މެމްބަރު މުހައްމަދު އަމީތު-- ފޮޓޯ: މިހާރު
25 އޮކްޓޯބަރ 2018 - 23:03
އިންތިޚާބުވި އިރު ތިބި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އޮންނަ އެންޓި ޑިފެކްޝަން ގާނޫނެއް އޮންނަން ޖެހޭ ކަމަށް އެ ގާނޫނުގެ ދަށުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ކުރިން ނިންމި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން އިސްވެ މަޖިލިހުން ފާސް ކުރި އެ ގާނޫނު އުވައިލަން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
ޕީޕީއެމުން ވަކިކުރުމުން އެ ގާނޫނުގެ ދަށުން ގޮނޑިގެއްލިފައިވާ ކަމަށް އީސީން ނިންމައިފައިވަނިކޮށް، މެމްބަރުކަން ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ނިންމި މެމްބަރު އަމީތު "މިހާރު" އަށް ވިދާޅުވީ މިހާރު ހަދާފައިވާ އެ ގާނޫނަކީ 12 މެމްބަރުންނަށް ހާއްސަކޮށް ހަދާފައިވާ ގޯހެއް ކަމަށެވެ.
މިހާރު ފާސްކޮށްފައި އޮތް އެންޓި ޑިފެކްޝަން ގާނޫނު އިސްލާހުކޮށްގެން ނުވަތަ އެ ގާނޫނު އުވާލުމަށް ފަހު އާ ގާނޫނެއް ހަދައިގެން ނަމަވެސް އެފަދަ ގާނޫނެއް އޮތުން މުހިންމު ކަމަށް އަމީތު ވިދާޅުވި އެވެ.
ސަބަބެއް ކަމަށް އޭނާ ވިދާޅު ވަނީ ރައްޔިތުން ވަކި ޕާޓީއަކުން އިންތިޚާބު ކުރާ މެމްބަރަކީ އެ ޕާޓީގެ ވިސްނުމާއި ނަމުގައި މަޖިލީހަށް އަންނަ މެމްބަރަކަށް ކަމަށްވާތީ އެވެ.
ނަމަވެސް އެ ގާނޫނު ވާންޖެހޭނީ ރައްޔިތުން އިންތިޚާބު ކުރާ މެމްބަރަކީ ސިޔާސީ ޕާޓީއެއްގެ ލީޑަރުންގެ ނުފޫޒުގެ ދަށުނުވެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލޭނެ ގޮތަކަށް ފަރުވާ ކުރެވިފައިވާ ގާނޫނަކަށް ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
"ސުލޫކީ ކޮމެޓީއެއްގައި އިންނަވާ ތިން މީހަކަށް ކިހިނެއްތޯ ރައްޔިތުން އިންތިޚާބު ކުރި މަގާމަކުން ވަކިކުރެވޭނީ. ގާނޫނުގެ މުޅި އަމާޒަކަށް ވާން ވާނީ ކުއްލިއަކަށް ގޮނޑި ގެއްލޭ ހިސާބަށް ދިއުމެއް ނޫން. އެހިސާބަށް ދާން ވާނީ ސިޔާސީ ގޮތުން ދައްކަން ޖެހޭ އަގެއް ދެއްކުމަށް ފަހުގައި،" އަމީތު ވިދާޅުވި އެވެ.
އެހެންކަމުން އެކަމަކީ މުޅި މައްސަލައަށް ބަހުސްކޮށް ހައްލެއް ހޯދަން ޖެހިފައިވާ ކަމެއް ކަމަށް އަމީތު ވިދާޅުވި އެވެ.
ޕާޓީ ވަކިކުރާ ހިސާބުން މެމްބަރުކަން ގެއްލޭ ގޮތަށް ފަރުމާކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގުކޮށްފައިވަނިކޮށް، އެ ގާނޫނާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން، އެ ގާނޫނަކީ ބާތިލް ގާނޫނެއްގެ ގޮތުގައި ކަނޑައަޅަން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. އެކަމަކު، ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނީ އެންޓި ޑިފެކްޝަން ގާނޫނަކީ ސައްހަ ގާނޫނެއްގެ ގޮތުގަ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ޕީޕީއެމް ދޫކޮށް، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންނެވި 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިފަ އެވެ. ނަމަވެސް، އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިއިރު، ބާކީ ތިއްބެވި އަށް މެމްބަރުންގެ މައްސަލަތައް ސުޕްރީމް ކޯޓުގައި ދަނީ ހިނގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލއ
27 October 2018
އުވާލާ އޭރުން ކޮންމެ ވޯޓަކަށް މިލިއަނެއް ލިބޭނެ.
