މިޝްޔާ އަމްރިތާ ހޮސްޕިޓަލުގައި: އޭނާއަށް އަދިވެސް ވާހަކަ ނުދެއްކޭ
13 ފެބުރުއަރީ 2018 - 13:08
އާދައިގެ ހުމެއް ކަމަށް ބަލައި، އައިޖީއެމްއެޗުން އެކަށީގެންވާ ފަރުވާ ނުދިނުމުން މީގެ ދެ މަހެއްހާ ދުވަސް ކުރިން ހާލު ސީރިއަސްވި އައިޝަތު މިޝްޔާއަށް އަދިވެސް ރަނގަޅަށް ވާހަކަ ނުދެއްކި ނުހިނގޭ ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.
ހަ އަހަރުގެ މިޝްޔާ މިދިޔަ ޑިސެމްބަރު މަހު އައިޖީއެމްއެޗަށް ގެންދިޔައީ ހުން އައުމުންނެވެ. އެއީ އާދައިގެ ހުމެއް ކަމަށް ބަލައި ހަތަރު ދުވަސް ވަންދެން އެތަނުގައި ފަރުވާ ދިނެވެ. ނަމަވެސް ހާލަތަށް ބަދަލެއް ނައުމުން ސްރީ ލަންކާ އަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން ސީރިއަސް ބައްޔެއް ޖެހިފައިވާކަން އެނގުނެވެ.
މިޝްޔާގެ ބައްޕަ، ފުއާދު އަހުމަދު ބުނީ ދަރިފުޅަށް ވާހަކަ ނުދެއްކޭތީ މިހާރު ފަރުވާ ހޯދަމުން އަންނަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ކަމަށެވެ. އެކަމަކު އެތަނުގައި ސްޕީޗް ތެރަޕީ ދޭން ފެށި ނަމަވެސް މިޝްޔާއަށް ވާހަކަ ދެއްކެން އެތައް ދުވަހެއް ނަގާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުންޏެވެ.
އޭނާ ބުނީ ވަރަށް ފަރުވާތެރިވެގެން ނޫނީ އެއްކޮށް ރަނގަޅު ނުވާނެ ކަމަށް ވެސް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
"ޑޮކްޓަރުން ބުނި ގޮތުން މިޝްޔާ ނޯމަލް ކުއްޖަކަށް ވާން އަދިވެސް ވަރަށް ގިނަ ދުވަސްތަކެއް ވާންދެން ފަރުވާ ދޭން ޖެހޭނެ. އަދިވެސް ވާހަކައެއް ނުދެއްކޭ، ނުހިނގޭ. މިހާރު އެންމެ ބޮޑު މައްސަލައެއް ހުރީ ކަކުލު ހުޅާއި މައިބަދަ އާއި ލޮލާއި ވޯކަލްކޯޑުގައި،" ދަރިފުޅުގެ ފަރުވާއަށް އިންޑިއާގައި ހުރި ފުއާދު ބުންޏެވެ.
"މައްސަލަ އިތުރަށް ދެނެގަތުމަށް ކަރުން މަތީގެ އިތުރު ޓެސްޓުތަކެއް ވެސް އެބަ ހަދަން ޖެހޭ."
ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުނީ މިޝްޔާގެ ބަލި ރަނގަޅަށް ދެނެނުގަނެވި އެންޓިބަޔޮޓިކްސް ދިނުމުން އޭނާގެ ހާލު ވަރަށް ނާޒުކު ކަމަށާއި އެގޮތުން ފުރަތަމަ ދިހަ ދުވަހު، ފުރާނައަށް ނުރައްކާވާ ވަރަަށް ހާލު ހޯސްވި ކަމަށެވެ. މިއީ އައިޖީއެމްއެޗުގެ ޑޮކްޓަރުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް އަމްރިތާ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ ފުއާދު ބުންޏެވެ.
މިޝްޔާ ހޮސްޕިޓަލުގައި: އޭނާއަށް މިހާރު އަންނަނީ ސްޕީޗް ތެރަޕީ ދެމުން
އޭނާ ބުނީ ދަރިފުޅަށް އެހެން ދިމާވީ ޑޮކްޓަރުންގެ އިހުމާލުންކަމަށް ގަބޫލުކުރާތީ މާލެ އާދެވުނުހާ އަވަހަކަށް، އެ ޑޮކްޓަރުންނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ.
އައިޖީއެމްއެޗުން ވެސް މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެކަމަކު މިހާތަނަށް ޑޮކްޓަރާ މެދު ފިޔަވަޅު އެޅިކަމެއް އެނގިފައެއް ނެތެވެ.
އައިޖީއެމްއެޗުން ބުނީ އެއީ އެތަނުގެ އިންޓާނަލް މައްސަލައަކަށް ވުމުން އޭގެ މައުލޫމާތު މީޑިއާއަށް ދެވެން ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫމީހާ.
