ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މުސްތަފާ ވާހަކަ ދައްކަވަނީ
07 އޯގަސްޓް 2016 - 06:33
ރައްޔިތުންގެ މަޖިލިހުގެ ފުރިހަމަ އަޣުލަބިއްޔަތު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އޮތުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު ބާރެވެ. ރައީސް ޔާމީންގެ ނިންމެވުންތަކާ ދެކޮޅުހެދުމާއި ފާޑުކިޔުމަކީ މި ސަރުކާރުގެ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރު ކޯލިޝަންގެ މަޖިލިސް މެމްބަރުންގެ ފަރާތުން ވެސް ފެނުނު ކަމެއް ނޫނެވެ. ނަމަވެސް ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވަނީ ސީދާ ރައީސް ޔާމީންގެ ސިޔާސަތުތަކާއި ކުރައްވާ ކަންކަމަށް ފާޅުގައި ފާޑު ވިދާޅުވާން ފައްޓަވައިފަ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހަޅާ ބައެއް ބިލްތަކާ ދެކޮޅަށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބަ ގުރޫޕްގަ އާއި ސޯޝަލް މީޑިއާގައި ކުރިން ވެސް ބައެއް ހާލަތްތަކުގައި ކޮންމެވެސް ވަރަކަށް އޭނާ ފާޑުކިއުއްވި އެވެ. ނަމަވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓޭ ފަދަ ގޮތަކަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން މިފަހަރު އޭނާގެ ހިތުގެ އުދާސްތައް ވަނީ މާ ބޮޑަށް ބަންޑުން ކޮށްލައްވައިފަ އެވެ. ރައީސް ޔާމީން ވަރުގެ ގޯސް ވެރިއެއް މިހާތަނަށް މުސްތަފާއަކަށް ނެތެވެ.
ރައީސް ޔާމީންގެ ސިޔާސަތުތަކަށް މުސްތަފާގެ ފާޑުވިދާޅުވުން މީޑިއާތަކާ ހަމައަށް ތިލަވީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ވައިބަ ގުރޫޕްގައި އެ ބިލާ މެދު ފާޅުގައި ފާޑުވިދާޅުވުމުން އެ ގްރޫޕުން އޭނާ ބޭރުކޮށްލުމުންނެވެ. އެ ފިޔަވަޅު އެޅީ ވައިބަ ގުރޫޕުގެ މެސެޖްތައް މުސްތަފާ ލީކް ކުރާތީ ކަމަށް ބައެއް މެމްބަރުން ވިދާޅުވެ އެވެ.
މުސްތަފާ ދެކެވަޑައިގަންވާ ގޮތުގައި ރައީސް ޔާމީންގެ އަރިސް ބައެއް ބޭފުޅުންގެ ސަބަބުން، ސަރުކާރު ދަނީ "ފުނޑެމުން"ނެވެ. ހާއްސަކޮށް ރައީސް ޔާމީންގެ ކިބައިގައި "ގޮތްދޫނުކުރުމާއި ބަދަލު ހިފުމުގެ ރޫހު" އަށަގެންފައިވާ ކަމަށް އޭނާ ވިދާޅުވެ އެވެ.
"ރައީސްގެ ވިސްނުންފުޅު ހުންނަނީ ވަރަށް ދެރަވަރުކޮށް. މިއީ އަޅުގަނޑަށް ގަބޫލުކުރެވޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
"ރައީސް ނަޝީދާއި ރައީސް ޔާމީންގެ ތަފާތަކީ ރައީސް ނަޝީދަކީ ހަޖަމްކުރައްވާ ބޭފުޅެއް. ރައީސް ޔާމީނާ ދިމާލަށް މީހަކު އެއްޗެއް ބުނެފި ނަމަ، އެ އެއްޗެއް ހަޖަމެއް ނުކުރެވޭނެ. އެއީ މި ދެ ރައީސުންގެ ތަފާތަކީ. ހަރުކަށި ކަމާއި ގޮތްދޫނުކުރުމާއި ބަދަލުހިފުން ރައީސް ޔާމީންގެ ފަރާތުން މި ފެންނަނީ. ހާއްސަކޮށް ބަދަލު ހިފުން. އިންސާނެއްގެ ކިބައިގައި މި ކަންކަން އަށަގެންފި ނަމަ ވަރަށް އުނދަގޫވާނެ ވެރިކަން ކުރަން."
