މޮރިޝަސްގައި އެންމެ ފަހުން ކުރިއަށްދިޔަ ބެޑްމިންޓަން މުބާރާތުގައި ވާދަކުރި ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން.-- ފޮޓޯ: ބީއޭއެމް
01 ޖުލައި 2017 - 13:01
ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތް މެދުކެނޑުމަކަށް ފަހު މި އަހަރުގެ އޮކްޓޫބަރު މަހު ބާއްވަން ނިންމާފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބުނެފި އެވެ.
މި މުބާރާތް ވަނީ 2010 އިން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ހަތަރު ފަހަރު ބާއްވައިފަ އެވެ. ފާއިތުވި ތިން އަހަރު ނުބޭއްވުނީ ކުޅިވަރު އެކުވެނި އިންޑޯ ކޯޓު ހަލާކުވުމާއި ގުޅިގެން މަރާމާތު ކުރުމާ އެހެނިހެން ގޮތްގޮތުން ދިމާވި ދަތިތަކާ ހުރެ ކަމަށް ބީއޭއެމުން ބުނެ އެވެ.
މި މުބާރާތް ބޭއްވުމަށް ބީއޭއެމުން ފުރަތަމަ ތާވަލުކުރީ މި މަހުގަ އެވެ. އެހެން ނަމަވެސް އެކި ގޮތްގޮތުން ނިންމަން ޖެހޭ ކަންތައްތަކެއް ހުރުމުން މި މުބާރާތް މިހާރު ބާއްވަން ނިންމާފައިވަނީ އަންނަ އޮކްޓޫބަރު މަހު 2 އިން 7 ގެ ނިޔަލަށެވެ.
ބީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު (އިއްޕަ) މިއަދު "މިހާރަ"ށް ވިދާޅުވީ މުބާރާތް އޮކްޓޫބަރު މަހުގައި ބޭއްވުމަށް ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ.
"ގާތްގަނޑަކަށް ހުރިހާ ކަމެއް ނިމިފައި ވަނީ. އިންޓަނޭޝަނަލް މުބާރާތް އޮކްޓޫބަރުގައި ކުރިއަށްދާނެ. އެކި ފަރާތްތަކުގެ އެއްބާރުލުމާ އެކު މި މުބާރާތް ކާމިޔާބުކޮށް ކުރިއަށްގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.
މި މުބާރާތް އެންމެ ފަހުން 2013 ވަނަ އަހަރު ބޭއްވިއިރު، 18 އަށް ވުރެން ގިނަ ގައުމުތަކުން 200 އަށް ވުރެން ގިނަ ކުޅުންތެރިން ބައިވެރިވި އެވެ. މި މުބާރާތަކީ ދިވެހި ކުޅުންތެރިންނަށް އަމިއްލަ ގައުމުގައި ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭން ބީއޭއެމުން ފެށި މުބާރާތެކެވެ.
ބީއޭއެމުން މިދިިޔަ އަހަރު ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑެއްޔެއް ހޯދުމަށް ޕްލޭނަކާ އެކު ދުރު ރާސްތާ ޕްލޭނެއް އެކުލަވާލައިފަ އެވެ. އެ ޕްލޭނުގެ ތެރެއިން ގައުމީ ބެޑްމިންޓަން ޓީމުގެ ބައެއް ކުޅުންތެރިން ވަނީ މިދިޔަ އަހަރު ނޭޕާލާއި ބަންގްލަދޭޝްގައި އޮތް މުބާރާތާއި މިދިޔަ މަހު މޮރިޝަސްގައި އޮތް މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.
އަދި މިދިޔަ މަހު މޮރިޝަސްގައި އޮތް ބެޑްމިންޓަން މުބާރާތުން ރާއްޖޭން ވަނީ ތިން އިވެންޓަކުން ލޯ މެޑަލް ހޯދައިފަ އެވެ. މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ އިވެންޓަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ މެޑެއްޔެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރާސިލް
01 July 2017
މިކަހަލަ ބޭކާރު ކުޅިވަރުތަކަށް ސަރުކާރުން ފައިސާ އިސްރާފު ނުކުރެއްވުން އެދެމެވެ. ދިވެހީން އަދި މިޒާތުގެ ކުޅިވަރުތަކުގައި ވާދަކުރެވޭ ފެންވަރެއް ނެތެވެ.