ވިޔަފާރި / ރިޕޯޓް

ގްރީން ޓެކްސް: ގެސްޓް ހައުސްގެ ވިޔަފާރި ފުނޑިދާނެ

ދިއްފުށީގައި ހުރި ގެސްޓްހައުސްއެއް: ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގާތީ އިންޑަސްޓްރީން ދަނީ ކަންބޮޑުވުން ފާޅުކުރަމުން - ފޮޓޯ: ބުކިން.ކޮމް

ރަށްރަށުގައި ހިންގާ ގެސްޓް ހައުސްގެ ވިޔަފާރި ގުޅިފައި ވަނީ ރަށްރަށުގެ އާންމުންނާ އެވެ. އެތައް ބައެއްގެ ވަޒީފާ އެވެ. ރަށުގެ އެންމެ އާދައިގެ މީހާއަށް ވެސް އޭގެ ފައިދާ ލިބެ އެވެ. މިއީ ރިސޯޓްތަކާ އެއް ހަމަޔަކުން ގުނާލެވޭނެ ދާއިރާއެއް ނޫނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން 342 ގެސްޓް ހައުސް ހިންގަ އެވެ. އެއީ 5،057 އެނދެވެ.އެތަންތަނުގެ އޮކިއުޕަންސީ ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު ހަތް ޕަސެންޓް އިތުރުވެފަ އެވެ.

ގެސްޓް ހައުސް ވިޔަފާރި ތައާރަފްވިތާ މާ ގިނަ ދުވަހެއް ނުވަނީސް އެ ވިޔަފާރިއަށް ލިބެމުން އަންނަ ކުރިއެރުން ހުއްޓިދާނެކަމުގެ ބިރު ހީވާން ވަނީ ފަށައިފަ އެވެ. އެ ދާއިރާ ހިންދެމި ނުލެވެނީސް ސަރުކާރުން މިހާރު ވަނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެން ގެސްޓް ހައުސްތަކަށް އަންނަ ކޮންމެ ގެސްޓެއްގެ އަތުން ތިން ޑޮލަރުގެ ޓެކުހެއް ނަގަން ނިންމައިފަ އެވެ. މީގެ ކުރިން ގްރީން ޓެކްސް ނަގަމުން އަންނަނީ ހަމައެކަނި ޓޫރިސްޓް ރިސޯޓްތަކާއި ހޮޓާތަކާއި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންގެ އަތުންނެވެ. އެތަންތަނުން ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ދުވާލަކަށް ހަ ޑޮލަރެވެ.

ސ. ހިތަދޫގައި ހުޅުވަން ތައްޔާރުވަމުން އަންނަ ޕެބްލްސް ގެސްޓް ހައުސް: ގްރީން ޓެކްސް ނަގަން ފެށުމުން ގެސްޓް ހައުސްތަކުގެ ވިޔަފާރި އަށް ގެއްލުންތަކާ ކުރިމަތިވާނެ ކަމަށް ބެލެވޭ

ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން ދަނީ އެކަން ނުކުރަން އެދި އާދޭސްކުރަމުންނެވެ. ގެސްޓްހައުސްތައް ތަމްސީލްކުރާ ގެސްޓްހައުސް އެސޯސިއޭޝަނުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވެސް އެގޮތަށް އެދިފައިވެ އެވެ. އޭގެ އިތުރުން މަޖިލީހުގެ މެމްބަރުންނާއި ޓޫރިޒަމް ދާއިރާގެ ބައެއް ތަޖުރިބާކާރުން ވެސް ދަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގްރީން ޓެކްސް ނަގަން ފަށާތީ، ގެސްޓް ހައުސް ހިންގާ ފަރާތްތައް މިހާރު ތިބީ ކަންބޮޑުވެފަ އެވެ.

"މިހާރު އަލަށް ފަށަން ނިންމާފައި ހުރި ބައެއް ގެސްޓްހައުސް ޕްރޮޖެކްޓްތަކާ ދޭތެރޭ ދަނީ ވިސްނަމުން. ގްރީން ޓެކްސް ނަގަން ފަށައިފި ނަމަ ގިނަ މީހުންނަށް މިކަން ނުކުރެވޭ ވަރަށް ހަރަދުތައް މަތިވެގެން ހިނގައިދާނެ،" ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ހިންގާ ބޭފުޅަކު ވިދާޅުވި އެވެ.

