ފުށިދިއްގަރު ފަޅު: މިތަނުން ހިއްކަން ނިންމާފައިވާ 800 ހެކްޓަރުގެ ބިމަކީ، ގާތްގަނޑަކަށް މާލޭގެ ހަތަރު ގުނަ.
01 އޯގަސްޓް 2018 - 17:24
މީހުން އާބާދުކުރަން، ފުށިދިއްގަރު ފަޅުން 800 ހެކްޓަރު ހިއްކަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މީގެކުރިން، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ނިންމައި ބޭރު ބަޔަކަށް 50 އަހަރަށް ކުއްޔަށް ދޫކޮށްގެން މައްސަލަ ބޮޑުވި، ފުށިދިއްގަރު ފަޅު އޮންނަނީ، މާލެ އަތޮޅު ގުޅީގެ އުތުރަށެވެ. މާލެ އަށް ވުރެ ހަތަރު ގުނަ ބޮޑު، އެ ފަޅުގައި ގާތްގަނޑަކަށް 1،475 ހެކްޓަރު ހުރެ އެވެ.
ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައި ދިގު މުއްދަތަކަށް އެ ފަޅު ކުއްޔަށް ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ކުރި ތަހުގީގަށް 2014 ގައި، ކުރީގެ ރައީސް އަދި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާ ސުވާލުކުރި އެވެ. އެކަމަކު ފަހުން، އެ މައްސަލަ ނިމުމުން، އެ ފަޅު 2016 ގައި މި ސަރުކާރުން، 72.6 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ވިއްކާލަން ވެސް އިއުލާންކުރި އެވެ.
މިނިސްޓަރު މުއިއްޒު މިއަދު ވިދާޅުވީ ފުށިދިއްގަރުފަޅުން 800 ހެކްޓަރުގެ ބިން ހިއްކަނީ، ވިލިމާލެ 2 މަޝްރޫއުގެ ތެރޭގައި ހިމަނައިގެން ކަމަށެވެ. އެ މަޝްރޫއުގައި، ގުޅީފަޅުން 230 ހެކްޓަރުގެ ބިން ހިއްކާއިރު، ފުށިދިއްގަރު ފަޅުން ހިއްކާ 800 ހެކްޓަރު ބިމުން ދޫކުރަން ނިންމާފައި ވަނީ ގޯއްޗެވެ.
ގުޅީފަޅުން ހިއްކާ ބިމުގައި ފްލެޓް އަޅާއިރު، މި މަޝްރޫއާއެކު ބްރިޖުން މާލެ އާއި ވިލިމާލެ އާއި ވިލިމާލެ 2 އަދި ގުޅީފަޅާއި ތިލަފުއްޓާއި ފުށިދިއްގަރު ފަޅު ގުޅުވާލާނެ އެވެ. މަޝްރޫއު ނިމޭއިރު، މި ރަށްތައް ބްރިޖުތަކަކުން ގުޅި، ދަތުރުފަތުރު ކުރަން ފަސޭހަ ވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/ހައުސިން މިނިސްޓްރީ
"ފުށިދިއްގަރު ފަޅު ވެސް އަޅުގަނޑުމެން ހިއްކަން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ގެންދާނީ. [މި މަހު 7 ގައި ފުށިދިއްގަރުން ގޯއްޗަށް ކުރިމަތިލާން ހުޅުވާލައި] ހަތަރު މަސް ދުވަހުގެ ތެރޭގައި ގޯއްޗަށް ކުރިމަތިލާ މިންވަރު އަޅުގަނޑުމެން ބަލާފައި އެއީ ފުރަތަމަ ފޭސްއަށް ހެދުމުގެ ވިސްނުމެއް އެބަ ގެންގުޅެން،" މުއިއްޒު ވިދާޅުވި އެވެ.
"މާލޭގެ ސައިޒުން ބަލައިފިއްޔާ، 800، ހެކްޓަރަކީ ހަތަރު މާލެ. ހުޅުމާލެ ދެ ފިޔަވަހީގެ ވެސް އިތުރު ދެ ފިޔަވަހި."
ހިއްކައިގެން ތަނެއް އާބާދުކުރުން ފަދަ މަޝްރޫއުތަކަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސަރުކާރަށް އުނދަގޫ ކަމެއް ނޫނެވެ. މި ސަރަހައްދަށް ބަލާއިރު އެންމެ ބޮޑު ޑްރެޖަރު އޮތީ، އެމްޓީސީސީގައި ކަމަށް ވިދާޅުވި އެވެ.
