މޯލްޑިވިއަންގެ ސީ ޕްލޭނެއް. - ފޮޓޯ: މިހާރު
07 ޑިސެމްބަރ 2017 - 13:02
ރާއްޖޭގައި މަސައްކަތް ކުރާ ޕައިލެޓުންނަށް މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޒަމީރު މިހެން ވިދާޅުވި އިރު، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓުން ވަނީ އަރާމު ކުރަން އެކަށީގެންވާ ވަގުތު ނުލިބި މަސައްކަތް ކުރަން ޖެހޭތީ ކަންބޮޑުވުން ފާޅުކޮށް އެ ކުންފުންޏަށް ޝަކުވާތަކެއް ހުށަހަޅައިފަ އެވެ.
މޯލްޑިވިއަންގެ ޕައިލެޓުންނަށް ކުރިން ހަމަޖެހިފައި އޮންނަނީ ފަސް ދުވަހު މަސައްކަތް ކުރުމަށް ފަހު ދެ ދުވަހު އަރާމުކުރާ ގޮތަށެވެ. ނަމަވެސް މިހާރު ހަމަޖައްސާފައި އޮންނަނީ ހަތް ދުވަހު މަސައްކަތް ކުރުމަށް ފަހު، ޗުއްޓީ ދެ ދުވަސް ދޭ ގޮތަށެވެ.
ބައެއް ޕައިލެޓުން ބުނީ އެ ގޮތަށް ވިދިވިދިގެން ހަތް ދުވަހު މަސައްކަތް ކުރަންޖެހުމުން "ސްޓްރެސް" ވާ ކަމަށެވެ. ކުރިން ނަމަ، ޕައިލެޓުން ފަސް ދުވަހު މަސައްކަތް ކުރުމުން ޗުއްޓީގެ ގޮތުގައި ދެ ދުވަސް ލިބެ އެވެ.
މޯލްޑިވިއަންގެ ޕައިލެޓަކު، އައިލެންޑް އޭވިއޭޝަންގެ އިސްވެރިންތަކާއެކު ފޯނުން ދެއްކި ވާހަކަތަކެއްގެ ކޯލް ރިކޯޑިން ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، އެ ފޯންކޯލްގައި ޕައިލެޓް ބުނެފައިވަނީ ޕައިލެޓުންގެ ޝަކުވާތަކަކީ މަތިންދާބޯޓުގައި ދަތުރުކުރުމުގެ ސަލާމަތާ ގުޅުން ހުރި ކަމެއް ކަމަށާއި އެ ކަން އެތައް ފަހަރަކު ވެރިންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. އެކަމަކު، އެކަން ހައްލުކުރަން "އެއްވެސް ކަމެއް" ނުކުރާ ކަމަށް ބުނެ، އެ ޕައިލެޓް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"އެމްޑީޕީ މީހަކާ ގުޅިފައެއް ނޯންނާނެ، ގްރައުންޑް ކުރާ (ވަޒީފާއަށް ނުނިކުމު ގޭގައި ހުންނަން އަންގާ) ނަމަ، ގްރައުންޑް ކުރޭ،" މައްސަލަ ސިޔާސީ ކުރަން އުޅޭ ކަމަށް އިސްވެރިއަކު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެމުން އެ ފޯންކޯލުގައި ޕައިލެޓް ބުންޏެވެ.
"އަހަރުމެންގެ ޝަކުވާއަކީ ވަރުބަލިވެއްޖެއޭ. މިކަމެއް ނުކުރެވޭނެއޭ."
ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން ދެއްވި ޚިތޯބެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، މަތިންދާބޯޓުތަކުގެ ކްރޫންގެ ގަވާއިދުތަކުގެ ސަބަބުން، ފަޅުވެރިންގެ ފެންވަރު މަތިކޮށް، ޔޫރަޕާއި ކުރިއަރާފައިވާ އެހެނިހެން ގައުމުތަކުން މިހާރު އަމަލު ކުރަން ފަށާފައިވާ "ފެޓީގް ރިސްކް މެނޭޖްމަންޓް ސިސްޓަމް" ގާއިމް ކުރާނެ ކަމަށެވެ.
