ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
03 ޑިސެމްބަރ 2018 - 15:09
އެސްޓީއޯގެ ދަށުން މިފްކޯ ހިންގުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އާ ސަރުކާރު ހަވާލުވި ފަހުން ވެސް މިފްކޯ އަށް 30 މިލިއަން ރުފިޔާދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމެއް ނޫން އެސްޓީއޯގެ ދަށުން މިފްކޯ ހިންގުމަކީ. އަޅުގަނޑުމެންގެ ވިސްނުމަކީ އިތުރަށް މިފްކޯ ތަރައްގީ ކުރުން. އަދި މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިފްކޯގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ކުންފުންޏަށް ގެންނާނެ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިފްކޯއިން މަސްވެރިންގެ އަތުން ކްރެޑިޓަށް މަސްކިރުން ހުއްޓުވާނެ ގޮތްތަކެއް ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ މިހާތަނަށް މިފްކޯ އިން 800 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިދިޔަ މަހު މަސްވެރިންގެ އަތުން ކްރެޑިޓަށް މަސް ކިރުވުމަށް ފަހު ފައިސާ ނުލިބުމާ ގުޅިގެން ގިނަ މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މިފްކޯގެ ދަރަނި ބޮޑުވެ، ކުންފުނި ބަނގުރޫޓުވުމުން 2016 ވަނަ އަހަރު އެސްޓީއޯގެ ދަށަށް އެ ކުންފުނި ބަދަލުކުރި އެވެ.
މިފްކޯގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މި ފާއިތުވެދިޔަ ފަސް އަހަރު އޭރުގެ ސަރުކާރުން 621.4 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުނބުށެން
04 December 2018
ކޮންމެ ބަދަލެއް ގެނަޔަސް 3 އަހަރުން ނިމުނު ވެރިކަމުގައި ދައުލަތުގެ ކުންފުނިތަކާއި ކޮންސްޓްރަކްޝަން ދާއިރާއަށް ޖެހުނު ހާލު ނުޖެހޭނެގޮތަކަށް މިފަހަރު ކަންތައްތައް އިންތިޒާމް ކުރާނެކަމަށް އުންމީދުކުރަމެވެ. ޕާޓީ ދިރުވުމަށާއި ތާއީދާއި ވޯޓް އިތުރުކުރުމަށް އެކަނި ވިސްނައިގެން ގައުމާއި ދައުލަތުގެ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތައް އިނދަޖެހުނަސް ވަރިހަމަކޮށްފައި ކަންކަން ނުކުރާނެކަމަށްވެސް އުންމީދު ކުރަމެވެ.