ދިރާގުން ވަނީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުމާ ދެކޮޅަށް ބޮޑު ކެމްޕޭން ދާދިފަހުން ފަށާފައި.
08 ޖޫން 2017 - 16:51
ދުނިޔޭގެ ކަނޑުތަކާ ބެހޭ ދުވަހުގެ މުނާސަބަތުގައި ދިރާގުގެ މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މިނިސްޓަ އޮފް އެންވަޔަރަންމަންޓަށާއި އެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްކަށް ތަހުނިޔާ އަރިސްކުރަމެވެ. ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކަނޑުތައް ހިމާޔަތްކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތާ ވިދިގެން އެއްޗެއް ބުނެލަން ފުރުސަތު ލިބުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކާއި ގިރިތަކާއި ފަރުތަކަކީ އަޅުގަނޑުމެން ދިވެހިންގެ އެންމެ ބޮޑު އަދި އެންމެ އަގުހުރި ގުދުރަތީ ވަސީލަތެވެ. އަދި މި އަގުހުރި ރައުސްމާލް ދެމެހެއްޓެނިވި ގޮތަކަށް ހުރިހާ ޖީލުތަކަށް އޭގެ މަންފާ ލިބޭނެ ގޮތަށް ކަށަވަރުކުރުމަކީ އަޅުގަނޑުމެން ހުރިހާ ދިވެހިންގެ ޒިންމާ އެކެވެ. ކަނޑަކީ އަޅުގަނޑުމެން ދިވެހިންގެ ދިރުމެވެ. ދިވެހި އިގްތިސާދުގެ ދެ މައިނާރު ކަމުގައިވާ ޓޫރިޒަމާއި މަސްވެރިކަން ބިނާ ވެފައި އޮންނަނީ ކަނޑުތަކާއި ފަރުތަކުގެ ރީތިކަމާއި އޭގައިވާ ދިރުމުގެ މައްޗަށެވެ. އަޅުގަނޑުމެންގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) ނުވަތަ އުފެއްދުންތެރިކަމުގެ މިންވަރުގެ ދެބައިކުޅަ އެއްބަޔަށްވުރެ ވެސް ބޮޑުބައެއް ފޯރުކޮށްދެނީ ކަނޑުގެ ޒަރީއާއިންނެވެ. ކަނޑުތައް ހިމާޔަތްކުރުމަކީ ހަމައެކަނި އިގްތިސާދީ ހަރަކާތެއް ވެސް ނޫންމެ އެވެ. ފުޑް ސެކިއުރިޓީ ނުވަތަ ދެމެހެއްޓެނިވިގޮތަކަށް ކާބޯތަކެތި ލިބުން ކަށަވަރުކުރުމަށް ވެސް މުހިއްމު ހަރަކާތެކެވެ.
ދިރިއުޅުމުގެ އެކި ކަންކަމާއި ވިދިގެން ކަނޑުތަކަށް އުކާލެވޭ ކުނި ދަނީ ދުވަހަކަށް ވުރެ ދުވަހެއް ގިނަވަމުންނެވެ. މުޅި ދުނިޔެއަށް ބެލި ނަމަވެސް އިގްތިސާދީ ހަރަކާތްތަކާ (ވަކިން ހާއްސަކޮށް އުފެއްދުންތެރިކަމުގެ އެކި ސިނާއަތްތަކާއި) ގުޅުވައިގެން ކަނޑުތަކާއި ފަރުތަކަށް ލިބިދޭ ގެއްލުން ބޮޑެވެ. ކަނޑުތަކާއި ކަނޑުގައިވާ ދިރުމަށް ދެވޭ އެންމެ ބޮޑު ގެއްލުމަކީ ކަނޑަށް އެޅޭ ކުނި ގިނަވުމެވެ. އެމެރިކާގެ ނޭޝަނަލް އޯޝަނޮގްރެފިކް އެންޑް އެޓްމޮސްފިއަރިކް އެޑްމިނިސްޓްރޭޝަނުން ކުރި ދިރާސާތަކުން ދައްކާގޮތުގައި ކަނޑަށް ކޮންމެ އަހަރަކު 1.4 ބިލިއަން ޕައުންޑް (ގާތްގަނޑަކަށް 635 މިލިއަން ކިލޯ) ކުނި އެޅެ އެވެ. ކަނޑަށް މިއެޅޭ ކުނީގެ ތެރެއިން ނިސްބަތުން އެންމެ ގިނައީ އެކި ބާވަތުގެ ޕްލާސްޓިކެވެ. ހަމަ އެ ދިރާސާ ދައްކާ ގޮތުން ކަނޑުތަކަށް އެޅޭ ކުނީގެ ގާތްގަނޑަކަށް 60 ޕަސެންޓަކީ ޕްލާސްޓިކެވެ. ސަރުކާރުގެ ދިރާސާތައް ދައްކާގޮތުން ރާއްޖޭގައި އަހަރަކަށް 220،000 މެޓްރިކް ޓަނުގެ ކުނި އުކާލެވެ އެވެ. އޭގެ ބޮޑުބަޔަކީ ޕްލާސްޓިކެވެ. އަދި އޭގެ ސަބަބުން ކަނޑުގެ ދިރުމަށް އެތައް ނޭދެވޭ އަސަރެއްކުރެ އެވެ. މިކަމަށް ހައްލެއް ހޯދުމުގައި އެންމެ މުހިއްމު ވާނީ ލައިފްސްޓައިލް ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަން ޖެހޭ ބަދަލެވެ. އިސްރާފު ނުކުރުމާއި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަށް ބޭނުން ކުރުމެވެ. ޕްލާސްޓިކަށް އަޅުގަނޑުމެން ބަރޯސާވާލެއް މަދުކޮށް، އެއްފަހަރަށް ވުރެ ގިނައިން ބޭނުންކުރެވޭނެ ގޮތަށް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައް ބަހައްޓަންވީ އެވެ. ރިޑިއުސް، ރީޔޫސް އަދި ރިސައިކަލް ނުވަތަ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމާއި، އެއްފަހަރަށް ވުރެ ގިނައިން ބޭނުންކުރުމާއި ޕްލާސްޓިކް އިއާދަކުރެވޭނެ ގޮތަށް އުކާލުމެވެ. މިގޮތުން ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ނުވަތަ އިޖްތިމާއި ޒިންމާގެ ދަށުން ތިމާވެށި ހިމާޔަތްކުރުމަކީ ކުންފުނިން އިސްކަމެއްދޭ ކަމެކެވެ. "ފޯ ދި އޯޝަންސްގެ" ގެ ނަމުގައި ކަނޑަށް އެޅޭ ޕްލާސްޓިކް ކުނި މަދުކުރުމާއި އެކަމަށް މީހުން ހޭލުންތެރިކުރުވުމުގެ ނިޔަތުގައި އަޅުގަނޑުމެންދަނީ ކާމިޔާބު ކެމްޕެއިނެއް ކުރިއަށް ގެންދަމުންނެވެ. އަދި އޮފިސް މާހައުލުގައި މިކަމަށް ތަރުހީބު ދިނުމުގެ ގޮތުން ދިރާގުގައި ޕެޓް ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓުވުމަށް ކޮންމެ މުވައްޒަފަކަށް ގިނަ ދުވަހަށް ބޭނުންކުރެވޭނެ ފަދަ ބިއްލޫރި ފުޅި ފޯރުކޮށްދީ އޮފީހުގެ އެކި ސަރަހައްދުތަކުގައި ފެންކޫލަ ބަހައްޓާފަ އެވެ. އަދި ޕްލާސްޓިކް ބާޒާރު ކޮތަޅަށް އަޅުގަނޑުމެން ދިވެހިން އާދަވެފައިވާ މިންވަރު މަދުކުރުމަށް ދިރާގުން ވާނީ ގިނަ ދުވަހު ބޭނުންކުރެވޭ ފަދަ ތިމާވެއްޓާއި ރައްޓެހި ކޮތަޅު ތައާރަފްކޮށް އެ ބޭނުންވާ ފަރާތްތަކަށް ހިލޭ ލިބޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ. މި ފުރުސަތުގައި މިމަސައްކަތުގައި ސަރުކާރުން އަދާކުރާ އިސްދައުރަށް އަޅުގަނޑުމެން އަބަދުވެސް އެއްބާރުލުން ދެމުންގެންދާނެ ވާހަކަ ދަންނަވަމެވެ. ދާދި ފަހުން ދުނިޔޭގެ ތިމާވެށި ދުވާހާ ގުޅުވައިގެން މިނިސްޓަ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީން އިފްތިތާހުކޮށްދެއްވި ޕްލާސްޓިކް ކޮތަޅު ނައްތާލުމުގެ ގައުމީ ކެމްޕެއިނަށް އަޅުގަނޑުމެން މަރުހަބާ ދަންނަވަމެވެ. އަދި އަމިއްލަ ފަރާތަކުގެ އިސްނެގުމުގެ މަތިން ރާއްޖޭގައި ޕާލޭ އިންޓަނޭޝަނަލް ފަދަ ބައިނަލްއަގްވާމީ ތިމާވެށި ހިމާޔަތްކުރާ ޖަމާއާތްތަކުން ޕްލާސްޓިކް މަދުކުރާ ކެމްޕެއިންތައް ރާއްޖޭގައި ހިންގާކަމީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު ހިތްވަރެކެވެ. އަދި މިކަމުގައި ކުރިއަށްވުރެ ގިނަފަރާތްތަކެއް ބައިވެރިވަމުންދާކަމީ އުފާ ކުރާކަމެކެވެ. ކަނޑުތަކާއި ފަރުތައް ދެމެހެއްޓެނިވި ގޮތަކަށް ބޭނުންކުރުމުގައި ދިރާގު އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވަމެވެ. މާތް ﷲ އަޅުގަނޑުމެންގެ ކަނޑުތަކާއި އެކަނޑުތަކުގައިވާ ރިޒްގު އަބަދަށްމެ ދަމަހައްޓަވައި އެ ރިޒްގު ހެޔޮގޮތުގައި ބޭނުންކުރުމަށް އަޅުގަނޑުމެން އެންމެނަށް ވާގިދެއްވާށި އެވެ. އާމީން.
