ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް.-- ފޮޓޯ: އޭއެފްޕީ
07 އޯގަސްޓް 2016 - 09:47
ލަންޑަން (އޮގަސްޓް 7) - އާ ސީޒަނަށް ފަރިތަކުރުމަށް ރޭ ކުޅުނު މެޗުން ބާސެލޯނާ އަތުން 4-0 އިން މޮޅުވި ނަމަވެސް ލިވަޕޫލުން މާ ބޮޑަށް އުފާކުރަން ނުޖެހޭ ކަމަށާއި ތިބެން ޖެހޭނީ ހަމަބިމުގައި ކަަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލްގެ ލަނޑުތައް ކާމިޔާބުކުރީ ސަޑިއޯ މާނޭ، ޑިވޮކް އޮރީގީ، މާކޯ ގްރުޔިޗެވެ. އަނެއް ލަނޑަކީ ބާސެލޯނާގެ ޑިފެންޑަރު ހަވިއޭ މަޝަރާނޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ކްލޮޕް ބުނީ ބާސެލޯނާއާ ދެކޮޅަށް އޭނާ ބޭނުންވި ފެންވަރުގެ ކުޅުމެއް ފުރުސަތުދިން ހުރިހާ ކުޅުންތެރިންގެ ފަރާތުން ފެނުނު ކަމަށެވެ.
"އަހަރެން ބޭނުންވީ ކުޅުންތެރިން ޓެސްޓް ކޮށްލަން ބާސެލޯނާއާ ދެކޮޅަށް މެޗެއް ކުޅެން. މި މެޗުގައި ފެނުނު ކަންތައްތަކުގެ ތެރެއިން 98 ޕަސެންޓް ކަންތައްތަކާ މެދު އަހަރެން ވަރަށް ހިތްހަމަ ޖެހޭ. އެކަމަކު މިއީ ރަހުމަތްތެރިކަމުގެ މެޗެއް. އެހެންވުމުން އަހަރެމެން އެބަޖެހޭ ހަމަ ބިމުގައި ތިބެން،" ރޭގެ މެޗަށް ފަހު ކްލޮޕް ބުންޏެވެ.
ލިވަޕޫލްގެ ސްޓެވާޓް (ކ) ކައިިރިން ބާސެލޯނާގެ މެސީ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ރޭގެ މެޗަކީ 2014 ވަނަ އަހަރު ލިވަޕޫލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ. ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ މި މެޗުގައި އޭނާގެ ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެއް ކަމަށެވެ.
"މި މެޗު ފެށިގެން ނިމުމާ ހަމައަށް ދެ ޓީމު ވެސް ފެނުނީ ވަރަށް ތަފާތުކޮށް. ލިވަޕޫލް ކުޅުންތެރިން ކުރި މަސައްކަތް ފެނިއްޖެ. އެ ޓީމުގެ ފިޓްނަސް އަހަރެމެންނަށް ވުރެން މާ ރަނގަޅު. އެއީ ވަރަށް ބޮޑު ތަފާތެއް.،" އެންރީކޭ ބުންޏެވެ.
ރޭގެ މެޗު ބަލަން ވެމްބްލީ ސްޓޭޑިއަމަށް 89,845 ސަޕޯޓަރުން ވަނީ ވަދެފަ އެވެ. މިއީ ވެމްބްލީ އަށް މެޗެއް ބަލަން ދެ ވަނަ އަށް އެންމެ ގިނަ ސަޕޯޓަރުން ވަން މެޗެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާޗީ
07 August 2016
ބާސާގެ ސަޅިކުޅުން އައިސް ތި ހަލާކުކޮށްލީ އެންރީކޭ. މިހާރު ބާސާގެ ކުޅުން ބަލަންވެސް ޝައުގު ކުޑަވެފަވަނީ.
އެންރީކޭ
07 August 2016
އެންރީކޭ އައިސް ބާސެލޯނާގެ ދުވަސް ދުއްވާލައިފި. އެންރީކޭ ސްޕޭންގެ ގައުމީ ޓީމަށް ކުޅުނުއިރުވެސް އޭނަގެ ފަރާތުން ޓީމަށް ގެއްލުންވީ. ބާސާ ނީޑްސް ގާޑިއޯލާ. ތާކުންތާކު ނުޖެހޭ ކުޅުންތެރިން ގެނެސް ޓީމަށް ދިން ބޮޑު ލަނޑެއްތީ. އެންރީކޭ ވަކިކޮށއގެން ނޫނީ ބާސާއަކަށް ކުރިއެރުމެއް ނެތް.
ރަދީފް
07 August 2016
މަރުހަބާ ލިވަޕޫލް.