މުރަކަ އިންދުމުގެ މަސަތްކަތުގައި ވޯޓާ ސޮލިއުޝަންސްގެ މުވައްޒަފަކު ހަރަކާތްތެރިވަނީ.--ފޮޓޯ: އަމޫ/ވޯޓާ ސޮލިއުޝަންސް
04 އެޕްރީލް 2018 - 14:35
ރާއްޖޭގެ ފަރުތަކަކީ މުޅި ދުނިޔެ އަށް މަޝްހޫރު އަދި އެތައް ބައެއްގެ ޝައުގުވެރިކަން ހުއްޓިފައިވާ ގުދުރަތީ ވެއްޓެކެވެ. މީގެ އިތުރުން ފަރުތަކަކީ ރައްޖޭގެ ކުދި ޖަޒީރާ ރަށްތައް ސަލާމަތްކޮށްދީ، ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ރައްކާތެރިކަމާ އެކު އޮތުމަށް އެހީވެދޭ ގުދުރަތީ ވަސީލަތެވެ. ރާއްޖޭގެ ފަރުތައް އެކުލެވިގެންވަނީ އެތައް ވައްތަރެއްގެ ގަލާއި މުރަކައިގެ އިތުރުން ގުނާ އަދަދު ކުރަން ނޭނގޭ ވަރަށް މަސްމަހާ މެހި އެކުލެވިގެންނެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރާ އެއްތަނަކީ ރާއްޖޭގެ ރީތި ފަރުތަކެވެ. ފަރުތަކަށް ފީނާ، ސްނޯކެލިން ކުރަން އަންނަ މީހުންގެ މައިގަނޑު ބޭނުމަކީ އެ ރީތި މާހައުލު ބަލައި، އެ މަންޒަރުތަކުން އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދުމެވެ. ނަމަވެސް ހިތާމަ އަކީ، ދުނިޔޭގެ ތިމާވެއްޓަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ އަސަރު ރާއްޖޭގެ ފަރުތަކަށް ވެސް ކޮށްފައިވާ ކަމެވެ. ފަރުތައް ހަލާކުވުމާއި ގާހުދުވުމުގެ އިތުރުން އިންސާނުންގެ އަމަލުތަކުން ވެސް މިއަދު ގިނަ ފަރުތަކެއްގެ ރީތިކަން ވަނީ ގެއްލިފަ އެވެ. މިގޮތުން ފަރުތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މުހިންމުކަން ދުނިޔެ އިން ވެސް ގަބޫލުކުރާތީ މި އަހަރަކީ "ބައިނަލްއަގްވާމީ ފަރުތަކުގެ އަހަރު" ކަމަށް ވަނީ ކަނޑަ އަޅައިފަ އެވެ.
މާލެ އަތޮޅުގައިވާ، އެއްވެސް ގެއްލުމެއް ލިބިފައިނުވާ މުރަކައިގެ ބަގީޗާއެއް.-- ފޮޓޯ: އަމޫ/ވޯޓާ ސޮލިއުޝަންސް
އެގޮތުން ފަރުތައް ދިރުވުމާއި އާލާކުރުމާ ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް ރާއްޖޭގައި، ސަތޭކަ ޕަސެންޓް ދިވެހި ކުންފުންޏެއް ކަމަށްވާ ވޯޓާ ސޮލިއުޝަންސް އިން ވަނީ މީގެ އެތައް އަހަރެއްގެ ކުރިން ވެސް ފަށައިފަ އެވެ. މުރަކަ އާލާކޮށް ދިރުވުމާ ބެހޭ ގޮތުން އެ ކުންފުނިން ކުރަމުން އަންނަ ދިރާސާގެ މައްޗަށް ބިނާކޮށް މިފަދަ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ މައުލޫމާތު އާންމުންނަށް ފޯރުކޮށް ދިނުމުގެ މަސަތްކަތްތައް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. ފަރުތައް ދިރުވައި އާލާކުރުމަކީ ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަމެކެވެ. އަދި އެ ކަމަކީ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ފަރުދީ ޒިންމާއެއްގެ ގޮތުން، އެ މީހެއްގެ ފެންވަރުން ކުރެވިދާނެ ކަމެކެވެ. ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ވެސް މިފަދަ މަސަތްކަތްތައް އެކި ވަރުވަރުގައި ކުރެވެމުން ވެސް ދެ އެވެ. މިގޮތުން އެންމެ ފަސޭހަ އިން ކުރެވޭނެ އެއްކަމަކީ މުރަކަ އާލާކޮށް ދިރުވުމެވެ.