އެއާއެކު، ވަރުބަލިކަމާ އެކު މަސައްކަތްކުރަން ޖެހުމުގެ ސަބަބުން އޮޕަރޭޝަންސް ދާއިރާ އަށް ދިވާމާ ގޮންޖެހުންތައް މެނޭޖް ކުރެވޭނޭ ނިޒާމެއް އުފަންވެ، އެ ދާއިރާ އިން ސަލާމަތްތެރި ކަމަށް ހުރި ގޮންޖެހުންތަކާ މެދު އެކަށީގެންވާ ފިޔަވަޅެއް އެޅިގެންދާނެ ކަމަށް ވެސް ޒަމީރުގެ ޚިތޯބުގައި ވިދާޅުވި އެވެ.
"މި ކަމުގައިވެސް މި ހިނގަނީ އޭވިއޭޝަން ޕައިނިޔަރިން ގައުމުތަކުން ދައްކާ މަގުތަކުންނެވެ. އަހަރުތަކެއްގެ މައްޗަށް ބިނާވެފައިވާ އެ ފަރާތްތަކުގެ ތަޖުރިބާއާ ފަންނީ ލަފާގެ މަތީންނެވެ." ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރު: ޕައިލެޓުންގެ ޝަކުވާތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި.---ފޮޓޯ: މިހާރު.
ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އޭވިއޭޝަން ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަށީގެންވާ އިންސާނީ ވަސީލަތްތައް ހޯދުމުގެ މައްސަލަ އެވެ. މިއީ އާންމު ގޮތެއްގައި ހުރިހާ ގައުމުތަކާ ކުރިމަތިލާން ޖެހިފައި އޮތް މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތަފާތު ވިސްނުންތަކާއެކު ހައްލު ހިމެނޭ މޮޑެލްތައް ދަނީ ތައްޔާރު ކުރެވެމުންނެވެ. މި ކަމާ ގުޅޭގޮތުން ވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ސަރުކާރަށް އަރުވާ ފަންނީ ލަފައާ އެއްގޮތަށް އަމަލު ކުރުމަކީ ސަރުކާރުގެ ސިޔާސަތުކަމުގައި ދަންނަވަމެވެ،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭވިއޭޝަން ސިނާއަތުގެ ހުރިހާ ކަމެއް އިތުރަށް ފުރިހަމަ ކުރުމަށް، ރަނގަޅު ކުރަން ޖެހޭ ކަންތައްތަކާއި ގިރާ ކުރަން ޖެހޭ ލަނޑުދަނޑިތައް ފާހަގަކޮށް، އެކަންކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެއާޕޯޓުތައް ތަރައްގީ ކުރާނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަނޑައަޅާފައިވާ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ހިފެހެއްޓޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ރާއްޖޭގައި ތަފާތު ވައްތަރުގެ އުދުހުންތައް ކުރިއަށް ގެންދިއުމަށް "އޭވިއޭޝަން ރެކްރިއޭޝަނަލް އޯގަނައިޒޭޝަން" އެޕްރޫވަލް ދޫކޮށްފައިވާ ކަމަށެވެ. އަދި ހެލިކޮޕްޓަރު އޮޕަރޭޝަނާ ބެހޭ ގޮތުން އިނގިރޭސި ވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާ އެކު ވެފައިވާ ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން ކަމާ ގުޅޭ ރިސްކް އެސެސްމަންޓުތައް ހަދައި ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަމާބެހޭ ތަޖުރިބާކާރުން ރާއްޖެ އަށް ޒިޔާރަތްކޮށް ދިރާސާކުރި މި އެސެސްމަންޓުގެ ޑްރާފްޓް ރިޕޯޓަށް ރާއްޖެއިން ކޮމެންޓުކޮށް މިހާރު މިތިބީ ފައިނަލް ރިޕޯޓްގެ އިންތިޒާރުގަ އެވެ،" ޒަމީރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާދިމް
07 December 2017
އެންމެ ފަހުންޖެހުނީ ހަތިޔާރު ބަހައްޓާފަ 6 ވަރކް، 2 ދުވަސް އޯފްދޭން، އެނޫން ޗޮއިސެއްނެތް
ޢޭ330
07 December 2017
ކޮބާތޯ 330 ބޯޓު؟ މީޑިއާއަށް އަރާ މޮޅެތިވާހަކަ ދެއްކޭތޯބަލާބަ
ޙަނީފް
07 December 2017
7 ދުވަހު ޖެހިޖެހިގެން މަސައްކަތޭ؟ ތިގޮތެއް ސޭފެއްނޫން
ގޮވަނީ
07 December 2017
ގޮވަނީ ގޮވަނީ، އަތަށް ގޮވަނީ
ހާރިސް777ހާރިސް
07 December 2017
ތިޔަ އޯޑިއޯ އަޑުއެހިން، ހިތާމަހުރި، ކުންފުނީގެ ވެރިޔަކު އެތަނުގެ މުއައްޒަފުންނާ މިޔައްވުރެ ރީއްޗަށް މުއާމަލާތްކުރެވެން ޖެހޭނެ. ވ ދެރަ
88ދަމާ
07 December 2017
މާފައްވެސްނޭދޭ.
އަހުމަދުބެ
07 December 2017
ޕައިލެޓުން ގިނަވާވަރަކަށް ކުންފުނީގެ އުނދަގޫ ބޮޑުވަނީއެވެ.
ހނަހ
07 December 2017
އިނަޑިޔާއިން ޕައިލެޓުންގެންނަހާދުވަހަކު އައިއޭއެސްއެއް ރަނގަޅެއްނުވާނެ.
ޙަބީބު
07 December 2017
ހާދަހިތްވަރެއްނެތޭ ތީޒުވާނުންގެ ފެންވަރު އަހަރެން ރިޔަލުދޯނީގަ މަހައްދަނީ ފަތިސްނަމާދުން އައިސް ރުކުރާތައްޓެއް ބޯލައިގެން އަނބިމީހާ ފިހެފަ ހުރިތަނުން ފޮނިރޮއްޓަކާ ގޮދާމަސް ކިބައެއްހިފައިގެން ފުރަތަމަވެސް އެރެންޖެހެނީ މޫދައް ފަތާފަގޮސް ބޮއްކުރައް އަރާފަ ބޮއްކުރާ ގެނެސް ބީއްސަނީ ދެންފެންހަމާ ސާމާނު އަރުވައިގެން އޮޑިޔައްދަނީ ހުކުރު ދުވަސްނޫނީ ރަށަކުނުހުންނަން 8 ދަރިން ބަންޖެހޭތީ ހުކުރުދުވަހު ގޭގެ ބައެއްކަންކަންކޮއް ފުޅައްއަޅާ ވަޅުދިޔަހިއްކާ ކުނިއުކާ ހަދަންޖެހޭ އަދިމަސްތަކުން ކަށިފިލުވާ މާލެފޮނުވަން ތައްޔާރުކޮއް ރިހާކުރުމިނެ ރުނބަޔައް އަޅާ ހަދަންޖެހޭ ޒުވާނުން ގެކިބައިން މިޒަމާނުގަ މުރާލި ކަމެއްނުފެނޭ މެންދުރު ވަންދެން ނިދާނުލެވެންޏާ ސަކުވާކުރޭ މަގޯތީގަވެސް މަދަރުސަޔައް ދާންގޮވީމަ ބޮޑާހާކާ ދެކުއްޖަކު އެބަތިބި ޒުވާނުން އެބަޖެހޭ ކާބަފައިންގެ ދިރިއުޅުމާ އެހުރި ހިތްވަރު ދިރާސާކުރަން އަނބިމީހާވެސް ވަރައްގަދަ ވަޅުންފެންނަގާ އަތުންދޮވެ އަލިފާނުން އިސްތިރިކޮއް ކުނިކަހާ މިހާރުގެ ޒުވާނުން ވަރައްކަޑަ.
