ވެހިކަލްތަކުން މާލޭގެ މަގެއް ތޮއްޖެހިފައި: ރޯދަ އަށް ހާއްސަކޮށް މާލޭގެ ގިނަ މަގުތަކެއްގައި ދުއްވާ ގޮތަށް ވަނީ ބަދަލުތަކެއް ގެނެސްފައި.
28 މެއި 2017 - 14:34
މާލޭގެ ބޮޑެތި ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.
ރޯދަ މަހާ ދިމާކޮށް، އެންމެ ބޮޑު ބަދަލެއް ގެނެސްފައި ވަނީ ކާރުބާރުބޮޑު މާރުކޭޓު ސަރަހައްދަށެވެ. އޭގެއިތުރުން އަލިކިލެގެފާނު މަގާއި ހުސްނުހީނާ މަގުގައި ވެސް ވަނީ ޓްރެފިކަށް ބަދަލު ގެނެސްފަ އެވެ. އެއްކޮޅަށް ދުއްވާ މި ދެ މަގުގެ ތެރޭން، ދެކުނުން އުތުރަށް ދުއްވާ ގޮތަށް އޮތް އަލިކިލެގެފާނު މަގު ވަނީ އުތުރުން ދެކުނަށް ދުއްވާ ގޮތަށް ބަދަލުކޮށްފަ އެވެ.
ފަރުނީޗަރު ވިއްކާ އަލޯރާ ފިހާރަ ހުންނަ ހުސްނުހީނާ މަގު ވެސް މިހާރު ވަނީ ކުރިން ދުއްވި ކޮޅު ނޫން އަނެއް ކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފަ އެވެ. އެ މަގުން ގޮސް މަޖީދީ މަގަށް ވަދެވޭ ގޮތަށް އޮތް ނަމަވެސް މިހާރު އެ މަގަށް މަޖީދީ މަގުން ގޮސް ވަދެވޭނެ އެވެ.
މި ބަދަލު މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވެސް ގެނަ އެވެ. އޭރު ފުލުހުން ބުނެފައި ވަނީ، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައީ އިސްކަންދަރު ސްކޫލާއި އަމީނިއްޔާ އަދި އަރަބިއްޔާ ސްކޫލުގެ ކިޔެވުން ފެށޭ ގަޑި އާއި ނިމޭ ގަޑީގައި، ހަތަރު ފުރޮޅުލީ އުޅަނދު އެ ސަރަހައްދަށް ވަނުން މަނާކުރުމުން ޓްރެފިކްގެ ބާރު ބޮޑުވާތީ ކަމަށެވެ.
މި ރޯދަ އަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމަނައިގެން ކަނބާއައިސާރަނި ހިނގުމުގައި ހުންނަ ތާޖުއްދީން ސްކޫލް ކަންމަތިން ފެށިގެން މަޖީދީމަގާ ދެމެދު ދެ ކޮޅަށް ދުއްވާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. ފުލުހުން ބުނި ގޮތުގައި ތާޖުއްދީން ސްކޫލް ކަންމަތިން ފެށިގެން އަމީނީމަގު، ދިރާގު ހެޑް އޮފީހާވީ ދިމާލުން ބޮޑުތަކުރުފާނު މަގުން ފެށިގެން ތާޖުއްދީން ސްކޫލް ހުންނަ ގޯޅިއާ ހަމައަށް ވަނީ އެއްކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފަ އެވެ.
މި ރޯދަ މަހު ޓްރެފިކް މައްސަލަތަކަށް ލުޔެއް ހޯދުމުގެ ގޮތުން، ބައެއް މަގުތަކަށް ވެހިކަލްތައް ނުވަދެވޭ ގޮތް ހަަދައި، ބަރު ވެހިކަލް ވަކި ވަގުތެއްގައި ދުއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރާސިލު
29 May 2017
އަޅުގަނޑު ދެކޭގޮތުގައި ޓްރެފިކްގެ މައްސަލަ މާލޭގައި، މިހާ ބޮޑުވާން ފެށީ 2015 ވަނަ އަހަރު، އިސްލާމާ މަރުކަޒުގެ ސަރަހައްދުގައި ހުރި މަގުތަކުގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލުގެ ސަބަބުންނާއި، އިސްލާމީ މަރުކަޒުގެ ދެފަރާތުގައި އޮތް ދެމަގު ބަންދުކޮށް، އެތަނުގައި މުށިޖަހައި، މަގަކީވެސް މިސްކިތުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމުން، ދެން ހުރި މަގުތަކުގައި ދުއްވާ އެއްޗެތި ތޮއްޖެހޭތީ. ސިޔާސީ ބެނުމެއްގައި، ސަރުކާރުން އިސްލާމި މަރުކަޒުގެ ބޭރު ފާރު ތަޅައި، ދެފަރާތުގައިވާ ދެމަގުގައި މުށިޖެހުމުގެ ނަތީޖާ މާލޭގައި ދިރިއުޅޭ މީހުންނަށް މިއަދު ތަހައްމަލްކުރަން ޖެހިފައި މިވަނީ. އަޅުގަނޑުބުނާނީ ސަރުކާރުން، އެއްވެ އުޅުން ހުއްޓުވަން ކުރި ކަންތަކުން، ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ގެއްލެމުންނޭ ދަނީ.
