ބެންކޮކުގެ އަސްކަރީ ހޮސްޕިޓަލުގައި ބޮން ގޮއްވާލާފައި ވަނީ ފާމަސީގެ ތެރޭގައި.
22 މެއި 2017 - 13:39
ބެންކޮކް (މެއި 22) - ބެންކޮކުގެ އަސްކަރީ ހޮސްޕިޓަލެއްގައި މިއަދު ދިން ބޮމުގެ ހަމަލާގައި 20 މީހުން ޒަޚަމްވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ބެންކޮކުގެ މެދުތެރޭގައި ހުންނަ ކިންގް މޮންގްކުޓް ހޮސްޕިޓަލުގައި ބޮމުގެ ހަމަލާއެއް ދީފައި މި ވަނީ ސިފައިން ނުކުމެ ވެރިކަން ވައްޓާލިތާ ތިން އަހަރު ފުރުނު ދުވަހު އެވެ. މި ހަމަލާ ދިނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. ފުލުހުން ހޮސްޕިޓަލުގެ ސީސީޓީވީ މަންޒަރުތައް ބަލަމުންނެވެ.
ހޮސްޕިޓަލުގައި ބޮން ގޮއްވާލާފައި ވަނީ ފާމަސީތެރޭގަ އެވެ. ބޮމުގެ ހަމަލާ އަށް ފަހު ދުން އަރަން ފެށުމުން ބަލި މީހުންގެ މެދުގައި ވެސް ވަނީ ބިރުވެރިކަން އުފެދިފަ އެވެ. މި ހޮސްޕިޓަލް އާއްމުކޮށް ބޭނުން ކުރަނީ ސިފައިންނާއި ރިޓަޔާކޮށްފައިވާ އޮފިސަރުންނެވެ.
ބެންކޮކުގައި ދާދި ފަހުން ބޮމުގެ އެހެން ދެ ހަމަލާއެއް ވެސް ދީފަ އެވެ. ފުލުހުން އަދިވެސް ދަނީ އެ ހަމަލާ ދިން މީހުން ހޯދަމުންނެވެ. މިދިޔަ ހޯމަ ދުވަހު ވަނީ ބެންކޮކުގެ ނޭޝަނަލް ތިއޭޓަރުގެ ބޭރުގައި ވެސް ބޮމުގެ ހަމަލާއެއް ދީފަ އެވެ. މި މަހު 9 ވަނަ ދުވަހު ވަނީ ބިގް-ސީ ޝޮޕިން ސެންޓަރުގެ ބޭރުގައި ވެސް ބޮމެއް ގޮއްވާލައިފަ އެވެ.
މެއި 22، 2014 ގައި ތައިލެންޑަށް ގެނައި އަސްކަރީ އިންގިލާބަށް ފަހު މުޒާހަރާތަކާއި ސިޔާސީ އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. އަދި ތަފާތު ތުހުމަތުތަކުގައި ސިޔާސީ މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބައިތަ
23 May 2017
ކޮބާ އެގައުމުގެ ސިފައިންނާ ފުލުހުން. ރައްޔިތުންގެ ފައިސާއިން ޓެކްސްދެއްކީމާ ކައިގެންއުޅޭ މީހުން ޖެހޭނެ ޒިންމާވާން. މިކޮޅުގަ މިއުޅޭ އިންސާނީ ހައްގު ހޯދައިދޭ މީހުންަތައް ކޮބައިތަ މިވަރު ވެގެންދާއިރުވެސް ޗުއްޕުވެސް ބުނެލަން ނުކެރޭ. ކިތައް އާއިލާތަ އެ ބިކަވީ. އެހީގެ ފަންޑުފޮއްޓެއްވެސް ހުޅުވައިލަން ނުކުރެރުނުވިއްޔަ؟؟؟؟؟؟؟؟؟؟ އަޅެ އދ ސިފައިންނަށް ތަހުގީގު ކުރުމަށް ގޮވައިލަބަލަ އަވަހަށް؟