14 އޯގަސްޓް 2018 - 09:25
ތޭރަ ހެކްޓަރުގެ ކުޅި ހިއްކައި ހދ. ކުޅުދުއްފުށީގައި އަޅަން ފެށި އެއާޕޯޓުގެ ރަންވޭ އަޅަން ހުސްކުރަން ޖެހޭ ސަރަހައްދުގައި ހިމެނޭ ގެތައް ނުނެގި ލަސްވަމުންދާތީ އެ މަޝްރޫއު އަވަހަށް ނިމިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓު އަޅަން އެމްޓީސީސީގެ ބިޔަ ކޮންނަބޯޓު، މަހާޖައްރާފުން ޖެނުއަރީ މަހު މިރަށު މޫދުން ހަ ހެކްޓަރު އަދި ކުޅިން ނުވަ ހެކްޓަރު ބިން ވަނީ ހިއްކައިފަ އެވެ. ނަމަވެސް ރަންވޭގެ މަސައްކަތް ފެށެން އޮތީ ރަށުގެ އިރުމަތީ ފަރާތުގައި މީހުން ދިރިއުޅެމުން އަންނަ 18ގެ ނަގައިގެންނެވެ.
އެ 18 ގެ ނެގުމަށްޓަކައި މިރަށު އެހެން ސަރަހައްދަކުން ބިން ދޫކޮށް އަދި އިމާރާތްކުރަން ފައިސާ ދޭން ވެސް ސަރުކާރުން އޮތީ ނިންމައިފަ އެވެ. އަދި އެގެތަކުގެ އަގުކޮށް އެ މައުލޫމާތު ގޭވެރިންނާ ވެސް ވަނީ ހިއްސާކޮށްފަ އެވެ. ނަމަވެސް ސަރުކާރުން ދޭން ބުނާ އަގަށް ގެތަކުގެ ވެރިން އެއްބަހެއްނުވެ އެވެ. އެހެންވެ ގެތައް ނެގުމުގެ މަސައްކަތް މިހާރު އޮތީ ހުއްޓިފަ އެވެ.
ކުޅުދުއްފުށީ އެއާޕޯޓް އެޅުމުގެ ޗާޓް--
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން ހުށައަޅަނީ ގެޔަކަށް 400،000-800،000ރ އާ ދެމެދުގެ އަގެއް ދޭށެވެ. އެކަމަކު ގެތަކުގެ ވެރިން ބުނަނީ އެ އަގުގައި މިހާރު ގެއެއް ނޭޅޭނެ ކަމަށެވެ.
Kulhudhuffushee Airport ge masakaiy anna aharu nimeyne: Zameer
The most trusted news source in the Maldives
Mihaaru
މިއަހަރު މެދުތެރޭ އެއާޕޯޓް ނިމޭނެ ކަމަށް ސަރުކާރުން ބުނުން--
ނަގަން ކަނޑައަޅަފައިވާ ގެތަކުގެ ތެރެއިން ޑެއިޒީ ވިލާގެ ވެރިޔާ އަލީ އިސްމާއިލް ސަރުކާރަށް ހުށަހަޅާފައިވަނީ ގޭގެ އަގަށް 2.4 މިލިއަން ރުފިޔާ އެވެ. އެއީ އަކަފޫޓަކަށް 1،000ރ. ގެ ރޭޓުންނެވެ. ނަމަވެސް ހަތަރު ކޮޓަރި އާއި ތަނަވަސް ސިޓިން ރޫމުގެ އިތުރުން ބަދިގެ ހިމެނޭ ގޮތަށް ދެ ބުރިއަށް ހަދާފައިވާ އެގެއަށް ސަރުކާރުން ދޭން ނިންމާފައިވަނީ 851،000ރ. އެވެ.
"ސަރުކާރުން ދޭން އެބުނާ އަދަދަށް ވުރެ ބޮޑު ހަރަދެއް ގެއަށް ކޮށްފައިވާނެ. އަނެއްކާ އެދޭން ބުނާ އަށް ލައްކަ ރުފިޔާއަށް މިޒަމާނުގައި އެވަރުގެ ގެއެއް ނުހެދޭނެ،" އަނބިދަރިންނާ އެކު ޑެއިޒީ ވިލާގައި ދިރިއުޅެމުން އަންނަ އަލީ ބުންޏެވެ.
