މީެ ހަފުތާއެއްހާ ދުވަސްކުރިން ލޮމްބޮކަށް އައި ބިންހެލުމުގައި އިމާރާތްތަކަށް ގެއްލުން ލިބިފައި. --ފޮޓޯ:ރޮއިޓާސް
05 އޯގަސްޓް 2018 - 17:41
ޖަކާޓާ (އޮގަސްޓް 5) - އިންޑޮނީޝިއާގެ ލޮމްބޮކް އައިލެންޑަށް މިއަދު ހަވީރު އައި ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރު ކަމާބެހޭ އޮފިޝަލުން ދީފި އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނީ ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަ މިންގަނޑުން 7 ގައި ކަމަށެވެ. އަދި ބިންހެލުން އައިސްފައި ވަނީ 10 ކިލޯ މީޓަރު ބިމު އަޑި އަށް ކަމަށް ވެސް ބުނެފައިވެ އެވެ.
އިންޑޮނީޝިއާގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނީ ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރު ނެރެފައިވާ ކަމަށެވެ. އަދި މޫދާ ދުރަށް މީހުން ދިއުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
"ކެތްތެރިކަމާ އެކު އެންމެން ވެސް އުސް ތަންތަނުގައި ތިބުން މުހިންމު،" މީޓިއޮރޮލޮޖީ އެޖެންސީގެ ވެރިޔާ ޑްވިކޮރިޓާ ކަރްނަވަޓީ ވިދާޅުވި އެވެ.
ލޮމްބޮކް އައިލެންޑަށް މި ބިންހެލުން އައިސްފައި ވަނީ މީގެ ހަފުތާއެއްހާ ދުވަސްކުރިން ވެސް އެ ސަރަހައްދަށް ބިންހެލުމެއް އައިސްފައި ވަނިކޮށެވެ. އެފަހަރު އައި 6.4 ގެ ބާރުމިނުގެ ބިންހެލުމުގައި ވަނީ 17 މީހުން މަރުވެފަ އެވެ. ބާލީގެ އިރުން 40 ކިލޯ މީޓަރު (25 މޭލު) ދުރުގައި އޮންނަ ލޮމްބޮކަށް ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ.
އިންޑޮނީޝިއާ އޮންނަނީ އެންމެ ގިނައިން ބިންހެލުން އަންނަ ޕެސިފިކް ރިންގް އޮފް ފަޔާގަ އެވެ.
އިންޑޮނީޝިއާގެ ސުމަތުރާ އަށް 2016 ވަނަ އަހަރު 6.5 ގެ ބާރު މިނުގައި އައި ބިންހެލުމެއްގައި ވަނީ އެތައް ބަޔަކު މަރުވެ 40،000 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފަ އެވެ.
ސުމަތުރާ އަށް 2004 ވަނަ އަހަރު 9.3 ގެ ބާރު މިނުގައި އައި ބިންހެލުމުގައި އުފެދުނު ސުނާމީއާ އެކު ވަނީ އެ ގައުމުން 168،000 މީހުން މަރުވެފަ އެވެ. އަދި އިންޑިއާ ކަނޑުގެ ގައުމުތަކާ އެކު ވަނީ 220،000 މީހުން މަރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނާޒިމް
06 August 2018
ބަލަ! އަނެއްކާވެސް އެންމެ މިސްލިމުން ގިނަ ގައުމައް؟
ބޭބެ
07 August 2018
މުސީބާތަކީ ކާފަރުންނަށް ޖެހޭ އެއްޗެއްނޫން އަބަދަކު. މީ މުސްލިމުންނަށް ކުރިމަތިވާ އިމްތިހާންތައް. މުސްލިމުން އެކަކު އަނެކަކަށް އެހީވޭބާ، ކެތްތެރިވޭބާ، ތައުބާވެ ރުޖޫއަވޭބާ! ފަހެ މުޅި ހަޔާތަކީވެސް އިމްތިހާނެކެވެ.
ދޮނާ
06 August 2018
ރާއްޖެއަށް އެލާޓު ނުނެރޭތަ؟