އޮމާން އެއާގެ މަތިންދާބޯޓެއް: އެ އެއާލައިންގެ ދަތުރުތައް އަންނަ އޮކްޓޯބަރު މަހު އަލުން ފަށާނެ.
03 ޖޫން 2018 - 13:25
އޮމާން އެއާގެ ދަތުރުތައް އަންނަ އޮކްޓޯބަރު މަހު ރާއްޖެ އަށް އަލުން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
މަސްކަޓް ޑެއިލީގައި ބުނެފައި ވަނީ އޮމާންގެ ގައުމީ އެއާލައިންގެ ދަތުރުތައް އޮކްޓޯބަރު މަހުގެ 28 ގައި ރާއްޖެ އަށް އަލުން ފަށާއިރު، ލުބްނާންގެ ބެއިރޫތަށާއި ސިންގަޕޫރަށް ވެސް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ. އޮމާން އެއާލައިނުން މި ދަތުރުތަކަށް ބޭނުންކުރާނީ ބޮއިން 737 މެކްސް މަރުކާގެ މަތިންދާބޯޓެވެ.
އޮމާން އެއާލައިންގެ ދަތުރުތައް 2009 ވަނަ އަހަރު ފެށުމަށް ފަހު ދަތުރުތައް މެދުކަނޑާލީ ލޯޑު ދަށްވުމުން 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ.
މެދުއިރުމަތީގެ އެންމެ ވަރުގަދަ އެއް އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް އަލުން ފަށާއިރު، އޮފް ސީޒަނާ ދިމާކޮށް ބައެއް އެއާލައިންތަކުގެ ދަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ.
މެދުއިރުމަތިން މިހާރު ރާއްޖެ އަށް ޝެޑިއުލް ދަތުރުތައް ކުރަނީ ޔޫއޭއީގެ އެމިރޭޓްސް އާއި ގައުމީ އެއާލައިން އިއްތިހާދު އެއާވޭސް، ގަތަރުގެ ގައުމީ އެއާލައިން ގަތަރު އެއާވޭސް އަދި ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން ސައުދިއާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy