ފުވައްމުލަކުގެ ކުޅިއެއް: އެ ރަށުގައި ވަޒީފާ އަދާކުރާ ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުން ވަކިކުރަން ވަނީ ނޯޓިސް ފޮނުވާފައި.
14 ޖޫން 2017 - 20:45
ފުވައްމުލަކުގެ އަވަށު ކައުންސިލްތަކުގައި މަސައްކަތް ކުރި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ތިން މަސް ދުވަހުގެ ނޯޓިސްއެއް ހައުސިން މިނިސްޓްރީން ފޮނުވައިފި އެވެ.
އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު މާހިދު ޝަރީފް ސޮއިކުރައްވައި މިދިޔަ ހޯމަދުވަހު މުވައްޒަފުނަނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ފުވައްމުލަކު ސިޓީ ކައުންސިލް އުފައްދައި، ރަށު ކައުންސިލްތައް އުވާލުމާ ގުޅިގެން، އެ އިދާރާތަކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ތިން މަސްދުވަހުގެ ނޯޓިސްއެއް ދިނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމާފައިވާ ކަމަށެވެ. އަދި އެ ކައުންސިލްތަކުގައި މަސައްކަތް ކުރި މުވައްޒަފުންނަށް ދޭންޖެހޭ ނޯޓިސް އެ މިނިސްޓްރީ މެދުވެރިކޮށް ދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ސިޓީގައިވެ އެވެ.
"މި ގޮތުން، ސިވިލް ސާވިސްގެ ގަވައިދާ އެއްގޮތަށް 2017 ޖޫން 3 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ނޯޓިސްއެއް ތިޔަ ފަރާތަށް ދެމެވެ. އަދި ނޯޓިސްގެ މުއްދަތުގައި މުސާރަ އާއި އިނާޔަތްތައް ދިނުމުގެ މަސައްކަތް މި މިނިސްޓްރީން ކުރިޔަށް ގެންދާނެ ވާހަކަ ދެންނެވީމެވެ،" ހައުސިން މިނިސްޓްރީގެ ސިޓީގައިވެ އެވެ.
އެ ސިޓީގައި ވަނީ އުވާލާފައިވާ ރަށު ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރި މުވައްޒަފުންގެ ތެރެއިން ފުވައްމުލަކުގައި ސަރުކާރުގެ މިނިސްޓްރީތަކުން އަލަށް ގާއިމުކުރާ އިދާރާތަކުގައި އުފައްދާ މަގާމުތަކަށް ޝަރުތު ހަމަވާ މުވައްޒަފުން، ކަނޑައެޅޭ އުސޫލުގެ ދަށުން އެ އިދާރާތަކަށް ބަދަލުކުރުމަށް ވެސް ސީއެސްސީން ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ސަރުކާރުގެ މިނިސްޓްރީތަކުން މިހާރު ވެސް ކުރަމުން އަންނަ ކަމަށް ހައުސިންގެ ސިޓީގައި ވެ އެވެ.
"މިގޮތުން މަގާމުތަކަށް ހަމަނުޖެހޭ މުވައްޒަފުން ނޯޓިސްގެ މުއްދަތު ހަމަވުމުން ސިވިލް ސާވިސްގެ ގަވައިދާ އެއްގޮތަށް ވަކިކުރެވޭނެ ކަމުގައި ވެސް ދެންނެވީމެވެ،" ހައުސިން މިނިސްޓްރީން ބުނެ އެވެ.
އެ ސިޓީ ލިބުނު މުވައްޒަފަކު ބުނީ އެ މީހުންނަށް ހައުސިން މިނިސްޓްރީއަށް ބަދަލުކުރިކަން އެނގުނީ ޕާމަނަންޓް ސެކްރެޓަރީގެ ސިޓީއަކުން ކަމަށެވެ. ނަމަވެސް މީގެ ކުރިން މި ފަދަ ބަދަލުތައް ގެންނައިރު ސީދާ ސިވިލް ސާވިސް އިން ޗިޓް ފޮނުވާ ކަމަށް އޭނާ ބުންޏެވެ.
"މިހާތަނަށް ސިވިލް ސާވިސް އިން މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވޭ. މީގެ ފޮރުވިފައިވާ ކަންތައްތަކެއް އެބައުޅޭ،" އޭނާ ބުންޏެވެ.
