ލައިފްސްޓައިލް / ތައުލީމް

ފޯނުން ކެމިސްޓްރީ ކިޔެވި ސީރިޔާގެ ޒުވާނަކަށް ކެމްބްރިޖްގެ ހިލޭ ސްކޮލަޝިޕެއް

އަބްދުﷲ: އޭނާ އަށް މިހާރު ވަނީ ކެމްބްރިޖް ޔުނިވަސިޓީން ފުލް ސްކޮލަޝިޕެއް ލިބިފައި.

ކިޔަވަން ބޭނުން ނަމަ، ދަތި ހާލުގައި އުޅެން ޖެހުނަސް ގޮތެއް ހުހެއް ނުވާނެ އެވެ. ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސީރިއާގެ އަބްދުﷲ ކަތިނޭ، 19، ސާބިތުކޮށް ދިނީ އެކަމެވެ.

ދިމިޝްގުގެ ވީރާނާވެފައިވާ ސަރަހަދެއްގައި އޭނާ އާއިލާއާ އެކު އުޅުނީ ދުވާލަކު 18 ގަޑިއިރު ކަރަންޓް ވެސް ނެތި އެވެެ. ކިޔަވަން ބޭނުން ވިޔަސް، އޭނާ އަށް ފޮތް ހޯދައި ދެވޭނެ ގާބިލު ކަމެއް ވެސް އާއިލާގެ ނެތެވެ. އެހެންވެ މިދިޔަ އަހަރު ކޮލެޖުން ގްރެޖްއޭޓްވުމަށް ފަހު، އޭނާ ހުރީ ކުރިއަށް ދާނެ އިތުރު ފުރުސަތަކަށް ބޭނުންވެފަ އެވެ.

ކެމިސްޓްރީގެ ދާއިރާއިން ކުރިއަށް ދާން ޝައުގުވެރިކަން ހުރި ޒުވާނާ މި ހުރިހާ ދުވަހު ކިޔަވަމުން އައީ އަތުގައި އޮތް ކުޑަކުޑަ މޮބައިލްގެ ފޯނެއްގެ އެހީގަ އެވެ. ކިޔެވުމަށް އަބްދުﷲ ދައްކަމުން ދިޔަ ހިތްވަރާއި ޝައުގާ އެކު، އެތައް ބަޔަކު ވަނީ އޭނާ އަށް މާލީ ގޮތުން އެހީވާން އޮންލައިން ކެމްޕޭނެއް ވެސް ހިންގައިފަ އެވެ.

އަބްދުﷲ ހާއްސަކޮށްގެން ހިންގި ކެމްޕޭނާ ބެހޭ ވާހަކަތަކެއް.

މި މަސައްކަތުގެ ނަތީޖާއަކީ އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވަސިޓީގެ "ކެމްބްރިޖްޓް ޓްރަސްޓް ސްކޮލަޝިޕް" އޭނާ އަށް ލިބުމެވެ. އެތަނުގެ ކޯޕަސް ކްރިސްޓީ ކޮލެޖްގައި ކިޔެވުމާއި ހުރުމުގެ ހަރަދާ އެކު، ލިބުނު "ހުވަފެނީ" ސްކޮލަޝިޕާ އެކު، އަބްދުﷲ މިހާރު ހުރީ ވަރަށް އުފަލުންނެވެ. އަދި އޭނާ އަށް މިންވަރު ކުރެއްވި ނަސީބަށްޓަކައި ޝުކުރު އަދާ ކުރެ އެވެ.

"ވީރާނާވެފައި އޮތް ސީރިއާގެ ދަރިއަކަށް ލަންޑަންގެ ކެމްބްރިޖާ ހަމައަށް ދެވޭނެ ކަމަކަށް އަހަރެން ދުވަހަކު ވެސް އުންމީދެއް ނުކުރަން،" ޑެއިލީ މެއިލަށް އަބްދުﷲ ބުންޏެވެ. "އަހަރެން މި ހުރީ މި ލިބުނު ފުރުސަތު ސިފަކުރާނެ ގޮތެއް ވެސް ނޭނގިފައި. ހެއްދެވި ފަރާތަކަށް ހަމްދާއި ޝުކުރު ކުރަން."

އޭނާ ބުނި ގޮތުގައި މިއީ މިއޮތް ހުރިހާ ދުވަހު ކިޔެވުމަށްޓަކައި އޭނާ އުފުލި ބުރައިގެ ނަތީޖާ އެވެ. އެހެންވެ ކެމްބްރިޖް ޔުނިވަސިޓީން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާނެ ކަމަށް ބުންޏެވެ.

"މިއީ އަހަރެންގެ ހުވަފެންތައް ހާސިލް ކުރަން ހުޅުވުނު ދޮރެއް،" ކެމިސްޓްރީން ޑިގްރީ އަށް ކިޔަވަން އަމާޒު ހިފާފައިވާ އަބްދުﷲ ބުންޏެވެ. "ބޭނުން ވަނީ ކިޔަވައިގެން މޮޅު މީހަކަށް ވާން. ހަނގުރާމައިގެ ސަބަބުން ސީރިއާގައި އަހަރެން އުމުރު ފުރައިގެ އެތައް ޒުވާނުންނެއް މަރުވެ ހިނގައްޖެ. އެތައް ޒުވާނެއްނެއް ތިބީ ނުކުޅެދޭ ހާލަތުގައި. އަހަންނަށް ލަންޑަނާ ހަމައަށް އާދެވުމަކީ ބަދަލަށް ކުރެވޭ އުންމީދުތަކެއްގެ ފެށުން ކަމަށް ގަބޫލު ކުރާ ހިތް ވަނީ."

ކެމްބްރިޖް ޔުނިވަސިޓީގެ ކޯޕަސް ކްރިސްޓީ ކޮލެޖް: އަބްދުﷲ ޑިގްރީ އަށް ކިޔަވާނީ މި ތަނުގައި.

ކޯޕަސް ކްރިސްޓީ ކޮލެޖްގެ ޓިއުޓާ ޑރ. މައިކަލް ސުދަލަންޑް ވިދާޅުވި ގޮތުގައި އެ މީހުން އަބްދުﷲ އަށް ދޭން އޮތީ ހިތްވަރެވެ.

"އަހަރެމެން ބުނަން ބޭނުންވާ ވާހަކައަކީ އިތުރު ކަމަކާ ފިކުރު ކުރާނެ ކަމެއް ނެތޭ. މި ލިބުނު ފުރުސަތާ އެކު ކިޔެވުމާއިގެން ކުރިއަށް ދާށޭ،" އޭނާ ވިދާޅުވި އެވެ. "އަހަރެމެން މި ތިބީ އަބްދުﷲ ގެ ފަހަތުގައި."

ކެމްބްރިޖްޓް ޓްރަސްޓް ޑިރެކްޓަރު ހެލެން ޕެނަންޓް ވެސް ވިދާޅުވީ އެތަކެއް ގޮންޖެހުންތަކާ އެކު، އަބްދުﷲ ކުރި ހިތްވަރަށް އޭނާ ސާބަސް ދެ އެވެ. އަދި އަބްދުﷲ ގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ހިއްސާއަކަށްވެވޭތީ ލިބޭ އުފާ ބޮޑު ކަމަށް ވިދާޅުވި އެވެ.

އޮކްޓޯބަރު މަހު އަބްދުﷲ ޑިގްރީ އަށް ކިޔަވަން ފަށާނެ އެވެ.

0 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 7%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454