* މިއީ ދުނިޔޭގެ ކަނޑުތަކާ ބެހޭ ދުވަހާ ގުޅިގެން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ދެއްވި މެސެޖެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަުއުރީދޫ
16 June 2017
ލަދުގަނޭ އުރީދޫ ސްޓާފް އަކަށްވީތީ. ވަރަށް ތެދަށް ބުނަންޏާމު ބުނެވޭނީ ބޭނުމީ އަސްލު ނަމުގަ މި އާޓިކަލް އަށް ކޮމެންޓް ކުރާށޭ. އެކަމަކު ވަޒީފާ އަށް ބިރުގަނޭ އަންހެނުންނާ ދެ ދަރިންނަށް ކާންބޯން ދެވޭނެ އިތުރު ގޮތެއް އަދި ހޯދިފަ ނެތީމަ.
ޤައުމު ދެކެ ލޯބިވާ ދިވެހި ދަރި
14 June 2017
ހަމަ ޔަގީނުނަވެސް ތިމާވެށި ރައްކާތެރި ކުރަން ދިރާގާ އެއް ފެންވަރަށް އެހެން އެއްވެސް ބަޔަކު އަދި މަސައްކަތެއް ނުކުރޭ. ކޮންމެ ބަޔަކު ކުރި ނަމަވެސް ރަނގަޅު ކަމެއްނަމަ ބަލައިގަނެ ޝުކުރުވެރި ވާންޖެހޭ. ދިރާގު ތީ ނަމޫނާ ކުންފުންޏެއް. ދިރާގަށް އަބަދުވެސް ކާމިޔާބަށް އެދެން. ޝުކުރިއްޔާ ދިރާގު.
ހަބޭސް ޖޭ
09 June 2017
ދިރާގުން ތިކުރައްވާ ބުރަަ މަސައްކަތަށް އައްސަރިބަހާ ސާބަސް ތި ނަމޫނާ އެއް ....
މައިކަލް ކޯވިން
09 June 2017
ދިރާގުގެ މި އިސްނެގުން ހުރިހާ ދިވެހިންވެސް ބަލައިގަނެ މިގޮތަށް އަމަލު ކުރެވޭތޯ އެބަ ބަލަންޖެހޭ! އަޅުގަނޑުމެންގެ ރާއްޖެއަށް ގުދުރަތީގޮތުން ލިބިފައިވާމިވާ މުއްސަދިކަން ދެމެހެއްޓުމަލީ އެންމެންގެވެސް ޒިންމާއަކަށް ހަދަންޖެހޭ! ދިރާގަށް ސެލިއުޓް ކުރަން!
މެސީގެ ބޮޑުބެ
09 June 2017
ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށްް ދިރާގުން ތިކުރައްވާ ބުރަަ މަސައްކަތަށް އައްސަރިބަހާ ސާބަސް ދަންނަވަން. މިކަމުން ދޭހަކޮށްދެނީ ދިރާގަކީ ހަމަ އެކަނި މުވާސަލާތީ ކުންފުންޏެއް ނޫންކަން. އޯލްވޭސް ދަ ބެސްޓް ކޮންޕެނީ އިން މޯލްޑިވްސް.
މީމު
09 June 2017
ދިރާގު ތީތި ހަމަ ހަބޭސް.
ޗަމް
09 June 2017
ސޭނޯ ޓު ޕުލާސްޓިކް... ގުޑް އިނިށިއޭޓިވް..
ކޭން
09 June 2017
ވ ސަޅި އިނގޭ ދިރާގު މީތި.
ލީިނާ
09 June 2017
ސޭނޯ ޓު ޕުލާސްޓިކް .. ދިރާގުން ތިކުރަނީ ވަރަށް ރަގަޅު ކަމެއް.. (؛
ޑަޗްލޭޑީ
09 June 2017
ކަނޑުތައް ހިމާޔަތް ކުރުމަކީ އެންމެންގެ ވެސް ޒިންމާއެއް.. އެންމެ މީހަކަށް ވެސް ބޮޑު ބަދަލެއް ގެނެވޭނެ..