ރިޕޯޓް / ބުލީކުރުން

ބުލީކުރުން: އަޅާނުލާ ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން

ބުލީކުރުމަކީ އޭޣެ ސަބަބުން ވަރަށް ނުރަނގަޅު ކަންތައްތަކަކަށް މަގުފަހިކުރުވާ ކަމެއް.

ފުރާވަރަށް އެރުމާ އެކު މޫނަށާއި ހަށިގަނޑަށް ބަދަލުތަކެއް އަންނަން ފެށި އެވެ. ސްކޫލަށް ދިއުމުން ކްލާސް ކުދިންނާއި މަގުމަތިން ދިމާވާ މީހުންގެ ފަރާތުން މަލާމާތާއި ފުރައްސާރަ ކުރުން ދިމާވާން ފެށި އެވެ. އަމިއްލަ ނަފުސަށް ކުރަމުން އައި އިތުބާރު ގެއްލި މީހުންގެ ކުރިމައްޗަށް ނިކުންނަން ފަސްޖެހެން ފަށައިފި އެވެ. ސްކޫލުގައި ހިންގާ ކުޅިވަރުގެ އެކި ހަރަކާތްތަކުގައި ބައިވެރިވުން ހުއްޓާލި އެވެ. މީހުން ބަލަން ތިބޭއިރު ހިނގަން އުނދަގޫވާން ވެސް ފެށި އެވެ.

ގްރޭޑް އަށަކަށް ބަދަލުވި ފަހުން ބުލީކުރުން ހައްދު ފަހަނައަޅައި ދިއުމުން އެހެން ސްކޫލަކަށް ބަދަލުކުރަން އާއިލާއިން މަސައްކަތް ކުރި އެވެ. ނަމަވެސް އެއީ ވެސް އެކަމަށް އޮތް ހައްލެއް ނޫނެވެ. ކްލާހާއި ސްކޫލު ތެރޭގައި ކުދިން ސަކަރާތް ޖަހާއިރު އޭނާ ހުންނަނީ ބާކީކޮށްލައިފަ އެވެ. އެވަރުން ނުވެގެން ދޮގު ތުހުމަތުތައް އަޅުވައި މީހުންގެ ކުރިމަތީގައި އޭނާގެ އަގުވައްޓާލަން ފެށި އެވެ. މަގުމަތިން ފެނިގެން ދިމާ ވެސް ކުރެ އެވެ. ނަމަވެސް ގްރޭޑް 10 އާ ހަމައަށް ކިޔެވުން ފުރިހަމަކުރި އެވެ. ނަތީޖާ ވަރަށް ރަނގަޅެވެ. ހަ މާއްދާއިން އޭ ޕްލަސް އަދި ދެ މާއްދާއިން އޭ ހޯދައިގެން ރާއްޖޭގެ ގަދަ ދިހައަކުން އެއް ވަނަ ހޯދި އެވެ.

އެކަމަކު މިއީ ބުލީ ކުރާ ކޮންމެ ކުއްޖަކަށް ދިމާވާނެ ހާލަތެއް ނޫނެވެ. މި ދަރިވަރުގެ ކިޔެވުން ރަނގަޅުވިޔަސް ގިނަ ކުދިންގެ ކިޔެވުން ވަނީ ޚަރާބެވެ.

ކުއްޖަކާ ދިމާއަށް އެއްޗެކޭ ބުނަން ފަސޭހަވާނެ އެވެ. އެކަމަކު އެ ބުނާ އެއްޗެއްގެ ސަބަބުން ކޮށްފާނެ އަސަރަކާ މެދު ވެސް ވިސްނާލުން މުހިއްމެވެ. ސްކޫލްތަކުގައި ބުލީކުރުމަކީ އަޅާނުލާ ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑު މައްސަލައެކެވެ.

މިނިވަން ދުވަހާ ގުޅުވައިގެން ބޭއްވި ޕެރޭޑުގައި ސްކޫލް ކުދިން ބައިވެރިވަނީ: ބުލީގެ ސަބަބުން ދަރިވަރުން އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށް ފަސްޖެހޭ --ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

ބުލީގެ އަސަރު ދެނެގަނެވޭނެ ބައެއް އަލާމާތްތައް

- ސްކޫލަށް ދާން ދެކޮޅުހެދުމާއި އިތުރު ހަރަކާތްތަކުގައި ބައިވެރިނުވުން

- ތަންތަނުގައި އެކަނި ހުންނަން ފަސްޖެހުން

- އަމިއްލަ ނަފުސަށް ކުރާ އިތުބާރު ގެއްލި އަމިއްލައަށް މަރުވާން މަސައްކަތް ކުރުން

- ގޯސްކޮށް ކަމެއް ދިމާވެއްޖެ ނަމަ އަމިއްލަ ނަފުސު ކުށްވެރިކުރުން

- ކެއުމުގެ އުސޫލް ބަދަލުކުރުން

- ސްކޫލުގައި ހޯދާ ނަތީޖާ ދަށްވުން

ސައިކޮލޮޖީގެ ދާއިރާގައި ވިއްސަކަަށް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ސައިކޮލޮޖިސްޓް ޑރ. އާއިޝަތު އަލީ ނާޒު ވިދާޅުވީ ދަރިވަރުންނާ ދިމާލަށް ކިޔާފާނެ އެއްޗަކާ ދެކޮޅަށް ކުރިމަތިލާން އެ ދަރިވަރުންނަށް ދަސްކޮށްދިނުން ވަރަށް މުހިއްމު ކަމަށެވެ. އެގޮތަށް ދަސްނުކޮށްދީފި ނަމަ ފަހުން ކުރާނެ ނުބައި އަސަރު ވަރަށް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް ބެލެނިވެރިންނާ އެކު ރިޕޯޓު ފޮތް ބަލަނީ: މީހުންގެ ފާޑުކިޔުންތަކުގެ ސަބަބުން ބައެއް ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ -- މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން

ނަފުސާނީ ގޮތުންނާއި ފިޒިކަލީ ގޮތުން ވެސް ކުދިންނަށް ބުލީކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ގޮތަކަށް ބުލީ ކުރި ކަމުގައިވިއަސް ނަފުސާނީ ގޮތުން އަސަރުކުރާނެ. އެހެންވެ އެކަންކަމަށް ކުރިމަތިލާން ދަރިވަރުންނަށް ބެލެނިވެރިން އެބަ ޖެހޭ ދަސްކޮށްދޭން. މީހަކު އެއްޗެކޭ ބުނެފިއްޔާ އެއަށް ރިއެކްޓް ކުރާނެ ގޮތެއް،" ނާޒު ވިދާޅުވި އެވެ.

"މީހަކު އެއްޗެހި ކިޔަސް ދަރިފުޅަށް އެބަ ޖެހޭ ވިސްނައިދޭން އޭނާގެ ކުށެއް އޮވެގެން ނޫންކަން މީހުން އެ ފުރައްސާރަކުރަނީ. އެމީހުންގެ ބަލިކަށިކަމުން ކަން އެއީ."

ގޭންގުތަކާ ގުޅޭ ބައެއް ޒުވާނުންނަކީ ވެސް ސްކޫލުގައި ނުވަތަ ގޭ ތެރޭގައި ބުލީގެ ޝިކާރައަށް ވެފައި ތިބި މީހުން ކަމަށާއި އެ މީހުން ގޭންގުތަކާ ގުޅެނީ ބަދަލުހިފުމުގެ ރޫހުގައި ކަން، ނާޒު ކުރިން ހެއްދެވި ދިރާސާއެއްގައި އަލީގައި، ވިދާޅުވި އެވެ.

ބުލީގެ ސަބަބުން ދަރިވަރުންގެ ތައުލީމަށާއި ނިދުމަށް ވެސް އުނދަގޫތަކެއް ދިމާވާނެ އެވެ. އަދި މީހުންނަށް އިތުބާރުކުރަން ވެސް ފަސްޖެހޭ ގޮތްވެ އެވެ.

ޕްރީ ސްކޫލުގައި ކުޑަކުދިންތަކެއް ކުޅެނީ: ކުޑަކުދިން ދައްކާ ވާހަކައާ މެދު ސަމާލުވާން ޖެހޭ

"މިސާލަކަށް ދަރިވަރަކަށް ބުލީ ކުރާއިރު އޭނާ ގާތް ރައްޓެހިން ކަމަށް ބަލާ މީހުން އެކަމުގައި ބައިވެރިވަންޏާ އޭނާ އެ ރައްޓެހިންނަކަށް އިތުބާރެއް ނުކުރާނެ. ގުޅުން ގޯސްވާނެ. ދެން އެންމެ ފަހުން އޭނާ އިތުބާރުކުރާ ރައްޓެހިން ވެސް ގެއްލޭނީ،" ޓީވީ ޕްރޮގްރާމްތަކާއި ތަފާތު އެކި ގޮތްގޮތުން ބުލީކުރުމާ ދެކޮޅަށް މީހުން ހޭލުންތެރިކުރުވަން މަސައްކަތް ކުރައްވަމުން އަންނަ ނާޒް ވިދާޅުވި އެވެ.

ބުލީކުރުމުގައި ރާއްޖޭގެ ހާލަތު އޮތީ ވަރަށް ގޯސް ކޮށް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ސްކޫލެއްގައި ކައުންސެލިން ދެމުން އަންނަ ކައުންސެލަރަކު ވިދާޅުވީ ދަރިވަރުންނަށް ފުރައްސާކުރާ މައްސަަލަ ވަރަށް ބޮޑު ކަމަށެވެ. އެކަމާ ގޮތް ހުސްވެގެން ވެސް ދަރިވަރުން ވަރަށް ގިނައިން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސެލިން ހޯދަން އެންމެ ގިނައިން ދަރިވަރުން އަންނަނީ މަލާމާތްކުރުމާ ގުޅޭ ގޮތުންނެވެ.

"މިއީ މިހެން ވާހަކަދައްކާލަން ވަރަށް ފަސޭހަ ކަމެއް. އެކަމަކު އޭގެ ވޭން އެނގޭނީ އެ ކަމެއް ތަހައްމަލުކުރާ ދަރިވަރަކަށް. އެ ދަރިވަރަކު ހުންނަ ސިފައެއްގެ ސަބަބުން ވަރަށް މަލާމާތްކުރޭ. އޭގެ ސަބަބުން އަސްލު ވަރަށް ނުބައި އިމްޕެކްޓެއް އަންނާނީ. މިސާލަކަށް އެސެމްބްލީގައި ވާހަކަދައްކަން ހަވާލުކުރީމަ ބުނެފާނެ ތިމަންނައަކަށް ނުކެރޭނޭ، މީހުން މަލާމާތްކުރާނޭ،" އޭނާ ވިދާޅުވި އެވެ.

ސްކޫލުތަކުގައި ބުލީކުރާ ދަރިވަރުންނާއި ޓީޗަރުންނާ މެދު ފިޔަވަޅު އެޅެން ޖެހޭނެ އެވެ. އެހެން ނޫނީ މި މައްސަލައަށް ދުވަހަކު ވެސް ހައްލެއް ނުލިބޭނެ އެވެ.

7 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 55%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާލިސާ

08 August 2016

ރާއްޖޭގައި ބުލީ ކުރެވެނީ ހަމައެކަނި ކުޑަކުދިންނަކަށްނޫން، ސިޔާސީ ޕާޓީތަކުން ފެށިގެން މަޖިލިހުގެ ތެރޭގައިވެސް ބުލީ ކުރެވޭ، އަދި ރައީސުންނާއި މިނިސްޓަރުންވެސް ބުލީކުރޭ، އެހެންކަމުން ބުލީކުރުމާ އަޅުގަނޑުވެސް ދެކޮޅު

The name is already taken The name is available. Register?

ޖޭޖޭ

08 August 2016

ބުލީކުރުމުގެ ވައްތަރެއް އެއްކޮށް އުޅޭކުދިން އަޅުގަނޑަޢް އަޅުގަނޑުގެ އިހުސާސްތަށް ކިޔާލަދޭން ފުރުސަތު (ވަގުތު--ފަށައިރަށް ކުރުކޮށްލުވުން، ދައުވަތު--އެކަހަލަ ވާހަކައެއް ކިޔާލާނެ މުނާސަބު ވަގުތެއްގައިވެސް އަހާނުލުން) ނުދުނުން ވެސް. އެއީ އަދި އަޅުގަނޑު މިއީ ދެންތިބި ރަހުމަތްތެރިންގެ އެންމެ އިތުބާރުކުރެވޭ ('ކޮނފިޑާންޓް') ރައްޓެއްސަށް އަޅުގަނޑު ހުންނަ އިރު ...އަޅުގަނޑުގެ (މިހާރު ޢުމުރުން 29 އަހަރު) ސޮކޫލު ދައުރުގެ ތަޖުރިބާ //

The name is already taken The name is available. Register?

