ލަންކާއަށް ކުރިން ކުރި ވިއްސާރާ-- މިހާރު ކުރަމުން އަންނަ ވިއްސާރާގައި ލަންކާގައި ދިވެހިން ދިރިއުޅޭ ގެތަކަށް ވަނީ ގެއްލުންތަކެއް ލިބިފަ--
30 ނޮވެމްބަރ 2017 - 12:18
ސްރީ ލަންކާ އަށް މިހާރު ކުރަމުން ދާ ގަދަ ވިއްސާރައިގައި، ދިވެހިން އުޅޭ ބައެއް ގެތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގައި ދިރިއުޅޭ ބައެއް ދިވެހިން ބުނެފި އެވެ.
ސްރީ ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ވަރަށް ބޮޑަށް ގޯސްވެ ބޯކޮށް ވާރޭ ވެހި، ވައި ގަދަވާނެތީ، އާއްމުން ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން އިއްޔެ ހަވީރު ޑީއެމްސީން ވަނީ ރެޑް އެލާޓް ވެސް ނެރެފަ އެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނީ ދިވެހިން އުޅެމުން އަންނަ އަށް ގެއަކަށް އެކި ވަރުގެ ގެއްލުން ލިބުނު ކަމަށެވެ.
އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ހުސައިން މާޒިން ވިދާޅުވި ގޮތުގައި ދިވެހިން ދިރިއުޅޭ ގެއެއްގެ ފުރާޅު އެއްލައިލުމުގެ އިތުރުން ސޯސަން ވިލާގައި ހަރުކޮށްފައި ހުރި ބޯޑްތަކަކަށް ގެއްލުންވެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ލަންކާއަށް ކުރަމުން ދާ ވިއްސާރާގައި ދިވެހިން އުޅޭ ގެއެއްގެ ގަރާޖަށް ގެއްލުންވެފައި-- ފޮޓޯ: ކިޔުންތެރިއެއް
ލަންކާގައި ދިރިއުޅޭ ބައެއް މީހުން "މިހާރު" އަށް ކިޔައިދިން ގޮތުގައި ގިނަ އަދަދެއްގެ ދިވެހިން އުޅޭ ދެހެވެލަ ސަރަހައްދުގެ ބައެއް ގޭތަކުގެ ފުރާޅު އެއްލާލައިގެން އެ ގޭތަކުން ދިވެހިން އެހެން ތަންތަނަށް ބަދަލުވާން ޖެހުނެވެ. އަދި ރޭ ކަރަންޓް ކެނޑުނު ގޮތަށް ދެހެވެލަ އަށް ކަރަންޓް ލިބުނީ މިއަދު ހެނދުނު ކަމަށް އެ މީހުން ބުންޏެވެ.
"ވަރަށް ބޯކޮށް ވާރޭވެހި ވައިގަދަ. ވަރަށް ގިނަ ގަސްތައް ވެސް ހުރީ ވެއްޓިފައި. އެހެންވެ ކަރަންޓް ކެނޑުނު ވަރަށް ގިނަ އިރަށް،" ދެހެވެލާގައި ދިރިއުޅެމުން އަންނަ މުފީދާ އަހުމަދު ބުންޏެވެ.
ކޮލަމްބޯގެ ބޮރެއްލާގައި ދިރިއުޅޭ ދިވެއްސަކު ބުނި ގޮތުގައި އޭނާ އުޅޭ ގޭގެ ގަރާޖުގެ ގޭޓު ވެސް ވަނީ ރޭ އައި ކޮޅިގަނޑުގައި އެއްލާލައިފަ އެވެ.
ލަންކާގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފައިބައިފާނެކަމުގެ އިންޒާރު ނޭޝަނަލް ބިލްޑިން ރިސާޗް އޮގަނައިޒޭޝަން (އެންބީއާރުއޯ) އިން ވަނީ ދީފަ އެވެ.
ނަމަވެސް ވާހަކަދެއްކި ބައެއް ދިވެހިން ބުނި ގޮތުގައި ދިވެހިން އުޅޭ އެއްވެސް ހިސާބެއްގައި ފެންބޮޑުވެފައެއް ނުވެ އެވެ.
މާޒިން ވިދާޅުވީ ލަންކާ އަށް ކުރަމުން ދާ ވިއްސާރަ މިހާރު ރަނގަޅުވަމުން އަންނަ ކަމަށް މޫސުން ލަފާކުރާ ފަރާތްތަކުން ބުނަމުން އަންނަ ކަމަށެވެ. އެކަމަކު ދިވެހިންނަށް އޭނާ ނަސޭހަތްތެރިވެވަޑައިގަތީ މި ދުވަސްވަރު ގެއިން ބޭރަށް ނުނިކުތުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަސްތަނާ
30 November 2017
ދިވެހިން އުޅޭ ގޭގެ ބަލާފަ އެގެތަކަށް އެކަނި ދޯ ގެއްލުން ވަނީ.
އަހުމަދުބެ
30 November 2017
ގެއްލުން ލިބޭ އިރު ބޭނުން ވާނީ ފައިސާގެ އެހީއެވެ. ނޫނީ ހަލާކުވާ ތަނަތަން މަރާމާތު ކުރެވޭނެ ގޮތެކެވެ. ޑިސާސްޓަރ ކޮބާ ހެއްޔެވެ؟
މެންޓަލިސްޓް
30 November 2017
ލަންކާގެ ހުރިހާ ރައްޔަތުންގެ ސަލާމަތަށް އެދި ދުއާކުރަން ،،، ދިވެހިންނަށް ދިވެހި އެމްބެސީން އެހީތެރިވާނެކަމުގެ އުއްމީދުކުރަން ،،،،،، ބޯވިއްސާރައާއި މޫސުން ގޮތްގޮތަށް ބަދަލުވުމަކީވެސް ނޭޗާރ ،،،،، ރއޖ އށ ވސ ތޔ ވއސރއގ އަސަރު އެބަކުރަމުންދޭ ،،،، ވރށވދނ
އަލީ ނާޒިމް
01 December 2017
މަތް ކަލާންގެ މިންވަރު ކުރެއްވި ގޮތޭ މިއީ. މި ތޫފާނަކީ ވެސް. ދެން، ތިއުޅެނީ، މިންވަރު ކުރެއްވި ގޮތް ބަދަލު ވޭތޯތަ؟
ސަރުކާނު
30 November 2017
ލަންކާ އަށް ގޮސްތިބީމަ ލަންކާ އާ ކުރިމަތިވާ ހުރިހާ ކަމެއް ދިމާވާނެ. ރާއްޖޭގަ ތިބިއްޔާ ރާއްޖެއާ ދިމާވާ ކަންތަކާ ދިމާވާނެ. ދެރަކަމެއް ދިމާވިއްޔާ ދެރަ މޮޅުކަމެއް ދިމާވިއްޔާ މޮޅު. ﷲގެ ހަޟްރަތުން އެދެނީ ރަޙްމަތުގެ ވާރޭކަމުގައި ލައްވާ ތޫފާންތަކާ ގަދަފަދަ ވިއްސާރައިން މި ލޮބުވެތި ރާއްޖެއާ ދުނިޔ ސަލާމަތް ކުރެއްވުން
ބުރުގާ
30 November 2017
ލަންކާގައިވެސް ދިވެހިން ހާލުގަޖެހިފަ. ރާއްޖޭގަވެސް ދިވެހިން ހާލުގަޖެހިފަ. ސަރުކާރުން އަވަދިނެތިއުޅެނީ ދެކޮށި ދޭތެރޭ ކޮންމެސް އަސުރުމާ ޖަގަހައެއް ނުހުޅުވިގެން.
ޑެބީ
30 November 2017
ނޫނީ ދެގެދޭތެރޭގައި އެއާޕޯޓެއް ނޭޅިގެން
އަދި
30 November 2017
އަނެއް ބަޔަކު ކޮމެންޓަކުންވެސް ސަރުކާރާ މީހުން ޖެއްސުވޭތޯ ބެލުމައިގެން..
ވާލުސޮރު
30 November 2017
ދެރަ ކަމެއް މިއަދު ލަންކާ އަށް ދާން ނިންމައިގެން މިހިރީވެސް.
ވާލުސޮރު
30 November 2017
ވިއްސާރަވިއަސް މިފަހަރު ދާން ނިންމާފިއިން