މާލޭ ވިޔަފާރި ބަނދަރު. ރާއްޖެ އެތެރެކުރި މުދަލާއި ބޭރުކުރި މުދަލުގެ މިންވަރު މިދިޔަ މަހު ވަނީ އިތުރުވެފައި - ފޮޓޯ: މިހާރު
14 ފެބުރުއަރީ 2018 - 12:50
މިދިޔަ މަހު ރާއްޖެ އެތެރެކުރި އަދި ރާއްޖެ އިން ބޭރުކުރި މުދަލުގެ މިންވަރު އިތުރުވެ، ލިބުނު އާމްދަނީ ވެސް އިތުރުވެއްޖެ އެވެ.
ކަސްޓަމްސް އިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 3.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކުރި އެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު 17 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އެތެރެކުރީ 3.2 ބިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި މުދަލުގެ މިންވަރު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު ހަ ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ މަހު 474 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރިއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓް ކުރީ 445 މިލިއަން ރުފިޔާގެ މުދަލެވެ.
އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި މިދިޔަ މަހު 276 މިލިއަން ރުފިޔާ ލިބުނެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު 23 ޕަސެންޓް އިތުރު އަދަދެކެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ މުދާ އެތެރެކުރީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެއީ އެތެރެކުރި މުދަލުގެ 20 ޕަސެންޓެވެ. އަދި އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރީ ތައިލެންޑަށެވެ. އެކްސްޕޯޓްކުރި މުދަލުގެ 41 ޕަސެންޓް މުދާ އެކްސްޕޯޓްކުރީ ތައިލެންޑަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރަސާންތަ
14 February 2018
އަޅުވެތިވެފައިވާ މުޢައްސަސާތަކުން ނެރޭ ތަފާސް ހިސާބުތައް ކިހިނެއް ޤަބޫލުކުރާނީ.
މަސްލަހަތު
14 February 2018
މިމަހު އަދި މާ ރަގަޅުވާނެ