މުސްތަފާ ވިދާޅުވި ގޮތުގައި ސިޔާސީ މީހުންނަށާއި އާންމުންނަށް ދޫދީގެން ނޫން ގޮތަކަށް ކުރިމަގުގައި ރައީސް ޔާމީނަށް ކާމިޔާބެއް ނެތެވެ. އެކަން ތަކުރާރުކޮށް އެމަނިކުފާނަށް ދެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެންމެ ފަހުން އިއްޔެ ރޭ ވެސް އެކަން ރައީސް ޔާމީންގެ ސަމާލުކަމަށް ގެންނެވިކަން ފާހަގަކުރެއްވި އެވެ.
"[ރައީސް ޔާމީން] ވިދާޅުވަނީ ދެން ރަނގަޅު ކުރަން ހިނގާށޭ،" މުސްތަފާ ވިދާޅުވި އެވެ.
އެކަމަކު މިދިޔަ ދުވަސްތަކުގެ ތެރޭގައި އެކަންކަން ރަނގަޅު ނުކުރެވި، އާންމުން ރުޅި އަންނަ ގޮތަށް ސަރުކާރުގެ ތެރެއިން އެތައް ކަމެއް ކުރަމުންދާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން މިހާރު ގެންގުޅުއްވާ "ހަރުކަށި" ވިސްނުންފުޅުގެ ތެރެއިން 2018ގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.
މިދިޔަ ޖޫން 22 ގައި ރައީސް ޔާމީންގެ ކެބިނެޓަށް އައްޔަން ކުރެއްވި ބައެއް ބޭފުޅުން މަގާމުގެ ހުވާކުރައްވަނީ. --ފޮޓޯ ރައީސް އޮފީސް
"ވިދާޅުވެ ބައްލަވާ ރައީސް ޔާމީންގެ އަރިހުގައި އެބަ ހުރިތޯ ސިޔާސީ ގޮތުން ހަމަ ބުއްދި ސަލާމަތުން ހުރި، ހޭޖެހިފައި ހުރި އެއްވެސް ބޭފުޅަކު. ހަމަ ގިނިކަންޏާ އެ އުޅުއްވަނީ. މިހާތަނަށް ހުންނެވީ އެމަނިކުފާނުގެ ބޭބޭފުޅު [ކުރީގެ ރައީސް މައުމޫން]. އެމަނިކުފާނު ވެސް އަމިއްލަފުޅަށް ނައްޓާލެއްވީ. މިހާރުގެ މި ހާލަތު މިހެން އޮވެގެން 2018 ގައި ރައީސް ޔާމީން އިންތިހާބަށް ކުރިމަތިލައިފިއްޔާ ވަރަށް ބޮޑު ލަދަކާ ބައްދަލުކުއްވަން ޖެހޭނެ،" މުސްތަފާ ވިދާޅުވި އެވެ.
"އެހެނެއް ނޫން. ރައްޔިތުން ކަސްތޮޅު އަޅުވައިގެން ވެރިކަމަށް ވަޑައިގެންނެވިދާނެ. އެކަމަކު އެކަމެއް ދުނިޔެ ގަބޫލެއް ނުކުރާނެ. މިތަނުގައި މިނިވަން އިލެކްޝަންސް ކޮމިޝަނެއް އޮވެ، އިންތިހާބަކަށް ގޮސްފިއްޔާމު ރައީސް ޔާމީން ވަރަށް ބޮޑު ލަދަކާ ކުރިމަތިލާން ޖެހޭނެ. އެމަނިކުފާނުގެ މިހާރުގެ އަމަލުތައް ހުރި ގޮތުން ކުރިއެރުން ލިބޭނެ ކަމަކަށް އަޅުގަނޑު ނުދެކެން."
