ބްލޮގަރު ޔާމީން ރަޝީދު
17 ސެޕްޓެމްބަރ 2017 - 20:19
ބަޔަކު ރާވައިގެން އަނިޔާވެރި ގޮތަކަށް ބްލޮގަރު ޔާމީން ރަޝީދު މަރާލީ ފުލުހުންގެ އިހުމާލު އޮވެގެން ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމަކީ ލިބުނު ބޮޑު ހިތާމައެއް ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
ޔާމީންގެ އާއިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އޭނާއަށް ބަޔަކު ރާވައިގެން އިންޒާރު ދިނުމާ ގުޅިގެން ފުލުހުންނަށް ތަކުރާރުކޮށް އެ މައްސަލަތައް ބަލައިދިނުމަށް އެދުމުން ވެސް އެކަން ތަހުގީގުކޮށް އެކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމުން ފުލުހުންގެ އިހުމާލު އެކަމުގައި ހިމެނޭ ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ. އަދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނުބަލަން މިއަދު ނިންމި ނިންމުމަކީ ލިބުނު ބޮޑު ހިތާމައެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ޔާމީންގެ އާއިލާއިން ބުނި ގޮތުގައި އޭނާއަށް ތަކުރާރުކޮށް ބަޔަކު އިންޒާރު ދެމުންގޮސް މިދިޔަ އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ ދަންވަރު ވަރަށް އަނިޔާވެރިގޮތަކަށް މާރަލަން ފުރުސަތު ލިބުނީ، ބަޔަކު ދެމުން ދިޔަ އިންޒާރުތައް 2010 އިން ފެށިގެން ފުލުހުންނަށް ހުށެހެޅުމުން ތަހުގީގުކޮށް ރައްކާތެރިކަން ފޯރުކޮށްނުދިނުމުންނެވެ. އެހެންކަމުން އެކަމުގައި ފުލުހުން އިހުމާލު އޮތް ކަމަށް އާއިލާއަށް ގަބޫލުކުރެވޭ ކަމަށް ބަޔާނުގައިވެ އެވެ.
އެ މައްސަލަ ޔާމީންގެ އާއިލާ އިން ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ މެއި 3 ގަ އެވެ. އެ މައްސަލަ މެއި 23 ގައި ކޯޓުން ބަލަގަނެ ހަތަރު އަޑުއެހުން ބޭއްވުމަށް ފަހު، މިއަދުގެ އަޑުއެހުމުގައި ހުކުމްކުރީ އެ މައްސަލަ އެކޯޓުން ބަލައި ކުރިއަށް ގެންދިއުމުގެ އިހުތިސާސް ނެތް ކަމަށެވެ.
"ސިވިލް ކޯޓަށް ޔާމީންގެ އާއިލާގެ ފަރާތުން ހުށަހެޅި މައްސަލަ އެކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅަމުން މައްސަލަ ބެއްލެވި ގާޒީ ވިދާޅުވެފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ފުލުހުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޒިންމާ އަދާކުރުމަށް އިހުމާލުވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެކޯޓުން ބަލައިފި ނަމަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގެ މަގުސަދު ގެއްލިގެން ދާނެ ކަމަށެވެ. ކޯޓުން މި ނުކުތާގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމިއިރު، އެ ނުކުތާއަކީ ދައުލަތުގެ ފަރާތުން ޝަރީއަތުގައި ފާހަގަކޮށްފައިވާ ނުކުތާއެއް ނޫނެވެ. އަދި އެ ނުކުތާއަކީ ގާޒީގެ އަމިއްލަ އިސްނެންގެވުމަށް މައްސަލަ ހުށަހެޅި ފަރާތަށް އެކަމާ ގުޅޭ ގޮތުން ބަހެއް ބުނުމުގެ ފުރުސަތު ދިނުމަކާނުލައި ނިންމެވި ނިންމެވުމެއްކަން ފާހަގަކުރަމެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގެ 30 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުން އެ ކޮމިޝަނަށް ބެލެނީ ވަކި ފުލުހުންގެ މައްސަލަތަކެވެ.
"އެހެންކަމުން، ފުލުހުންގެ އިދާރާގެ ފަރާތުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކުގެ މައްސަލަތައް ނުވަތަ އެ މުއައްސަސާއިން އިހުމާލުވާ މައްސަލަތަކުގެ ޝަކުވާ ހުށަހަޅަން ޖެހެނީ ވަކިވަކި ފުލުހުންގެ މައްޗައްކަން އެމައްސަލައިގެ ނިންމުމުން އެނގެ އެވެ. ނަމަވެސް އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ވަކިވަކި ފުލުހުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކުގެ ޒިންމާ އެ ފުލުހުންގެ އިތުރުން މުޅި ފުލުހުންގެ މުއައްސަސާއިން ވެސް ނަގަން ޖެހޭނެ އެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
ޔާމީންގެ އާއިލާއިން ބުނީ އިންސާފަށް ވާސިލުވުމަށްޓަކައި ގާނޫނު ކުރިމަތީގައި އެ ދެ ފަރާތް ވެސް ޒިންމާދާރުކުރެވެން ޖެހޭނެ ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ އާއިލާގެ ފަރާތުން އިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތަކަށް އެޅުނު ހުރަހެއް ކަމުގައިވީ ނަމަވެސް، ޔާމީނަށް އިންސާފު ލިބެންދެން އަޅުގަނޑުމެންގެ މި މަސައްކަތް ހުއްޓާ ނުލާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
18 September 2017
ކޯޓުތައްވެސް ޑިމޮކްރެސީވެއްޖެއެވެ. އެހެންވީމަ މިހެންވާނެއެވެ.
