ރައީސް ޔާމީން ސަރުކާރުގައި ޔޫތު މިނިސްޓަރު ކަން ކުރެއްވި މަލީހު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
23 އެޕްރީލް 2017 - 10:21
ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިސް ވެރިންގެ ގޯތިތައް ވިއްކައިގެން ވިޔަސް "ކޮރަޕްޝަން ފައިސާ" ހޯދާނެ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި މަލީހު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ނަމުގައި ސަރުކާރުން ހިންގަނީ ކޮރަޕްޝަން ކަމަށެވެ. އަދި ސިޔާސީ އެކި ލީޑަރުން ޖަލަށް ލަނީ ގޮތް ހުސްވެގެން ކަމަށާއި ސަރުކާރު ނިމެން މާ ގިނަ ދުވަހެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ ސަރުކާރުން މިހާރު ހިންގާ މަޝްރޫއުތަކަށް އަސްލު ހޭދަވާނެ ވަރު ބެލުމުގެ ގޮތުން ބޭރު ފަރާތްތަކުން އެހީތެރިކަން ހޯދާނެ ކަމަށެވެ.
"ބްރިޖަށް 240 މިލިއަން ޑޮލަރު ހަރަދުވާ ކަމަށް ބުނާއިރު، 70 މިލިއަން ޑޮލަރުން ބްރިޖު އެޅޭ ނަމަ، ސަރުކާރުގެ އިސް ވެރިންގެ ގޯތި ވިއްކައިގެން އެ ފައިސާ ހޯދާނަން. އައިޖީއެމްއެޗްގެ އިމާރާތަށް ހަރަދުވަނީ 25 މިލިއަން ޑޮލަރު ކަމަށްވާ ނަމަ، ބާކީ ހަރަދު ކުރާ 110 މިލިއަން ޑޮލަރު ގޯތި ވިއްކައިގެން ވިޔަސް ހޯދާނަން،" ރައީސް ޔާމީން ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި މަލީހު ވިދާޅުވި އެވެ.
"ރަސްފަންނު ހެދުމަށް ހަރަދުވަނީ ދެ މިލިއަން ރުފިޔާ ކަމަށްވެ، އެ ތަނަށް 10 މިލިއަން ރުފިޔާ ހަރަދު ކުރި ނަމަ، ބާކީ ހަތް މިލިއަން ރުފިޔާ ހޯދާނީ [ވެސް] އެބޭފުޅުންގެ ގޯތިތައް ވިއްކައިގެން."
މަލީހު ވިދާޅުވީ ގާނޫނުއަސާސީގެ ބޭރުން އެއްވެސް މީހަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ނެތް ކަމަށާއި ގާނޫނުއަރާ ހަމަކުރާނެ ދުވަހެއް އަންނާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރު އޮތީ ބަލިވެފައި ކަމަށާއި އިދިކޮޅު ފަރާތްތަކުން ދާދި އަވަހަށް ވެރިކަމާ ހަވާލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިދިކޮޅު ފަރާތްތަކުގެ ކުރީ ސަފުގައި ތިއްބެވީ މި ސަރުކާރުގެ ވަޒީރުންނަށް ވުރެ މާ އަވަސްކަމާ އެކު ގައުމު ތަރައްގީ ކުރާނެ ބޭފުޅުން،" މަލީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރު ކުރުމަކީ ކުށަކަށް ވާ ނަމަ، ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާ ވަކިކުރަން ހުރި މާއްދާތައް އުނިކުރަން ޖެހެ އެވެ. ރައީސް ޔާމީނަށް ތާއީދު ކުރާ އެއްވެސް މީހަކު ނުފެންނަ ކަމަށާއި ޑިމޮކްރަސީ ފުނޑުކޮށްލަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް، ޑިމޮކްރަސީ މި ގައުމުގައި ދެމި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަލީހު ވިދާޅުވި ގޮތުގައި ރާއްޖެ މިހާރު ވަނީ "ބަނގުރޫޓުވެފަ"އެވެ. އެހެންކަމުން ސަރުކާރު މުވައްޒަފުންނަށް މުސާރަ ދެނީ ކޮންމެ މަހަކު ވެސް ލޯނު ނަގައިގެންނާއި ޓީ ބިލު ވިއްކައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔާޒު
23 April 2017
މޮޔަގޮވަނީ
މަލީހު
23 April 2017
ތީތި ސަޅި ބްރަދާ މަލީހު. ތީ އަބަދުވެސް އަޅުގަނޑު ދައްކާ ވާހަކަ.
