އެއް މިލިއަން ޑޮލަރު ލިބުނު މުހައްމަދު ބަޝީރު އަބްދުލް ޚާދަރް
14 އޯގަސްޓް 2016 - 06:32
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ދުބާއީގެ އެއާޕޯޓަށް ކްރޭޝް-ލޭންޑްކުރަން ޖެހުމުން އަލިފާން ރޯވި ބޯޓުން ސަލާމަތްވި އިންޑިއާ މީހަކަށް ލޮޓަރީއެއް ކާމިޔާބުވެ އެއް މިލިއަން ޑޮލަރު ލިބިއްޖެ އެވެ.
މަތިންދާބޯޓުގައި ހިނގި ހާދިސާ އަށް ހަ ދުވަސް ފަހުން މިލިއަނަރަކަށްވި މުހައްމަދު ބަޝީރު އަބްދުލް ޚާދަރަކީ ކްރޭޝް-ލޭންޑުކުރި، 300 މީހުން ތިބި ބޯޓުގައި އިން މީހެކެވެ. ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާ، ދުބާއީ ޑިއުޓީ ފްރީ މިލޭނިއަމް މިލިއަނަޔާ އިން ގަތް ޓިކެޓު ގުރުއަތުން ހޮވިގެން މިލިއަން ޑޮލަރު ލިބުނު ޚާދަރު ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ޗުއްޓީ އަށް ގައުމަށް ދާ ކޮންމެ ފަހަރަކު ވެސް ލޮޓެރީން ޓިކެޓެއް ގަންނަ ކަމަށާއި އެންމެ ފަހުން ގަތީ މިދިޔަ ފިތުރު އީދު ޗުއްޓީގައި ގައުމަށް ދިޔައިރު ކަމަށެވެ.
އިންޑިއާގެ ޓްރިވެންޓްރަމްގައި އުޅޭ ޚާދަރަށް ފައިސާ ލިބުނީ އޭނާ ގަތް 17 ވަނަ ޓިކެޓަށެވެ. ކާރު ވިއްކާ ތަނެއްގައި ވަޒީފާ އަދާކުރާ، އުމުރުން 62 އަހަރުގެ ޚާދަރަކީ އޭނާގެ ވަޒީފާއިން މަހަކު 8000 ދިރުހަމް (2،178 ޑޮލަރު، 145،212 އިންޑިއަން ރުޕީސް) ލިބޭ މީހެކެވެ. އެކަމަކު ވަރަށް ތުއްތުއިރު ވެއްޓި ވާގިނެތިފައިވާ، މިހާރު އުމުރުން 21 އަހަރުގެ ފިރިހެން ދަރިއެއްގެ ބޭސްފަރުވާ އަށް ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހޭތީ އާމްދަނީން ދިރިއުޅުމުގެ ޚަރަދުތައް ހަމައެއް ނުޖެއްސެ އެވެ.
"މަތިންދާބޯޓުން ސަލާމަތްވީމަ ގަބޫލުކޮށްގެން މި ހުރީ ކަލާނގެ އަހަންނަން ދެ ވަނަ ފުރުސަތެއް ދެއްވީ ކަމަށް. މި ލިބުނު ފައިސާ ހިފައިގެން ގައުމަށް ގޮސް ކުރާނީ އެހެން މީހުންނަށް އެހީވުމުގެ މަސައްކަތް. ޚާއްސަކޮށް، ބަލިވެ އުޅޭ ކުޑަކުދިންނަށް އެހީވުން،" ޚާދަރު ބުނެފައިވެ އެވެ.
ޚާދަރު ބުނެފައި ވަނީ މިގޮތަށް ކިތަންމެ ބައިވަރު ފައިސާއެއް ލިބުނު ކަމުގައި ވިޔަސް އަމިއްލަ މަސައްކަތުން ފައިސާ ހޯދުން ހުއްޓާނުލާނެ ކަމަށާއި ވަޒީފާ އަދާކުރެވޭ ވަރުވާ ނަމަ ކިތަންމެ ދުވަހަކު ވެސް އެގޮތުގައި ހުންނާނެ ކަމަށެވެ. އޭނާ ބުނީ ބުރަ މަސައްކަތުން ހޯދާ އާމްދަނީ ފަދަ އެހެން އެއްޗެއް ނުހުންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮޓަރީ
05 May 2018
ކަލޯމެނޭ މާދީންވެރިވެގެން ކޮމެންޓްތިކުރަނީ ފައިސާލިބުނުގޮތް ފުރަތަމަ ރަނގަޅަށް ކިޔާލިންތަ؟ ލޮޓަރީގެ ފައިސާއަކީ އިސްލާމްދީނުގައި ހުއްދަ އެއްޗެއްތަ؟ ގަމާރަކަސް ތަންފުކެއް ބޮޑުވަރު
ސަޅިބެ
14 August 2016
ހާދަރުގެ 2 ވަނަ ބައެއް ނެރެން މަށަށް ފެންނަނީ.. މި ސްޓޯރީއާއެކު.
މީމު
14 August 2016
ﷲއަށް ޙަމްދުކުރަން. އަދި އޭނާއަށް ލިބުނު ފައިސާ ހެޔޮގޮތުގައި ބޭނުންކުރާނެކަމަށް އުންމީދުކުރަން. މާތްﷲ އޭނާކުރާ މަސައްކަތުގައި ބަރަކާތް ލައްވާށީ!
ނުރަބޯ
14 August 2016
ސިޔާސީ ވާހަކައެއް ނޫންވީމާ މިލިޔުމަށް ކޮމެންޓެއް ކޮއްލާނެ މީހަކުވެސް ނުވިދޯ.....!!! މާތްﷲ ޚާދަރަށް ރަޙްމަތްލައްވާނދޭވެ....!!! އާމީން.
އަލްމުދިޝް
14 August 2016
އަދި މުއްސަނދިކުރައްވަނީވެސް، އަދި ފަގީރު ކުރައްވަނީވެސް އެކަލާނގެއެވެ. 53:48