21 ފެބުރުއަރީ 2018 - 10:08
މެންޗެސްޓާ (ފެބްރުއަރީ 21) - މިދިޔަ ހޯމަ ދުވަހުގެރޭ އެފްއޭ ކަޕްގައި ވިގަން އެތުލެޓިކް އަތުން މެންޗެސްޓާ ސިޓީ ބަލިވި މެޗަށް ފަހު، ވިގަންގެ ސަޕޯޓަރަކު ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ގަޔަށް ކުޅު ޖެހި މައްސަލަ ޕޮލިހަށް ހުށަހަޅަން ސިޓީން ތައްޔާރުވެއްޖެ އެވެ.
ސިޓީ އަތުން 1-0 އިން ވިގަން މޮޅުވި މެޗަށް ފަހު އެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރައިފަ އެވެ. އެ ވަގުތު ދަނޑަށް އެރި ސަޕޯޓަރެއް ވަނީ އަގުއޭރޯ އަށް ބަހުގެ ހަމަލާދީ އޭނާ ގަޔަށް ކުޅު ޖަހައިފަ އެވެ. އަގުއޭރޯ އާއި އެ ސަޕޯޓަރާ މެދު ހަމަނުޖެހުމެއް ހިނގުމުގެ ކުރިން ސިޓީގެ އޮފިޝަލުން ވަނީ އޭނާ ދުރުކޮށްފަ އެވެ.
މި މައްސަލައިގައި އަގުއޭރޯއާ ސުވާލުކުރުމަށް ފަހު ސިޓީން މިހާރު ތައްޔާރުވެފައިވަނީ ގްރޭޓާ މެންޗެސްޓާ ޕޮލިހަށް މި މައްސަލަ ހުށަހެޅުމަށެވެ.
ވިގަންއާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީގެ ފަބިއަން ޑެލްފަށް ދެއްކި ރަތް ކާޑަށް ފަހު ދެ ޓީމުގެ ކުޅުންތެރިންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކުގައި ކުޅުންތެރިން ކޮންޓްރޯލް ނުކުރެވުމުން އެ ކަމަށް އަންނަ ހުކުރު ދުވަހުގެ ކުރިން އެފްއޭ އަށް ޖަވާބުދާރީވާން އަންގައިފަ އެވެ.
ސިޓީ އާއި ވިގަން ކުޅުނު މެޗަށް ފަހު ހިނގައިދިޔަ ކަންތައްތައް އިނގިރޭސި އެފްއޭ އިންނާއި ގްރޭޓާ މެންޗެސްޓާ ޕޮލިހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި އެފްއޭ އިން ވަނީ ސިޓީ އާއި ވިގަން އަށް އަދަބުދޭން ނިންމައި ކަންތައްތައް ހިނގި ގޮތް ރިޕޯޓެއް މެދުވެރިކޮށް އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ހިއްސާކޮށް ޖަވާބުދާރީވުމަށް އަންގައިފަ އެވެ.
މީގެ އިތުރުން އެފްއޭ އިން އަގުއޭރޯގެ މައްސަލަ ވަކިން ނުބަލަން ނިންމިއިރު، އޭނާ އަށް ވަނީ މި ފަަދަ ކަންތައްތަކުގައި ޒިންމާދާރު ގޮތެއްގައި އަމަލުކުރުމަށް އަންގައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy