އަގީލް ކޭކެއް އަޅަނީ
09 ސެޕްޓެމްބަރ 2017 - 11:07
ކޭކު އަޅާ ދިވެހި އަންހެނުންގެ ވާހަކަތައް ވަރަށް ގިނައިން އިވެ އެވެ. އެކަމަކު ޒިންމާދާރު ވަޒީފާއެއް އަދާކުރަމުން، ކޭކު އަޅަން މަޝްހޫރު ޒުވާން ފިރިހެނެއްގެ ވާހަކަ ލިޔަން ލިބޭނީ މަދު ފަހަރަކު އެވެ.
ފަންޑް ރައިޒް ކުރުމަށް މާލޭގައި "ކޭކު ޑޯނާސް"ގެ ނަމުގައި ކޭކު އަޅާ ސަތޭކައެއްހާ މީހުންގެ ގުރޫޕެއް އޮންނައިރު، އުމުރުން 21 އަހަރުގެ މުހައްމަދު އަގީލަކީ އޭގެ ތެރޭގައި ހިމެނޭ އެންމެ ހަގު އަދި ހުރި ހަމައެކަނި ފިރިހެނެވެ. މާލޭގައި ވެސް އޭނާ ނޫނީ އެހާ ޅައުމުރުގައި ބޮޑެތި ކޭކު އޯޑަރުތަކުގައި ހިފާ ޒުވާނެއް ހުރި ހެނެއް ހިޔެއް ނުވެ އެވެ.
އަގީލް ތައްޔާރުކޮށްފައިވާ ވެޑިންކޭކަކާއި ޑެޒަޓް ޓޭބަލްއެއް
ކޭކު އެޅުމަކީ އަގީލުގެ ދެވަނަ ޖޮބެވެ. އޭނާގެ އަސްލު ވަޒީފާއަކީ ކެބިންކުރޫ ކަމެވެ. އެކަމަކު "ފްލައި މީ" ގައި ބައެއް ދުވަސް ދުވަހު 12 ގަޑިއިރު މަސައްކަތް ކުރުމަށް ފަހު، ގެއަށް އައިސް އޭނާ ހުސް ވަގުތު ފުރާލަނީ ކޭކު އެޅުމުގަ އެވެ. އުފަންދުވަހުގެ ކޭކުގެ އިތުރުން އޭނާ ދެން އެންމެ ގިނައިން އަޅަނީ ވެޑިން ކޭކެވެ.
ކޮންމެ ދުވަހަކު މަތިންދާބޯޓުގައި ތަންތަނަށް ދަތުރު ކުރަންޖެހޭ ވަޒީފާއެއް އަދާކުރަމުން، ކޭކު އެޅުން ފަދަ ބުރަ މަސައްކަތެއް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް، ގަދަ އަޅައި މަސައްކަތްކޮށް މީހުންގެ ލޯބި ހޯދުން އޭނާއަށް މުހިއްމުވި އެވެ.
ހދ. މަކުނުދޫއަށް އުފަން މި ޒުވާނާ އަޅާ ކޭކު ވައިގައި ހިފައި، މީހުންގެ އިތުބާރު ލިބެން ގިނަ ދުވަސްތަކެއް ނެގި އެވެ. އެންމެ ބޮޑު ހުރަހަކީ ފިރިހެނަކު އެ ފަދަ މަސައްކަތެއް ކުރަން މީހުން މާ ގަޔާނުވުމެވެ.
އަގީލް ޔުނީފޯމުގައި
"އެންމެން ވެސް ބުނީ މިއީ އަންހެނުން ކުރާ މަސައްކަތެއް ނޫންހޭ. އެންމެ ފުރަތަމަ، މަންމަ ވެސް ބޭނުމެއް ނުވި އަގީލް މި މަސައްކަތް ކުރާކަށް. ގިނަ މީހުން މި މަސައްކަތް އެންމެ ފުރަތަމަ ބަލައެއް ވެސް ނުގަތް،" އޭނާ ބުންޏެވެ.