ލޯކަލް ކައުންސިލްތަކުގެ އާ ދައުރަކަށް އިންތިހާބު ކުރިއިރު ފުވައްމުލަކުގައި އޮންނަނީ ތިން ދާއިރާ އިން އިންތިހާބުކުރާ ތިން ކައުންސިލަރުން ހިމެނޭ ސިޓީ ކައުންސިލެކެވެ. އެހެންވެ އެ ރަށުގެ އަށް އަވަށުގައި އުފައްދާފައިވާ އަށް ކައުންސިލް އިދާރާ ވަނީ އުވާލައިފަ އެވެ. ފުވައްމުލަކު އަށް އަވަށު ކައުންސިލް އިދާރާގައި ކައުންސިލަރުން ނުހިމަނައި 75 ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރެ އެވެ. ސިޓީ ކައުންސިލް އިންތިހާބާ ގުޅިގެން އެ ރަށުގެ އަށް އަވަށުން އިންތިހާބުކޮށްފައިވާ 24 ކައުންސިލަރުންގެ މަގާމު ވެސް ވަނީ އުވިގެން ގޮސްފަ އެވެ.
އަށް އަވަށުގެ މައްޗަށް އެކުލެވިގެންވާ ރަށުގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރަނީ ދަޑިމަގު ކައުންސިލް އިދާރާގަ އެވެ. އެތަނުގައި 11 މުވައްޒަފުން މަސައްކަތް ކުރާއިރު ހޯދަޑު އަދި މާދަޑު ކައުންސިލް އިދާރާގައި 10 މުވައްޒަފުން އަދި ދިގުވާނޑު، ދޫނޑިގަން، ފުނާޑު، މިސްކިތްމަގު ކައުންސިލް އިދާރާގައި ނުވަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ އިތުރުން މާލެގަން ކައުންސިލްގައި އަށް މުވައްޒަފުން މަސައްކަތް ކުރެ އެވެ.
ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ރައީސް އަބްދުﷲ ޔާމީން ކަނޑައެޅުއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ ވެސް މިހާރު ވަނީ ރައީސްގެ ގަރާރަކުން އުފައްދަވައިފަ އެވެ.
ފުވައްމުލަކަށް ސިޓީއެއް ދަރަޖަ ދިންއިރު ސިޓީއެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ވެފައެއް ނެތެވެ. އެ ރަށުގެ ބައެއް މީހުން ދެކޭ ގޮތުގައި ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ހަމައެކަނި ނަމަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުލަވާނު
15 June 2017
އެއީ އެމެންގެ ތެރޭގަ ތިބި ވޯޓުލީ މީހުންނަށް ދިން ހަދިޔާއެއް. ވޯޓު ނުދިންކަމުގެ ހަދިޔާ. މަސީހުމެން މަތީފަޑީގަ ތިބެނީވެސް ހަތަރެސްފައި ބަނދެވިފަކަން ދައްކުވައިދޭ އަލިގަ ހެއްކެއް މީ
ޅާނބު
15 June 2017
ދެރަކަމުގެ ކޮޅެއްވެސް ނެތެވެ. ޢާއިލާތައް ބިކަވުންނޫން ދެން ކޮންކަމެއް ބާވައެވެ. އުމުރުގެޒުވާން ދުވަހުއްސުރެ ކުރިމަސައްކަތުގާ ދެމި ހުރެމެ މިއަދު ގައިބާރު ދެރަވެފަ ވަނިކޮށް ވަޒީފާ ގަނޑުގެއްލުން މީ ވަރަށް ބޮޑު ދެރައެއް މިނޫން ކަމެއް ސިވިލް ސަރވިސް ކޮމިޝަނުންވެސް މި ފަހަކަށް އައިސް ނުކުރޭ ކޮމިޝަނުގެ އަތް ދޫކޮށްލުން އޭގެ ނިހާޔަތުގަ އެންމެ ފަހުން