"ބިން ހިއްކުމުގެ މަސައްކަތް، ވަރަށް ބާރު ސްޕީޑުގައި ނިންމާލައި ތޮށިލުމާއި މަގު ހެދުން ފަދަ ކަންކަން ކުރިއަށް ގެންދާނީ. މި މަސައްކަތްތައް ބޭރުގެ ކުންފުންޏަކާ ހަވާލެއް ނުކުރާނެ، އެއީ ޚަރަދަށް ބަލާއިރު ވެސް އެންމެ ރަނގަޅު ގޮތް،" މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޒީނާ
02 August 2018
ނޫނޭ މި ސިޔާސީ މީހުން މޮޅު!!! މާލެއާއި އެނބޫދޫއާ ދޭތެރޭ 5 ކިލޯމީޓަރު ދިގުމިނާއި 350 މީޓަރ ފުން މިން އެބަހުރި. މިހާތަނަށް ދުނިޔޭގެ އެންމެ ފުނުގައި ބްރިޖެއް ހަދާފައިހުރީ 74 މީޓަރުގައި. ތިކަން ކުރަން ޖެހޭނީ އަދި އީޖާދު ނުކުރާ ޓެކްނޮލޮޖީއާއި މަދުވެގެން 3.5 ބިލިއަން ޑޮލަރު (40 ބިލިއަން ރުފިޔާ) ޚަރަދު ކޮށްގެން...ސަރަހައްދުގެ "އެންމެ ބޮޑު" ޑްރެޖަރު (މަހާޖައްރާފު) ބޭނުން ކޮށްގެން 800 ހެކްޓަރ ހިއްކަން ހުއްޓާނުލާ ރެޔާދުވާލު މަސައްކަތްކޮށްގެން 6 އަހަރު ނަގާނެ!!! އަވާ މެންދުރު؟؟؟
އައްސަދު
02 August 2018
މިރައީސް އަށް ތިޔަކަން ވެދާނެ
ކަނަމަނަ
02 August 2018
ފުށިދިއްގަރުފަޅާއި ގުޅިފަޅުގުޅާ ބުރިޖް ހާދަ ދިގުވާނެޔޭދޯ. އެއީ އެނބޫދޫ ފިނޮޅުފަޅަށްވުރެވެސް ދެކުނުގައި އޮންނަފަޅެއް ވީމަ......
ކަތީބު
02 August 2018
ބައެއްފަހަރު ބޮޑުމީހާ މިހެން ޓީވީއަށް އަރާ ކިޔާލާށޭބުނީމަ ވާނެ އަހާލަން މީވާވަރު ކަމެއްތޯ، ނޫނީ އޮއްނާނީ ސޯޓްބޭލިފަ، ތިވަރުގެ ޕްރޮޖެކްޓެއްގެ އީއައި އޭ ރަގަޅަށް ހަދާލަން ދާނެ ތިން ހަތަރު މަސް، އަދި ކޮބާ ދެންހުރި ކަންކަން، ފީސިބިލިޓީ، ޕްލޭނިންގ، ޑިޒައިނިންގ، ދެން އަދި ތިޔަށް ފޯމުލުން އެއީ 10 ވަރަކަށް ސްޓެޕް ފަހަތުގަ އޮއްކަމެއް އެހެންވީމަ މީކީ އަދިކުރަން އުޅޭކަމަކަށް ލަފައެއްނުކުރެވޭ، އެހެންނޫނަސް މި މާލެ އޭރިޔާނޫން ތަނެއް މިމީހުންގެ ލޮއައްނުފެނޭތަ، އެހެންވީމަ ރާއްޖެތެރެއަށް ވޯޓްހޯދަން ނާނަންވީނުދޯ.
ޝާހީން
02 August 2018
މީހުން އާބާދު ކުރާނެ ހިކިފަސް ތަންތަން މި ޤައުމުން ހުސްވީތަ؟ ނޫނީ ފައިސާ ގިނަވީތަ؟
ތުއްތުނާ
02 August 2018
އަމައްޔާއި މީ ހާދަ ބުރިޖު ރައީސެކޭދޯ
އައިޖޭ
02 August 2018
މުސްތަގުބަލަށް ބަލާފަ ޔޯ މިސަރުކަރުން ކަންތައް ރާވަނީ މުއިއްޒު ބުނި އިރު، ދެތިން މަސް ކުރިން މި ފުށިިދިއްގަރު ބިޑަށްލީ 1.1ބިލިއަން އަށް ވިއްކާލަން.. އެއިރު މުސްތަގްބަލްނެތީ؟؟ މިއީ ހަމަ ވޯޓަ ސްޓަންޓް... ގުޅީބޭރުގައި އޮތް ފަޅަކަށް މާލެއިން މީހުން ހިޖުރަ ކުރާނެތަ؟؟
އުނބުށެން
02 August 2018
ހިއްކަން ޚިޔާލުކުރާ ތާކުން މިހާ އަވަހަށް ގޯތި ދޭން ހުޅުވާލީމާ ބުނެވޭނީ މިއީ ކަނޑުގައި ހުއްޓާ އަގުކިޔުން ކަމުގައެވެ.
ހަބޭސް 2050
02 August 2018
ރާއްޖޭގައި ނެތީބާ މީހުން އާބާދު ކުރެވޭނެ ރަށެއް މާލެއާ ތިފަޅާ ދޭތެރޭ އޮތީ ވާދޫ ކަނޑު ހިއްކައި އެކަނޑުގައި ގެދޮރުއަޅައިގެ އާބާދު ކުރަންޖެހުނީ
ކުވާލާ
02 August 2018
ހަމަކުއްލއަކަށް ވޯޓާދިމާކޮށް މިވަރުގެ ބޮޑުބޮޔަ މަޝްރޫއެއް ތި އިއުލާންކޮށްލީ އެއްވެސް ރޭވުމެއް ޕްލޭނެއް ހަދާފަބާއޭ ހިތަށްއަރާ، މަހާޖައްރާފު އޮތީމަ ހިއްކާލެވިދާނެ އެކަމަކު ދެންހުރި ކަންކަމަށް ފައިސާ ބެނުންވާނެދޯ އަނެއްކާ ޗައިނާއިން 2 ބިލިއަނެއްހާ ޑޮލަރުގެ ލޯނެއް ނުނަގާ ތިކިޔާވރުގެ ތަނެއް ތަރައްގީއެއް ނުކުރެވޭނެކަން ހަަމަ ޔަގީން