ހަހަހަހ
07 December 2017
މިތާކޮމެންޓްނުކޮށް ރުކުން ރާބާލަންދޭބަލަ، ކަމާނުގުޅޭވަހަކަ ނުދައްކާ
ގުރައިދޫ
07 December 2017
ހަބީބުއަށް ވަރަށް ތަފްސީލްކޮށް ރަށުގައި ކުރަމުން ގެންދާ މަސައްކަތްތަށް ކިޔާ ދެވިއްޖެ. މަރުހަބާ.. ވަރަށް ސަޅި އެވެ... އަޅުގަނޑު މީ ޕައިލެޓެއް ނޫން. އެހެން ނަމަވެސް ކޮންމެ ދުވަހަކު އެތައް ބައެއްގެ ރައްކާތެރިކަމާއި ފުރާނައަށް ޒިންމާ ވެގެން ގިނަދަތުރު ތަކެއް ވައިގެ މަގުން ކުރަންޖެހުމުން ޕައިލަޓުންގެ ސިކުނޑި އަށް ބާރުބޮޑުވުމަކީ ހަމަ ވަރަށް އެކަށިގެންވާ ކަމެކެވެ. އެއީ ކޮންމެހެން މުރާލި ކަމަކާއި ގުޅިފައިވާ ކަމެއް ކަމަށް ނުބެލެވެއެވެ. މިމައްސަލަ އަކީ ދުނޔޭގެ ފެންވަރުގައި ވެސް ވަރަަށް ބޮޑުވެފައިވާ އަދި ސަމާލުކަން ދޭ ކަމެކެވެ.
2222
07 December 2017
ފާޑު ފާޑުގެ ވާހަކަ ދައްކާފައި އޭވިއޭޝަން ސޭފްޓީ ކޮމްޕްރޮމައިސްކޮށްލުމަކީ ނުރައްކާތެރިކަމެއް!
އަލީ.
07 December 2017
ޙަބީބު ތިބުނީ ހަމަތެދެއް މަގޭ މަންމަވެސް ފަތިހުތެދުވެގެން ދާނެ ކާށިހޮވަން ދަރުވެސް ކޮށަންދާނެ ގޭހެއްނުހުރޭ 8 ދަރިންގެ އެއްޗެހި އަތުންދޮވެ ހެދުމޭ ބުނީމަ ހީވަނީ އެއީވަރައް ބުރަކަމެއް އަތިރިޔައްގޮސް ތެލިދޮވެ ކަރަންޓުގެ ހިދުމަތެއްނުލިބި ފުޅިބައްތީގަ މަދިރިގެ ޖަހައިގެން މިޒަމާނުގެ ޒުވާނުން ހޯދާނުފެންނާނެ އެގޮތައް މަސަތްކަތް ކުރަންވެއްޖެނަމަ ވަރައް ކަންނެތް ފަތިސްނަމާދުގެ ފުރަތަމަ ސަފުވެސް ނުފުރޭ ނިދަންވެފަ ތިބެނީ ކޮފީރެޑްބުލް ބޮއެގެން
ޜަަވެރިބެ
07 December 2017
ހިއުމަން ޕާރފޮމެންސް ލިމިޓޭށަން ރާވެރިބޭ ޖެހޭ އެބަ ކިޔަވަން
ޙަސަން
07 December 2017
ބޭބެ މަހައް ދިޔައީ ސާޅިސް މީހުންގެ ޒިއްމަާ ނަގައިގެން ޑޭށް މަރުކާގެ މަތިންދާބޯޓެއްގަތަ
ޙައިރާން
08 December 2017
ޜިޔަލު ދޯނީގަ ދަނީ ޢެތަށް ބައެއްގެ ފުރާނަ އަތް މަށްޗަށް ލައިގެންތޯ ސުވާލު ކޮށްލަން ބޭނުން ވަނީ