ނުވާނެ
29 May 2017
ޤައުމުގެ ވެރިންނޭ މާލޭގަ ހުސް 10 ބުރީގެ އިމާރާތް. 10 މާލޭގެ މީހުން މިއޮށް ކުޑަކުޑަ ރަށުގަ އެބަ ދިރިއުޅޭ. އަދިވެސް ބޮޑެތި ކަބަޑުބަރިތަކެއްހެން އެޕާރޓްމަންޓް ހަދަހަދާފަ ބިން އޮތް މީހުން ކުއްޔައްދެނީ. އަދި ސަރުކާރުގަ ތިބި ބޮޑުންވެސް މިމީސްމީހުން ކޮޕީކޮށްގެން އެއޮށްބޮޑު ހުޅުމާލޭގަވެސް ފްލެޓް އަޅަނީ. 4 ކޮޓަރީގެ ގެ އަޅާފަ ދީބަލަ ކޮންމެމީހަކަށް. އެއްވެސް އެކްސްޓީރިއާރ ޑިޒައިންއަކަށް ބަދަލު ނުގެނެވޭގޮތައް. ރާއްޖޭގެ އެކި ހިސާބުތަކުގަ ހުޅުމާލެ ފެންވަރަށް ތަރައްގީ ކޮށްފަ ގެ ދީބަލަ ހުރިހާ އެންމެން މިތަނަށް އަންނަން މަޖުބޫރު ނުކޮށް. ތިގޮތަށް އެއްއިރު މިހެން ދުއްވާށޭ އަނެއް އިރު އެހެން ދުއްވާށޭ ކިޔަކަސް ނުވާނެ.
މާޔޫސް
29 May 2017
މިހާރު މިގެނައި ބަދަލުގެ ސަބަބުން ދާންޖެހޭ ދުއްވަންޖެހޭ މަގު ވަރަށް ދިގުވޭ، އެހެންވުމުގެ ސަބަބުން މަގުމަތީގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވޭ. ވަގުތު ގިނަވާވަރަކަށް އަންދާ ހަކަތަ އިތުރުވޭ. މީހުންގެ ވަރުބަލިކަން ބޮޑުވޭ. އަދި ދޭތެރެއަކުން މަގުމެދުގައި ކޯން ބަހައްޓާނެ ނޫނީ ބެރިކޭޓް ބަހައްޓާނެ. މަގެއްގައި ބާރު ބޮޑުވެލާއިރަށް ކޯން ބަހައްޓާ އެ ޓްރެފިކް ފުލޯ އެހެން ދިމާއަކަށް ބަދަލުކޮއްލާ އެމަގަށް ނުވަދެވޭ ގޮތް ހެދީމައި ފުލުހުންގެ ވާޖިބު އަދާކުރެވުނީ! ދެން އޭގެ ސަބަބުން ދުއްވާ މީހުންނަށް ދިމާވެދާނެ ދަތިތަކެއް ވިސްނާވެސް ނުލާނެ. މިއީވާ ވަރުގަދަ ބަޔެއް!!!!!!!!!!!!
