ކައުންސިލް އިންތިހާބުގައި ވޯޓުލުން ކުރިއަށް ދަނީ: ކަމަދޫ ކައުންސިލްގެ ނައިބު ރައީސް ވަނީ މިއަދު އިސްތިއުފާ ދީފައި
05 ޖޫން 2017 - 14:59
ބ. ކަމަދޫ ކައުންސިލްގެ ނައިބު ރައީސްކަމުގެ ހުވާ ކުރެއްވިތާ ދެ ދުވަސް ފަހުން، އެ މަގާމުން އަލީ މައުސޫމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ކައުންސިލަރު ކަމުގެ ހުވާ ކުރެއްވިތާ ދެ ދުވަސް ފަހުން، އެމްޑީޕީ މެމްބަރު އިސްތިއުފާ ދެއްވީ ކައުންސިލްގެ އިދާރީ މުވައްޒަފުންނާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވުމަށް ފަހު އެވެ.
އެ ރަށު ކައުންސިލްގެ ޒިންމާދާރުވެރިޔާ އަލީ ޝަރީފް ވިދާޅުވީ، މިދިޔަ ދައުރުގައި ވެސް ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވި މައުސޫމް އިސްތިއުފާ ދެއްވީ "އިދާރީ މުވައްޒަފުންގެ އާއިލީ މެމްބަރުންގެ ކެމްޕޭނު ޖަގަހައެއް"ގެ ގޮތުގައި ކައުންސިލް އިދާރާ ބޭނުން ކުރާ ކަމަށް ވިދާޅުވެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެއްގޮަތަކަށް ވެސް ނޭނގޭ ކޮން ކެމްޕޭނުގެ ވާހަކައެއް ކަމެއް މިއީ. އާއްމު ގޮތެއްގައި މި ފަދަ ތުހުމަތުތައް ކުރައްވަނީ އިންތިހާބުން ބަލިވާ މީހުން،" އަލީ ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބުގެ ތެރޭގައި ވެސް އަދި ހުވާ ކުރުމާ ހަމައަށް ވެސް މައުސޫމާއި ކައުންސިލްގެ އެއްވެސް މުވައްޒަފަކާ މެދު މައްސަލަ ޖެހިފައި ނުވާ ކަމަށެވެ. އަދި އިއްޔެ ވެސް އޭނާ ކައުންސިލްގެ ރަސްމީ ދަތުރެއްގައި ބ. އޭދަފުއްޓަށް ވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.
އިސްތިއުފާ ދެއްވުމުގެ ކުރިން، މިއަދުން ފެށިގެން ޗުއްޓީއަކަށް އެދިވަޑައިގެންފައިވާ ކަމަށް އަލީ ޝަރީފް ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން، ކައުންސިލަރަކު އިސްތިއުފާ ދެއްވައިފި ނަމަ، އެ މަގާމަށް މީހަކު އައްޔަން ކުރުމަށް ބައި އިލެކްޝަން ބާއްވަން ޖެހޭނެ އެވެ.
ކަމަދޫ ކައުންސިލްގައި މިހާރު ތިއްބަވަނީ ޕީޕީއެމް އަދި އެމްޑީޕީގެ ދެ މެމްބަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯޑިނޭޓަރު
06 June 2017
ސިފްލީން. ކައުންސިލް ކަމުންތޯ އިސްތިއުފާ ދިނީ ނުވަތަ ނައިބު ކައުންސިލް ކަމުންތޯ؟ ސާފު ކޮއްލަ ދެއްވުން އެދެމެވެ.
ޢައިޝާ
05 June 2017
ވެރިންނަށްވުރެ އިދާރީ މުވައްޒަފުން މާ ބާރުގަދަ
ސަމާސާ
05 June 2017
އިންތިޚާބަކުން ހޮވޭ މީހުންނަކީ އައްޔަންކުރެވޭ ބައެއްނޫން. ކަންކަމަށް އިސްކުރާ ކަނޑައަޅާ މީހުންނަކީ އައްޔަންކުރެވޭ މީހުން. މިހާރަކަށްއައިސް އައްޔަންކުރުން ، ދައުލަތް ފަދަ ބަސްބަހުގެ މާނަ އޮޅޭ ގޮތަށް ނޫސްވެރިން ލިޔަމުންދާތަން އެބަފެނޭ.
ލަބީދް އެންޑް ކަބީރް
05 June 2017
ވަރަށް ޑިމޮކުރެޓިކު ބޭފުޅެއްކަމަށް ފެންނަނީ.
އިލްހާމް އަހުމަދު
05 June 2017
އިސްތިއުފާ ދިނީ ކިހިނެއް ހެއްޔެވެ؟ ކޮން ވަސީލަތެއް ބޭނުންކޮށްގެން ހެއްޔެވެ؟ ހަމައެކަނި އަނގައިން ބުނީ ބާވައެވެ. ނޫނީ ލިޔުމުން ހުށަހެޅީ ހެއްޔެވެ؟ ޚަބަރު ލިޔުމުގައި ފަސްކާފު ފުރިހަމަ ކުރުމަށް ދަންނަވަން.
ޢައްޔަ
05 June 2017
ކައުންސިލްގެ ނައިބުކަމުންތަ ނޫނީ މެމްބަރުކަމުންތަ ....
ޢަޑޭ
05 June 2017
ރަގަޅު ޕެކޭޖެއް ލިބުނީ ކަންނޭނގޭ ތި އިސްތިއުފާދިނީ