ދެތިކިޕީ
23 April 2017
"ރަސްފަންނު ހެދުމަށް ހަރަދުވަނީ ދެ މިލިއަން ރުފިޔާ ކަމަށްވެ، އެ ތަނަށް 10 މިލިއަން ރުފިޔާ ހަރަދު ކުރި ނަމަ، ބާކީ ހަތް މިލިއަން ރުފިޔާ ހޯދާނީ [ވެސް] އެބޭފުޅުންގެ ގޯތިތައް ވިއްކައިގެން." ދެން ބާކީވާ 1 މިލިއަން ހޯދަނީ ކޯންޗެއް ވިއްކައިގެންތަ؟
އަޑީބް އެންޑް ބަދީއް
23 April 2017
އެއީ އަނގައިން ބުނެލާ ޖުމްލައެއް. ވާކަމެއް ހަރާން.
އަހުމަދު
23 April 2017
އެހެން ވިއްޔާ މަލީހުގެ ގެވެސް ވިއްކާލަން ޖެހިދާނެ ދޯ؟
އިބްރާހިމް
23 April 2017
ކޮރަޕްސަންގެވާހަކަދައްކަން އެންމެރަގަޅީ ހަމަތިބޭފުޅުން. ވަރައްސަލާމް.
ދަނޑު
23 April 2017
ގަލޮޅުދަނޑު ހަދަން ޚަރަދުކުރި ފައިސާއެއީ 30 މިލޔަން ރުފިޔާނަމަ އެކަމަށް ޚަރަދުވާ 10 މިލިޔަން ކަނޑާފަ 20 މިލިޔަން ރުފިޔާ ހޯދާނީ ހުޅުމާލޭގައިހުރި ގެސްޓްހައުސް ވިއްކާލައިގެންނާއި ފޯއްމުލަކުގައި އޮތް ގޯއްޗަ އަނބުގަސް ވިއްކާލައިގެން. މިހާރުއްސުރެ ތައްޔާރުވޭ ވިއްކާލާނެ. އަވަހަށް ރަޖިސްޓަރީ ބަދަލުކުރަން ނޫޅޭތި.
މުހަންމަދު
23 April 2017
ތިފަދަމިންވަރަށް ކޮރަޕްޝަންހިންގައި ކަޅާކުރާބަޔަކު، ފަސޭހައިންއަތުޖެހޭގޮތަށް އެމީސްމީހުންގެ ނަންނަމުގައި ގޮވަތި ގެދޮރާއި މާލިއްޔަތު ބަހައްޓާފަ ހުންނާނެހެއްޔެވެ؟ ނުހުންނާނެއެވެ. ޚުދު މަލީޙުގެ މާލިއްޔަތު ބަލައިލިނަމަވެސް އަމިއްލަނަމުގައި އެކަނިބަހައްޓާފަކާނުހުންނާނެކަމާއިމެދު ޝައްކު އުފެދެއެވެ. ތިޔަށްވުރެ ހޭޖެހޭ ބުއްދިޤަބޫލުކުރާވާހަކަ ދައްކަވާށެވެ!
ގުރޭ
23 April 2017
ހިތުން މޮޅުއެއްޗެއް މިބުނެލީ.. އެކަމު ކާކުތޯ ގަބޫލުކުރާނީ.. މަގާމެއް ލިބޭއިރަށް ޖީބްތައް ފުރާލަން އުޅޭނީ.. ސަރުކާރު ވައްޓާލިއަސް ރައްޔިތަކަށް ވާނެ މޮޅެއްނެތް އެކަން ފެނިއްޖެ.. އިދިކޮޅުގަތިބޭ ސިޔާސީ މީހުނަށް ބައި އަޅާފަ ރައްޔިތަކަށް ކޮށްދެވޭ ކަމެއްނޯވޭ.. ރައްޔިތުންގެ ބޭނުން ހިފަނީ ސިޔާސީ މީހުންގެ ފައިދާއަށް..
އަހުމަދު
23 April 2017
ރައްޔިތުން ގުބޯ ހެދޭނެކަމަށް ތިޔަކަހަލަ ވާހަކަ ނުދައްކާ.. ވެރިކަން ވައްޓާލަން ބޭނުންވާ މީހުން ކޮންމެ ސަރުކާރެއް އޮތަސް ހުސްދޮގު ހަދާނީ.. މައުމޫން ވެރިކަން ވައްޓާލަން އޭރު އިދިކޮޅުމީހުން ދެއްކި ވާހަކަޔަށް ކިހިނެއްވީ.. ނަޝީދު ސަރުކާރު ވައްޓާލަން ނުކުތް މީހުންގެ ވާހަކަތައްވެސް ދިޔައީ ހަމައެހެން.. ވެރިކަން ލިބުމުން ދެއްކި ވާހަކަތައް ދިމާނުވޭ.. އެމީހުން ގޮވާލާ އިރަށް ގިނަ ބަޔަކު ނުކުމޭތޯ ދައްކާ ދޮގުވާހަކަހުސް..