އަގީލްގެ ކޭކު އެޅުމުގެ ކެރިއާ ފެށުނީ މީގެ ހަ އަހަރު ކުރިން، ރަށުގައި ކްލާސް ކުއްޖެއްގެ އުފަންދުވަސް ފާހަގަކުރުމަށް ކޭކެއް އަޅައިދިން ހިސާބުންނެވެ. އޭރު އޭނާއަށް އެންމެ 15 އަހަރެވެ.
އަވައްޓެރިއަކު ކޭކު އަޅާތަން ބަލައިގެން، ކޭކު ފުށްޕެކެޓަކުން އޭނާ އެޅި އެ ކޭކު އެންމެންނަށް ވެސް ވަރަށް މީރުވި އެވެ. ކޭކުގައި އައިސިން ޖަހަން ވެސް އޭނާ ދަސްކުރީ އެގޮތަށެވެ.
ސްކޫލު ނިންމައި، އެންމެ ފުރަތަމަ އޭނާ ވަޒީފާ އަދާކުރަން ފެށީ ރަށުގެ ފިހާރައެއްގަ އެވެ. ކޭކު އަޅާހިތްވާލެއް ބޮޑުކަމުން، އެތަނުގައި އިނދެ ކޭކުގައި އައިސިން ޖަހަން ފެށި އެވެ. މީހުންނަށް އަގީލު ކުރާ މަސައްކަތް ފެންނަން ފެށީ އެހާ ހިސާބުންނެވެ.
އަގީލް އަޅާފައިވާ ވެޑިންކޭކަކާއި ޑެޒަޓްޓޭބަލްއެއް: މި ކޭކު އެޅުމަށް ތިން ދުވަސް ހޭދަވި ކަމަށް އޭނާ ބުނި
"ގެއިން ފިހާރައަށް ދަނީ ކޭކެއް އަޅައިގެން އެ ހިފައިގެން. ދެން ފިހާރައިގައި އައިސިން ޖަހަން އިންނާތީ އެތަނަށް އަންނަ މީހުންނަށް ފެނިގެން އޯޑަރުތައް ލިބެން ފެށީ،" އާއިލާގައި ހުރި ހަމައެކަނި ފިރިހެން މެންބަރު ބުންޏެވެ.
އަގީލު އެންމެ ފުރަތަމަ ކޭކެއް އަޅައިދިނީ 200 ރުފިޔާ އަށެވެ. ކޭކު އަޅާކަން އެނގުމާއެކު، ހަފުތާއަކު ދެތިން ކޭކުގެ އޯޑަރު އޭނާއަށް ލިބުނެވެ. އޭރު ކޭކު އަޅަން އެހާ މޮޅު ނޫނަސް، ދުވަހަކަށް ވުރެ ދުވަހެއް އޭނާ އައީ އެކަމުގައި ކުރި ހޯދަމުންނެވެ.
ވަޒީފާ އަދާކުރުމަށް މާލެ ބަދަލުވުމާއެކު، އަގީލުގެ ކޭކު އެޅުމަށް ކޮންމެވެސް ވަރެއްގެ މެދުކެނޑުމެއް އައެވެ. އޭނާ އެކަން ކުރާކަން މީހުންނަށް ނޭނގޭތީ އޯޑަރުތައް ނުލިބެނީ އެވެ. އޭރު އޭނާ ކޭކު އަޅައިދިނީ ހަމައެކަނި ރަހުމަތްތެރިންނާއި އާއިލާ މީހުންނަށެވެ.
އެކަމަކު ފޭސްބުކްގައި "ކޭކްސް ބައި ގީލް"ގެ ނަމުގައި ޕޭޖެއް ހަދައިގެން، ކޭކު އަޅާކަން އިޝްތިހާރުކުރަން ރަހުމަތްތެރިއަކު ދިން ހިޔާލާއެކު އަނެއްކާ ވެސް އޭނާގެ އެ ކެރިއަރުގައި ކުރި ފަޅައިފި އެވެ. މަދުމަދުން ލިބޭ އޯޑަރުތަކުގައި އޭނާ ހިފީ، މާލޭގެ ފިހާރައެއްގައި މަސައްކަތް ކުރަމުންނެވެ.
އަގީލް ތައްޔާރުކޮށްފައިވާ ވެޑިން ކޭކެއް
ކޭކު އެޅުމުގައި އާ އުކުޅުތަކެއް ދަސްކޮށް، އާ ލެވެލްއަކަށް އެކަން ގެންގޮސް ދިނީ އޭނާ ކޭކު ޑޯނާސްއާ ގުޅުނު ހިސާބުންނެވެ. ފިރިހެނަކު އެކަން ކުރަން މާ ޝައުގުވެރިކަން ހުރުމުން، އެ ގުރޫޕުގައި ހިމެނޭ އޭނާގެ "މަންމައިން" ފަދަ އެކުވެރިން އެކަމަށް ވަރަށް ބޮޑަށް އެހީތެރިވެދީ އާ ގޮތްގޮތަށް ކޭކު އަޅަން ދަސްކޮށްދިނެވެ.
"ކުރިއަކުން ނޭނގޭ ފޮންޑެންޓް (ހާޑް އައިސިން) ބޭނުންކޮށްގެން ކޭކު އަޅާކަށް. އެކަމަކު ކޭކު ޑޯނާސްއިން ޝެރިން އެކަން ދަސްކޮށްދިނުމާއެކު، އެކި ޑިޒައިންތަކަށް ކޭކު އަޅަން ފަށައިފިން." އޭނާ ބުންޏެވެ.
ކޭކު އެޅުމުގެ އިތުރުން އަގީލު އެންމެ ކުރާހިތްވާ ކަމަކީ ކެބިންކުރޫ ކަމެވެ. އެ ހުވަފެނާ ވީހާ ވެސް ގާތުގައި މަސައްކަތް ކުރުމަށް އޭނާ ދެން ވަޒީފާ އަދާކުރަން ފެށީ އެއާޕޯޓުގެ ޑިއުޓީ ފްރީގަ އެވެ. އެތަނުގައި މަސައްކަތް ކުރާތާ މާގިނަ ދުވަސްތަކެއް ނުވެ، ފްލައިމީ އިން ވަޒީފާ ލިބިއްޖެ އެވެ.
އަގީލްގެ "ޑްރީމް ޖޮބް" ލިބުނު ނަމަވެސް ކޭކު އެޅުން އޭނާ ހުއްޓައެއް ނުލަ އެވެ. އޭގެ ބަދަލުގައި އޭނާ އެކަން ފުޅާކޮށް، ފުރަތަމަ ފަަހަރަށް ވެޑިން ކޭކު އަޅަން ފެށި އެވެ. ފުރަތަމަ ރަހުމަތްތެރިންގެ ކައިވެނި ޕާޓީތަކަށެވެ. ފަހުން، އެކަން ކުރެވޭނެކަމުގެ ޔަގީންކަން ލިބުމުން އާއްމުކޮށް ހުޅުވާލައިގެން ވެސް އޯޑަރުތައް ނަގަން ފެށި އެވެ.
ފްލައި މީގެ ބޯޓެއްގައި އަގީލް ފަޅުވެރިންނަށް އިރުޝާދު ދެނީ
ކެބިންކްރޫގެ ވަޒީފާގައި އަގީލު ބައެއް ދުވަސް ދުވަހު 12 ގަޑިއިރު ވެސް މަސައްކަތް ކުރެ އެވެ. އޭނާ ކޭކު އޯޑަރު ނަގަނީ، ކުރިއަށް އޮތް ދުވަހު ޑިއުޓީ އޮންނަ ގޮތަށް ބަލައިގެންނެވެ. ހަވީރު ނިންމަން ޖެހޭ ކޭކަކާ ހަވާލުވަނީ ފަތިހު ޑިއުޓީ އޮންނަ ނަމަ އެވެ.