ނެރުނު ސަރކިއުލަރގަވެސް އޮތީ ހާތައް ދުވަހު ކުރި މަސައްކަތުން ލިބިފަވާ އިންކްރީމެންޓު އެހެން ވަޒީފާއަކަށް ބަދަލްވާނަމަ ކެނޑޭގޮތަށް މިދެން ކޯއްޗެއްތީޯ މީ ކަނޑާލަން މީ އެވަރުގެ އެއްޗެއްތޯ އެކަނޑާލުމުން ސަރުކާރަށްވާ ފައިދާއިން ރާސްލާފަ އަރަނިވާ ވަރުގެ ޢަދަދު ތަކެއްތޯ މީ މީހަމަ ކޮމިޝަނަސް މިހާރު އައިސްގެން އުޅޭ މެންބަރުން ނުފޯރާ ފޮތިން ފޫގެޅުން މިކަހަލަ ކަންތައް ދިމާވަންޏާ ކުދި ކިޔާނެ ކުށްވެރިވެސް ކުރާނެ ފުންކޮށް ފުޅާކޮށް ނުވިސްނަނީ ކޮމިޝަނުން
އައިމިނާފުޅު
14 June 2017
މިތިބަ ގަމާރުންތަކާ. އައްޑޫސިޓީ ކައުންސިލްގައި މިނިސްޓްރީތަކާއި ޑިޕާޓްމެންޓްތަކުގެ ގޮފިތައް އުފައްދާފަ އެތަންތަނަށް ބޭކާރު ކޮމްޕިއުޓަރ ސިސްޓަމްތައް ލާފަ ކޮންމެ ކޮމްޕިއުޓަރަކަށް ބޭކާރު މީހުން ލާފަތިބޭ ފަދައިން ފުވައްމުލައް ސިޓީއަށް އެކަންކަން ފުރިހަމަކޮށް ނުދެވެންވީ ކީއްވެ؟ ދެ ކައުންސިލަކީ ވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އުފައްދާފައިވާ ދެ ކައުންސިލް ވިއްޔަ.
ޖައްސަބަލަ
14 June 2017
ފުވައްމުލަކުގައި އަނެއްކާ ވެސް އަލަށް ކަނޑައަޅާ އިދާރާ ތަކުގައި ސިވިލް ސާރވިސް އިތުރު ވަޒީފާ އުފައްދާ ވާހަކަ ތަމެން ސިވިލް ސާރވިސް ކަމިޝަނުން ތިޔާ ބުނަނީ އެމެންނަށް އެދޭ މުސާރަ އާއި އިނާޔަތް ތަކަކީ އެއީ ތަމެން ހޯދާފައި ބަހައްޓާފައި ހުންނަ ފައިސާ ތޭ އޭން ބުނެބަލަ ބުނެބަލަ ބުނެބަލަ. ނުޖެހޭނެ ސިވިލް ސާރވިސް އިން ދެން އެންމެ ވަޒީފާ އެއް ވެސް ޓެކްސް ޕޭޔަރ މަނީން ޕޭކުރާ ގޮތަށް ފުވައްމުލަކުގައި އުފައްދަން. ލޭއޮފް ކުރާ އެންމެން ރިސޯރޓްސް ތަކަށް ފޮނުވާ ރިސޯރޓްސް ތަކުގައި އެހެރީ ވަޒީފާ. މިރާއްޖޭގެ މީހުން ކަންނެތް ކުރުމުގެ މައިގަނޑު މައްސަލަ އަކީ އެއީ ސިވިލް ސާރވިސް ކަމިޝަން އޭ މަމެން ބުނަން ނެތީމު އެވެ. ސްޕްރީމް ކޯޓް މެދުވެރިކޮށް ނަމަވެސް އެބަޖެހޭ ސިވިލް ސާރވިސް ކަމިޝަންގެ މެމްބަރުން އައްޔަން ކުރަން ޖެހޭނީ ސީދާ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކަނޑައަޅާ އަދި ސިވިލް ސާރވިސްގެ ޓޮޕް ލޭޔަރ ސްޓްރީމް ލައިން ކުރަން. ސިވިލް ސާރވިސްގެ %95 މިނިސްޓްރީ ތަކުގައި އާއި ރަށްރަށު އޮފީސް ތަކުގައި މަސައްކަތް ކުރާ މީހުން ނުކުރޭ އަތުން ފައިން އެއްވެސް މަސައްކަތެއް. މުޅިން އަމުރުކުރާ މީހުން ތިބެނީ. އެހެން އެކަން ވެގެން ނުވާނެއެވެ. އެއަަށް ބަދަލު އަންނަން ޖެހޭނެއެވެ. ޖެހޭނެއޭ ޖެހޭނެއޭ. ޖެހޭނެއޭ. އައި ޑޮންވޮނާ އެކްސެޕްޓް އަދަރ އޮޕްޝަންސް.