މުރަކަ އާލާކޮށް ދިރުވުމުގެ ބޭނުމަކީ ހަލާކުވެފައިވާ ފަރުތައް ނުވަތަ ފަރުގެ އެކި ހިސާބުތަކަށް އަލުން ދިރުން ގެނެސްދީ މަސްމަހާމެހި އާލާކުރުވުމެވެ. ނުވަތަ ފަރެއް އެއްގޮތަކަށް ވެސް ނެތް ތަނެއްގައި ފަރެއް ހެއްދުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. މިސާލަކަށް ބޮޑު ފަޅެއްގައި މުރަކަ އަދި ގާ ނުހުންނަ ސަރަހައްދުތަކަށް މަސްމަހާމެހި އާލާކޮށް ގެންނަން ބޭނުން ނަމަ މިފަދަ ސަރަހައްދު ތަކުގައި މުރަކަ އާލާކޮށް ދިރުވޭނެ އެވެ. މަރުވެފައިވާ ފަރެއް އަލުން ދިރުވަން އެންމެ ފަސޭހަ އިން ކުރެވޭނެ ކަމަކީ އެ ސަރަހައްދެއްގައި މުރަކަ އާއި ގާ އެކަށީގެންވާ މިންވަރަކަށް އަށަގަންނާނެ ގޮތަށް މަސަތްކަތް ކުރުމެވެ.
މުރަކަ އާލާކޮށް ދިރުވުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. ގަހެއްގެ ގޮފިން އިތުރު ގަސް އާލާކުރާ ގޮތަށް މިކަމަކީ ވެސް ވަރަށް ފަސޭހަ އިން ކުރެވޭނެ ކަމެކެވެ. މިކަމަށްޓަކައި ބޭނުންވަނީ މުރަކަ ހެދި ބޮޑުވުމަށް ހަރު ތަނެއް ނުވަތަ އެއްޗެކެވެ. މިގޮތުން ފަރުގައި ހުންނަ ބޮޑެތި ބިޔަ ގާ ވެސް ބޭނުން ކުރެވިދާނެ އެވެ. ނުވަތަ ދަގަނޑުން ކޮންމެ ވެސް ޑިޒައިނަކަށް ފަރުމާކޮށް ހަދާފައިހުންނަ އެއްޗެއްގައި ވެސް މުރަކަ އާލާކުރެވޭނެ އެވެ.
ފަރުމަތީ ވިއްސިވިހާލިވެފައިވާ މުރަކަތަކެއް، މިފަދަ މުރަކަތައް މިގޮތަށް ހުރެއްޖެނަމަ މަރުވެގެންދާނެ، މިތަކެތި ހޮވުމަށްފަހު ކޮންމެސް ހަރު ތަނެއްގައި، ހަރުކުރުމުން ހެދި ބޮޑުވުމަށް ފުރުސަތު ލިބޭނެ.--ފޮޓޯ: އަމޫ/ވޯޓާ ސޮލިއުޝަންސް
އެގޮތުން ދަގަނޑުން އެކި ޑިޒައިންތަކަށް ކަނޑުއަޑީގައި ހަރުލާފައި ހުންނަ ގޮތަށް ހެދޭ އެއްޗެއްގައި މުރަކަ އާލާކޮށް ދިރުވުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެކަމަށް ބޭނުން ވަނީ ފަރުގައި ވިއްސިވިހާލި ވެފައި ހުންނަ މުރަކަކޮޅުތައް އެކަންޏެވެ. އެކިއެކި ސަބަބުތަކާ ހުރެ ފަރުތަކުގައި އަބަދު ވެސް މުރަކަތައް އެކި ގޮތްގޮތުން ވިއްސިވިހާލި ވެފައި ހުންނާނެ އެވެ. މިސާލަކަށް މޫސުން ގޯސްވުމުންނާއި ރާޅުބާނީގެ ސަބަބުން އަދި މޫދަށް އެރި އުޅޭ މީހުންގެ ސަބަބުން މިފަދަ ކަންތައްތައް ހިނގާނެ އެވެ. އެގޮތަށް ވިއްސިވިހާލި ވެފައި ހުންނަ މުރަކަ އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަރުވެގެން ދާނެ އެއްޗެކެވެ. މިހެން ދިމާވަނީ އެ ދިރިހުރުމަށް ބޭނުންވާ ހަރުތަނެއް ނެތުމުންނެވެ.
މުރަކަ އާލާކުރުމަށް މިގޮތަށް ހުންނަ މުރަކަތައް ނެގުމަށް ފަހު ހަރުތަނެއް ނުވަތަ އެއްޗެއްގައި ހަރު ކުރާނީ އެވެ. ހަރުކުރަން ފެނުއަޑީގައި ބޭނުން ކުރާ ސިމެންތި ނުވަތަ ކޭބަލް ޓައި ވެސް ބޭނުން ކުރެވޭނެ އެވެ. މިގޮތަށް ހަރުކުރުމުން މުރަކަތައް ވަރަށް އަވަހަށް ހެދި ބޮޑުވާން ފަށަ އެވެ. އިސާހިތަކުން ވަރަށް ބޯކޮށް މުރަކަތައް ހެދިގަނެ އެވެ. ބޮޑު ސަރަހައްދެއްގައި މިކަން ކުރެވިއްޖެނަމަ އެ ސަރަހައްދަކަށް ވަރަށް އަވަހަށް ދިރުން ގެނެސް މުޅި ފަރަށް ދިރުން ގެނުވަ އެވެ. އެ ސަރަހައްދެއްގައި އިތުރު މަސްތަކާއި އެހެން ބާވަތުގެ ދިރޭ ތަކެތި އާލާވެ އެވެ.
ވޯޓާ ސޮލިއުޝަންސްގެ ސްޓާފެއް ފަރުމަތިން ހޮވައިފައިވާ މުރަކަތައް ދަގަނޑު ހަރެއްގައި ހަރުކުރަނީ (ވ) އަދި އެ ފްރޭމްގައި، އަށް މަސް ދުވަސް ފަހުން މުރަކަތައް ހެދިފައިވާ މިންވަރު.-- ފޮޓޯ: އަމޫ/ވޯޓާ ސޮލިއުޝަންސް
ރާއްޖޭގެ ޖަމިއްޔާ އެއް ކަމަށްވާ އޯޝަންހޯލިކްގެ މެރިން ބައޮލޮޖިސްޓް، ވެރިނާ ވައިސްބައުވާ އަކީ ރާއްޖޭ ގައި މުރަކަ އާލާކޮށް ދިރުވުމުގެ މަސަތްކަތް 2007 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ތަޖުރިބާކާރެކެވެ. ހުވަފެންފުށީގައި ހުޅުވި ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑު އަޑީގެ ސްޕާ ވަށައިގެން މުރަކަ ހައްދައި އާލާކުރުމުގައި އިސްކޮށް އުޅުއްވި، އޮސްޓްރިއާ އަށް އުފަން ވެރީނާ ވިދާޅުވާ ގޮތުގައި، މިގޮތަށް މުރަކަ އާލާކޮށް ދިރުވުމުން، ދިރުން ނެތް ސަރަހައްދުތަކަށް ވަރަށް އަވަހަށް ދިރުން ގެނެސް ދޭނެ އެވެ.
ވޯޓާ ސޮލިއުޝަންސް އިން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި ބައެއް ޒާތުގެ މުރަކަ އަހަރަކު 10 ސެންޓިމީޓަރާއި 12 ސެންޓިމީޓަރަށް ހެދި ބޮޑުވެ އެވެ. އެ ނަތީޖާތަކަށް ބަލާއިރު މުރަކަ ހައްދައި އާލާކުރުމަކީ ފަސޭހަ އިން ކުރެވިދާނެ ކަމެކެވެ. އަދި އެ ކަމަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކުރެވިދާނެ ކަމެކެވެ.
މިސާލަކަށް ސްކޫލެއްގެ އިކޯ ކްލަބުން އިސް ނަގައިގެން މިކަން ކުރެވިދާނެ އެވެ. އަދި އިކޯ ކްލަބުން މިފަދަ ޕްރޮގްރާމެއް ހިންގިއްޖެ ނަމަ އެ ކްލަބްގެ ކުދިންގެ ވިސްނުމާއި ތިމާވެއްޓާ ބެހޭ ގޮތުން ހޭލުންތެރިވެފައިވާ މިންވަރު އިތުރު ވެގެން ދާނެ އެވެ.
ފަރުތައް އާލާކޮށް ދިރުވުމުގެ ބޭނުމަކީ ގުދުރަތީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ފަރަށް ލިބޭ ގެއްލުމުގެ އަސަރު ކުޑަކޮށް ފަރުތަށް އަލުން ދިރުވުމެވެ. މިގޮތަށް މުރަކަ އާލާކުރުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މީހުންނަށް މިކަމާ ބެހޭ ހޭލުންތެރިކަން އުފެއްދުމާއި ފަރުތަށް ރައްކާތެރިކޮށް ދެމެހެއްޓުމަކީ ކިހާ މުހިންމު ކަމެއް ކަން އަންގައި ދިނުމެވެ.