ރައީސް ޔާމީނަށް މަލާމާތް ކުރައްވަމުން، މުސްތަފާ ވިދާޅުވީ 2018 ގައި ރައީސް ޔާމީނާ ވާދަކުރައްވާނީ، ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެމްޑީޕީން ވަކިކޮށްފައިވާ ރީކޯ މޫސަ އެކަނި ކަމަށެވެ. އެކަމަކު އެއީ މޫސަ "އެމްޑީޕީގެ ކުލަ ދައްކައިގެން" ނުކުމެވަޑައިގެން އިންތިހާބުގައި ވާދަކުރައްވއިގެން ކަމަށް މުސްތަފާ ވިދާޅުވި އެވެ.
"ރައީސް ނަޝީދާއި ރައީސް ޔާމީންގެ ތަފާތަކީ ރައީސް ނަޝީދަކީ ހަޖަމް ކުރައްވާ ބޭފުޅެއް. ރައީސް ޔާމީނާ ދިމާލަށް މީހަކު އެއްޗެއް ބުނެފިނަމަ، އެ އެއްޗެއް ހަޖަމެއް ނުކުރެވޭނެ. އެއީ މި ދެ ރައީސުންގެ ތަފާތަކީ. ހަރުކަށި ކަމާއި ގޮތްދޫނުކުރުމާއި ބަދަލު ހިފުން ރައީސް ޔާމީންގެ ފަރާތުން މި ފެންނަނީ. ހާއްސަކޮށް ބަދަލު ހިފުން: މުސްތަފާ
ރައީސް ޔާމީނާއި ނަޝީދާ ދެ ބޭފުޅުންގެ ސިޔާސީ ފިކުރާ މެދު މުސްތަފާ ވިދާޅުވީ "ނަޝީދަކީ ސިޔާސީ ކަންކަމަށް ވަރަށް ފައްކާ، މާތް ބޭފުޅެއް" ކަމަށެވެ. އަދި ނަޝީދަށް ދުނިޔެ އާއި ދިވެހި ރައްޔިތުންގެ ތާއީދު އޮތީ އެކަން އެހެން އޮންނަން ޖެހޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ ނަޝީދަށް ވެރިކަން ލިބިވަޑައިގެން ތ. ގުރައިދު އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އެ ރަށުގެ ބަޔަކާ ސަލާން ކުރައްވަނިކޮށް، ނަޝީދަށް ވަޅިން ހަމަލަދޭން ދުވެފައި ދިޔަ މީހަކު ވެސް ހައްޔަރުކުރުމުން އޭނާ ދޫކުރައްވަން އެންގެވި ކަމަށެވެ. ނަޝީދު އޭރު ވެސް އެންމެ ކަންބޮޑުވީ، އެ މީހާ އަށް ފުލުހުން ކޮށްފާނެ އަނިޔާއަކާ މެދުގައި ކަމަށް މުސްތަފާ ވިދާޅުވެ އެވެ. އެމީހާގެ އަނިޔާވެރިކަން ނަޝީދަށް ވިސްނައި ދެއްވަން އުޅުއްވުމުން ވެސް އެކަން ނަޝީދު ގަބޫލުފުޅު ނުކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ނަޝީދުގެ ފަރާތުން އަޅުގަނޑުމެންނަށް ފެނުނު ކަންތައްތަކޭ. މިއީ ވެރިންގެ ތަފާތު. އަޅުގަނޑު ރައީސް ނަޝީދަށް ސަޕޯޓް ކުރަނީކީ ނޫން. އެކަމަކު ހަގީގަތް ވާނީ ހަގީގަތަށް. ރައީސް ޔާމީންގެ ވެސް އެބަހުރި ރަނގަޅު ކަންކަން. އެކަމަކު އެމަނިކުފާނުގެ ހަރުކަށި ކަމާއި ގޮތް ދޫނުކުރުން މައްސަލަ އަކީ. އެއީ އާންމުން ވަރަށް ގަބޫލު ނުކުރާނެ ކަންކަން. ކެތްތެރިކަން ހިފެހެއްޓެން ޖެހޭނެ. ރައްޔިތުން ހޫނުވީމާ އަންނާނެ ރައީސާ ދިމާލަށް. އެކަން ގަބޫލުކުރަން ވާނެ،" މުސްތަފާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޔާމީން، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނާ ސަލާމްކުރައްވަނީ.--ފޮޓޯ:ރައީސް އޮފީސް
