ހައްޖުގެ އަޅުކަމަށް ފުރުމުގެ ކުރިން ދެ މީހަކު ވެލާނާ އެއާޕޯޓުގައި: ހައްޖު ކޯޕަރޭޝަނުގެ ތިން ހަރަމް އުމުރާގައި ފަލަސްތީނަށް ނުދާގޮތަށް ވަނީ ނިންމާފައި-- މިހާރު ފޮޓޯ: ހުސެން ވަހީދު
11 ޑިސެމްބަރ 2017 - 11:16
މި އަހަރުގެ ތިން ހަރަމް އުމުރާގައި، ފަލަސްތީނުގެ މަސްޖިލް އަގްސާއަށް ނުދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ނިންމައިފި އެވެ.
ތިން ހަރަމް އުމުރާގައި އަގްސާގެ އިތުރުން މައްކާގައި ހުންނަ މަސްޖިދުލް ހަރަމާއި މަސްޖިދުއް ނަބަވީއަށް ޒިޔާރަތް ކުރާނެ އެވެ.
ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މިދިޔަ މަހުގެ 30 ގައި ބަޔަކު އުމުރާއަށް ފުރާފައިވީ ނަމަވެސް، މި ދަތުރުގައި ފަލަސްތީނަށް ނުދާ ގޮތަށް ނިންމީ، އަގްސާ މިސްކިތް ހުންނަ ގުދުސް އަކީ އިޒްރޭލްގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަތުމާއެކު، ހަމަނުޖެހުން ބޮޑުވެފައިވާތީ އެވެ.
ދިވެހިންގެ އުމްރާ ދަތުރުތަކުގައި މަސްޖިދުލް އަގްސާ އަށް ޒިޔާރަތް ނުކުރުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ވެސް އިއްޔެ ވަނީ އިލްތިމާސްކޮށްފަ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މިނިސްޓްރީގެ އެ ނިންމުމަށް އިހްތިރާމްކޮށް، ފަލަސްތީނަށް ނުދާން ނިންމާފައިވާ ކަމަށާއި އެހެންވެ، މިއަދުގެ ވަގުތެއްގައި އުރުދުން (ޖޯޑަން) އަށް ފުރާނެ ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުގެ އިތުރުން، އަލްމަނާސިކް ފަދަ ބައެއް ހައްޖު ގުރޫޕުތަކުން ވަނީ މި އުމުރާ ދަތުރު ފަސްކޮށްފަ އެވެ.
ތިން ހަރަމްގެ އުމުރާ ދަތުރުގައި ތިން ހަރަމަށް ޒިޔާރަތް ކުރުމުގެ އިތުރުން ސައޫދީ އަރަބިއްޔާ، އުރުދުން އަދި ފަލަސްތީނުގައި ހުރި އިސްލާމީ ތާރީޚާ ގުޅުން ހުރި މުހިއްމު ބައެއް ތަންތަން ބަލައިލުމުގެ ފުރުސަތު އާއްމުކޮށް ލިބެ އެވެ.
މުސްލިމުންގެ ފުރަތަމަ ގިބްލަ، މަސްޖިދުލް އަގްސާ ހުންނަ ގުދުސް އަކީ އިޒްރޭލްގެ ވެރިރަށް ކަމަށް ބަލައިގަތް ކަން އެމެރިކާއިން މިދިޔަ ހަފުތާގައި އިއުލާން ކުރީ، މުޅި ދުނިޔެއިން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށެވެ. އެމެރިކާގެ އެ ނިންމުމާ ގުޅިގެން ގުދުސް އާއި ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންނާއި އިޒްރޭލު ސިފައިންނާ ދެމެދު ދަނީ ހަމަނުޖެހުންތައް ހިންގަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
11 December 2017
އަގްސާ މުސްލިމުންނަށް ގެއްލިއްޖެ. އެހެންވީމާ މިހާރު ހިނގާ ހަމަނުޖެހުމަށް ބަލާއިރު އެތަނަށް ނުދިޔުން ރައްކާތެރި ގޮތަކީ.
ޢަލީ ނާޒިމް
11 December 2017
ރަގަޅު. ދެން ދުވަހަކުވެސް ދިވެހިން އެތަނައް ނުގެންދާގޮތައް ގާނޫނެއް ފާސް ކުރޭ!!
ދޮން އާމިރު
11 December 2017
މިއަކަށްވެސް ނެތެއްނޫންތޯ އިތުބާރެއް.
ކަކުނިބޯ
11 December 2017
ޢެކަށީގެންވާ ބަދަލުދޭންޖިހޭނެ އެގިއްޖެ....
ހޮޓްކިންގ
11 December 2017
އެބުނާހެން ދަނޑިވަޅުބަލާފައި ކަންފަސޭހަކޮށްލީ. ކަމުން ރެކެވިއްޖެ. އެކަމަކު އެގޮތަށް އެއްބަސްވެ ނެގި ފައިސާގެ އަދަދުން ލޯލާރިއެއްވެސް އަނބުރާ ނުދެވޭނެދޯ؟
އަލީ_
11 December 2017
އެކަމަކު ފައިސާއިން ބާކީ އެއްވެސް އެއްޗެއް ނުލިބޭނެ ދެއްތޯ؟
އަހުމަދުބެ
11 December 2017
ދެން ދަތުރު ނުދާނަމަ ފައިސާ ކޮޅު ހަވާލުކޮށް ދިނުން އެދެމެވެ.
ޙުއި
11 December 2017
ފައިސާހަވާލުކުރުމެއްނޯވޭ. ޓުރިސްޓު ދަތުރުތަކަކީ ރިފަންޑު ދޭ އެއްޗެއްނޫން.