ސޮލާހުއްދީން އިމާރާތް: އެތަނުގެ ޝީޓުން ބައެއް ވެއްޓުނީ މަރާމާތުކުރުމުގެ މަސައްކަތުގެ ތެރޭގައި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
21 މާޗް 2018 - 12:44
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އިންޖީނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ ހިންގަމުން އަންނަ ސޮލާހުއްދީން ބިލްޑިންގް ތަޅާލައި އެ ތަނުގައި 10 ބުރީގެ އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް އެ ޔުނިވާސިޓީން މިއަދު ބުނެފި އެވެ.
ބިލަބޮންގް ސްކޫލު ކުރިމަތީގައި ހުންނަ އެ އިމާރާތުގެ ސިޑި ކައިރިން ޝީޓުން ބައެއް އިއްޔެ ވެއްޓުނީ އެތަން މަރާމާތުކުރަން ވެގެން ސިމެންތިގަނޑު ކޮށަމުން ދަނިކޮށެވެ. މި ހާދިސާއާ ގުޅިގެން އެތަން ބޭނުންކުރުން ވަގުތީ ގޮތުން ވަނީ ހުއްޓާލައިފަ އެވެ.
މީގެ ކުރިން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް ހިންގި އެ އިމާރާތަށް 30 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެތަނުގެ 12 ކްލާސް ރޫމްގައި 400 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އާދެ އެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒް ޝަރީފް މިއަދު ވިދާޅުވީ އާ އިމާރާތުގެ ކުރެހުމުގެ މަސައްކަތް ނިންމައި ހުއްދަ ހޯދަން ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުމުގެ ކަންތައް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އެ މަޝްރޫއުއަށް ބޭނުންވާ ފައިސާ ހޯދަން ދަތިތަކެއް ހުރި ކަމަށް ވިދާޅުވި އެވެ.
"ފައިނޭންސް ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫން. އެ ޑިލޭތައް އަޅުގަނޑުމެންގެ އުޅޭތީ އަދި އެ މަސައްކަތް ނުފެށި އުޅެނީ،" ފަވާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބާ އިމާރާތުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށް ގެންދަނީ ރައްކާތެރިކަން ބޮޑުކުރާށެވެ.
ސޮލާހުއްދީން އިމާރާތް: އެތަނަށް 400 އަށް ވުރެ ގިނަ ކުދިން ކިޔަަވަން ދޭ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"މަރާމާތުގެ މަސައްކަތްތަކެއް މި ފެށީ، މިހާރު ހުރި ބިލްޑިން އެތަނުގައި މީހުން އުޅެވޭ ވަަރަށް ސޭފްކުރަން،" އޭނާ ވިދާޅުވި އެވެ.
ޝީޓުން ބައެއް ވެއްޓުނީ، ފަވާޒު ވިދާޅުވި ގޮތުގައި، "ކޮށަން ފެށި ހިސާބުން ސިމެންތި ގަނޑު ނައްޓައިގެން" ގޮސްގެންނެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެފައި ވަނީ އިންޖީނިއަރިން ފެކަލްޓީގެ އިމާރާތް ރައްކާތެރި ނޫން ކަމަށާއި އެހެންވެ އެތަން ހުސްކުރަން ރަސްމީކޮށް މިއަދު އަންގަވާނެ ކަމަށެވެ.
ފަވާޒު ވިދާޅުވި ގޮތުގައި އެ އިމާރާތް ބޭނުންކުުރުން ވަގުތީ ގޮތުން ހުއްޓާލިއަސް ދަރިވަރުންގެ ކިޔެވުމަށް އަަސަރެއް ނުކުރާނެ އެވެ. އެގޮތުން އެހެން ފެކަލްޓީތަކުގެ ކްލާސްރޫމްތަކުގައި އެ ދަރިވަރުންގެ ކްލާސްތައް ނަގަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 10 ބުރީގެ އިމާރާތް އެޅިއްޖެ ނަމަ ޔުނިވަސިޓީގެ ޖާގައިގެ ދަތިކަމަށް ހައްލެއް އަންނާނެ ކަމަށެވެ.
އެމްއެންޔޫގެ ބައެއް ފެކަލްޓީތައް ހިންގާ އިމާރާތްތައް ބާވުމުގެ މައްސަލަ މީގެ ކުރިން ވެސް ވަނީ ދިމާވެފަ އެވެ. އެގޮތުން ބާ ޖަމާލުއްދީންގެ އިމާރާތް ވަނީ 2015 ގައި ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަށިކެޔޮ
21 March 2018
ޢިމާރާތް ބާވީމަ އަތުލަންވީ ޢެތާ ދެން ބަޔަކު ކުރާނެ ކަމެއް ކުރަންވީ ކުދިން ދެން ނުކިޔަވާ ތިބެންވީ މަމެންގެ ތައުލީމު ވެސް ދެން މުއިއްޒުވީ
ޢަބްދުﷲނާފިޒް
21 March 2018
ހޫން، ރަނގަޅު، ދެން އަލުން ތިތަނުގަ އިމާރާތެއް ކުރާއިރު ޕާކިން އޭރިއާއެއް ނުހަދާތި، އެއީ މީގަ އެންމެ މޮޅު ތަންކޮޅަކީ، ތިތަނަށް އަންނަ ހުރިހާ ފަރާތްތަކެއްގެ ވެހިކަލްތައް މުޅިހިސާބުގެ މަގުތަކުގަ ދުއްވާއެއްޗިއްސަށް ނުދުއްވޭ ގޮތަށް ޕާކުކޮށް ފުރާލީމަ ހުންނާނީ ވަރަށް ރީތިކޮށް.
