ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ސީރިޔާ އަށް ކުރެއްވި ދަތުރުފުޅުގައި ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ އަރިހުގައި. ފޮޓޯ އޭޕީ
27 ޑިސެމްބަރ 2017 - 10:49
ރަޝިޔާ ސިފައިން ދާއިމީ ގޮތެއްގައި ސީރިޔާގައި ބޭތިއްބުމަށް ނިންމައި ރަޝިޔާ އިން އިއްޔެ އެކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.
ރަޝިޔާގެ ދިފާއީ ވަޒީރު އިއްޔެ ވިދާޅުވީ ސީރިޔާގެ ދެ ސަރަހައްދެއްގައި ރަޝިޔާ ސިފައިން ދާއިމީ ގޮތެއްގައި ބައިތިއްބަން މިހާރު ވަނީ ނިންމައިފަ އެވެ. އެއީ ތަރްތޫސްގެ ކަނޑުމަތީ ބަނދަރާއި ޚުމައިމިމްގެ އަސްކަރީ ވައިގެ މަރުކަޒެވެ. ދިފާއީ ވަޒީރު ސަރްގޭ ސޮއިގޫ މިކަން ރަސްމީކޮށް އިއުލާން ކުރެއްވީ އެ ގައުމުގެ އަސްކަރީ ކޮމާންޑަރުންނާ އެކު ބޭއްވެވި ކޮންފަރެންސް ކޯލެއްގަ އެވެ.
ސޯވިއެޓް ޔޫނިއަނުންގެ ޒަމާނުން ފެށިގެން ސީރިޔާގެ ތަރްތޫސް ބަނދަރުގައި ރަޝިޔާގެ މަދު އަދަދެއްގެ ސިފައިން އަބަދު ވެސް ތިބެ އެވެ. ނަމަވެސް އަލަށް މި ހަމަޖެއްސި ގޮތުން، ރަޝިޔާގެ ކަނޑުގެ ސިފައިންގެ 11 މަނަވަރުގެ މައްޗަށް އެކުލެވޭ ބޮޑު ލަޝްކަރެއް އެ ބަނދަރުގައި ގާއިމުވެ ތިބޭނެ އެވެ. އޭގެ ތެރޭގައި ނިއުކްލިއާ ހަކަތައިން ދުއްވާ މަނަވަރުތައް ވެސް ހިމެނޭނެ އެވެ.
ރަޝިޔާގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރަޝިޔާގެ އަސްކަރިއްޔާގެ އެންމެ ބޮޑު އަމާޒަކީ ޓެރަރިސްޓުންނާ ދެކޮޅަށް ހަނގުރާމަ ކުރުމެވެ. ރަޝިޔާގެ ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިންނާއި އެއްގަމު ސިފައިންގެ އިތުރުން އަސްކަރީ ފުލުހުން ވެސް މިހާރު މަސައްކަތް ކުރަނީ އެ އަމާޒަށް ކަމަށް އެ ބަޔާނުގައިވެ އެވެ.
ދިފާއީ ވަޒީރު ވިދާޅުވި ގޮތުގައި ސީރިޔާ އަށް އަތް ގަދަކޮށްގެން އުޅުނު އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން ބަލިކުރުމަށް ފަހު، ރަޝިޔާ ސިފައިންގެ ގިނަ މީހުން މިހާރު ވަނީ ކާމިޔާބު ކަމާ އެކު އެނބުރި ގައުމަށް އައިސްފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސީރިޔާ އާއި ރަޝިޔާއާ ދެމެދު މިހާރު ގާއިމުކޮށްފައި ހުރި އެއްބަސްވުންތަކުން ވެސް، ރަޝިޔާ ސިފައިން 49 އަހަރަށް ސީރިޔާގައި ބޭތިއްބުމުގެ ފުރުސަތު އެބަ އޮތެވެ.
މި މަހުގެ މެދުތެރޭގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ސީރިޔާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ވިދާޅުވީ ރަޝިޔާ ސިފައިން ސީރިޔާ އިން ބޭލި ކަމުގައި ވިޔަސް، ސީރިޔާގައި ޓެރަރިސްޓުންގެ އަމަލުތައް އަލުން ފާޅުވާން ފަށައިިފިއްޔާ ރަޝިޔާ އިން އަނެއްކާ ވެސް އެ ކަމާ ދެކޮޅަށް ހަރަކާތްތެރިވާނެ އެވެ. ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ދަމަހައްޓައިދިނުމަށް އެންމެ ބޮޑަށް މަދަދު ދިނީ ރަޝިޔާ އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ.
27 December 2017
މަރުހަބާ ރަސިޔާ
ސަޅިބައިސާ
27 December 2017
ޝުކުރިއްޔާ ޕުޓިން. ޕުޓިންއަށް އިސްލާމްދީނުގެ ހިދާޔަތު ދައްކަވާށި. ޚަވާރިޖުންގެ އަނިޔާއިން ޝާމްކަރައާއި ބައްޝާރު ސަލާމަތްވެއްޖެ.
ހޮޓްކިންގ
27 December 2017
ތިޔަކަމުން ދޭހަކޮށްދެނީ އެމެރިކާއިން މެދުއިރުމައްޗާއި ދުނިޔޭގެ ގިނަހިސާބުތަކަށް އަތްގަދަކޮށްގެން އުޅުނު އުޅުމަށް ރަޝިޔާއިން ގޮންޖަހައިފިކަން. އަދި އެމެރިކާގެ ބާރާއި ނުފޫޒު ދަށްވަމުން ދާކަން.