އެމިރޭޓްސް އެއާލައިންގެ ފްލައިޓެއް. މުމްބާއީއަށް ޖެއްސި ބޯޓުގައި ތިބި މީހުން މިރޭ ވަނީ މާލެ ގެނެސްފައި.
27 ޖުލައި 2016 - 00:34
ދުބާއީން މާލެ އަށް ދަތުރުކުރަނިކޮށް ކުއްލި ހާލަތުގައި އިންޑިއާގެ މުމްބާއީއަށް އިއްޔެ ޖެއްސި އެމިރޭޓްސްގެ އީކޭ 652 މަތިންދާ ބޯޓުގައި ތިބި 309 ޕަސިންޖަރުން މިރޭ މާލެ ގެނެސްފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
"މިހާރު"އާ ވާހަކަދެއްކެވި އެމިރޭޓްސް މާލޭ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މުމްބާއީގެ ޗަތްރަޕަތީ ޝިވާޖީ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުއްލި ހާލަތުގައި ޖެއްސި ބޯޓުގައި ތިބި ހުރިހާ ފަސިންޖަރުން މިރޭ މާލެ ގެނެސްފައިވާ ކަމަށެވެ. އަދި އެ ބޯޓުން ސްރީ ލަންކާގެ ކޮލަމްބޯއަށް ދަތުރުކުރަން ތިބި ފަސިންޖަރުން ވެސް މިރޭ ފުރާވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުމްބާއީގައި ތިބި ފަސިންޖަރުން ގޮވައިގެން އައި އީކޭ 652ގެ މަތިންދާ ބޯޓު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ޖެއްސީ މިރޭ 9:15ގަ އެވެ. އެ މަތިންދާބޯޓު ދުބާއީއަށް ފުރީ 10:34ގަ އެވެ.
ދުބާއީން މާލެ އަށް އިއްޔެ ހެނދުނު 9:50ގައި ފުރި ބޯޓު ހަވީރު 3:05ގައި ޖައްސަން ހަމަޖެހިފައިވަނިކޮށް ބޯޓުގެ ކޮކްޕިޓުންނާއި ކެބިން އިން ދުން އަރަން ފެށުމާ ގުޅިގެން އިމަޖެންސީ ހާލަތުގައި މުމްބާއީއަށް ޖެއްސީ އެތަނުގެ ގަޑިން މެންދުރު 2:58ގަ އެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެމިރޭޓްސްގެ ބޯއިން 777 މަރުކާގެ މަތިންދާ ބޯޓު ކުއްލި ހާލަތުގައި ޖައްސަން މުމްބާއީގެ އެއާޓްރެފިކް ކޮންޓްރޯލް ޓަވަަރަށް އެންގުމާއެކު އިންޑިއާގެ ކޯސްޓްގާޑު ކުއްލި ހާލަތަށް ގެނަ އެވެ. އަދި އެ ބޯޓު މުމްބާއީ ޖެއްސިއިރު އެމްބިއުލާންސްތައް ވެސް އޮތީ ތައްޔާރީ ހާލަތުގަ އެވެ.
މުމްބާއީގައި އެ ބޯޓު ޖެއްސުމާއެކު ފަސިންޖަރުން ބޭލުމަށްފަހު ޓޯކޮށްގެން ގެންގޮސް ހައިލެވެލް އިންސްޕެކްޝަނެއް ހަދާފައިވާ ވެސް އިންޑިއާގެ ނޫސްތަކުގައިވެ އެވެ. އަދި ދުބާއީން ފުރަައިގެން މާލެއަަށް އަންނަނިކޮށް އިންޑިއާގެ މުމްބާއީއަށް އެ ބޯޓު ޖެއްސުނީ ނަސީބު ރަނގަޅުކަމުން ކަމަށާއި އެކަމާ ޕައިލެޓުންނަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށް އިންޑިއާގެ މީޑިއާތަކުގައިވެ އެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޑޮޓްކޮމް އާއި އެހެން ބައެއް ނޫސްތަކުގައި ބުނެފައި ވަނީ އީކޭ 652 ގެ ފްލައިޓް މާލެއަށް ދަތުރުކުރަނިކޮށް މުމްބާއީގައި ޖެއްސުމަށް ޕައިލެޓް އެދުނީ ބޯޓުގެ ކޮކްޕިޓާއި ކެބިން އިން ދުން އަރާތީ ކަމަށާއި އެހާ ހާލަތުގައި އިންޑިއާ ކަނޑު ހުރަސްކުރުމަކީ ނުރައްކަލަށް ވެދާނެތީ ކަމަށެވެ.
އެ ނޫހުގައި ބުނެފައި ވަނީ ބޯޓު ލުއިކުރުމަށްފަހު އިންޑިއާ ކަނޑަށް ސޮފްޓް ލޭންޑިންއެއް ހަދަން ޖެހިއްޖެ ނަމަ އެކަން ކުރަން ޕައިލެޓުންނާއި ކްރޫން ތިބީ ތައްޔާރުވެގެން ކަމަށާއި ނަމަވެސް އެފަދަ ހާލަތެއް މެދުވެރިނުވެ ބޯޓު އިންޑިއާ ގަޑިން މެންދުރު 2:58 ގައި ޖެއްސި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީނާ މުހައްމަދު އަމީނު ދީދީ
27 July 2016
އަޅުގަނޑު ކަންދިމާ ކުރިގޮތުން ލަންޑަން ވަޔާރ ޑުބައި މާލެ އައް ދަތުރުފެށުނީ މިބޯޓުންނެވެ. ހީވެސް ނުކުރެވޭ މިގޮތައް ކަންތައް ވާނެކަމަކައް.. މާތްﷲ އަޅުގަނޑުމެން އެއްމެންގެ ފުރާނަސަލާމަތް ކޮށްދެއްވައިފި... ދިވެހީން އަޅުގަނޑުނޫނަސް މިފުލައިޓުން ދަތުރު ކުރިކަމައް ވަނީ...
ނޯވަން
27 July 2016
10:34ގަފުރީ ލަންކާއަށް ޑުބާއީ އަކަށްނޫން ޑުބާއީ އަށްދާންފުރީ ފަތިހު 4 ޖަހާކަންހާ އިރު
ޒަބީބު
27 July 2016
އެއްވެސް ގެއްލުމެއް ނުވިކަން ނަސީބެއްނޫން. الحمد لله
އަމީނު
27 July 2016
މިބޯޓުން ދަތުރުކުރީ ކިތައް ދިވެހިންކަމެއް މިކަމާގުޅޭ އެއްވެސް ހަބަރަކުން ނުފެނުނު
ޙ
27 July 2016
ތީގައި ދިވެހިން ތިބިތަ؟