ރަދީފް
21 March 2018
''ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒް ޝަރީފް މިއަދު ވިދާޅުވީ އާ އިމާރާތުގެ ކުރެހުމުގެ މަސައްކަތް ނިންމައި ހުއްދަ ހޯދަން ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުމުގެ ކަންތައް ކުރަމުން އަންނަ ކަމަށެވެ.'' ވީހާވެސް އަވަހަށް ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވަން ލަފާ އަރުވަން.އެހެނީ އެވެސް ވަރަސް ބޮޑު ޕްރޮމޯޝަނަލް ވީޑިއޯއަަކަށްވާނެ.މިދިޔަ މަހު ހުޅުމާލޭގަވެސް ތިޔަފަދަ ތަނެއްގެ ބިންގާ ބަޔަކު އެޅި.ނަމަވެސް އަދި ނެތް ކުރެހުމެއްވެސް.
މުއިޒް
21 March 2018
ފަވާޒު އިނގޭތަ ކަލެޔަށް ތިކިޔޭ އެއްޗެއް.
ދަރިވަރެއް
21 March 2018
އަޅުގަނޑު މެންކައިރިޔަކު އެމްއެންޔޫ ގެ ސީނިޔަރ މެނޭޖްމަންޓް އަކުން ނުބުނޭ އިމާރާތާ ބެހޭ އެއްވެސް ވާހަކައެއް. އަދި ޝާހީން ވެސް އެހެދީ ހުސް ދޮގު ދަރިވަރުންނަށް އަންގައިފީމޭ ކިޔައިގެން. ފެކަލްޓީ އިން އަމިއްލައަށް ނިންމީ ބިލްޑިންގް އިން ނިކުންނަން. ޝާހީނުއަށް ނުވެސް އިނގޭނެ.
ާއަލިބެ
21 March 2018
އަހަރެންގެ ސުވާލަކީ މިހާރު މިހަދާ ފުލެޓް ކިހާދުވަކަށް ހުންނާނެ ތޯ؟
ފަވާޒް
21 March 2018
ޢަހަރެން މިހެދީ ހުސް ދޮގު. ކުދިންގެ ކިޔެވުންވެސް ވަނީ ހުއްޓިފަ އަދި އެތަނުން ކުދިން ނެރޭކަށް ނުވެސް އަންގަން. ރާވާފަ އޮތީ މަތިމަތިން ޑެމޭޖް ވެފަ ހުރިތަން ތަން ސިމެންތި ޖަހާފަ ފޮރުވާލާފަ ކުދިންތައް ބައިތިއްބަން.
ދޯދި
21 March 2018
ތި އިމާރާތާ ޖެހިގެން މިހާރު ހުސްކޮށް އޮތް ތަނަކީވެސް މީގެ އެތަކެއް އަހަރު ކުރިން އިމާރާތެއް އަޅަންވެގެން ހުސްކުރި ތަނެކެވެ. އެތަންވެސް އޮތްގޮތަށް އޮތީއެވެ. އިމާރާތެއް އަޅާނަމަ އެ ބިމާއެކު އެޅުން ރަގަޅެވެ. ގްރައުންޑް ފުލޯގައި ލޮބީ އޭރިޔާއެއް ބޭވުމަށް ފަހު ބާކީބަޔާ ފަސްޓް ފުލޯ ވިޔަފާރި އުސޫލުން ކުއްޔަށް ދޫކޮށްލާގޮތަށް އިމާރާތް ހެދުމުން ފައިނޭންސް ހޯދަން ލުއިތަކެއް ލިބޭނެއެވެ.
އަދީބު
21 March 2018
މުޅި ޤައުމު ވެސް އަޑިއަށް ފޮނުވާލާފައި އާ ޤައުމެއް ހިއްކަން ވީއެއްނު.
އިކޫ
21 March 2018
ކެޕިޓަލް ސިޓީ އަށް ހުޅުމާލެ ހަދަންވީ. އެހެން ޤައުމެއްގެ ވެރިޔަކު ވަޑައިގަތަސް ދަތުރު ފަސޭހަވެފަ މާނަލަ ރަށެއް. މާލެ ގޮޑުކަމުންވެސް ލަދުން މަރުވޭ. އެންމެ ހަޑި ކެޕިޓަލް ސިޓީ ކަންނޭގެ މާލެ މީ
ދަލޭކަ
21 March 2018
ތުތާ ހަދަންވީ 15 ބުރީގެ ފުލެޓެއް.