ޙަޤީޤަތް
18 September 2017
ފުލުހުންކުރާ ކަންކަން ބަލާނެފަރާތެއް ނެތީތެ! ފުލުހުންގެ މަސްޢޫލިއްޔަތާއި ވާޖިބު ރަގަޅަށް އަދާނުކުރެވުމުގެ ސަބަބުން ދިވެހިރައްޔިތަކަށް އަނިޔާލިބިއްޖެނަމަ ނުވަތަ ޙައްގެއް ގެއްލިއްޖެނަމަ އެކަމުގެ މަސްޢޫލިއްޔަތު ނަގަންޖެހޭނެ. ފުލުހުންގެ މުޅިމުއަށްސަސާވެސް މަސްޢޫލިއްޔަތު އުފުލަންޖެހޭނެ. އެމަސްއޫލިއްޔަތު ނަގާނެ މުއަށްސަސާއެއް ނެތީމަ ކޯޓަށް ހުށަހެޅީ. ކޯޓުންވެސް އިންސާފު ޤާއިމު ނުކޮށްދީ މައްސަލަ ބޭރުކޮށްލީ. މުޅިދައުލަތް ފެއިލްވެފަ.
ފޮނިކަލޯ
18 September 2017
މައްސަލަ ބަލާވާހަކަ ތިޔަވިދާޅުވި ފަދައިން މައްސަލަ ބަލައި ނިމޭނެ ދުވަހެއް އެނގިވަޑައި ގަނޭތޯ މިސުވާލުގެ ޖަވަބު އަޅުގަނޑު ބޭނުން ސަބަބަކީ ބަލައޭ ބަލައޭ ކިޔަކަސް އަދި ނުވާނެ ދޯ.....! މީހަކު ކަތިލާފަވެސް ހަމަ ބަލަނީއޭބުންޏަކަސް އަދި ނުނިމޭނެ
ކުނި
18 September 2017
މިގައުމުގައި އިންސާފުލިބެނީ ވަކިބަޔަކަށް އެކަމަކު ކޮންމެވެސްދުވަހަކުން މިކަންވެސް ނިމޭނެ
އެޑްމުންޑޯ
18 September 2017
ތިޔަ އާއިލާ އިން ހުށަހަޅާ ކޮންމެ މައްސަލައެއް ބަލާކަށް ނުޖެހޭނެ ، މިހާރު ތިއުޅެނީ ޗާރޓުން ބޭރުވެގެން
ގޮޑުމޮންޑޯ
18 September 2017
ކީއްވެ ނުބެލެންވީ؟ ފުލުހުންގެ ކަމެއްވީމަތަ؟ މޭ މަހުން ފެށިގެން ސެޕްޓެމްބަރާ ހަމައިން މީ ނުބެލޭނެ ކަމެއްކަން އެގުނީ؟
އަފިހުން ގޮއްޔެ
18 September 2017
އެތަކެއް އަޑު އެހުންތަކެއް ބޭއްވިފަހުން ދެއްތޮ ރޭކާލީ، އިހުތިސާސު ކިޔާއެއްޗަކަށް ކުރަފި އަރާފަ އޮތްކަން، ސާބަސް ކަލޭމެނަށް.
އައްމި
18 September 2017
މައްސަލަތަށް ލާއިރު ތަންކޮޅެއް ތަސައްރަފް ފުދެން ވެއްޖެ މިމައްސަލާގައި ކޯޓެއްނޫން ގޯހީ މައްސަލަ ވެއްދި މީހުންގޯހީ، ފުލުހުން އެމައްސަލަ ރަގަޅަށް އެބަބަލާ
މަރީ
18 September 2017
ފުލުހުން ރަނގަޅަށް ބަލާ އޮންނާނީ މިހާރު އެންމެ ވައްތަރެއްގެ މައްސަލަތަކެއް. އެއީ މިސަރުކާރާ އޮދޮކޮޅު ހުރިހާ މީހުންގެ މައްސަލަތައް. އައްމި ކަހަލަ މީހުންނަށް ގޯސްވާނީ އަބަދުވެސް ހައްގު ހޯދަން އުޅޭ މީހުން ދޯ. ހައްގު ނިގުޅައިގަންނަ މީހުންގެ އެއްވެސް މައްސަލަ އެއް ނޯންނާނެ.
މަންމި
18 September 2017
އައްމި ރައީސް ޔާމީނާ އެކީ ދެތިން ފޮޓޮ ކަނޑާލެވޭ އިރަށް ދުވާލު ރޭގަނޑަށްވެ، ރޭގަނޑު ދުވާލަށް ވާކަށް ނުޖެހޭ ދޯ؟ ޔާމީން ރަޝީދުގެ މައްސަލަ ފުލުހުން ރަނގަޅަށް ބެލިވަރުން ދޯ އޭނާ ފުލު ފުލުގަ މައްސަލަ ހުށައަޅާ އަޅާ ހުއްޓާ އެމާރާލީ؟