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވިދާޅުވާ ކޮންމެ އެއްޗެއް ރަނގަޅު ވުމާއި ފާޑުކިޔާ މީހުންގެ ވިސްނުން ރަނގަޅު ނުވުމަކީ ސަރުކާރުގެ ތެރެއިން ފެނުނު އެންމެ ބޮޑު އެއް މައްސަލަ އެވެ. ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދިފައިވާ ކޯޅުމުގެ އަސްލަކީ ވެސް އެއީ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ރައީސް މައުމޫން ދެއްވާ ނަސޭހަތެއް ރައީސް ޔާމީނަކަށް ބަލައެއް ނުގަނެވޭ. ހަޖަމެއް ނުކުރެވޭ. މައުމޫނާ ދެކޮޅަށް ރައީސް ޔާމީނަށް އެއްޗެއް ވިދާޅުވެވިއްޖިއްޔާ ދެން ހުންނަވާނީ އެގޮތުގައި ހިފަހައްޓައިގެން. މިސާލަކަށް މައުމޫން މިވެނި ކަމެއް ކަމަކު ނުދެއޭ ބުނެފިއްޔާ އެނގޭނެ ރައީސް ޔާމީން ދެން އެކަން ބަލައިގަންނާނީ ގޯސްކޮށް،" މުސްތަފާ ވިދާޅުވި އެވެ.
އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި މުސްތަފާ ވިދާޅުވަނީ އޭނާ ޕީޕީއެމްގައި އުޅުއްވަނީ "ވަރަށް ބޮޑަށް ބަނދެވިގެން" ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި ޕީޕީއެމްގެ ތެރޭގައި މިނިވަންކަމެއް ނެތެވެ.
މަޖިލިހުގެ ޖަލްސާއެއްގައި މުސްތަފާ ވާހަކަ ދައްކަވަނީ: ޕީޕީއެމްގައި އުޅުއްވަނީ އަނގަމަތީގައި މަލަން އަޅައިގެން ކަމަށް ވިދާޅުވި.---ފޮޓޯ: މަޖިލިސް
"ހުޅުވިފައި އޮތް މިނިވަން މާހައުލެއްގައި އުޅެފައި އަޅުގަނޑަށް މި ވަދެވުނީ، ތަޅުލާފައި ހުންނަ ގުދަނެއްގެ ތެރެއަށް. އަޅުގަނޑަކީ ވަރަށް މިނިވަންކަމާ އެކު ބަސް ބުނެ އުޅޭ މީހެއް. އެކަމަކު ޕީޕީއެމްގައި އަނގައިގައި މަލަން އަޅައިގެން އުޅެން ޖެހުނީމާ ވަރަށް އަސަރުކުރޭ. ދެރަވެސް ވޭ. އެބަހުރި މަޖިލިހުގައި ބައެއް ބިލްތަކަށް ވާހަކަ ނުދައްކަން އަންގާފައި. މި ސަރުކާރު އައި ފަހުން މަޖިލިހުގައި އަޅުގަނޑު ވާހަކަ ވެސް ނުދައްކަން. ދެން ފޫހިފިލުވައިލަން މަޖިލިހުގައި އެއްޗެކޭ ބުނެލަން. އެކަމަކު ސަރުކާރުން ހުށަހަޅާ އެއްޗަކާ ދެކޮޅަށް ވާހަކައެއް ނުދެއްކޭ،" މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާގެ ހިތުގައި ހިނގަމުން އައި އުދާސްތައް ބޭރުކޮށްލުމުގައި، ހިޔާލުފާޅުކުރުމާ ދެކޮޅު ބިލް ވެފައިވާއިރު، އެ ބިލް މަޖިލިހުން ފާސްކުރާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެކަމަކު ކުރިން ޕީޕީއެމް ކޯލިޝަނަށް މަޖިލިހުގެ ތެރެއިން ލިބޭ މިންވަރަށް ވޯޓު ނުލިބުން ވަރަށް ގާތް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބަކީ، މި ބިލްގެ މައްސަލާގައި މިނިވަން ހިޔާލުގެ ބައެއް ބޭފުޅުން އަޑު އުފުލާފައި ވުމެވެ.
"އެންމެންނަކީ ގަމާރު ބަޔަކަށް ނުވާނެ. މުއްސަނދި ހިޔާލުގެ މީހުން މިއާ އެއްކޮޅަށް ތެދުވާނެ. މި ބިލަށް އަޅުގަނޑުގެ ވޯޓު ނުލިބޭނެކަން މިހާރު ވާނީ ދަންނަވާފައި. މިއީ ފާސްކުރަން ހެޔޮވާވަރުގެ ބިލެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ ހިޔާލު ފާޅުކުރުމާ ދެކޮޅު ބިލަށް ވުރެ ބޮޑު ގޮންޖެހުމަކާ ރައީސް ޔާމީނަށް ކުރިމަތިލައްވާނެ އެހެން ބިލެއް އަދި ނެތް ކަމަށެވެ. އެހެންވެ ރައީސް ޔާމީނަށް މި ބިލުގެ މަސައްކަތް ފަސޭހަފުޅު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުސްތަފާ ދެކެވަޑައިގަންނަވާ ގޮތުގައި ހިޔާލުފާޅުކުރުމާ ދެކޮޅު ބިލުގެ ބޭނުމަކީ ރައްޔިތުން "ކަސްތޮޅު" އެޅުވުމެވެ. ބިލް މަޖިލިހުން ފާސްކޮށް އަމަލުކުރަން ފެށުމަކީ ބޮޑު އަނިޔާއަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ބިލަކީ މުޅި މި ރާއްޖޭގެ މިނިވަންކަން ހިސޯރުކުރާނެ ބިލެއް. ގާނޫނުއަސާސީގެ 16 ވަނަ މާއްދާއިން ފެށިގެން 69 ވަނަ މާއްދާއާ ދެމެދު ހުރިހާ މާއްދާއެއް މަރާލާނެ ބިލެއް މިއީ. މާ ރީތި އިބާރާތްތަކެއް މި ބިލްގެ ތެރެއަށް ލާނެ ކަމެއް ނެތް. މި ބިލްގައި ވެސް ދެކޮޅުނުޖެހޭ އެތައް ބައިތަކެއް އެބަހުރި. ރާއްޖޭގައި ހެއްދެވިހާ ގާނޫނުތަކުގެ ބައިތައް މި ބިލްގެ ތެރެއަށް ވައްދާފައި އެބަހުރި. މީގައި ހަމައެކަނި ނެތީ ތިލަފުށީގެ ޑަސްބިންތަކަށް ކުނި އުކާލުމާ ބެހޭ ގަވައިދު،" މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިލްގެ މަގުސަދަކީ އަބުރުވެރި ޖީލެއް ބިނާކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވިޔަސް އެފަދަ ނުކުތާއެއް ބިލްގައި ނެތް ކަމަށެވެ.