ރަށިކެޑެމީހާ
14 June 2017
މިނޫނީ ނުދެކެން ރައްޔިތުންނަށް ނިކަމެތިކަން ދީގެން ރުހުން ހޯދަން އުޅޭސަރުކާރެއް އަދިވެސް ގޮތްދޫނުކޮށް ރައްޔިތުންނަށް ބިރުދެއްކުން ނޫންނުކުރޭ ތިގޮތަށް ރައްޔިތުންގެ ރުހުމެއް ނުލިބޭނެ
މަލީ up
14 June 2017
ސިޓީއެއްގެ ދަރަޖަ ދިނުމުން ތިވީ ބޮޑު ގެއްލުމެއްނު. އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައީ. ނަމަކުންވީ މޮޅެއް ނެތެއްނު.
ގިވްއިން
14 June 2017
ފުވައްމުލަކު ކައުންސިލްތަކުގެ މުވައްޒަފުންނަށް ނޯޓިސްދިނުން އެއީ ވަރަށް ރަނގަޅަށް ސަރުކާރުން ކުރެއްވި ކަމެކެވެ. ސަރުކާރުގެ ވޭޖް ބިލް މިހާރުވެސް މާ ބޮޑެވެ. ސިވިލް ސާރވިސްގައި ވަކިން ޕީއެސްގެ މަގާމް ކިޔާ މަގާމެއް ގައި މީހަކު އިންނާން ނުޖެހޭނެއޭ އެއީ އަދި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގެ މަގާމަކަށް ވެގެން ވެސް ނުވާނެއޭ އެ ވާން ޖެހޭނީ ހަމަ ޑިރެކްޓަރ ލެވެލްގެ މަގާމަކަށޭ. އަދި ޕީއެސް މެން މިނިސްޓަރުގެ ބިއުރޯ އިން ނެރެ އާންމު އިދާރީ ބައިގައި މޭޒެއް ދީފައި ބޭންދުމުން ހުންނާނީ ރަނގަޅަށޭ. ނުޖެހޭނެއޭ އެމެން ފިލާ ތިބެން ކަނބިލި ތައް ތިބޭ ގޮތަށް. މިގޮތަށް އެބަޖެހެއޭ ސަރުކާރުން ސިވިލްސާރވިސް ވެސް މޭޖަރ އޯވަރ ހޯލް އެއް ކުރަން ސަރުކާރުން ނަތީޖާ ނެރެދޭން ބޭނުން ނަމަ. އެއިރުން ނޭ މިގައުމު ލިޓިލް ސިންގަޕޯރ އަށް ބަދަލު ވާނީ. ދީދެން ތިކުއްޖާގެ އެކުވެރި އަތެއް މަމެންނަށް ދީ ދެން ދީ ދެން ދީ ދެން. ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް.
އލހ
14 June 2017
ސިވިލް ސާވިސް ކުޑަކުރުމަކީ ކުރަންޖެހޭމަކެއް. ސަރުކާރުގެ ވޭޖްބިލް ކުޑަކުރިން އެކި ތަންތަނަށް ލާފަތިބި ސްޓޭޓްމިނިސޓްރުންނާއި ކޯޑިނޭޓަރުން މަދުކުރަންވީނުން. އެއިރުން އަހަރެމެން ތިބީޓަށް ޑާންސްކުރަން ވިސްނާނަން.
ބޮލުރޮދި
15 June 2017
ސަރުކާރުގެ ވޭޖް ބިލް ބޮޑުވީމަތަ ދެއިރު ދެދަޅަޔަށް ކާ ބޭހެއްހެން ކޮންމެ އޮފީހަކަށް ދިހަބާރަ ކޯޑިނޭޓަރުންނާއި ތަނަށް ނުކަތާ ވަރަށް ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުންގެ ނައިބުންނާއި ލާފަ ބޮޑެތި މުސާރަތައް ދީފަ ބައިތިއްބަނީ؟
ވަޒީރު ދޮންބެ
14 June 2017
ކިހާ ހެޔޮފުޅު
ކޮރަކަޓާލް
14 June 2017
ރައްޔސތުން ގަޔަކުވެސް ސިޓީ ކައުންސިލެއްގެ ދަރަޖަ ދޭހާ ފެންވަރެއްނެތެވެ