ހައްޖުގެ އަޅުކަން ކުރަނީ -- ފޮޓޯ:އޭއެފްޕީ
23 ޖުލައި 2018 - 15:18
ހައްޖާ ބެހޭ ފޮތަކާއި ދުއާ ކާޑު ސެޓެއް ދިވެހި ހައްޖުވެރިންނަށް މި އަހަރު ވެސް ހިލޭ ދޭނެ ކަމަށް "ޖަމިއްޔަތުލް ޚައިރު"ން މިއަދު ބުނެފި އެވެ.
ދީނީ ކަންކަމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާ އިން ބުނީ ހުކުރު ނޫން ކޮންމެ ދުވަހެއްގެ ރޭގަނޑު 8:30 އާއި 10:00 އާ ދެމެދު އެ ޖަމިއްޔާގެ އޮފީހުން ފޮތްތައް ދޫކުރާނެ ކަމަށެވެ. މި އެއްޗެހި ދިވެހި ހައްޖުވެރިންނަށް ހިލޭ ދޭން ފެށީ މިދިއަ އަހަރު އެވެ.
"ޙައްޖާއި ޢުމްރާ ކުރާނެ ގޮތް" ގެ ނަމުގައި އެ ޖަމިއްޔާ އިން 2009 ގައި ނެރުނު ފޮތަކީ ސައުދީ އަރަބިއްޔާގެ ވުޒާރުލް ޙައްޖުން އާންމުކޮށްފައިވާ ފޮތުގެ ތަރުޖަމާ އެވެ. އެ ޖަމިއްޔާ އިން އަންނަނީ މި ފޮތް އާންމުކޮށް ވިއްކަމުން ވެސް މެ އެވެ.
ދުއާ ކާޑު ސެޓުގައި ހައްޖުވެރިން ކިޔަން ރަނގަޅު ދުއާތައް ހިމެނެ އެވެ. މީގެ އިތުރުން މި ދުއާ ސެޓުގައި ހައްޖާއި އުމްރާ ކުރާއިރު ސަމާލުކަން ބަލަަހައްޓަންވީ އެކިއެކި ކަންތައް ވެސް އެކުލެވިގެންވެ އެވެ.
"އަޅުގަނޑުމެން މި ފޮތާއި ދުއާ ސެޓު މި ފޯރުކޮށް ދެނީ ހައްޖަށް ދާ ބޭފުޅުންނަށް ބިދުއަތަކުން ސަލާމަތް ވެގެންވާ ފުރިހަމަ ހައްޖެއް ނިންމުމަށް މަގުފަހި ކޮށްދިނުމުގެ އުންމީދުގައި،" ޖަމިއްޔަތުލް ޚައިރުގެ ރައީސް އަހުމަދު ހުސެއިން މުހައްމަދު ވިދާޅުވި އެވެ.
"ބިދުއަ އަކީ އަޅުކަމުގެ ތެރޭގައި ނުވާ، އެކަމަކު އަޅުކަން ކަމަށް ދެކިގެން މީހުން ކުރަމުން އަންނަ ކަންތައް. ހައްޖު ފުރިހަމަ ވާނީ ބިދުއަތަކުން ސަލާމަތް ވެގެން ފުރިހަމަކޮށްފިއްޔާ."
ޖަމިއްޔަތުލް ޚައިރުގެ އޮފީސް ހުންނަނީ ދިލްބަހާރު މަގުގައި ހުންނަ މ. ފަރަންސާގޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނާޒިމް
24 July 2018
މި ކަމަކީ ފައްސާ ޖަހާ މެޗިނެއް! ހިލޭ ކަންތައް ކޮއްދޭލެ މާމަދު!
ސާމި
24 July 2018
ރަގަޅު ވާހަކައެއް. މިބޮޑު ފައިދާއެއްލިބޭ ވިޔަފަރިއެއް، މިވާހަކައެއްވެސް ބަޔަކު ދައްކަން ނުކެރުނަސް. ފޮތެއް ދިއްކޮއްލާފަ ގޮވުން ރަގަޅެއް ނޫން.
ޏާއިމާ
23 July 2018
ވަރަށް ރަގަޅު
ތުނިޔަ
23 July 2018
ހުރިހާ ޖަމާއަތަކުންވެސް ހަމަ ހިލޭ ދޭއެއްޗެއް ނޫންތޯ ތިއީ؟