ކޮލެޖު ބޯއި
27 October 2018
އެންޓި ޑިފެކްޝަން ގާނޫނު އުވައެއް ނުލެވޭނެ. އުވާލިޔަސް ހަދަން ޖެހޭނެ. އެއީ އެ ގާނޫނު ހަދަން ސުޕްރީމް ކޯޓުން އަމުރުކޮށްފައި އޮތީމައި. ވީމަ އިސްލާހުކުރަންވީ ނުން
މުރީދު
26 October 2018
މިހުރިހާކަމެއްގެ ހައްލަކީ ރަނގަޅު އުސޫލެއްގެ ތެރެއިން ހުރިހާ މެމްބަރުންވެސް އެމީހުންގެ މާލީ ބަޔާން ގަވާއިދުން ހުށަހަޅަމުން ގެންދިޔުމެވެ. އޭރުން ރިސްވަތު ހިފަންޏާ އެކަންކުރާ މެމްބަރުންވެސް އެނގޭނެއެވެ. ހަމަމިގޮތަށް މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ދައުލަތުގެ ވެރިންނާއި ފަނޑިޔާރުންވެސް ހުށަހަޅަން ލާޒިމު ކުރަންވީއެވެ. ކެރެންޏާ މިފަދަ ގާނޫނެއް ރަނގަޅަށް ހަދާ އެކަން ތަންފީޒުކުރަން ލާޒިމު ކުރަންވީނޫންތޯއެވެ. ރައިއްޔަތުން ވަރަށް އުފާވާނެއެވެ!
ޝޯން
26 October 2018
ގާނޫނު އުވާނުލާ އިސްލާހު ގެނައީމަ ރަނގަޅުވާނެ ކަމަށް ފެންނަނީ. އުވާލުމާ ދެކޮޅު.
އިބޫ ހުޅުމާލެ
26 October 2018
އަބުރުގެ ޤާނޫނު ވެސް ހަމަ އެއަށްވުރެއްވެސް މުހިންމު...
ފަލަޑޭސް
26 October 2018
އެންޓީ ޑިިފެކްޝަން ގާނޫނު އުވާލާނީ ރައްޔިތުންނަށް އިިޚްލާސްތެރިކަމެއް ނެތް މީހުން. އެ ގާނޫނު ޖެހޭނީ އިސްލާހުކުރަން.
މާހިރު/ތިނަދޫ
26 October 2018
ކުރިން ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރުން މަޖިލީހުގަ ތިއްބެވުމުން ކަމުނުދިޔަ! މިހާރު، މަޖިލިސް އޮންނަން ޖެހެނީ، ރައީސް ގެ މުށުތެރޭގަ! ޕާޓީ ވިޕްލަިނެކޯ ކިޔައި މަޖިލިސް ހިސޯރު ކުރެވޭ! ބޮޑުވަރު.
މާހިރިު ތިނަދޫ
26 October 2018
ރައްޔުތުންގެ މަޖުލިހުގަ ތިބެންވާނީ ރައްޔިތުންގެ މަންދޫބުން. ޕާރޓީތަކުގެ ވިޕްލައިނަށް އަޅުވެތި ކުރެވޭ މެމްބަރުން މިނިވަން މަޖިލިހެއްގަ ތިބެގެން ނުވާނެ!
އަޖީތު
26 October 2018
މިއީ އުވާނުލާ އިސްލާހްކޮށްގެން ބާއްވަން ރަގަޅު ގާނޫނެއް.
ލުކްވެލް
26 October 2018
އެންޓި ޑިފެކްޝަން ގާނޫނެއް ބަދަލަކާއެކު މުހިންމު ކަމަށް އެއް އެމްޕީ އެއް ބުނާއިރު މިހާރު ހެދިފައިވާ އެންޓި ޑިފެކްޝަން ގާނޫނު އަދި ޕްރެކްޓިސް ވެސް ނުކޮށް އޭގެ ޕްރޮސް އެން ކޮންސް ނޭގޭނެއޭ މިރާއްޖޭގައި ސިޔާސީ ޕާރޓީ ތަކުގެ ސިޔާސަތު ކުރިއަރުވައިގެން ޕާރޓީ ތަކުގެ ސިޔާސަތު އެއީ ރާއްޖޭގެ އިގްތިސާދު ޑްރައިވް ކުރަން ބޭނުން ކުރާ މެއިން ޑްރައިވިންގް ފޯރސް އަކަށް ހަދަން ބޭނުން ނަމަ އެންޓިޑިފެކްޝަން ގާނޫނު އޮންނަން ޖެހޭނެއޭ މިއަދު މިއުވާލައިފިނަމަ ދެން...