އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫ، އަދާލަތު ޕާޓީގެ އިސް ބޭފުޅުންނާ މިރޭ ބައްދަލުކުރައްވަނީ: މި ބައްދަލުވުން ބޭއްވީ އަދާލަތު ޕާޓީގެ އެދުމަކަށް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
07 ޖުލައި 2018 - 01:35
މީގެ ކުރީ ފަހަރުތަކާ ޚިލާފަށް، ސަރުކާރާ ދެކޮޅަށް މިހާރުގެ އިދިކޮޅު ފަރާތްތަކުން މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެކުލަވާލާފައިވާ ކޯލިޝަންގެ މައްސަލަތައް ކުޑަވާނެ ކަމަށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަން ގައި ހިމެނޭ އަދާލަތު ޕާޓީގެ ދައުވަތަކަށް އެ ޕާޓީގެ އިސްބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް މި ފަހަރު އެކުލަވާލާފައިވާ ކޯލިޝަންގެ މައްސަލަތައް ކުޑަވަނީ، އެއީ ވަރަށް ބޮޑަށް ރޭވިގެން އަދި ވަގުތު އޮއްވައި ހަދާފައިވާ ކޯލިޝަނަކަށް ވުމުން ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވި ގޮތުގައި މިދިޔަ ދެ ފަހަރު ވެސް ކޯލިޝަން ހަދާފައި ވަނީ، އެ ނޫން އެއްވެސް ގޮތެއް ނެތިގެން، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގަ އެވެ. އަދި އެކަން އެގޮތަށް ކުރިއިރު، ކޯލިޝަން ޕާޓީތަކުގެ މެދުގައި މާ ބޮޑު ގުޅުމެއް ނޯންނާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"މި ފަހަރު އެއާ ޚިލާފަށް އަޅުގަނޑުމެން ކުރިމަތި މިލަނީ ސަރުކާރެއް ބައްޓަން ކުރާނެ ގޮތާއި އޮނިގަނޑާއި ހުރިހާ އެއްޗެއް، އެންމެން އެއް ތަނެއްގައި ތިބެ މަޝްވަރާ ކޮށް ނިންމައިގެން. ސިޔާސަތުތައް ވެސް މި ކަނޑައަޅަނީ [ރިޔާސީ އިންތިޚާބުގެ] ފުރަތަމަ ބުރުގެ ކުރިން. އެހެންވީމާ ކުރީ ފަހަރުތަކާ ޚިލާފަށް މި ފަހަރު ކޯލިޝަން އުފެދިގެން މިދަނީ ދުރާލައި ރޭވިގެން. އެހެންވީމާ ކުރިއާ ޚިލާފަށް މީގައި މި ފަހަރު މައްސަލަ ނުކުތުން ކުޑަވާނެ،" ކޯލިޝަންގެ ބައެއް ޕާޓީތަކުގެ އެކި ފެންވަރުގެ ބޭފުޅުން މިހާރު ވެސް އެކި ޕްލެޓްފޯމްތަކުގައި ބަހުގެ ހަމަލަތައް ދޭ އިރު، ކޯލިޝަން ދެމެހެއްޓިދާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑަށް އުންމީދު ކުރެވޭ މި ކޯލިޝަން ދެމެހެއްޓޭނެ ކަަމަށް."
އިބޫ އެހެން ވިދާޅުވިއިރު، ބައެއް ކަންކަމުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ބައެއް އިސް ބޭފުޅުންނާއި އެކްޓިވިސްޓުންގެ ފެންވަރުގައި ދަނީ ހިޔާލު ތަފާތުވެ، ބަހުގެ ހަމަލާތައް ދެމުންނެވެ. އޭގެ ތެރޭގައި ރަނިން މޭޓެއްގެ ގޮތުގައި ޖޭޕީން ކަނޑައަޅަން ޖެހޭ ބޭފުޅަކާ މެދުގަ އާއި އެމްޑީޕީގެ މެނިފެސްޓޯ ގައި ހިމެނޭ ބައެެއް ކަންކަން ހިމެނެ އެވެ.
ޖޭޕީގެ ފައުންޑަރު ގާސިމް އިބްރާހީމް ސޮއިކުރައްވައި އާންމު ކުރެއްވި، ވައުދުތަކުގެ ތެރެއިން ގިނަ ކަންކަން ވެސް އެމްޑީޕީގެ މެނިފެސްޓޯއާ ތަފާތެވެ. އެ ކަމުގައި ވެސް ދެ ފިކުރުގެ ހިޔާލު ތަފާތުވުން އެބަހުއްޓެވެ.