އަންކަލޯ
29 May 2017
މީހުންގެ ސަޕޯޓް ބޭނުމިއްޔާ މަގުތަކާ ނުކުޅެތިބޭ! ޔާމީނަށް މަށެއް ވޯޓެއް ނުދޭނަން. ކުރިން ޔާމީނަށް ސަޕޯޓްކުރިން، ވޯޓް ބޭނުމިއްޔާ މަގުތަށް ކުރިން ދުއްވި ގޮތަށް ބަދަލު ކޮށްދީ
މަގުމަތީ މީހާ
29 May 2017
މުޢިއްޒު މީހާ މީ ހަމަ ފައްކާ ރޯނު އެދުރު މީހާ... އެއްވެސް ކަމެއް ބަރާބަރު ނުކުރަނީ.. ކޮން ވައްތަރު މީހާ...
ފޮނި ކަލޯ
29 May 2017
މިހާރު ޓުރެފިކާއި ޙަވާލުވެހުރީ މާމޮޅައް ޓުރެފިކާއި ބެހޭ ކަންކަން ކިޔަވައިގެން ހުރި ރޯނު އެދުރެކޯ ، އެހެން ވެޔޯ މިޓުރެފިކައް މިހާ ހެޔޮބަދަލެއް އައިސްގެން މިއުޅެނީ އަޅެމީހަކު ޙައިރާނެއް ނުވާނެތަ ؟ މިބޭފުޅުން ކަންކަން ބަދަލުގެނެފަ މިތިބެނީ އޮފީހު ފިނިކުރި ކޮޓަރީގަ މިކަން ތަޙައްމަލު ކުރަން މިޖެހެނީ ރަށުތެރޭ އުޅޭ ރައްޔަތުން..... ހީ ހީ ހަލާކެއް ފަހެނުވާނެތަ
ދުއްވާމީހާ
29 May 2017
މަށަށް ފެނެނަނީ ރައީސް ޔާމީނާ މުއިއްޒު މެންދުރުގަޑީ އަހަރުމެންނާއެކު މަގުމަތީ ދެތިން ސައިކަލް ބުރުއަޅާލަން. އޭރުން ދުއްވާމީހުން ތަހައްމަލްކުރާ ހިތިތަޖުރިބާ އިހުސާސް ކުރެވޭނީ. އަބަދު އެސީ ދޮށުގަތިބެގެން ރަގަޅު ޑިސިޝަނެއް ނުނެގޭނެ.
ދދ
29 May 2017
މާލޭގެ ޓުރެފިކް ބޮޑުވީ ބާޒާރު މަތީގައި އިސްލާމީ މަރުކަޒުގެ ދެބިތުގައި އޮތް މުހިންމު ދެ މަގު ބަންދު ކުރުމުން މި ދެމަގު ހުޅުވާލާ މާލެ ދުއްވުން ތަނަވަސްކޮށް ފަސޭހަ ކުރަން އެބަޖެހޭ. މަގުގެ ތަންތަން ކޮޅުގައި ދެކޮޅަށް ދުއްވިޔަސް މުޅި މާލޭގެ ޓުރެފިކް ކުޑައެއް ނުވާނެ މާލޭގެ ދެކޮޅަށް ފަސޭހަކަމާއި ހަލުއި ކަމާއި އެކު ދުއްވާނުލެވިޔެއް!
ދިވެހިމީހާ
29 May 2017
މަރުކަޒު ކުތިމަތި މަގު ކީއްވެބާ ދުއްވާ މަގަކައް ނުހަދަންވީ ؟ ބިދޭސިން މާފޮޅުވާ މަގަކައްވެއްޖެ މިހާރު.
ޚިޔާލް123
29 May 2017
މަގުތަކަށް މިހައިތަނަށް ގެނައި ބަދަލްއަކުން ޓްރެފިކަށް ލިބުނު ފަސޭހައެއްނެތްތާ ލިބުނީ ކުރިއަށްވުރެ އުދަގޫ އަދި ބާރުބޮޑުވުމެވެ، މެދުޒިޔާރަތްމަގު އަދި އަމީރުއަހްމަދު މަގު ކުރިން އޮތްގޮތަށް ހުޅުވައިލައި ލިލީ މަގު މިހާރުއޮތްގޮތަށް ދެކޮޅަށް ދުއްވޭގޮތަށް ހެދުމުން މިޓްރެފިކް މައްސަލަ ހައްލުވީއެވެ، މިކަންނުކޮށް ކިތައްމެ އެބުރުމެއް އެބުރިޔަސް ލިބޭނެ ކުރިއެރުމެއް ނެތެވެ، އެކަމަކުވެސް ގޮތްދޫނުކުރުން އެއީ މިސަރުކާރުގެ އެންމެންގެ އާދައެކެވެ.