އެއާޕޯޓް އެޅުމަށް ކުޅުދުއްފުށި ހިއްކުމުގެ ކުރިން--
އާ ގެއެއް އެޅޭވަރުގެ ބަދަލެއް ނުލިބޭ ނަމަ ގެތައް ހުސްކުރަން ގޭގޭގެވެރިން ދެކޮޅެވެ. އަދި މިރަށު ކައުންސިލްގެ ވިސްނުމަކީ ވެސް ހަމަ އަގު ނުދީ ގެތައް ހުސްނުކުރުމެވެ.
ސަރުކާރުން ނިންމާފައި ވަނީ 18 ގެ އެޅެންދެން އެ މީހުން އުޅޭނެ ތަނަށް ކުލި ދައްކާ ގޮތަށެވެ. ނަމަވެސް އެ ކުލި މަހަކު 10،000 އަށް ވުރެ ބޮޑުވެގެން ނުވާނެ އެވެ.
އެއާޕޯޓް އަޅަން ނަގާ "ސްމާޓް" ގޭގެ ވެރިއެއް ކަމަށްވާ އަބްދުލްރަހުމާން އަބޫބަކުރު ބުނީ ބަދަލުގައި ދޭން ބުނި ބިން ވެސް މިހާތަނަށް ލިބިފައިނުވުމުގެ އިތުރުން ބަދަލުގެ ފައިސާ ދޭނެ ގޮތުގެ ތަފްސީލު ވެސް ހިއްސާކޮށްފައިނުވާ ކަމަށެވެ.
Kulhudhuffushee kulhin hikki bimah ithurah fas alhanee
The most trusted news source in the Maldives
Mihaaru
ހިއްކި ބިން ކޮނެ އިތުރަށް ފަސް އަޅަން ޖެހުން--
އެއާޕޯޓް ހެދެން އޮތީ އެ ގެތައް ނަގައިގެންނެވެ. އެކަމަކު ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވީ ގެތަކަށް ބަދަލު ދިނުމާއި ބިން ދިނުމުގެ ކަންކަން ހަމަޖެހޭނެ ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އެއާޕޯޓް ހަދާ ނިމޭނެ ދުވަހަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
ސަރުކާރުން ކުރިން ބުނެފައި އޮތީ ޖޫން މަހު ތެރޭގައި އެއާޕޯޓްގެ ހިދުމަތް ފެށޭނެ ކަމަށެވެ. ނަމަވެސް ކުރަން ޖެހޭ ބޮޑެތި މަސައްކަތްތައް އަދިވެސް އޮތީ އެވެ. އެގޮތުން ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އަދި ނުވެސް ފަށަ އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް އަބްދުﷲ ޔާމީން 2013 ގެ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދެކެވެ. އެކަމަކު ދައުރު ނިމެން ތިން މަހަށް ވީއިރު އެއާޕޯޓްގެ މަސައްކަތް ނިމޭނެ ދުވަހެއް އަދި ނޭނގެ އެވެ. މަޝްރޫއުގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން ސަރުކާރުގެ ފަރާތުން އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދީބު
19 August 2018
ތިކަން ކުރަން ބިން ހިއްކަން ފެށި އިރު ތިޔަކަންކަން ހުރިކަން ނުވިސްނުމުން، މިހާރުގެ ސަރުކާރުން ކަންކަމާ ދޭތެރޭ ވިސްނާ ފިކުރުކުރާ މިންވަރު ހާމަވެއްޖެ އެވެ. ހަމަ ހުސްތަނެއް ފެންނަ އިރަށް އެއަރޕޯޓެއްގެ ވަޢުދު ވާނަމަ ތިޔަކަހަލަ ކިތަންމެ ކަމަކާ ކުރިމަތިވާނެ އެވެ.