އިބޫ ވިދާޅުވި ގޮތުގައި، ގާސިމް ހުށަހެޅުއްވި ކަންކަން ފުރަތަމަ ހިއްސާ ކުރެއްވީ އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުން ހިމެނޭ ވަޓްސްއެޕް ގުރޫޕްގަ އެވެ. އެހެންވެ، ގާސިމްގެ އެ ހުށަހެޅުއްވުންތައް ކޯލިޝަންގެ ޕާޓީތަކާ އެ ހިސާބުން ފެށިގެން ހިއްސާ ކުރައްވާފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އިބޫ ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ އިސްބޭފުޅުންނާ އެކު، އިބޫ މިރޭ ބޭއްވި ބައްދަލުވުމަށް ފަހު، ނިއުސް ކޮންފަރެންސްގައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ޕާޓީ [ޖޭޕީ] ގެ ފަރާތުން އަދިއެއް ރަސްމީކޮށްނެއް ހުށަހެއް ނާޅާ. އެކަމަކު، އެއާ ބެހޭ ގޮތުން އަޅުގަނޑުމެންގެ އެޑްވައިޒަރީ ކޮމެޓީގަ އާއި އެހެން ކޮމެޓީތަކުގައި މަޝްވަރާ ކުރާނަން އަޅުގަނޑުމެން. މާ ބޮޑު ހިޔާލު ތަފާތުވުން އުޅޭ ކަންތައްތަކެއް ހިމެނޭ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެންގެ [އެމްޑީޕީގެ] މެނިފެސްޓޯ އޮތް ގޮތަށް އޭގެ ތެރޭގައި އިންކޯޕަރޭޓް ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މިދިޔަ މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސްގައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް އިންތިޚާބު ކޮށްފައިވާ އިބޫގެ ފުރަތަމަ ނިއުސް ކޮންފަރެންސް ގައި ވިދާޅުވި އެވެ.
ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބު 60 ޕަސެންޓުން ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވާއިރު، އަދި އެ އިންތިޚާބުގެ ފުރަތަމަ ބުރުން އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށް ޕީޕީއެމަށް ޔަގީންކަން އޮތް އިރު، އިބޫގެ ނަތީޖާ އަކީ ކޮބައިތޯ އެހުމުން ވިދާޅުވީ އެކަން އެނގޭނީ "ވޯޓުލުމުން" ކަމަށެވެ.
ނަމަވެސް، މިހާރުގެ ސިޔާސީ މަސްރަހުގައި ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު، އިބޫ ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ އެހުމުން ވިދާޅުވީ، ރައީސް ޔާމީން ބޮޑުތަނުން ބަލިވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތް އިރާދަކުރެއްވިއްޔާ ނިންމާލާނީ، ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ކޯލިޝަންގެ ވެރިކަމެއް ރާއްޖޭގައި ގާއިމްކޮށް، ރައްޔިތުންނަށް ހަމަޖެހި، ސުލްހަވެރިކަމާ އެކީގައި އުޅެވޭނެ މާހައުލެއް ގާއިމް ކޮށްދިނުމަށް ފަހު،" އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އިބޫ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައިންޓީ
08 July 2018
ތިޔައީ ކޯލިޝަނެއް ނޫން. ތިޔައީ ކޯޅޭޝަނެއް. މައްސަލަޔާ ކޯޅުން ވާނީ އިންތިހާއަށް ގިނަ. އިބޫ ހުންނަން ޖެހޭނީ އަސީރެއްގެ ގޮތުގަ. ވެރިކަން ކުރާނީ އިބޫއެއް ނޫން. އިބޫއަށް އެންމެ ފުރަތަމަ މަޖުބޫރުވާނީ ޚާޞަ މުޝީރެއްގެ މަގާމު އަންނިއަށް ދޭން. އެފަހުން ދެން އިބޫ އިންނާނީ ރ.ނަޝީދުގެ ވެރިކަމުގަ މުޙައްމަދު ވަޙީދު ޙަސަން މަނިކު ރައީސް އޮފީހުގަ އެކަހެރިވެފަ އިންގޮތަށް...
ދީމާހު
08 July 2018
ކޮން ކޯލިޝަނެއް. ނަޝީދުގެ ދެފައި އޮންނާނީ އިބޫ ސަރުކާރެއްގައިވެސް. ގާސިމަކަސް ކާސިމަކަސް އެއްވެސް މީހަކު އަޑެއް ލައްވާލައިފިއްޔާ އެކްޓިވިސްޓުން އައިސް އެމީހަކު ރޮލާ ކާނެ. ތިޔައީވެސް ޑިމޮކްރަޓިކް ޕާޓީ އެއް ނޫނޭ. ޕާޓިގެ ވެރިމީހާ ބުނާ ގޮތަށް ކަން ހިނގާނީ. ރާއްޖޭގައި ނެތް ޑިމޮކްރަޓިކް ވެއްޓެއް. އަދި ޑިމޮކްރަސީގެ ސިފަތަކަށް ތަރުބިއްޔަތު ވެފައި ހުރި ސިޔާސީ ލީޑަރެއް. ހައްތާވެސް ތިބީ ގޮންމުށުގެ ބާރުން ވެރިކަން ކުރަން ދަންނަ މީހުން
ޝޮކްތެރަޕީ
07 July 2018
ނަޝީދު ބުނި ބޯކިބާ އެމްމެފަހުން ނަޝީދު ފަޅަން މިޖެހުނީ.