"ޑިއުޓީ ނިންމާފައި އަންނަ ގޮތަށް ކޭކު އަޅަން ފަށަނީ. އައިސިން ޖަހާ ހުރިހާ ކަމެއް ނިންމާލެވޭ ތިން ގަޑިއިރެއްހާއިރުން. އެކަމަކު އެއީ ވަރަށް ގިނަ މަސައްކަތް،" އޭނާ ބުންޏެވެ.
ކޭކުގެ އިތުރުން އުފަންދުވަހާއި ކައިވެނީގެ ޕާޓީތަކަށް އޭނާ، ކޭކާ އެކު "ޑެޒަޓް ޓޭބަލް" ވެސް ތައްޔާރުކޮށްދެ އެވެ. އެކި ގޮތްގޮތަށް އަޅާފައި ހުންނަ ކުކީސް އާއި ކަޕްކޭކާއި މެކަރޫން ފަދަ އެއްޗެހި ތައްޔާރުކޮށްދޭއިރު، އެއީ ވެސް އޭނާގެ ހުނަރުވެރިކަން ފެންނަ މަސައްކަތެކެވެ.
ވަޒީފާއަށް ދަމުން، މިހާރު ވެސް އޭނާ ހަފުތާއަކު މަދުވެގެން ދެ ކޭކު ވަރު އަޅަ އެވެ. ބައެއް ހަފުތާތަކުގައި ކޮންމެ ދުވަހަކު ވެސް ކޭކެއް އަޅަން ޖެހެ އެވެ. މަސައްކަތް ބުރަ ނަމަވެސް އޭނާއަށް މިކަމުން ލިބޭ އާމްދަނީ ވެސް ރަނގަޅެވެ.
ކައިވެނި ޕާޓީއަކަށް އަގީލް ތައްޔާރުކޮށްފައިވާ ޑެޒަޓް ޓޭބަލްއެއް
"ޑެޒަޓް ޓޭބަލް" އާ އެކު އޭނާ މިހާރު ތިން ބުރީގެ ކޭކެއް އަޅައިދެނީ 8،000-7،000 ރުފިޔާ އަށެވެ.
މިހާތަނަށް އޭނާ އެންމެ ބުރަކޮށް މަސައްކަތް ކުރި ކޭކަށް ތިން ދުވަސް ހޭދަވި އިރު، އެންމެ ބޮޑު ކޭކެއް އަޅައިދިނީ ހައުސިން މިނިސްޓްރީގެ އެނިވަސަރީ ފާހަގަ ކުރަން ބޭއްވި ހަފުލާއަކަށެވެ.
ކުރިން ގިނަ ބަޔަކު ފާޑު ކީ ނަމަވެސް މިހާރު އަގީލަށް މިކަމުން ލިބޭ ލޯތްބާއި ތަރުހީބު ބޮޑެވެ. އޭނާގެ ހުނަރުވެރިކަން ފެނި، އެކަމުގައި ކުރިއަށް ދާން އެންމެ ބޮޑު ހިތްވަރެއް ވެސް ފަހުން ލިބެން ފެށީ މަންމަ އާއި އާއިލާގެ ފަރާތުންނެވެ.
"ރައްޓެހިން ވެސް ވަރަށް ސަޕޯޓިވް ވާނެ. ބައެއް ދުވަސް ދުވަހު ޑިއުޓީ އަށް ދާއިރު ކޭކެއް ހިފައިގެން ދަނީ. ހުރިހާ ކެބިންކްރޫއިންނާ އެންމެންނަށް އެ މީރުވެގެން އުޅޭތީ ވަރަށް އުފާވޭ،" އަގީލް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙހޖދ
10 September 2019
މަރްހަބާ އަގީލް .. ހީ އޯލްވޭސް ހޭވް އަ ގްރޭޓް އެޓިޓިއުޑް..
ލުއުލުައު
10 September 2017
ހިއްވަރު ގަދަ
ޛާދާ
10 September 2017
ބުރޯ ޕުޜޮފެޝަނަލް ޝެފަކައްވޭ 6000 ޑޮލަރު މުސާރަލިބޭނެ
އަގީލު އަށް ސާާބަސް
10 September 2017
ފޭރިގެން ވަށްކަން ކޮށް ލޫޓުވާގެން ފާޑުފާޑުގެ ސައިކަލުގައި ބޯ ހާމުންޑި ހަދާގެން އެއުޅެނީ ފިރިހެނުން ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮންނަނީ. .. މީހާ ފިރިހެނަކަށް ވަނީ ހަލާލު މަސައްކަތުން އާއިލާ އާއި އަނބިދަރިން ނަށް ހަރަދު ބެލެހެއްޓުމުގެ ގާބިލުކަން ލިބުނީމާ
ހަމީ
09 September 2017
އަގީލަކީ ވަރަށް ހިތްވަރުގަދަ ކެރޭޒުވާނެއް މިގައުމަށްބޭނުންވަނީ ތިކަހަލަ ޒުވާނުން އެކީގަ ދަތުރުކުމުގެނަސީބުވެސްލިބިބިފަވާތީ ވަރަށް އުފާވޭ
kalow
09 September 2017
ސާބަހޭ ދޮންކަލޯ ތީ ފިސާރި ފިރިހެނެއް. ހަލާލު މަސައްކަތް ކޮއްގެން ތާހިރު ދިރިއުޅުމެއް އުޅެން ކުރަން ވަކި މަސައްކަތެއް ނޯންނާނެ.
ސިސްކްމެޑިސިން
09 September 2017
ގަދައޭ ބުރޯ ހޯޕް ފޯރ މެން ހޯޕް ފޯރ މެން
ފިރިހެން ބައްޕައެއް
09 September 2017
ވަރައްމޮޅުއިންގޭ
ޙަސަން
09 September 2017
ޢަޤީލް އަކީ މުރާލި، ހުނަރުވެރި ޒުވާނެއް! ހިތްހެޔޮކަމުގެވެސް މިސާލެއް! އެނގިފައިވާ ގޮތުން ޤުރުއާންވެސް ރީތިކޮށް ކިޔަވާ ކުއްޖެއް! މާޝާﷲ
ާåģèèĺ ģè şıš
30 January 2020
ށުކުރިޔާ
މެންޓަލިސްޓް
09 September 2017
އަސްލުގައި ކެއްކުމާއި ކޭކުއެޅުމާއި އެދުތަންމަތި އެޅުމާއި ކުނިކެހުމާއި އިސްތިރިކުރުމަކީ އަންހެނުން ކުރާކަމެށްކަމަށް މިއޮންނަނީ ދިވެހިންގެ ތެރޭގަޔާއި އަދި މިޑްލްއީސްޓްގައި އަދި އޭސިއާގައި ބޮޑަށް ކުޑައިރުއްސުރެންވިސްނާދީފައި ،، އެހެންވެ ރާއްޖޭގައިވެސް އެކަންއޮންނަނީއެހެން ،، އެކަމު މީގައި ގަބޫލްކުރަންޖެހޭ އަސްލަކީ މިހާރުދުނިޔޭގައި ތިބި މަޝްހޫރު ހުރިހާ ޝެފުންގެ %90 މީހުންނަކީ ފިރިހެނުންކަން ،،، ވައިންޓޭސްޓަރުންގެ ގެ ބޮޑުބަޔަކީ ހަމަ ފިރިހެނުން ،، ފެޝަންއިންޑަސްޓްރީގައި އުޅެނީވެސް ބޮޑަށް ފިރިހެނުނުން ،، ރާއްޖޭގައިވެސް އަދިބޭރުގައިވެސް ހޮޓާތަކާއި ގެސްޓްހައުސްތަކުގައި ރޫމްބޯއީ ނޫނީ އެނދުތަނމަތި އަޅާނީވެސް ފިރިހެނުން ،،، މިދިގުދެމިގެންވާ ވާހަކައެއް ،، ކޮމެންޓްއެއްގޮތުގައި ހުރިހާވާހަކައެއް ލިއެވޭކަށްނެތް ،،، ވަރަށްވެދުން