ގަތަރުގެ ވެރިރަށް ދޯހާގެ އުސް އިމާރާތްތައް: ގަތަރުގެ އިގްތިސާދުގައި ބޭރުގެ ފަރާތްތަކުގެ ދައުރު ބޮޑު. --ފޮޓޯ:އޭއެފްޕީ
06 ޖޫން 2017 - 13:07
ދޯހާ (ޖޫން 6) - ސައުދީ އަރަބިއާ، މިސްރު، ބަހުރޭން، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ލީބިއާ، ޔަމަން އަދި ދިވެހި ރާއްޖެ އިން އިއްޔެ ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. ސައުދީ އަރަބިއާ އިން ވަނީ ގަތަރުގެ ބޯޑަރު ބަންދުކޮށް އެ ގައުމުގެ މަތިންދާ ބޯޓުތަކަށް ސައުދީގެ ވައިގެ ސަރަހައްދު ވެސް ބަންދުކޮށްފަ އެވެ. ސައުދީގެ ފަހަތުން މިސްރާއި ބަހުރޭނުން ވެސް ވަނީ ގަތަރު އެއާވެސްގެ ބޯޓުތައް ޖެއްސުން މަނާކޮށްފަ އެވެ. ޔޫއޭއީގެ އެއާލައިންތައް ގަތަރަށް އުދުހުން ވަނީ މަނާކޮށްފަ އެވެ.
ގައުމުތަކުން ގުޅުން ކަނޑާލުމުން ގަތަރުގެ އިގްތިސާދަށް ވާނީ ކިހިނެއްބާވަ އެވެ؟ އާބާދީގައި 2.7 މިލިއަން މީހުން ހިމެނޭ އެރޭބިއަން ޕެނިންސުލާގެ އިރުއުތުރު އައްސޭރީގައި އޮންނަ ގަލްފުގެ ކުޑަ ގައުމުން ދަނީ އިގްތިސާދީ ގޮތުން އަމިއްލަ ފައި މައްޗަށް ތެދުވުމަށް މަސައްކަތް ކުރަމުންނެވެ. ގަތަރުގެ ގައުމީ އެއާލައިން، ގަތަރުއެއާވޭސް އަކީ މިހާރު ދުނިޔޭގައި އެންމެ ވަރުގަދަ އެއް އެއާލައިނެވެ. ގަތަރުގެ އަލް ޖަޒީރާ އަކީ އެންމެ ވަރުގަދަ އެއް ނިއުސް ސްޓޭޝަނެވެ. ކުޅިވަރަށް ބަލާއިރު 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނީ ގަތަރުގަ އެވެ. ސްޓޭޑިއަމްތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި އެ ގައުމުން ކުރިއަށް ގެންދެ އެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކްލަބު ބާސެލޯނާ ގަތަރުން ވަނީ ސްޕޮންސާކޮށްފަ އެވެ.
އަބޫ ދާބީގެ އިއްތިހާދު އެއާވޭސް އާއި ދުބާއީގެ އެމިރޭޓްސް ވަނީ މިއަދުން ފެށިގެން ގަތަރަށް ދަތުރުތައް ހުއްްޓާލައިފަ އެވެ. މި ދެ އެއާލައިނުން ދުވާލަކު ހަތަރު ފްލައިޓް ދޯހާ އަށް ބާއްވަ އެވެ. ބަޖެޓް އެއާލައިން ފްލައިދުބާއީ އާއި އެއާ އެރެބިއާ އިން ވެސް ވަނީ ގަތަރަށް ދަތުރުތައް ހުއްޓާލައިފަ އެވެ. އެހެން އެއާލައިންތައް ކަމަށްވާ ބަހުރޭނުގެ ގަލްފު އެއާ އަދި މިސްރު އެއާ އިން ވެސް ދޯހާ އަށް ދަތުރުތައް ހުއްޓާލާނެ ކަމަށް ބެލެވެ އެވެ.
ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލާ ވައިގެ ސަރަހައްދު ބަންދު ކުރުމުން ގަތަރު އެއާވޭސް އަށް ބަނަކަން ކުރިމަތިވާނެ. --ފޮޓޯ:ރޮއިޓާސް
ގުޅުންތައް ކަނޑާލުމުން ގަތަރުން އެންމެ ބޮޑު އެއް ގެއްލުމެއް ލިބޭނެ ދާއިރާ އަކީ އެ ގައުމުގެ ގައުމީ އެއާލައިނެވެ. ސައުދީގެ ނުވަ ސިޓީގެ އިތުރުން އަބޫ ދާބީ، ދުބާއީ، އަދި ގާހިރާ އަށް ކޮންމެ ދުވަހަކު ކުރާ އެތައް ދަތުރެއް ހުއްޓާލަން ޖެހުމަކީ ގަތަރު އެއާވޭސް އަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. ގަތަރު އެއާވޭސް އިން ވަނީ ސައުދީ އަށް ބުކިން ހަދާފައިވާ ފަރާތްތަކަށް ޓިކެޓް ރިފަންޑް ނުވަތަ އެންމެ ކައިރީގައިވާ އެހެން މަންޒިލަކަށް ދަތުރު ކުރަން ބުކިން ހަމަޖައްސައިދޭނެ ކަމަށް ބުނެފަ އެވެ.
ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ގަތަރު އެއާވޭސް އަށް ބަންދު ކުރުމުން ޔޫރަޕަށް ކުރާ ދަތުރަށް ނަގާ ހަ ގަޑިއިރުގެ ބަދަލުގައި ދެން އަށެއް ނުވަތަ ނުވަ ގަޑިއިރު ހޭދަވުމުން ޕަސިންޖަރުންނަށް ދަތިތައް ކުރިމަތިވެ އެހެން އެއާލައިންތަކަށް މިސްރާބު ޖެހުން އެކަށީގެންވާ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.
ދޯހާގެ ފިހާރައަކުން މީހުން އިއްޔެ ވިޔަފާރި ކުރަނީ. --ފޮޓޯ:އޭއެފްޕީ
ގަތަރަކީ ކާބޯތަކެތި ހައްދާ ގައުމަކަށް ނުވާތީ ފުޑް ސެކިއުރިޓީގެ މައްސަލަ ދިމާވާނެ އެވެ. ގަތަރަށް ކާނާގެ ގިނަ ބާވަތްތައް އެތެރެކުރަނީ އެއްގަމު މަގުން ސައުދީންނެވެ. ގަތަރަށް އެތެރެކުރާ ކާނާގެ 40 ޕަސެންޓް ސަޕްލައި ކުރަނީ ސައުދީންނެވެ. ގަތަރަށް ސައުދީގެ ބޯޑަރު ބަންދުކުރުމުން ދެން ޖެހޭނީ ކަނޑު މަގުން އަދި ވައިގެ މަގުން ކާނާގެ ބާވަތްތައް އެތެރެކުރާށެވެ. މިކަމުގެ ސަބަބުން އިންފްލޭޝަން މައްޗަށް ދާނެ ކަމަށް އިގްތިސާދީ ފަރާތްތަކުން ބުނެ އެވެ. އަދި ތަކެތީގެ އަގު ބޮޑުވުމަކީ ރައްޔިތުން ކަންބޮޑުވެ، ސިޔާސީ ގޮތުން ޝާހީ އާއިލާ އަށް ޕްރެޝަރު ބޮޑުވާނެ ކަމެކެވެ.
ގަތަރުގެ އާދައިގެ އާއިލާތަކުން ކޮންމެ ދުވަހަކު ވެސް ސައުދީ އަށް ގޮސް ތަކެތި ގަތުމުން އެ މީހުންނަށް އެތައް ތަނެއް އަގު ހެޔޮވެ އެވެ. ނަމަވެސް ސައުދީ ބޯޑަރު ބަންދުކުރުމުން އެ ފުރުސަތު ވަނީ ގެއްލިފަ އެވެ.
ގަތަރުގައި މިހާރު އެންމެ ބާރަށް ކުރިއަށް ދަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް، އަށް ސްޓޭޑިއަމް ތައްޔާރު ކުރުމުގެ މަސައްކަތެވެ. އާ ބަނދަރަކާއި މެޑިކަލް ޒޯނަކާއި މެޓްރޯ ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. މަސައްކަތަށް ބޭނުންވާ ކޮންކްރީޓާއި ދަގަނޑުގެ ބޮޑު ބައެއް އެތެރެ ކުރަނީ އެއްގަމު މަގުން ސައުދީންނެވެ. ބޯޑަރު ބަންދުކުރުމުން ތަކެތި ލިބުން ލަސްވެ ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ލަސްކަން އަންނާނެ އެވެ. އެންމެ ބޮޑު ބިރަކީ ވޯލްޑް ކަޕް ސްޓޭޑިއަމްތައް ޝެޑިއުލާ އެއްގޮތަށް ނުނިންމިދާނެތީ އެވެ.
ވޯލްޑް ކަޕަށް ގަތަރުން ދަނީ އަށް ސްޓޭޑިއަމް ތައްޔާރު ކުރަމުން. --ފޮޓޯ:ރޮއިޓާސް
ސައުދީ އަރަބިއާ، މިސްރު، ބަހުރޭން، ޔޫއޭއީ، ލީބިއާ އަދި ޔަމަން މީހުން ގަތަރަށް ދަތުރު ކުރުމާއި އެ ގައުމުގައި ދިިރިއުޅުން ވަނީ މަނާކޮށްފަ އެވެ. އަދި ގަތަރުގައި ތިބި އެ ގައުމުތަކުގެ މީހުން ދިއުމަށް 14 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. ސައުދީ، ބަހުރޭން، ޔޫއޭއީގައި ތިބި ގަތަރު މީހުން ވެސް އެ ގައުމުތަކުން ނުކުތުމަށް ވަނީ 14 ދުވަހުގެ މުހުލަތު ދީފަ އެވެ.
އެންމެ ބޮޑު ދެރައެއް ލިބޭނީ މިސްރުން އެފަދަ އަމުރެއް ނެރެފި ނަމަ އެވެ. ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މިސްރުގެ 180،000 މީހުން ގަތަރުގައި ދިރިއުޅެ އެވެ. ގިނަ މީހުން އުޅެނީ އިންޖިނިއަރިން، މެޑިސިން، ގާނޫނީ އަދި ކޮންސްޓްރަކްޝަން ދާއިރާގެ ވަޒީފާތަކުގަ އެވެ. މިސްރުގެ ވޯކް ފޯސް ގެއްލިއްޖެ ނަމަ ގަތަރުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އަދި ގަތަރުގެ ކުންފުނިތަކަށް ބޮޑު ދެރައެއް ލިބޭނެ އެވެ.
ގަތަރުގެ ކޮންސްޓްރަކްޝަން ދާއިރާގައި ގަލްފުގެ ގިނަ ކުންފުނިތަކުން ހަރަކާތްތެރިވޭ. --ފޮޓޯ:ރޮއިޓާސް
ގަލްފުގެ ވަރަށް ގިނަ ކުންފުނިތަކުން ގަތަރުގައި ވިޔަފާރި ކުރެ އެވެ. ޚާއްސަކޮށް ރީޓެއިލް ވިޔަފާރީގެ ދާއިރާގަ އެވެ. އެކަމަކު ގުޅުން ކަނޑާލުމުން ގަތަރުގައި ހިންގާ ގަލްފުގެ ކުދި ވިޔަފާރިތަކަށް ހުއްޓުން އަންނާނެ އެވެ. މީގެ އިތުރުން ގަތަރުގެ ޝެއާ އިންޑެކްސް އިއްޔެ ހަތް ޕަސެންޓް ދަށަށް ދިއުމާ އެކު ގަތަރުގެ އިންވެސްޓްމަންޓް މާހައުލަށް ވަނީ ބަނަކަށް އައިސްފަ އެވެ. މިސާލެއްގެ ގޮތުން ސައުދީ ފުޓުބޯލް ކްލަބް އަލް އަހުލީ އާއި ގަތަރު އެއާވޭސްގެ ސްޕޮންސާ އެއްބަސްވުމެއް މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިން
07 June 2017
މިޞްރަށްވެސް ވަރަށް ބޮޑު ދެރައެއް ލިބޭނެ، ދާޚީލީ ހަމަނުޖެހުންތަކުގެ ސަބަބުން އެތައްބަޔަކު ހާލުގައިޖެހި، އިންފްލޭޝަން އެތައް ގުނަެއް ބޮޑުވެފައިވާއިރު، އެކަން އެގޮތަށް މިޞްރުން ކޮށްފިނަމަ އަނެކޭވެސް މުޒާހަރާތަކެއް މިޞްުރުގައިކޮށް ހަމަނުޖެހުން މިހާރަށްވުރެ ބޮޑުވާނެ، ރާއްޖޭގެ ރައްޔިތުން ތިބޭހެން މިޞްރުގެ ރައްޔިތުން ކަފުންވެގެން ނުތިބޭނެ
ޅައެތި އެޅުނީ
06 June 2017
ޤަތަރުން ތެރަރިޒަމަށް ހިއްވަރު ދޭން ކުރިކަމެއް އެއް ރިޕޯޓާކުންވެސް ނުކިޔުު. އަލްޖަޒީރާއިން ދައކާ ޚަބަރު ތަކަކީ ޓެރަރިޒަމަށް ހިއްވަރު ދިނުންކަމަށް ވަނީބާ
އެނޮން
06 June 2017
މިސްރުގަ ހެދިހެން ޕަޕެޓް ސަރުކާރެއް ގެންނަން ދެން ގަތަރުގަވެސް ވެރިކަން ބަދަލުކުރަން އުޅޭނީ ސައުދީއިން. ރާއްޖޭގަވެސް ބައާވާތަށްފަހު އައި ސަރުކާރަށް އެންމެ ފައިސާދެނީ ސައުދީއިން.
މުރުތަލޯ
06 June 2017
މަގޭ ވެރިކަމެއްގައި އެމެރިކާ އާގުޅުން ކަނޑާލާނަން
ވާނުވާ
06 June 2017
މީދޯ މި ޓްރަންޕު އަރަބިގައުމުތަކާއެކީ ބައްދަލުކޮށް ގަތްގަޑަކީ.. އަޅެޔަހޫދިންނާ މިގޮތަށް ގުޅުންކަޑާނުލަނީ ކީއްވެ... ޓްރަންޕް އައިސް އަރަބުންގެ ބޮލަށް ގުއިރީފަ ދިއައިދޯ
ޑޮކްޓަރ މޮންރޯ މަސީހު އާރުއެމްޕީ
06 June 2017
މިރާއްޖޭގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ 13އަހަރަށް ޖަލަށް ހުކުމްކޮށްފައިހުރި މީހަކު ބަލިވެގެންނޭ ކިޔާ މަކަރު ހަދާގެން އިނގިރޭސި ވިލާތަށް ދިޔުމުން އިނގިރޭސި ސަރުކާރުން އެވަނީ އެމީހާއަށް ހިމާޔަތްދީފާ. އެހެންވީމާ އެންމެފުރަތަމ ސިޔާސީ ގުޅުން ކަނޑާލަންވީ އިނގިރޭސި ވިލާތާ ނޫންތޯ؟ މިޔަކީ ތުހުމަތެއްނޫން. ގަތަރާމެދު ކުރަނީ ތުހުމަތު. ސައޫދީން ނުބުނާތީ ނުކަނޑަނީ. އީރާނާ ގުޅުން ކެނޑީވެސް ސައޫދީން ބުނީމާ. މީރިޔަލިޓީއަކީ. ފޮރިން މިނިސްޓަރާ ބަންޑާރަ ނައިބާ ހީކުރަނީ ތަ އަހަރެމެންނަކީ އެއްޗެއްނޭގޭ ބައެކޭ؟ ހަގީގަތުގައި އެއްޗެއް ނޭގެނީ އަދި ކަންކަން ހިނގާގޮތްވެސް ނޭގެނީ ފޮރިން މިނިސްޓަރަށާ ބަންޑާރަ ނައިބަށް. މިކޮމެންޓް ޖަހާލައްޗޭ.