ގެސްޓް ހައުސް އެސޯސިއޭޝަނުން ހޯމަދުވަހު ނެރުނު ބަޔާނެއްގައި ބުނީ ގެސްޓް ހައުސްތަކުން މިހާރު ނަގަމުން އަންނަ ޓެކްސްތަކުގެ އިތުރުން ގްރީން ޓެކްސް ނަގަން ފަށައިފި ނަމަ ސަރަހައްދީ ގައުމުތަކުގެ ބަޖެޓް ރޭޓްތަކާ ވާދަނުކުރެވޭ ޓޫރިސްޓުންނަށް އަގު ބޮޑުވެ މާކެޓް ގެއްލި، އިންޑަސްޓްރީ ހުއްޓުމަކަށް އަތުވެދާނެ ކަމަށެވެ. އެ އެސޯސިއޭޝަނުން ބުނި ގޮތުގައި ރާއްޖޭގެ ގެސްޓް ހައުސްތަކުގެ އެވްރެޖް ރޭޓަކީ ދުވާލަކަށް 50 ޑޮލަރެވެ. ބީޕީޓީ އާއި ޖީއެސްޓީ އާއި ވިތު ހޮލްޑިން ޓެކްސް އަދި ފެނާއި ކަރަންޓާއި ބިމު ކުއްޔާއި މުވައްޒަފުންގެ މުސާރަ ދިނުމަށް ފަހު ފައިދާގެ ގޮތުގައި އޮންނަ މަދު ލާރިކޮޅު ގާނޫނަކުން މަޖުބޫރުކޮށްގެން ނަގަން ފަށައިފި ނަމަ މުޅި ގެސްޓް ހައުސް އިންޑަސްޓްރީ ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް އެސޯސިއޭޝަނުން ބުނެ އެވެ.

މިހާރު އަލަށް ފަށަން ނިންމާފައި ހުރި ބައެއް ގެސްޓް ހައުސް ޕްރޮޖެކްޓްތަކާ ދޭތެރޭ ދަނީ ވިސްނަމުން. ގްރީން ޓެކްސް ނަގަން ފަށައިފި ނަމަ ގިނަ މީހުންނަށް މިކަން ނުކުރެވޭ ވަރަށް ހަރަދުތައް މަތިވެގެން ހިނގައިދާނެ.

"ގެސްޓް ހައުސްތަކުން ކުރިޔަށް އޮތް އެއް އަހަރަށް ހަދާފައިވާ ބުކިންސްތަކާއި އެޖެންޓުންނާ އެކީ ޓެކްސް ހިމަނައިގެން ހަދާފައިވާ އެގްރިމަންޓްތަކުގެ ސަބަބުން ކުރިޔަށް އޮތް އެއް އަހަރު ދުވަހު ސަރުކާރަށް ދައްކަން ޖެހޭ ގްރީން ޓެކްސް މި ދައްކަން ޖެހެނީ ވަރަށް ބޮޑު ގެއްލުމާ އެކީ ގެސްޓް ހައުސް ވިޔަފާރިވެރިންގެ އަމިއްލަ ޖީބުންނެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެސޯސިއޭޝަނުން ބުނީ މި އިންޑަސްޓްރީއަށް އިތުރު ލޮޅުމެއް ނާރައި ކުރިޔަށްދާ ނަމަ މި އަހަރުގެ ސީޒަނަށް އިތުރުވެގެންދާ ގެސްޓް ހައުސްތަކުގެ ސަބަބުން ބެޑް ކެޕޭސިޓީ ޑަބަލްވެ މިހާރު ނަގާ ޓެކްސްތަކުން ސަރުކާރަށް ލިބޭ އާމްދަނީ ވެސް އެތައް ގުނައެއް މައްޗަށް ދާނެ ކަމަށެވެ.

އެކަމަކު ގްރީން ޓެކްސް ނަގާ ވާހަކައާ ގުޅިގެން، އާ ޕްރޮޖެކްޓްތަކަށް ލޮޅުން އަރާނެ ކަމަށް ބެލެވެ އެވެ.