ވަހީދު
16 August 2018
ވަރަށް ގަޅި ވިސްނުން ތަކެއް ގެންގުޅޭ އަދިވެސް އުތުރު ބައެއް މީހުން
ދާލުކާފް
16 August 2018
ހދ ހަނިމާދޫގައި އެއޮތް އެއަރޕޯޓް ތަރައްގީ ކޮށް އިންޓަރނޭޝަނަލް ކޮށްފަ ކުޅުދުއްފުށިގައި އިންޓަނޭޝަނަލް ބަނދަރު ފައްކާ ކުރީމާ ނިމުނީނުން. ރައްޔިތުންނަށް ނޮހޮރުއްޕާން ނުކޮށް
އަބްދުއްލާ
16 August 2018
ކޮމެންޓް ކުރާ މީހުންގެ ވިސްނުން ވަރަށް ކޮށި. ކުޅުދުއްފުށީގަ އެއާޕޯޓް އަޅަންޖެހޭސަބަބު ތައް ވަރަށް ގިނަ ހއ . ހދ . ށ މި 3 އަތޮޅުންވެސް ހަނިމާދޫ އަށް ގޮސް އުޅެނީ އެއާޕޯޓަށް ފުރަންދާ ބަޔަކު އެކަނި . އޭގެ ބަދަލުގާ ބޭރުން މުދާ އިމްޕޯޓް ކުރުމަށާ . ހޮސްޕިޓަލުން ހޯދަންޖެހޭ ފަރުވައަށާ . 3 އަތޮޅުގެ ރަށްރަށުގަ ރައްޔިތުން އުފައްދާ ތަކެތި ވިއްކުމަށް ދުވާލެއްގެ މައްޗަށް އެތައްބަޔަކު ކުޅުދުއްފުއްޓަށް އަރާފަުބާ. އަތޮޅުގެ ރަށްރަށުން ހަނިމާދޫއަށް ފުރަން ދިއުމަކީ ވަރަށް ބޮޑު ހަރަދު ހިގާކަމެއް. އޭގެ ބަދަލުގާ ކުޅުދުއްފުއްޓަށް 3 އަތޮޅުން ދަތުރުކުރުމަށް ހިގަނީ ވެސް ކުޑަ ހަރަދެއް . ކުޅުދުއްފުއްޓަކީ 3 އަތޮޅުގެ ކެޕިޓަލް ސިޓީ ކުޅުދުއްފުށީގަ އެއާޕޯޓް ތަރައްގީކުރުމުިން ލޯކަލް ދަތުރުތަކަށް ކުޅުދުއްފުށި ހުޅުވާލެވުނީ . އިންޓަރނޭސަނަލް ދަތުރުތަކާ ޓޫރިޒަމްގެ ވިޔަފާރިއަށް ހަނިމާދޫ އެއާޕޯޓް ހާއްސަވެގެން އަންނާނެ.
އުއްމީދު
15 August 2018
ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް އެއަރޕޯރޓް އަކީ. ސަރުކާރުން އެކަން ކޮށްދެއްވާނެ. ތިއުޅެނީ ޖަޒީރާ ކުދިންގެ ބަހަށް ސަރުކާރަށް ޖެއްސުން ކުރަން.
ރަދީފް ފްރެންޑް
15 August 2018
ހދ ގަ އެއަރޕޯޓް އަޅަންޖެހޭ ރަށުގަ އެއޮތީ އެއަރޕޯޓް އަޅާފަ، 10މިނެޓުން ދެވޭ ހިސާބެއްގަ އިންޓަރނޭޝަނަލް އެއަރޕޯޓެއް އޮށްވަ ކުޅުދުއްފުށީގަ ޑޮމެސްޓިކް އެއަރޕޯޓެއް އެޅުމަކީ ބޭކާރު ކަމެއް. އެއަރޕޯޓް އެޅުމަށް ކުޅުދުއްފުށީ ކުޅިއާ ރަށުގެ ފަޅުތެރޭން ހިއްކި ބިމުން ރަށުގެ ރައްޔިތުންނަށް ގޯތި ދޫކޮށްފަ ކުޅުދުއްފުށީގަ އެއަރޕޯޓް އަޅަން ބަޖެޓްކޮށްފަވާ ފައިސާއިން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އަޕްގުރޭޑްކޮށް ތަރައްޤީ ކުރުމަކީ އުތުރުގެ ހުރިހާ ރަށަކަށްވެސް އެންމެ ފައިދާބޮޑުގޮތް، ތިލަދުންމަތީގަ އެއަރޕޯޓެއް އަޅަންޏާ އެންމެ ރަނގަޅީ ހއ. ރަށެއްގަ އެއަރޕޯޓް އެޅުން.