ދދދ
06 June 2017
ދެރަ ދޯ ވާނީ
އިޙްސާންތެރިޔާ
06 June 2017
އިޒުރޭލާ އެއްވެސް ގުޅުމެއް ކަނޑާ ނުލެވެނީ އެމީހުންގެ ދެފުއް ހަމަ އެހާ ސާފުކަމުންތޯއެވެ.
ދަގަނޑު ދަހަނާ
06 June 2017
އެހެން ގައުމުތަކަށް ގެއްލުންނުވެ ގަޠަރަށް އެކަނިތޯ ގެއްލުންވަނީ. ކުދިންނޭ ހަމަ ހޭގައި ތިބެބަލަ. ގަޠަރަކީ އާބާދީ ކުޑަ ގައުމަކަށްވިނަމަވެސް ބޮލަކަށް ޖެހޭ އާމްދަނީ ވަރަށް މަތީގައި އުޅޭ ގައުމެކެވެ. ސައޫދީން އެކަނިވެސް ގަޠަރަށް އަހަރަކު 5 ބިލިއަންޑޮލަރުގެ ކާނާގެ ބާވަތްތައް އެކްސްޕޯޓް ކުރެއެވެ. ސައޫދީއަކީވެސް ކާބޯތަކެތި އުފައްދާ ގައުމެއް ނޫނެވެ. އެކިގައުމުތަކުން އެތެރެކޮށްފައި ފައިދާ ލާފައި ގަޠަރަށް ވިއްކާލަނީއެވެ. ތިބުނީ މިސްރުގެ 1 ލައްކަ 80 މީހުން ވަޒީފާ އަދާކުރާ ވާހަކަ އެއިން މިސްރަށް އަހަރަކު މަދުވެގެން 3 ބިލިއަންޑޮލަރ ވަންނާނެއެވެ. ދެން ވައިގެ ވާހަކަ ގަޠަރު އޮތީ ބަދަރު ފަޅީގައެވެ. އެގައުމުގެ ވައިގެ ސަރަޙައްދު ހުރަސްކުރަން އެހެން ގައުމުތަކަށް ވެސް ޖެހޭނެއެވެ.ގަޠަރަށް ސީދާ އިރާނުގެ ވައިގެ ސަރަހައްދު ބޭނުން ކޮށްގެން ޔޫރަޕަށް ދަތުކުރެވިދާނެއެވެ. އެކަމުގައި އެއްވެސް ތަކުލީފެއްނެތެވެ. ނަމަވެސް އެފްރިކަން ހޯން ގެ ގައުމުތަކަށް ދަތުރުކުރުމުގައި ދަތިތަކެއް ކުރިމަތިވާނެއެވެ. އެމީހުންނަށް ޖެހޭނީ އިރާނުގެ ވައިގެ ސަރަޙައްދުން ޢުމާން އަދި ޖޯޑަންގެ ވައިގެ ސަރަޙައްދު ނުވަތަ އިރާގު ޖޯޑަން ސަރަޙައްދު މިކަމުގައި ބޭނުން ކުރާށެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނޯމަލް ކަމަކަށް ވެދާނެއެވެ. ގައުމުތަކުގެ ވައިގެ ސަރަޙައްދަކީވެސް އާމްދަނީ ހޯދާ ތަނެކެވެ. ބޮޑަށް ލަފާކުރެވޭގޮތުން ޔޫ.އޭ.އީ. ސައޫދިން މާއަވަހަށް ފެއިލްވާނެއެވެ. އެފެއިލްވުމުގައި މިރާއްޖެވެސް ހިއްސާވާނެއެވެ.
ލައްކަ ވާހަކަ
06 June 2017
އަލް ސައޫދު އާއިލާ މިހާރު މިވަނީ މޮޔަވެ ބުއްދި ގޯސްވެފަ ކަމަށް ނިންމައިފިން.