"މިއީ 19 ވަނަ ގަރުނާއި 20 ވަނަ ގަރުނުގައި ކިއުބާ އާއި ރަޝިޔާގައި ގެންގުޅުނު ކަހަލަ ގާނޫނެއް. އެއީ މިނިވަންކަމުގެ ނަމުގައި ހިޔާލު ފާޅުކޮށްފިއްޔާ އެމީހަކު ދާން ޖެހޭނީ ޖަލަށް. އެހެންވީމާ މިއީ މަކަރާއި ހީލަތުގެ ތެރެއިން، ރައްޔިތުންނަށް އޮޅުވާލަން، މިނިވަންކަމަށް ލޯބިކުރާ މީހުން ފްރޭމްކުރާނެ ބިލެއް. މިއީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވިހާ ދުވަހަކު، އެމަނިކުފާނާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ޖަލަށް ލުމުގެ މަގުސަދުގައި ހަދާ ބިލެއް،" މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު އެއް ހިތްހަމަނުޖެހުމަކީ ހިޔާލުފާޅުކުރުން ހުއްޓުވާ ބިލް ފާސްކުރަން ތްރީލައިން ގްރީން ވިޕެއް ނެރެފައިވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވައިބަ ގުރޫޕްގައި ވިދާޅުވެފައި ވުމެވެ.
މަޖިލިހުގެ ކޮމިޓީއެއްގެ ރިޔާސަތު ނިހާން ބަލަހައްޓަވަނީ: ހިޔާލުފާޅުކުރުން ހުއްޓުވާ ބިލް ފާސްކުރަން ތްރީ ލައިން ވިޕް ނެރުނު ކަމަށް ވައިބަ ގުރޫޕުގައި ނިހާން ވިދާޅުވުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށް މުސްތަފާ ވިދާޅުވި.
ނިހާންގެ މެސެޖްހައި ވިދާޅުވެފައި ވަނީ "މި އޮގަސްޓް، 10،9،8 ވާ ތިން ދުވަހު މަޖިލިސްގެ ޖަލްސާ އޮންނާނެ، ވަރަށް މުހިންމު ތްރީލައިން ގްރީން ވިޕެއްގެ ވޯޓު މި ތިން ދުވަހުގެ ތެރޭގައި އޮންނާނެތީ، ތިޔަ އިއްޒަތްތެރި މެމްބަރުން މާލޭގައި ތިއްބެވުމަށް ދަންނަވަން،" ކަމަށެވެ.
މުސްތަފާ ވިދާޅުވީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ މަޝްވަރާ ނެތި، ވަކި ބިލްތަކަކަށް ނިހާން އަމިއްލައަށް ތްރީލައިން ވިޕް ނުނެރުއްވޭނެ ކަމަށެވެ.
"އެއީ ސީދާ ޣައިރު ގާނޫނީ އަމަލެއް. މަޝްވަރާ ކޮށްގެން ކަންކަން ނިންމަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސިޔާސަތުތަކާ ހިތްހަމަނުޖެހިގެން މުސްތަފާގެ ސިޔާސީ ފިކުރު އަނެއްކާވެސް ބަދަލުކުރަން ޖެހިދާނެ ކަމަށް އޭނާ ވަނީ މިހާރު ވަނީ ރައީސް ޔާމީނަށް ދަންނަވާފައި ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން މަޖިލިހުގެ ދައުރު ނިމެންދެން ހުންނަވާނީ "މެދަށް ޖެހިލާފައި" ކަމަށް ވިދާޅުވި އެވެ.
"ފާރިސް މައުމޫނަށް ވެސް ފިޔަވަޅު އަޅައިގެން ނޫންތޯ އެތިބީ؟ ރައްޔިތުންގެ ހައްގުގައި އެއްޗެއް ބުނެގެން އަޅާނެ ފިޔަވަޅަކަށް އަޅުގަނޑެއް ނުބަލާނަން. އެއީ އަޅުގަނޑުގެ ސިޔާސަތު. ނަޝީދުގެ ސަރުކާރުގައި ވެސް އޮންނާނީ ހައްގު ބަސް ބުނެފައި،" އޭނާ ވިދާޅުވި އެވެ.
މުސްތަފާގެ ހިތްހަމަނުޖެހުންތައް ރައީސް ޔާމީން އަދި ސަރުކާރާ ދޭތެރޭގައި ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. އެއާއެކު އޭނާގެ އަމިއްލަ ރަށަށް މި ސަރުކާރުން އެކަށީގެންވާ މިންވަރާ ގާތަށް ވެސް ކަންކަން ކޮށްނުދޭ ކަމަށް ވިދާޅުވި އެވެ.
"ތިމަރަފުއްޓަކީ މެދުރާއްޖެތޭރެގެ ނަމޫނާ ރަށަކަށް ވެފައި، ޕޮޓެންޝަލް އޮތީމާ، އެމްޑީޕީގެ ސަރުކާރުން ވަރަށް ރަނގަޅަށް ތަރައްގީ ކުރަމުން އައި ރަށެއް މިއީ. ރައީސް ވަހީދުގެ ސަރުކާރުން ވެސް ތިމަރަފުއްޓަށް ކޮންމެވެސް ވަރެއް ކޮށްދިން. އެކަމަކު ރައީސް ވަހީދުގެ ސަރުކާރުން ކޮށްދެވުނު ވަރު ވެސް މި ސަރުކާރުން ތިމަރަފުއްޓަށް ކޮށްނުދެވުނު،" މުސްތަފާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯޒީ
08 August 2016
މުސްތަފާބެ އަށް ވިސްނުނުކަން ނަސީބު...ދެންވެސް ތިގޮތުގައި ހުރެވޭތޯ ބަލާތި.....ޔާމީނު ގެ ވާހަކަ ނުދައްކާ.... ދިވެހި އެންމެހައި ރައްޔިތުން ހެކިވާނެ، ޕޕމ އަށް ކާމިޔާބު ހޯދައިދޭން، ރ މައުމޫން އަދި ޑރ ޖަމީލު ކުރި މަސައްކަތް.... ރަށްރަށަށްގޮސް މީހުންގެ ތާއީދު ހޯދީ މައުމޫނާއި ޖަމީލު އިސްވެތިބެގެން...ޔާމީނު އިނީ ގޮނޑިކޮޅުގައި އިއްޒަތުގައި....އެންމެފަހުން ބާރު ލިބުނީމާ، މައުމޫނާއި ޖަމީލު އަށް ހަދާލިގޮތުގެ ތަފްސީލު މިތަނުގައި ލިޔުމުގެ މާނައެއްނެތް......އިންތިޚާބެއް ބޭއްވި ދުވަހަކުން ޔާމީން ކުރިމަތިލައިފިނަމަ، ވީ ވުޑް ސޭ ބިގް ނޯ ޓު ހިމް...
ދޮންދީނި
08 August 2016
ތިކަން މުސްތޮފާ އަދި ކިރިޔާ ދޯ މިއެނގުނީ...އަހަރުންނަށް މާކުރިންވެސް އިނގޭ ކަމެއްތިޔައީ......ބަލަގަ، ޔާމީނު ވެރިކަމުގައި އެހުރީ އޭނައަށް މީހުން ދިން ވޯޓަކުން ނޫނޭ........
ކާން
08 August 2016
މުސްޠޮފާއަށް ދެން އެންމެ ރަގަޅުވާނި އަނިޔާވެރި ކަމަށް ބުނާ މައުމޫން
ރާޖާ
08 August 2016
މުސްތަފާބެ ވަރެއް ނެތެެއްނު
ފަތިސް
07 August 2016
ހަގީގީ ހީރޯއަކީ މިއަދު މުސްތޮފާ. ގައުމުގެ ޙައްޤުގައި ތެދުވެއްޖެއެވެ
މުޖުތަބާ
07 August 2016
ނަޝީދު ގޮތް ދޫކުރީ ކޮންއިރަކުތޯ؟ ތ.ގުރައިދޫއަށް ކުރެއްވި ދަތުރެއްގައި، މީހެއްގެ ހުރިނުރައްކާތެރިކަމުގެ ވާހަކަ ދަންނަވާ ދަންނަވާވެސް ނަޝީދު ގަބޫލުނުކުރެއްވިކަމަށް ވެސް މުސްތޮފާ އެބަވިދާާޅުވޭ. ސަލާމަތީ ބާރުތަކުން ދަންނަވާ އެއްޗެއް ގަބޫލުނުކުރައްވާ އުޅުއްވަންހަދައިގެންނޫންތޯ ވެރިކަން ދޫކޮށްލައްވަންޖެހޭ ހިސާބަށް ކަންކަން ބޮއްސުންލައިގެން ދިޔައީވެސް. އެދުހުވެސް ގޮތްދޫކުރެއްވިނަމަ، އެ ފަސްއަހަރު ހަމަވަންދެން ވެރިކަމުގައި ހުުންނެވުނީސް ތޯއްޗެއް.
އޭޕީ މީހާ
08 August 2016
އެއްބައިދޯ ފެނުނީ. އެބުނަނީނު ނަޝީދު ފުލުހުންނަށް އިތުބާރު ނުކުރީ އަނިޔާކުރާނެކަން އެގޭތީއޭ. އެކަން އެންމެ ރަނގަޅަށް ދަންނާނެ މީހަކީ ނަޝީދޭ އިނގޭތޯ؟
މިނިވަން ހިޔާލު
07 August 2016
ރައީސް ޔާމިން އެއް ރައީސް ނަޝީދު އެއް ކިޔާނެ ކަމެއްނެތް.. ތިޔަ 2މީހުންވެސް ރައްޔިތުނަށް ހިޔާނަތްތެރިވެފައި ތިބި ދެ މީހުން.
ހުސޭނު
07 August 2016
ބޮމްބޭ އާ އެއާރޕޯޓުފަދަ، އިންޑިއާގެ ބޮޑެތި އެއާރޕޯޓުތަކުގެ މައުލޫމާތު އެނގޭނަމަ، މި ކޮމެންޓު ކުރިފަރާތުން މިގޮތަށް ކޮމެންޓު ކުރަން ލަދުގަތީސް. މައުލޫމާތު ހޯދައިގެން ހަގީގަތުގެ މައްޗަށް ބިނާކޮށް ކޮމެންޓުކުރުން ރަނގަޅުވާނެ.
Kuda Soru
08 August 2016
ބޮމެބޭގެ އެއަރޕޯޓް ދަންނަމެވެ. ދިއްލީގެ އެއަރޕޯޓްވެސް އެނގެއެވެ. ދިއްލީގެ އެއަރޕޯޓް މެނޭޖްކުރާ ޖީއެމްއާރުގެ ވާހަކަ ހަޖަމް ނުކުރެވުނީތާ. އެކަމަކު ޥާރޭކޮޅެއް ހަމަ ވެހިލާއިރަށް ބާލިދީ ނުބަހައްޓައި މިއިން އެއަޕޯޓެއް ފަރުޖައްސައިލެވެން ހަމަނޯވެއެވެ. ހަޖަމް
Fazeel
07 August 2016
މުސްތަފާބޭގަޑު ގައުމުގެ އެންމެ ބޮޑު ފޭކް!
ހާދިސާ
07 August 2016
މިއަދު ދިވެހިން ގަބޫލުރަންޖެހޭ ހަގީގަތަކީ، މައުމޫނުގެ ދުވަސްވަރުގައިވެސް ދިވެހިންނަށް ލިބުނުހާ އަނިޔާއެއް ލިބުނީ ޔާމީނުއާއި އިލްޔާސް އިބްރާހިމްގެ ސަބަބުންކަން، އެއިރު ނުކުރެވުނުކަންކަން މިއަދު ރައީސް ޔާމީނު އެކުރަނީ