ރޭގެ މެޗުތަކަށް ފަހު ރޮނާލްޑޯ (ކ) އާއި މެސީ.-- ފޮޓޯ: އޭއެފްޕީ
01 ޖުލައި 2018 - 10:04
މޮސްކޯ (ޖުލައި 1) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭގެ މެޗުތަކަށް ފަހު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ވަރުގަދަ ދެ ތަރިން ކަމަށްވާ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވޯލްޑް ކަޕް ވަނީ ނިމިފަ އެވެ. އަދި ރިޕޯޓްތައް ބުނާގޮތުން މިއީ ރޮނާލްޑޯ އާއި މެސީގެ ފަހު ވޯލްޑް ކަޕެވެ. އެހެންވެއްޖެ ނަމަ ވޯލްޑް ކަޕެއްގެ ތަށީގައި އަތްލުމުގެ ފުރުސަތު ނުލިބުމަކީ މި ދެ ކުޅުންތެރިންގެ ކާމިޔާބު ކެރިއަރަށް އަންނާނެ އެންމެ ބޮޑު ހުސްކަމެވެ.
ރޮނާލްޑޯ އާއި މެސީ ކޮންމެ ކުޅުންތެރިއަކު ވަނީ ކެރިއަރުގައި ހަތަރު ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އެންމެ ފަހު ފަހަރު ވޯލްޑް ކަޕްގެ ފައިނަލުން މެސީގެ އާޖެންޓީނާ ބަލިވީ ޖަރުމަނު އަތުންނެވެ.
ރޮނާލްޑޯގެ މިހާރުގެ އުމުރަކީ 33 އެވެ. އަދި މެސީ އަށް ވަނީ 31 އަހަރު ފުރިފަ އެވެ. ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ދިއުމުގެ ކުރިން މި ދެ ކުޅުންތެރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ފުރުސަތު ބޮޑު ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާ މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނައިޖީރިއާ އަތުންނެވެ. ފުރަތަމަ މެޗުގައި އައިސްލެންޑް އަތުން އާޖެންޓީނާ އަށް މޮޅުނުވެވުނުއިރު، ޕެނަލްޓީއެއް ވަނީ ބޭކާރުވެފަ އެވެ. ދެ ވަނަ މެޗުން ކްރޮއޭޝިއާ އަތުން ބަލިވިއިރު، މުޅި މުބާރާތުގައި މެސީ ޖެހި ހަމައެކަނި ގޯލާ އެކު އާޖެންޓީނާ ދެ ވަނަ ބުރުން ފުރުސަތު ހޯދީ ނައިޖީރިއާ ބަލިކުރުމަށް ފަހު އެވެ. އާޖެންޓީނާ އަށް މުބާރާތް ނިމުނީ ރޭ ފްރާންސް އަތުން 4-3 އިން ބަލިވުމުންނެވެ. މި މެޗުގައި މެސީ ބޭނުންކުރީ ފޯލްސް ނައިން ސިސްޓަމްގެ އެންމެ ކުރިއަށެވެ.
ރޭގެ މެޗަށް ފަހު އާޖެންޓީނާގެ ކޯޗު ސަމްޕައޮލީ ބުނީ މި މުބާރާތުގައި މެސީގެ މޮޅު ކުޅުން ދައްކަން އޭނާ ހުރިހާ ގޮތަކުން މަަސައްކަތްކުރި ކަމަށެވެ.
"އަހަރެމެންގެ އަތުގައި އެންމެ މޮޅު ކުޅުންތެރިއާ (މެސީ) ހުރީ. އަހަރެން މަސައްކަތް ކުރިން ކުރެވޭ ހުރިހާ ގޮތެއް ބަލާފައި ވެސް މެސީގެ މޮޅު ކުޅުން ދައްކަން. ޓެކްޓިކްސް އާއި އެކި ފޯމޭޝަންތަކަށް ޓީމު ބައްޓަން ކުރިން. ބައެއް ފަހަރު ކާމިޔާބު އަނެއް ބައި ފަހަރު ކާމިޔާބެއް ނޫން. އާޖެންޓީނާ އަކީ ހަމައެކަނި މެސީގެ ބޮލުގައި އޮތް ޒިންމާއެއް ނޫން. ފެއިލްވީ މެސީއެއް ނޫން މުޅި ޓީމު. އެކަމަކު މި ހުރިހާ ކަމެއް ބަދަލުކުރެވޭނެ އަހަންނަށް،" ކުރިން ޗިލީ އަށް ކޮޕަ އެމެރިކާ ކާމިޔާބު ކޮށްދިން ސަމްޕައޮލީ ބުންޏެވެ.
ޕޯޗުގަލުން 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކުރިއިރު، އެ ފަހަރު ރޮނާލްޑޯ ބުނީ އެންމެ ބޭނުންވާ މުބާރާތަކީ ވޯލްޑް ކަޕް ކަމަށެވެ. މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ރޮނާލްޑޯ ވަނީ ސްޕެއިން ކޮޅަށް ހެޓްރިކެއް ހަދައިފަ އެވެ. ސްޕެއިންއާ އެއްވަރުވި ނަމަވެސް އެ މެޗުގައި ޖުމްލަ ގޮތަކަށް ބަލާއިރު އެ ނަތީޖާ ރަނގަޅީ ޕޯޗުގަލް އަށެވެ. އެއީ މެޗުން ބަލިވާން ދަނިކޮށް ޓީމު ސަލާމަތްވުމުންނެވެ. ދެ ވަނަ މެޗުގައި ރޮނާލްޑޯގެ ލަނޑުން މޮރޮކޯ ބަލިކުރިއިރު، މިއީ މި މުބާރާތުގައި ޕޯޗުގަލަށް ލިބުނު ހަމައެކަނި މޮޅެވެ. ގްރޫޕްގެ ފަހު މެޗުން ޕޯޗުގަލް ވަނީ އީރާނާ އެއްވަރު ކޮށްފަ އެވެ. އެ މެޗުގައި ރޮނާލްޑޯ އަތުން ވަނީ ޕެނަލްޓީއެއް ބޭކާރުވެފަ އެވެ.
އުރުގުއާއީގެ އެޑިސަން ކަވާނީގެ ދެ ލަނޑުން 2-1 އިން ބަލިވެ ޕޯޗުގަލް އަށް މުބާރާތް ނިމުނުއިރު، މެޗަށް ފަހު ރޮނާލްޑޯގެ މުސްތަގުބަލާ ގުޅޭގޮތުން ކުރި ސުވާލުތަކަށް އެންމެ އެކަށީގެންވާ ޖަވާބެއް ނުދެ އެވެ.
"މިއީ ކުޅުންތެރިންނާއި ކޯޗުންގެ މުސްތަގުބަލުގެ ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތެއް ނޫން. އަހަރެމެން ޓީމުގައި އެބަތިބި ވަރަށް މޮޅު ޒުވާން ކުޅުންތެރިންތަކެއް. އެ ސަބަބަށްޓަކައި މި ވަގުތު ވެސް ހިތްހަމަ ޖެހުމެއް އެބައޮތް،" ރޮނާލްޑޯ ބުންޏެވެ.
ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ކުރިއަށް ހުރި މުބާރާތްތަކުގައި އޭނާގެ ބޭނުން ޓީމަށް ޖެހޭނެ ކަމަށެވެ. އަދި އޭނާގެ އަމާޒަކީ ރޮނާލްޑޯއާ އެކު އަލަށް ފަށާ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކުރުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީލިިލޮ
02 July 2018
އެކޯޗަކީ ޗިލީއަށް ތަށިނަގައިދިން ކޯޗު..... ދެންވެސްބުނާނެ ކޯޗޭ
އަލީ ހަސަނު
01 July 2018
އާޖެންޓީނާ ބަލިވީ ކޯޗުގެ ސަބަބުންކަންވެސް ފާހަގަ ކޮށްލަން. ޓީމު ބަލިވެގެން ދާއިރުވެސް ދުނިޔޭގެ ލެވެލް 2 ކުޅުންތެރިން ހުރީ ބެންޗުގައި. ވަރަށް ސަލާމް.
ީލަވް
01 July 2018
ފުރާންސްގެ 19 އަހަރުގެ އެމްބާޕެއަކީ މުސްތަގުބަލުގާ ރޮނާލްޑޯއާއި މެސީއައްތުރެ މޮޅުމީހަކަށްވާނެ.....
މުތީ
01 July 2018
ހުވަފެނުގަ ދޯ ބުރޯ.
ކިލިއަން އެމްބެޕާ
01 July 2018
ރޮނާލްޑޯ އަދި މެސީ އެއީ މާޒީ.މީހާރު އާތަރިން ވަނީ ފިޔަޖަހަން ފަށާފަ.
ކަޅޭ
01 July 2018
އަހަރެންގެ އުއްމީދަކީ ގަތަރު ވޯލްޑްކަޕް މެސީ ކުޅުން.
ޢަލީ ނަސީރު
01 July 2018
މެސީ އަށް ކުޅެވޭނީ ހަމައެކަނި ބާސެލޯނާއަށް އެކަންޏެވެ.
އަލީ ނަސީރުގެ ބަފާ
01 July 2018
ބަލަ މެސީއަށް އާރޖެންޓީނާގައި ނުކުޅެވޭނަމަ ވާރލްޑް ކަޕްގެ ފައިނަލަށްގޮސް އެމުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމާއިއެކު ދެ ކޮޕާ އެމެރިކާގެ ފައިނަލްގައެއް ނުކުޅޭނެ. ކިތަންމެ މޮޅު މީހަކު ހުއްޓަސް މޮޅު ކޯޗެއް ނެތިއްޔާ ކާމިޔާބެއް ނުލިބޭނެ. ޑިފެންސް ނުކުރެވުމާ ދެތިން ޕާސް ޖަހާނުލެވުން އެއީ މެސީގެ މައްސަލައެއްނޫން. ރޭގަވެސް ފަހު ގޯލަށް އެކުރި އެސިސްޓް އެެއީ އެހެން މީހަކަށް ކުރެވޭނެ ކަމެއްނޫން.