މަންޑޭލާ
07 July 2018
ދެން ނަޝީދު ބޭރުކޮއްލާ ޕާޓީންވެސް..
ޝޮކްތެރަޕީ
07 July 2018
ކަލޭމެންނަކީ ކޮންބައެއްކަން އެގޭމިހާރު ޤާސިމަ މިފަހަރު ވަރުގަދަލަޑެއްދޭނެ.
ޙަފްޞާ / މާލެ
07 July 2018
މަދު ބަޔަކު ވޯޓުދީފާނެ! ނުހޮވޭނެ އިންޝާއަﷲ! ވޯޓު އޮޅުވާައިގެން ހޮވިޔަސް ކޯލިސަންގެ މުއްދަތަކީ 2 މަސް! މިއީ ތޯތޯއެއްނޫން! ފުރަތަމަ ވީގޮތް އަދި ހަނދާން އެބަހުރި ބްރޯ!!!
ދޮޅު
07 July 2018
ދޮޅު އަހަރުގެ ސަރުކާރަކުން ރައްޔިތުންނަށް ހަމަޖެހިލައިގެން އުޅެވޭނެތޯ؟ ދިވެހިން އަބަދުވެސް ތިބެންވީ ޓްރާންސިޝަނަލް ސްޓޭޖުގަތޯ؟ އަބަދުވެސް ވެރިކަމުގެ ނިޒާމާއި ވެރިކަމާ ހެދި ތަޅާފޮޅަފޮޅާތޯ؟ 1950އިން ފެށިގެން 2018 އަށް މިއާދެވުނީ. ކިތައް ނިޒާމު ޓެސްޓު ކުރެވިއްޖެތޯ؟ އޭރު އޮތް ރަސްކަން ކަމުނުގޮސްގެން ގެނައި ރިޔާސީ ނިޒާމު ކަމުނުގޮސްގެން އަލުން ރަސްކަމަކަށްގޮސް، އަނެއްކާވެސް އެކަމުނުގޮސްގެން ރިޔާސީ ނިޒާމަކަށްގޮސް، ރައީސް މައުމޫނުގެ ރިޔާސީ ވެރިކަން ނުވަތަ ރަސްކަން ކަމުނުގޮސްގެން ގެނައި 'ޑިމޮކްރެޓިކް' ރައީސްވެސް ކަމުނުގޮސް އޭނަ ވައްޓާލައި، ދެންހޮވި މީހާވެސް ކަމުނުގޮސް، އޭނަ ވެއްޓޭތޯ އުޅެއުޅެ ނުވެގެން، ކޯލިޝަނެއް ހަދައި ބަރުލަމާނީ ސިފަ ހުރި ވެރިކަމެއް ގެންނަން މިއުޅެނީ. ބަލަ، މައްސަލައަކީ ނިޒާމުގެ މައްސަލައެއް ނޫންކަން މިވަރުންވެސް ނޭނގެނީތޯ؟ މައްސަލައަކީ އިޚްލާސްތެރިކަން ނެތުން. ތެދުވެރިކަން ނެތުން. އިޙްތިރާމް ނެތުން. ތިކޯލިޝަނަކުވެސް އެކަންކަމެއް ނެތް. ދެނޯ؟
ރަތްރީދޫ
07 July 2018
ތެދެއް އެބުނީ. ފަަސްއަހަރަށް ހޮވާސަރުކާރެއް ދޮޅުއަހަރަށް ކުޑަ ކޮށްލީމަ އެބުނާ މައްސަލަތައް ކުޑަވާނެ.. އަބަދުވެސް ބުނާނެ ރާއްޖެތެރޭމީހުން ފަސްކުޅަދުު މަދުވާހަކަ އެއީ އަަސްލު ހަގީގަތަކީ.
އަޑިނުބައި
07 July 2018
މި ފަހަރު އަދި އެހެން ފަހަރުތަކަށްވުރެވެސް ކަޑަވާނެ! މޑޕ ގެ އަޑިނުބައިކަން އެންމެނަށްވެސް އެނގޭ....
ހަސަންމަނިކުފާނު
07 July 2018
މައްސަލަ ކުޑައެއްނުވާނެ އަދިވެސް މިއުޅެނީ ރަނިންމޭޓެއް ނުނިންމިގެން! ސަހަލަ ގޮތަކަށް މިކަމެއް ނުނިމޭނޭ!