"އަޅުގަނޑު މިހާރު މިދަނީ ކުރިމަގުގައި މިކަން ކުރެވިދާނެތޯ ބަލަމުން. މިހާރު ވެސް މިކަން ކުރަމުން މިދަނީ ވަރަށް ބޮޑު ރިސްކްތައް ނަގައިގެން. އެހެން ހުއްޓާ ކުއްލިއަކަށް ބޮލަށް މި ވައްޓާލި ޓެކްސް އިން އިތުރު ހާސްކަމެއް މި ކުރިމަތިކުރުވީ،" އެ އެސޯސިއޭޝަންގެ މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެސްޓް ހައުސްއެއް ހިންގައިގެން ލިބޭ ފައިދާ މާ ބޮޑު ނޫން ކަމަށެވެ. ބައެއް މަސްމަހު ދެކޮޅު ނުޖެހިގެން އަތުން ވެސް ހޭދަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން އުޅެނިކޮށް ކުއްލިއަކަށް މިއައި ޓެކުހާ އެކު އިތުރު ހަރަދެއް ކުރިމަތިވީ. އަޅުގަނޑުމެން ބައެއް އެޖެންޓުންނާ އެކު މުޅި އަހަރަށް ވެސް ކޮޓަރި ވިއްކާފައި ހުންނާނެ. މިކަހަލަ ކަމެއް ވެދާނެ ކަމަށް ވިސްނައިގެނެއް ނޫން އަގުތައް ހަދާފައި ކޮންޓްރެކްޓްގައި ސޮއިކުރުވީ،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެހެން ވިޔަފާރިވެރިއަކު ވިދާޅުވީ ގެސްޓް ހައުސްތަކުން ސަރުކާރަށް މިހާރު ވެސް ދައްކާ ޓެކްސްތައް މަދެއް ނޫން ކަމަށެވެ. އަދި ގެސްޓް ހައުސްތަކުން އިތުރު ޓެކްސްއެއް ނަގަނީ ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގެސްޓް ހައުސްގެ ވިޔަފާރިއަކީ އަލަށް ދިރެމުން އަންނަ ވިޔަފާރިއެއް. އަޅުގަނޑުމެން ވެސް މިދަނީ ބޭރުގެ އެޖެންޓުންނާ ދެމެދު ވެސް އިތުބާރު ގާއިމުކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަމުން. ދުރާލައި ރޭޓުތައް ފޮނުވައިގެން ބުކިން ހައްދަމުން. އެހެން ހުއްޓާ ކުއްލިއަކަށް މިކަހަލަ ޓެކްސްއެއް އައުމުން އަޅުގަނޑުމެންގެ އަމިއްލަ ޖީބުން އެ ހަރަދު ދޭން މިޖެހެނީ. މިއީ ފޫނުބެދޭވަރުގެ ބޮޑު ގެއްލުމަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ނިންމީ ސަރުކާރުގެ ބަޖެޓް ބެލެންސް އަދި ޑެފިސިޓް ކުޑަ ބަޖެޓަކަށް ހަދާށެވެ.

ޓޫރިޒަމް މިނިސްޓަރު ޒަމީރު މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ /މިހާރު

ސަރުކާރުން ވަނީ އިންޑަސްޓްރީގެ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ކުރިން ނަގަން ހަމަޖެއްސި ހަ ޑޮލަރުގެ ބަދަލުގައި ތިން ޑޮލަރަށް ކުޑަކުރަން ނިންމައިފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ގްރީން ޓެކްސް ނަގަމުން އަންނަނީ ކުރިން ރިސޯޓް ހޮޓާ ފަދަ ތަންތަނުން ނެގި ބެޑް ޓެކްސް އުވާލުމަށް ފަހު އެވެ. އެކަމަކު ޖީއެސްޓީ އާއި ޓީ ޖީއެސްޓީ ނަގަން ފެށުމާ އެކު ކުރީގެ ސަރުކާރުތަކުން ނިންމާފައި އޮތީ ބެޑް ޓެކްސް އުވާލާށެވެ. އޭގެ ބަދަލުގައި އެހެން ޓެކްސްއެއް ނަގަން އޭރު ހަމަޖައްސާފައެއް ނުވެ އެވެ.

އިންޑަސްޓްރީގެ ތަޖުރިބާކާރަކު ވިދާޅުވީ ޓީޖީއެސްޓީ 12 ޕަސެންޓަށް ބޮޑުކުރުމަށް ފަހު ސަރުކާރުން ނިންމީ ދުވާލަކު އަށް ޑޮލަރުގެ ރޭޓުން ނަގަމުން އައި ބެޑް ޓެކްސް އުވާލާށެވެ. ނަމަވެސް އާ ނަމެއްގައި ހަ ޑޮލަރުގެ ޓެކްސްއެއް ނަގަން ފެށީ ބަޖެޓް ހަރަދުތައް ބޮޑުވާން ފެށުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަސްލު ވަރަށް ބޮޑު އޮޅުވާލުމެއް މިއީ. އިންޑަސްޓްރީގެ މީހުން ކައިރީގައި ބުނެފައި އޮތީ ބެޑް ޓެކްސް އުވާލީއޭ ޓީޖީއެސްޓީ ބޮޑުކުރުމަށް ފަހު. އެހެނެއް ނޫން އެންމެ ފަހުން މިހެދީ. މިހާރު އެ އުނދަގޫ ގެސްޓް ހައުސްތަކަށް ވެސް އެ ކުރިމަތިކުރުވީ،" އިންޑަސްޓްރީގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅާ، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމުގެ ބޭނުމަކީ ކޮބައި ކަމެއް ސަރުކާރަށް ސާފުކޮށް ކިޔައެއްނުދެވެ އެވެ. ހަމަޖެހުމުގެ މަގުމަތީގައި އޮތް އާ އިންޑަސްޓްރީއެއް، ބަޖެޓްގެ ހަރަދުތައް ހަމަޖެއްސުމުގެ މަގުސަދުގައި ނަމަވެސް، "ފެލާލުމަކީ" ގެއްލުމެއް ކަމަށް، ގެސްޓް ހައުސްތަކުގެ ވެރިން ބުނަނީ ސަބަބުތަކެއް ހުރެގެންނެވެ.