ހޮސްޕިޓަލް
15 August 2018
10 މިނެޓް އިން ހުރިހާ ރަށަކުން ދެވޭތަ ހަނިމާދޫއަށް ހަނިމާދޫއަށް ދާންޖެހެނީ އެއަރޕޯޓަށް އެކަނި
ރަދީފް ފްރެންޑް
15 August 2018
ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅަންޖެހޭ އެންމެ ސަބަބެއް ވެސް ދައްކާލަބަލަ؟ ރީޖަނަލް ހޮސްޕިޓަލް، އަތޮޅު ކައުންސިލް އިދާރާ އަދި އަތޮޅު ތައުލީމީ މަރުކަޒު ކުޅުދުފުށީގައި ހުރުމަކީ އެއާޕޯޓް އަޅަންޖެހޭ ސަބަބެއްނޫން. ރީޖަނަލް ހޮސްޕިޓަލަށް ދާމީހާ އެއާޕޯޓަށް ދާންޖޭބާ؟ ހދ.އަތޮޅު ތައުލީމީ މަރުކަޒަށް ކިޔަވަންދާ ދަރިވަރުން އެއާޕޯޓަށް ދާންޖެހޭބާ؟ ހދ. އަތޮޅު ކައުންސިލްގެ އިދާރާއަށް ޚިދުމަތްހޯދަން ދާމީހާ އެއާޕޯޓަށް ދާންޖެހޭބާ؟ ކުޅުދުއްފުށީގައި އެއާޕޯޓް އެޅީމަ ހދ. ގެ ގިނަ ރަށްރަށުން 10މިނެޓުން ކުޅުދުއްފުށީ އެއާޕޯޓަށް ދެވޭނެބާ؟ ދެތިން ރަށަކަށް ކުޅުދުއްފުށި ކައިރިވިޔަސް ގިނަ ރަށްރަށަ ކައިރިއެއް ނުވާނެ. އަތޮޅުގަ ވެރިކަން ކުރާ ރަށަކީ ކުޅުދުފުށި ކަމަށްވާތީ ކޮންމެހެން އެރަށުގައި އެއާޕޯޓެއް އަޅަންޖެހޭކަމަށް ޤަބޫލުކުރުމަކީ ތިމާގެ ވިސްނުމުގެ ކޮށިކަން. ކުޅުދުއްފުށީގައި އެއާޕޯޓް އަޅަން ތާއީދުކުރަނީ ހޮސްޕިޓަލް ނަމުގަ ކޮމެންޓުކުރި މީހާފަދަ އެރަށުގެ ވަރަށް މަދު ރައްޔިތެއް، ކެޕިޓަލިޒަމަށް ތާއީދުކުރިޔަސް ތިދެން ބޮޑުވަރު
ޒިންމާ
14 August 2018
ޑެއިޒީ ވިލާގެ ވެރިޔާ އަލީ އިސްމާއިލް ސަރުކާރަށް ހުށަހަޅާފައިވަނީ ގޭގެ އަގަށް 2.4 މިލިއަން ރުފިޔާ އެވެ. އެއީ އަކަފޫޓަކަށް 1،000ރ. ގެ ރޭޓުންނެވެ. ނަމަވެސް ހަތަރު ކޮޓަރި އާއި ތަނަވަސް ސިޓިން ރޫމުގެ އިތުރުން ބަދިގެ ހިމެނޭ ގޮތަށް ދެ ބުރިއަށް ހަދާފައިވާ އެގެއަށް ސަރުކާރުން ދޭން ނިންމާފައިވަނީ 851،000ރ. އެވެ."ސަރުކާރުން ދޭން އެބުނާ އަދަދަށް ވުރެ ބޮޑު ހަރަދެއް ގެއަށް ކޮށްފައިވާނެ. އަނެއްކާ އެދޭން ބުނާ އަށް ލައްކަ ރުފިޔާއަށް މިޒަމާނުގައި އެވަރުގެ ގެއެއް ނުހެދޭނެ،" އަލީ ބުނިކަމަށް މިއާޓިކަލްގައިވޭ، 3 ކޮޓަރި ފޮލެޓެއްގެ އަގަކަށް ހުރިހާ ސަރުކާރަކުން ވެސް ޖަހަނީ 2 މިލިޔަން، (2000000ރުފިޔާ) އަދި ބޮޑު ޕްރޮޖެކްޓަކުން އަޅާ ޕްލެޓަކަށް 2 މިލިޔަން ޖެހެންޔާ ، އާދައިގެ މީހަކު އަމިއްލަ މަސައްކަތުން ރާއްޖެތެރޭ ރަށެއްގައި މާހަރަދު ކުރަންޖެހޭނެ، ވީމާ، ދެފަރާތުން ވާހަކަ ދަކައިގެން އިންސާފުން މިކަން ކުރުން ފެނޭ
ހެހެހެ
14 August 2018
އެއްވެސް ޕްލޭނެއް ނެތި ކަންކަން ކުރާތީ ވާ ގޮތްތީ؟ ކުރިން ތިޔަ ގޭތަކުގެ ވެރިންނާ ވާހަކަ ދެކެވި އެއްބަސްވެ ތިޔަކަން ކުރިނަމަ ތިޔަހެނެއް ނުވާނެދޯ! އެންމެ ފުރަތަމަ ކުރަންވީ ކަންކަން ނުކޮށް މަސައްކަތް ފެށީމަ ލިބޭ ލަނޑުތިއީ!
ިއިންސާފު
14 August 2018
ކޮންމެ ގޮތެއްހަދާފައިވެސް އެއަރޕޯޓް އަޅާނެ. ދެކޮޅުން ބޮނޑިއަޅަން އެއުޅެނީ. މިސަރުކާރުންވިޔަސް އެހެން ބަޔަކުވިޔަސް ތިކަން ދެން ނުކޮށެއްނުވާނެ. ގަދައެއް ނުދެއްކޭނެ. ގޯތިތައްވެސް ނަގާނެ. ހީނުކުރާތި ޖެއްސުން ކުރާނަމޭ. އިދިކޮޅަސް އެއްކޮޅަސް ތިކަން ކުރާނެ. އެއޮތީ ކުޅިވެސް ހިއްކާފަ. ދެން ދާނީ ކުރިއަށް. ފަހަތަކަށް ނުދާނެ. ރައްޔިތުން ހިތްހަމަޖެހޭނެ.
ތަނަވަސް އެއަރޕޯޓަކަށް ނޮޅިވަރަމް
14 August 2018
ތި އެއަރުޕޯރޓު ތީ ނޮޅިވަރަމުގަ އަޅަންޖެހޭތަނެއް
ހޮސްޕިޓަލް
14 August 2018
ހދ ގަ އެއަރޕޯޓް އަޅަން އެންމެ އެކަށީގެންވަނީ ކުޅުދުއްފުށީގަ
ރަދީފް ފްރެންޑް
15 August 2018
ހދ ގަ އެއަރޕޯޓް އަޅަންޖެހޭ ރަށުގަ އެއޮތީ އެއަރޕޯޓް އަޅާފަ، 10މިނެޓުން ދެވޭ ހިސާބެއްގަ އިންޓަރނޭޝަނަލް އެއަރޕޯޓެއް އޮށްވަ ކުޅުދުއްފުށީގަ ޑޮމެސްޓިކް އެއަރޕޯޓެއް އެޅުމަކީ ބޭކާރު ކަމެއް. އެއަރޕޯޓް އެޅުމަށް ކުޅުދުއްފުށީ ކުޅިއާ ރަށުގެ ފަޅުތެރޭން ހިއްކި ބިމުން ރަށުގެ ރައްޔިތުންނަށް ގޯތި ދޫކޮށްފަ ކުޅުދުއްފުށީގަ އެއަރޕޯޓް އަޅަން ބަޖެޓްކޮށްފަވާ ފައިސާއިން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އަޕްގުރޭޑްކޮށް ތަރައްޤީ ކުރުމަކީ އުތުރުގެ ހުރިހާ ރަށަކަށްވެސް އެންމެ ފައިދާބޮޑުގޮތް، ތިލަދުންމަތީގަ އެއަރޕޯޓެއް އަޅަންޏާ އެންމެ ރަނގަޅީ ހއ. ރަށެއްގަ އެއަރޕޯޓް އެޅުން.