އަލީ

08 August 2016

ކުދިންގެ މެދުގައި މާ ބޮޑަށް ޓީޗަރުން ތަފާތުކުރުން ބޮޑުވުމުން ވެސް ބައެއ ކުދިން އެކަހެރިވެ، މަޑުން ތިބޭކަން ފާހަގަކުރެވޭ. ދާދިފަހުން މާލޭގެ ސްކޫލެއްގައި ޓީޗަރަކު ވަނީ ދަރިވަރަކާ ދިމާލަށް ބުނަން ނުވާ ޒާތުގެ އެއްޗެހި ކިޔާފަ. އަދި ކުއްޖާގެ ބެލެނިވެރިޔާ ގާތު ކުއްޖާއޭ ކިޔައިގެން ދޮގު ވާހަކަތައް ދައްކާފަ އެބަހުރި. ނަސީބު ރަގަޅުކަމުން، ދަރިވަރުގެ ކްލާހުގެ އެހެން ކުއްޖަކު ވަނީ ކުއްޖާގެ މަންމައަށް އެއީ ދޮގެއްކަން ސާބިތުކޮށްދީފަ. އަދި ދަރިވަރަށް ނަފްސާނީ ގޮތުން ބޮޑު ގެއލުމެއް ނުލިބެނީސް، ބެލެނިވެރިޔާ ވަނީ ކުއްޖާ އެހެން ސްކޫލަކަށް ބަދަލުކޮށްފަ.

The name is already taken The name is available. Register?

މަރީ

08 August 2016

ކުދިންނަށް ޓީޗަރުންވެސް ބުލީކުރޭ. އަޅުގަނޑުގެ ދަރިފުޅު އަމީނިއްޔާއިން ކަނޑާލީ ޓީޗަރު އޭނާއާ ދިމާލަށް ކިޔާ އެއްޗެހިންނާއި ބާކީ ކުރާ ވަރުން ސްކޫލަށް ދާން ދެކޮޅު ހަދާ ރޯން ފެށުމުން.

The name is already taken The name is available. Register?

އިލްހާމާ

08 August 2016

ސްކޫލު ދޮށުގައި އެހެން ބެލެނިވެރިޔަކުވެސް ވަނީ އޭނާގެ ގްރޭޑް 2 ގައި އުޅޭ ދަރިފުޅާ ދިމާލަށް ޓީޗަރު އެއްޗެހި ކިޔާ ވާހަކަ ބުނެފަ. އަދި އެޓީޗަރަށް ރައްދުދީފާ ވާނެކަމަށް އެބެލެނިވެރިޔާ ބުނި.

The name is already taken The name is available. Register?

ޝައުނާ

08 August 2016

ބުލީ ކުރުމަކީވެސް އަބުރާ ބެހުން

The name is already taken The name is available. Register?

ޖޯން ސްނޯވ

08 August 2016

ބުލީ ކުރުން އާންމު ކޮށް ފެށެނީ ގޭގެ ތެރެއިން ކަމަށް ފެނޭ. ރަގަޅަށް ބެލެނިވެރި ކުރެވޭ ކުދިން ބުލީ ނުކޮށް ބަސްއަހާ ކަމަށް ފާހަގަ ކުރެވޭނެ. ބޭނުން ހާ ގޮތެއް ހަދަން ދޫކޮށްލާ ކުދިންނަކީ، އެކުދިންނާ ދިމާވާ ކޮންމެ ކުއްޖަކަށް ބޭނުން ގޮތެއް ހަދާލާނެ ކުއްޖެއް. ގޭގެތެރެއިން ރަގަޅު އަޚްލާގު ދަސްކޮށްދެވޭނެ ނަމަ، އެކުދިން އެހެން ތަންތަނުގައިވެސް އުޅޭނީ ރަގަޅަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454