ސްކޫލް ތަކާއި، ރިސޯރޓްތަކުގެ އިތުރުން ގެސްޓްހައުސް ތަކުން ވެސް މިފަދަ ޕްރޮގްރާމްތައް ހިންގަން ފަށައިފި ނަމަ ތިމާވެށި ރަށްކާތެރިކޮށް، ފަރުތަކާ ބެހޭ ގޮތުން ރައްޔަތުންގެ ހޭލުންތެރިކަން އިތުރަށް ހުޅުވުގެން ގޮސް އޭގެ ފައިދާ ވަރަށް އަވަހަށް ކުރާނެ އެވެ.
މުރަކަ އާލާކޮށް ދިރުވުމަށްޓަކާ ވޯޓާ ސޮލިއުޝަންސް އިން ވަނީ މިފަދަ އެތައް ޕްރޮގްރާމްތަކެއް ހިންގައި އަދި ފަންނީ ގޮތުން ލަފާދީފަ އެވެ. އަދި މުރަކަ އާލާކޮށް ދިރުވުމުގެ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ފަރާތްތަކަށް އެ ކުންފުނީގެ އެހީތެރިކަމާއި ލަފާ އެކި ގޮތްގޮތަށް ދޭނެ އެވެ. އެގޮތުން އެ ކުންފުނިން ވަނީ އއ. ހަލަވެލީގައި ހިންގާ ކޮންސްޓަންސް ހަލަވެލި ރިސޯޓާއި ސްވިޓްޒަލޭންޑްގެ ވަލްމަންޓް ކުންފުންޏާ އެކު މިފަދަ ޕްރޮޖެކްޓްއެއް ކާމިޔާބުކަމާ އެކު ހިންގައިފަ އެވެ. އެ ޕްރޮޖެކްޓްގެ ބޭނުމަކަށް ވީ ރިސޯޓްގެ ފަރު ނެތް ހިސާބެއް ދިރުވައި އާލާކުރުމެވެ.
ހަލަވެލި ރިސޯޓުގައި މުރަކަ އާލާކުރުމަށް ދޯންޏެއްގެ ސިފައިގައި ތައްޔާރުކުރެވިފައިވާ ދަގަޑު ފްރޭމެއް އަދި އެ ފްރޭމްގައި މުރަކަ އިންދާފައި.-- ފޮޓޯ: އަމޫ/ވޯޓާ ސޮލިއުޝަންސް
އެގޮތުން ދޯންޏެއްގެ ސިފައިގައި ދަގަނޑުން ފްރޭމެއް ހަދައި އެ ފްރޭމް ވަނީ ފަރުގެ 12 މީޓަރު އަޑި އަށް ފައްތައިފަ އެވެ. އަދި އެ އަށް ފަހު އޭގައި ވަނީ މުރަކަ ހަރުކޮށްފަ އެވެ. މިހާރު މި ފްރޭމްގައި މުރަކަ ވަނީ ދިރެން ފަށައި، އެ ހިސާބުގަނޑަށް ދިރުން ގެނުވައިފަ އެވެ. އަދި މަސްމަހާމެއްސާއި އެހެނިހެން ދިރުން މި ސަރަހައްދުގައި މިހާރު ވަނީ އަށަގަނެފަ އެވެ.
މާލޭގެ މަޝްހޫރު ޑައިވް ސްކޫލް، ޑައިވް ޑެސްކްގެ މެނޭޖިން ޑިރެކްޓަރު އާދަމް އަޝްރަފް ވިދާޅުވަނީ މުރަކަ ހެއްދުމާއި އާލާކުރުމަށް މިހާރު ވެސް މާބޮޑަށް ލަސްވެއްޖެ ކަމަކަށެވެ. އިންސާނުންގެ އަމަލުތަކުން ފަރުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކޮންމެ މީހަކު ވެސް މިހާރުން ފެށިގެން މަސަތްކަތް ކުރަން ޖެހިފައިވާ ކަމަށް އަޝްރަފް ވިދާޅުވި އެވެ.
މުރަކަ ހެއްދުމާ އާލާކުރުމަކީ މުހިންމު އަދި ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމަކަށް ވާއިރު، މިކަމާ ބެހޭ އިތުރު ފަންނީ ލަފަ އާއި އެހީ ހޯދުމަށް ވޯޓާ ސޮލިއުޝަންސްއާ ގުޅުއްވުމުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އެ ކުންފުނީގެ ފޯން ނަންބަރަކީ: 3341643 އަދި އީމެއިލް އަކީ: [email protected] އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެންވޭރު
22 October 2021
ހަބު
މާޒިނަ
05 April 2018
ހުރިހާފަރުތަކެއް ރިސޯޓްހަދަން ދީ, އޭރުން ދިރުވާކަށް ނުޖެހޭނެ