18 ކޮމެންޓް, 58 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 67%
icon angry icon angry 28%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަޤީރުކަލޯ!

29 June 2016

ގޮރީންޓެކްސް އެއްނޫން! ތީ ބްލޫ ޓެކްސް!

The name is already taken The name is available. Register?

ހަރަމްބަންޒަން

29 June 2016

ބަލަ އިންކަންޓެކްްސް ބޮޑު މުސާރަވެރިންގެ އަތުން ނަގަން ވީނުން ޑިފިސިޓް ކުޑަ ކުރަން. މާލޭގައި މިއުޅޭ ކުލިވެރިން އަދި ބޮޑެތި ވިޔަފާރިވެރިން ގެ މުސާރައިން ބަޖެޓ

The name is already taken The name is available. Register?

ބަނީ

29 June 2016

ގެސްޓް ހައުސް ތަކުގެ ވިޔަފާރީގަ ވަރަށް ބޮޑު އެއްޗެއް ރާއްޖެއިން ބޭރަށްދޭ،، ރާއްޖެއަށް ލިބުމުގެ ބަދަލުގަ.. ވިއްކާ އަގުގެ، 18-20% އޮންލިނަް ކޮށް ވިއްކާ ބޭރު ކުންފުނި ދޭން އޯކޭ... އެކަމަކު ރެއަކަށް ރޫމަކަށް 6 ޑޮލަރު ސަރުކާރަށް ދޭންވީމަ ފުޑެނީ... ބޭރުމީހުނަށް އޯކޭ ރެއަކަށް 15ޑޮލަރު ދޭންވީމަ ނުފުޑޭ... ގެސްޓު ހައުސްތަކުން ފައިދާ ވަނީ ގެސްޓު ހައުސްގެ ވެރިމީހާ އެކަނި، ދިވެހި އެޖެން ނަކަށް ނުދޭނެ ރޭޓް.. ރޭޓްލައިގެން. 18-20% ބޭރު މީހުންނަށް ކޮމިޝަން ދީގެން ތިބެނީ// މިކަމުގެ އަޑީގަވެސް ތިބެނީ ދިވެހިން، ދިވެހިން ފުޑާލަން

The name is already taken The name is available. Register?

އަލިބެއްޔާ

29 June 2016

ގްރީންޓެކްސް ރިސޯޓތަކުން ނަގަމުން ދާތާ 6 މަސްވެފައިވާއިރު ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވުނު ކަމެއްނެތް. ހުރިހާކުންޏެއް އަޅާލަނީ މޫދަށް އެހެންނޫނީ ތިލަފުއްޓަށް. ގެސްޓަހައުސްތަކުން ތި ނަގަންއުޅޭ ޓެކްސް ލިބެންޖެހޭނީ ގެސްޓްހައުސް ހުންނަރަށެއްގެ ތިމާވެށި ރައްކާތެރިކުރުމަށް. އެއިރުން ގެސްޓއިން ނަށް ދެއްކޭނެއެއްނުން އެމީހުން އަތުން ލާރިނަގައިގެން ކުރާ މަސައްކަތް

The name is already taken The name is available. Register?

ފފ

29 June 2016

3 4 ވިޔަަފާރިވެރިންގެ ޖީބަށް ވަންނަންޖެހޭ ވަރުމަދުވެދާނެތީ ކުރަން އުޅޭކަމެއް! ރައްޔިތަކަށް އެއްޗެއް ލިބިދާނެތީ އުޅެނީ!

The name is already taken The name is available. Register?

ޒާހިރު

29 June 2016

ނުފުނޑޭނެ!!

The name is already taken The name is available. Register?

