ލަނޑު ޖެހުމަށް ފަހު މާނޭ (ކ) އާއި ސަލާ އުފާފާޅުކުރަނީ
02 އޯގަސްޓް 2017 - 09:12
މިއުނިކް (އޮގަސްޓް 2) - ޕްރީ ސީޒަން މުބާރާތެއް ކަމަށްވާ އޯޑީ ކަޕްގައި ރޭ ބަޔާން މިއުނިކް އަތުން 3-0 އިން ލިވަޕޫލް މޮޅުވި ނަމަވެސް މި މެޗުގައި ފެނުނީ އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް އެންމެ ބޭނުންވާ ކުޅުން ނޫން ކަމަށް އޭނާ ބުނެފި އެވެ.
އޯޑީ ކަޕަކީ ޕްރީ ސީޒަނުގައި ބަޔާނުން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ބަޔާނެވެ. އެހެން ނަމަވެސް މި ފަހަރުގެ ފުރަތަމަ މެޗުން ރޭ އެ ޓީމު ވަނީ ލިވަޕޫލް އަތުން ބަލިވެފަ އެވެ.
ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ސަޑިއޯ މާނޭ، މުހައްމަދު ސަލާ އަދި ޑެނިއަލް ސްޓަރިޖެވެ. މި މެޗުގައި ލިވަޕޫލްގެ މާކޯ ގްރުޔިޗް ލަނޑެއް ޖެހި ނަމަވެސް ރެފްރީ އެ ލަނޑު ނުލީ ބަޔާން ކީޕަރު ސްވެން އުލްރިއެޝް އަށް ލިވަޕޫލްގެ އެޑަމް ލަލާނާ ހުރަސް އެޅުމުންނެވެ.
މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ މޮޅުވި ނަމަވެސް އޭނާ ބޭނުންވި ކުޅުން އެ ޓީމުގެ ކުޅުންތެރިން ކިބައިން ނުފެންނަ ކަމަށެވެ.
"މޮޅުވުމުގެ ރޫހުގައި ކުޅުންތެރިން ކުޅުނީ. ނަތީޖާ އިން ފެންނަނީ އެކަން ކާމިޔާބުވެއްޖެކަން. އެކަމަކު އަހަރެން ބޭނުންވި ކުޅުމެއް ނުފެނުނު. އެއީ ޕްރީ ސީޒަނަކީ އަހަރެމެން ވަކި ބައްޓަމަކަށް ޓީމު ބިނާކުރަން ކުރާ މަސައްކަތް. އެ ކަމަކު އެކަމުން މި މެޗުގައި މާ ބޮޑު ކަމެއް ހާސިލެއްނުވި. އެކަމަކު ނަތީޖާއާ މެދު ވަރަށް ހިތްހަމަ ޖެހޭ،" ކްލޮޕް ބުންޏެވެ.
ރޭގެ މެޗަކީ މާނޭ އާއި ސަލާ އަދި ފިލިއްޕޭ ކުޓީނިއޯ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމަނައިގެން ލިވަޕޫލުން ކުޅުނު ފުރަތަމަ މެޗެވެ. ކްލޮޕް ބުނީ ތިން ކުޅުންތެރިންގެ ކޮމްބިނޭޝަނަށް ވުރެން މުޅި ޓީމު އެކުވެގެން ކުރާ މަސައްކަތް އޭނާ އަށް މުހިއްމު ކަމަށެވެ.
އޯޑީ ކަޕް ފައިނަލުގައި މިރޭ ލިވަޕޫލް ކުޅޭނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އެތުލެޓިކޯ ފައިނަލުން ޖާގަހޯދީ ރޭ 2-1 އިން ނަޕޯލީ ބަލިކުރުމަށް ފަހު އެވެ. އޯޑީ ކަޕް ފައިނަލް އޮންނާނީ މިރޭ ރާއްޖެ ގަޑިން 23:30 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy