ކ. ހިންމަފުށީ މަތިން ނަގާފައިވާ ފޮޓޯއެއް.
24 އޯގަސްޓް 2017 - 10:07
ކ. ހިންމަފުށީގައި މަސައްކަތް ކުރި ބިދޭސީއެއްގެ މަރުގެ މައްސަލާގައި ހައްޔަރުކުރި މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެ އަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.
ހިންމަފުށީގައި ހުންނަ، ލައިފް ފެން އުފައްދާ ޕްލާންޓުގައި މަސައްކަތް ކުރި 38 އަހަރުގެ ބިދޭސީ މީހާގެ މަރުގެ މައްސަލައާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު އެ ރަށުން ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ ދިވެއްސެކެވެ. އެނގިފައިވާ ގޮތުގައި އޭނާ އަކީ ފެން ޕްލާންޓަށް ވަރަށް ގިނައިން ގޮސް އުޅޭ އަދި ކުރިން ފުލުހުންގެ ވަޒީފާގައި އުޅުނު މީހެކެވެ. އޭނާ އަކީ ފެން ޕްލާންޓުގެ މެނޭޖަރާ ވެސް ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށްވެ އެވެ.
މައްސަލަޔާ ގުޅިގެން ފެން ޕްލާންޓުގެ މެނޭޖަރު ވެސް ސަސްޕެންޑްކޮށްފައި ކަމަށްވެ އެވެ.
ބިދޭސީ މީހާގެ ހަށިގަނޑު މިހާރު ބާއްވާފައި އޮތީ މޯޗަރީގަ އެވެ. އެކަމަކު ހަށިގަނޑު އަދި ވެސް މޯޗަރީގައި ބާއްވާފައި އޮތީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ.
މިދިޔަ ރޯދަ މަހު، ހއ. އިހަވަންދޫގައި ހުންނަ އައިސް ޕްލާންޓުގައި މަސައްކަތް ކުރާ ބިދޭސީއަކު ވަނީ އެތަނުގައި އެ މީހުންގެ އެންމެ އިސްވެރިއަކަށް ހުންނަ ދިވެއްސަކު ވެސް މަރާލާފަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ބިދޭސީންތަކެއް ވެސް ހައްޔަރުކޮށްފަ އެެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy