރޕާލިއަމަންޓަރި ޔުނިއަށް ވެސް ހުށަހަޅައިގެން އަދި ވެސް އޮތް ތަނަކަށް ހުށަހަޅައިގެން ބެލުން، މަޖުލީހުގެ ރައީސް ބޭރުކުރުމަށް ކުރެވުނު މަސައްކަތުގައި ސަރުކާރުންވަނީ ކަންކަން އޮޅުވާލާފަ
ޗިއްލޫ
05 April 2017
ކޮންމުއެއްސަސާއެއްތޯ އޮތީމިނިވަން؟؟؟ ހުރިހާތަނެއްގަވެސް ސިޔާސީވެރިން ކުރީސަފްގަ!!! ދިވެހި ރާއްޖޭގަ ދިފާއީ ބާރުވެސް މިވަނީ ސިޔާސީ ފަރާތްތަކުގެ ވިކިތަކުގަތެރޭ!!! ސިފައިންނަށް ވޯޓްނުލެވޭގޮތަށް ހަދާނަމަ، އެމީހުންނަށް ބާރުފޯރުވާ ބަސްބުނުމުގެ ހައްގުވެސް އޮންނަންވާނީ ސިޔާސީ ފަރާތަކަށްނޫން.... ރައީސަކަށް ހުންނަވާ ބޭފުޅަކު އައްޔަންކުރާ ވެރިންތަކަކަށް ވެގެންނެއްނުވާނެ!
އބދ
05 April 2017
އިންސާފު ނެތުމުން އާހިރުގަ ގައުމުތަެެއް ސުއްނާފަތި ވެގެން ދާނެ. އެމުސީބާތުން ސަލާމަތް ވާނެ އެކަކުވެސް ނުހުންނާނެ.
ހަސަނު
05 April 2017
ބޭރު މީހުން މިތަނާ މުބެއްސޭނެއެވެ. އެއީ ކުރާ ވަރަށް ނުބައި ކަމެކެވެ. މިރާއްޖޭގެ ދާހިލީ ކަންކަމާ ސީދާ ދިވެހިން އަޑިގައި ތިބެގެން ބައްސަނީއެވެ. ގައުމުގެ އިސްތިގުލާލް ވިއްކާ ނަގަނީއެވެ. އިސްތިގުލާލް ގެއްލެނީ ހަމައެކަނި ފ އަތޮޅުގައި އިންވެސްޓް ކުރަން އުޅުމަކުން ނޫނެވެ. މީ އެއަށްވުރެ ސީރިއަސް މައްސަލައެކެވެ. ގައުމުދެކެ ލޯބިވާ ކަމަށް ބުނަނީ ތިމާމެންގެ އެދުން ހަމައެކަނި ހާސިލް ކުރަން ކަމަށް ބުނެވެނީ މިހެން ހެދީމައެވެ. މަޖްލިހަށް ވޯޓުލައިގެން ހޮވީ އައިޕޔޫ ހެއްޔެވެ. ދެއުޅިއެއްނުވާ މީހުން ކޮސް ނަހަދާށެވެ.
ފަޅުވެރިން
05 April 2017
ތިޔައީ ވޯޓުން ކާމިޔާބު ނުކުރެވޭނެކަމަށް ވެވޭ އިޢުތިރާފެއް! ބަލި ޤަބޫލު ނުކުރެވިގެން ތިޔައުޅެނީ!
ސައްޕު
05 April 2017
ބަޔަކު ތިބުނާ މަޖްލިސްތެރޭގައި އެތައްލައްކަ ރުފިޔާގެ މުދާހަލާކުކޮށް، ކުނިވަށިގަޑު ބޮލުގައަޅައިގެން އުޅެ، ލަވަކިޔާ، ބެރުޖަހާ، ނަށާ އަދި ދުންމާރި ފުމެހަދާ އެއް މަސައްކަތެއްނުކޮށް އެތައް ދުވަހެއް ދުއްވާލިއިރު ތިޔަބައިމީހުން ތިބީ ދެކަންފަތަށް ކަފަޖަހައިގެން ނިދާފައި ހެއްޔެވެ؟ އަނެއްކާ ތިޔަބައި މީހުން އެބަޔަކަށް ސަޕޯޓްކުރި އިރު އަންހެނެއްގެ މޫނަށް ކޯދޮވުނު އިރުވެސް ހަމަ ތިބީ ނިދާފައިހެއްޔެވެ؟ ބޯ ހަލާކު!
އަސަރޭ
05 April 2017
ދެހާސް އަށާރާގައި އެމްޑީއޭ އާއި ދަރުބާރު ފެކުޝަނުން ދެ ކެޑިޑޭޓުން ނެރެގެން ދުނިޔެ ގަބޫލުކުރާ ސަރުކާރެއް ގާއިމު ކުރެވިދާނެބާ؟
ދދ
05 April 2017
މަޖިލިސް މާބޮޑަށް ހައްދުން ނެއްޓިފައިވަނީ. އެތަން ވައްތަރީ ބޮޑަށް ދަރުބާރު ފެކްޝަން ގޮއްޕަކާއި! މަޖިލިސް އިސްލާހު ކުރަންޖެހޭ!