ޒެޑްސް

29 June 2016

ގްރީން ޓެކްސް ނަގަން ނިންމީ ސަރުކާރުގެ ޑެފިސިޓް ކުޑަކޮށް ބަޖެޓް ބެލެންސް ކުރަން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ބުނި އިރު ޓޫރިޒަމް މިނިސްޓަރަށް އެނގޭތަ ގްރީން ޓެކްސް މިއީ ކީއްކުރަން ނަގާ އެއްޗެއްކަން؟ އެއީ ތިމާވެށި ހިމާޔަތްކުރަން ކުރާ އެކިއެކި ކަންކަމަށް ޚަރަދުކުރަން ނަގާ އެއްޗެއް. ގްރީން ޓެކްސްގެ ނަމުގައި ޓެކްސް ނަގައިގެން ބަޖެޓް ބެލެންސްކޮށް ސަރުކާރުގެ ދަރަނި ފޫބައްދަން އުޅޭނަމަ އެއީ ޓެކްސް ފައިސާއަށް ޚިޔާނާތްތެރި ވުން. މިކަމާއި ސަރުކާރުގެ މައްޗަށް ކޮރަޕްޝަން އާއި އަދި މަކަރާއި ހީލަތް އަދި އޮޅުވާލުމުގެ މައްޗަށް ދައުވާކުރެވޭނެ. މިނިސްޓަރުގެ ތަންދޮރުކޮބާ؟ ކިޔޭނުކިޔޭ އެއްޗެއް އެބައެނގޭތަ؟

The name is already taken The name is available. Register?

ދޮގެއްތަ؟

29 June 2016

ކަލޯގެއާ ތިމާވެށި ހިމާޔަތް ކުރަން ސަރުކާރު ބަޖެޓުން ހޭދަކުރާކަށް އޭރުން ނުޖެހޭނެ. ދެން ނަތީޖާއަކަށް ވާނީ ސަރުކާރުގެ ޑެފިސިޓް ކުޑަވުން.

The name is already taken The name is available. Register?

ނުބެހޭތި

29 June 2016

މީ ލިޓިލް ސިންގަޕޫރުގެ ސައިލެންޓް ޑްރީމް ހަގީގަތަކަށް ވާކަމުގެ ކޮޅުމައްޗެވެ. ޝައްކެއްވެސް ނެތްގޮތުގައި ގެސްޓު ހައުސްތަކުން 3 ޑޮލަރުގެ ޓެކުހެއް ނެގިޔަސް ވާނެ އެއްވެސް ގެއްލުމެއް ނޯންނާނެއެވެ. އެހެންނޫނަސް ރާއްޖެތެރޭ މީހުން ކީއްކުރަން ކުރާ ވިޔަފާރިއެއް؟ ރަށް ދޫކޮށްފައި މާލެއަށް އެންމެން އައިސް މި އުފާވެރިކަމުގާ ލިބޭ ލާރިކޮޅު ކުއްޔަށް ދީގެން ސައިލެންޓް ޑުރީމެއް އުޅެންވީއެވެ. އެމީހުން ވިޔަފާރި ކުރަންޏާ ކިއްލި ވިއްކުން އޯކޭ. ޑޮލަރު ލިބޭ ވިޔަފާރި ކުރަންވާނީ ކަމުވޮށިގެންވާ، ތަންދޮރު އިނގޭ މީހުންނެވެ.

The name is already taken The name is available. Register?

ކޮތަވާލިކޯ

29 June 2016

ކުދިވިޔަފާރިތައް ދުއްވާލަން ވެގެން މީރާ އާ ގުޅިގެން އެތަންތަން ޖީއެސްޓީ އޯޑިޓް ކުރަންށޭ ކިޔާފައި ވަދެ އެތަންތަނުން ޓެކްސް އެސެސްމެންޓް ހަދާ އިތުރަށް ދައްކަންއަންގަމުން ދަނީ ވެސް ކުދިވިޔަފާރި ހަލާކުކޮއްލަންވެގެން. އެއްވެސް ރައްކާތެރިކަމެއް ފޯރުކޮއްނުދީ.

The name is already taken The name is available. Register?

އަލިފުތު

29 June 2016

އެއީ ގެސްޓްަހއުސްތަކުން ނަގާއެއްޗެއްނޫން. އަންނަ މެހުމާން ކުރާ ޚަރަދެއް. އެޚަރަދު ރާއްޖޭގައި ކުރާކަން މެހުމާނަށް އެގޭނަމަ ކޮންމެވެސް ދިމާއަކުން ޚަރަދު ކުޑަކުރާނެ. މިއީކީ މައްސަލައެއްނޫން. މިއީ ރާއްޖޭގެ ތަރައްޤީ އަށް ދޭ ހަދިޔާއެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454