15 February 2018
ތިޔަވާހަކަ ކިޔާފަ ވަރަށް ދެރަ ވެއްޖެ. ދިވެހިރާއްޖޭގެ ސިއްހީ ފަރުވާ ރަނގަޅު ކުރަން ކޮއްމެހެން މާ އުސް އިމާރާތެއް ބޭނުމެން ނުވޭ. ބޭނުން ވަނީ ދިވެހި ގައުމުގަ ތިބެގެން އިންޑިޔާ ޔޫރަޕް އެމެރިކާ ތަންތަނުން ކުރާ ފަރުވާ ކުރެވެން. ލޮލުގެ އޮޕަރޭޝަން ދިވެހިރާއްޖެ އިން ކުރާތީ އަހަރެން ވެސް ބައްޕަގެ ލޮލުގެ ފުސް ކަހާލަން ދިޔައީ އައިޖީއެމް ހޮސްޕިޓަލަށް. އެތަނުން ކުރި އޮޕަރޭޝަނަށް ފަހު ލިބުނީ ބޮޑު ހިއްދަތި ކަމެއް ކުރި އޮޕަރޭޝަން ކުރަން ޖެހޭގޮތް ނޫން ގޮތަކަށް ކޮއްފަ ލޮލަށް ލެއްވި ލެންސް ލައްވަން ޖެހޭ ފުށް ނޫން ފުށަށް ލެއްވުމުގެ ސަބަބުން ލެންސް ހަރު ނުލާ ލޮލުގެ ކަޅި މައްޗަށް ވެއްޓުމުގެ ސަބަބުން ލޮލުން ނުފެންނަ މީހަކަށް ބަދަލުވީ. މީ ހަމަ އެކަނި އިމާރާތް އުސް ކުރީމަ ވީ ގޮތް.
ފޭން
14 February 2018
މީގެ އެތައް އަހަރެއް ކުރިން މަގޭ ކޮއްކޮއަކަށްވެސް ވަނީ މިފަދަ ކަމެއް ދިމާވެފަ. ހުން އައިސްގެން އައިޖީ އެމް.އެޗްއަށް ދިއުމުން އަޅާ ނުލާ ފަރުވާ ނުދެވި ދިއުމުން ކޮއްކޮގެ އިވުމާއި ވާހަކަ ދެއްކުމުން މަޙްރޫމް ވެގެން ދިޔައީ، މިއަދު ކޮއްކޮއަށް 22 އަހަރުވެފައި ވީ އިރުވެސް ހަމަ އެހާލުގައި. މިފަދަ ކަމެއް ތަކުރާރުވީމަ އަދި ވެސް ހިތަށްއަރާ އަހަރުމެން ނިކަމެތި ދިވެހިންނަށް ރަނގަޅު ބޭސް ފަރުވާއެއް ލިބޭނީ ކޮންދުވަހަކުންބާއޭ!
ދާން
14 February 2018
الله سبحانه وتعالى މިކުޑަ ކުއްޖާއަށް އަވަސް ޝިފާ ދެއްވާށި. ޢަދި މިކުއްޖާގެ އާއިލާއަށް ކެތްތެރިކަން ދެެއްވާށި... آمين
ބައްޕަ
14 February 2018
ތިކަމުގަ ކުއްވެރިވާނީ ކުއްޖާގެ ބައްޕަ.
ްއިންޓާނަލް
14 February 2018
އިންޓާނަލް ކަމުން ކުޑަ ކުއްޖަކު ނުކުޅައްދާ ލިޔަސް ހެޔޮ ދޯ!!!
ފާތުން
13 February 2018
މިސަރުކާރަކަށް މީހުންނެއް ބޭނުމެއް ނުވާނެ. ބޭނުންވާނީ ވެރިކަން
ސޮފީ
13 February 2018
މި ކުއްޖާއަށް ހެޔޮ ރަޙްމަތް ލައްވައި އަވަސް ޝިފާއެއް ދެއްވާށި. އާމީން މި ކުއްޖާއާއި ބެހޭ ގޮތުން ވިސްނާލާކަށް ދިވެހިންނަށް ވަގުތެއް ނެތް. އެހާވެސް މަތީގަ ދިވެހިން މި ތިއްބެވީ. މި މަޢުސޫމް ކުއްޖާއަށް ދިމާވި މި ހިތާމައިގައި ބައިވެރިވެ ހެޔޮ ދުޢާއެއް ކޮށްލަދޭނެ މީހަކުވެސް ނެތް. ކޮންމެ ކަމެއް ސިޔާސީ ކަމަކަށް ނަހަދާ ރަޙުމާ ކުލުނާ އޯގާތެރިކަންވެސް ބާއްވާނަމަ... ދިވެހިން މިތިބީ މުޅިން މަގުން ކައްސާލާފަ.
ޝިޔާމް
13 February 2018
އަޅަމެންގެ ރައްބު ﷲ ސުބުހާނަހޫ ވަތައާލާއަކީ އެންމެ އޯގާވަންތަ ރަހީމްވަންތަ އިލާހު. އަޅުގެ ދުޢާއަކީ މިޝްޔާބޭބީއަށް ހެޔޮރަހުމަތްލައްވާ އާއިލާއަށް ކެތްތެރިކަން ދެއްވުން.
އަލިހޮއްކޮ
13 February 2018
ތިކަހަލަ ވާހަކަ ދެއްކުން ބަޢާވަތަކަށް ނުވާނެބާ؟ ގާނޫނީ ގޮތުން އުފެދިފަ އޮތް ސަރުކާރަކުންދޭ ދުނިޔޭގެ ފެންވަރުގެ ސިއްޙީ ހިދުމަތަކާ ދޭތެރޭ ޝައްކު އުފެދޭ ގޮތަށް ވާހަކަ ދައްކާތީ.
މޮހަޮ
13 February 2018
މިކަމުގައި އިހުމާލުވި ޑރ އަށް އެއްވެސް ފިޔަވަޅެއް އުޅުނު ބަ؟