ވިލުފުށި މަގު ހެދުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީނަށް، އެ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު އެރުވި ރަމްޒީ ދޯންޏެއް ހިއްޕަވައިގެން.---ފޮޓޯ: ރައީސް އޮފީސް
18 ޑިސެމްބަރ 2018 - 16:14
އަންނަ އަހަރުގެ އޭޕްރީލް 6 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލުފުށީ ދާއިރާގެ ގޮނޑިއަށް ޕީޕީއެމުން ވާދަނުކުރަން ނިންމައި، އެ ދާއިރާގެ ގޮނޑިއަށް މިހާރު މެމްބަރުކަން ކުރައްވާ ރިޔާޒް ރަޝީދު އާ ދައުރަކަށް އިންތިހާބުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.
މަޖިލިސް އިންތިހާބުގައި 13 ދާއިރާއަކުން ޕީޕީއެމް ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން އިއުލާންކުރުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޔާމީން ވިދާޅުވީ ވިލުފުށީ ދާއިރާ އަށް ކެންޑިޑޭޓަކު ނެރުމުގެ ބަދަލުގައި ތާއީދު ކުރައްވާނީ މިހާރު ވެސް ދައިރާގައި ހުންނެވި ރިޔާޒަށް ކަމަށެވެ.
ޔާމީން އެހެން ވިދާޅުވި އިރު، ރިޔާޒް ދާދި ފަހުން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެންފަ އެވެ. ރިޔާޒް، ޖޭޕީއާ ގުޅިވަޑައިގެންނެވި ފަހުން، ޔާމީންގެ ދިފާއުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެއްވުމެއްގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ އޮތީ ހޫނުވެފަ އެވެ. އަދި ރިޔާޒާއި އިތުރު މެމްބަރުންތަކެއް މައްސަލަ ޖޭޕީން ދަނީ ބަލަމުންނެވެ.
ރިޔާޒް ރަޝީދު، ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު އޭނާގެ ފޯމު، އެ ޕާޓީގެ ލީޑަރު ގާސިމަށް އަރުވަނީ.---ފޮޓޯ: ޖޭޕީ
ޔާމީން ވިދާޅުވީ ރިޔާޒް ރަޝީދަކީ ރައްޔިތުންގެ ހައްގުގައި މިނިވަންކަމާ އެކު ވަކާލާތު ކުރައްވައި، ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަން ވަރަށް އެކަށީގެންވާ ބޭފުޅެއް ކަމަށެވެ.
"ޕީޕީއެމްގެ އާއިލާ އަށް ދަންނަވާނީ އަޅުގަނޑަށް ތާއީދު ކުރާ ހުރިހާ ބޭފުޅުން ރިޔާޒް ރަޝީދަށް، ވިލުފުށީ ދާއިރާއަށް ތާއީދުކޮށް ދޭށޭ. މި ގޮނޑި އަޅުގަނޑުމެން ނަގަން ބޭނުންވޭ،" ވިލުފުށީގެ އިތުރުން ތ. މަޑިފުއްޓާއި ތ. ބުރުނީގެ ރައްޔިތުންނަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި، ވިލުފުށީ ދާއިރާއަށް ހޮވުމުގެ ކިރިޔާ ވެސް ފުރުސަތެއް ރިޔާޒަށް އޮތީ ޕީޕީއެމް ދޫކޮށް ޖުމްހޫރީ ޕާޓީ އަށް ވަޑައިގަތީމަ އެވެ. އަދި ރިޔާޒްގެ ވާހަކަތައް ގަބޫލު ކުރެއްވި ކަމަށާއި ރިޔާޒަކީ މަޖިލީހަށް އެކަށީގެންވާ ބޭފުޅެއް ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވި އެވެ.
"މިދިޔަ ދެ ދައުރުގައި އޭނާގެ (ރިޔާޒް) ގެ މަސައްކަތްތައް ފެނިގެން ހިނގައްޖެ. އެހެންވީމަ ރިޔާޒަކީ ވަރަށް ވަރުގަދަ އަށް، ރިޔާޒަށް ގަބޫލު ކުރެވޭ ކަންތައްތަކެއްގައި ވަކާލާތުކޮށް އެގޮތުގެ މަތިން މަސައްކަތްކޮށް ދެއްވާ ބޭފުޅެއް،" ރިޔާޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި، ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމްގެ ޓިކެޓުގައި ވިލުފުށީ ދާއިރާއަށް ވާދަކުރުމުގެ ފުރުސަތު ކެންޑިޑޭޓަކަށް ދީފިނަމަ، ޕީޕީއެމް ސަޕޯޓަރުންގެ މެދުގައި ވޯޓުތައް ބައިބައިވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންވެ، ޕީޕީއެމުން އެ ގޮނޑި އަށް ވާދަނުކުރަން ނިންމީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމުން މިހާތަނަށް ވަނީ 50 އަށްވުރެ ގިނަ މީހުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ދީފަ އެވެ. އޭގެ ތެރޭގައި ޔާމީން ސަރުކާރުގައި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް މިހާރު ވެސް ތަމްސީލް ކުރައްވާ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.
ޕީޕީއެމުން މިއަދު އަލަށް 13 ބޭފުޅަކަށް ޓިކެޓު ދެއްވި އިރު، މާފަންނު އުތުރު ދާއިރާގެ ޕީޕީއެމްގެ ޓިކެޓު ލިބިވަޑައިގެންނެވީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ލައްމާނަށެވެ.
ޕީޕީއެމުން ޕްރައިމަރީއެއް ބޭއްވުމަކާ ނުލައި ޓިކެޓު ކަށަވަރު ކުރެއްވި ބޭފުޅުންނަކީ ދިއްދޫ ދާއިރާއަށް މުހައްމަދު ހަސަން، އިހަވަންދޫ ދާއިރާއަށް އަހުމަދު ނަޒީރު، ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އަބްދުއްރަހްމާން އިސްމާއިލް، ކޮމަންޑޫ ދާއިރާއަށް އިބްރާހިމް ރަޝީދު، ކަނޑިތީމު ދާއިރާ އަށް މުހައްމަދު އާރިފް، ތުޅާދޫ ދާއިރާއަށް މުހައްމަދު އަތީފް، ދާންދޫ ދާއިރާއަށް މުހައްމަދު މުއީން، އިސްދޫ ދާއިރާ އަށް އިސްމާއިލް ޝަފީއު، މަރަދޫ ދާއިރާ އިން ޝެރީނާ އަބްދުލްސަމަދު، އައްޑޫ މީދޫ ދާއިރާއަށް މުހައްމަދު އަސްލަމް، މާފަންނު އުތުރު ދާއިރާ އަށް ލީލާ އަލީ އާއި ހިތަދޫ އުތުރު ދާއިރާއަށް މުހައްމަދު ޖިނާން ޖަލީލެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާހައްޕަޅަ
19 December 2018
ޔަމީނަކީ ރޢްޖޭގެ ރައްޔިތުންގެ ތައީދު އޮތްމީހެއްނޫން 5%
އަދި
19 December 2018
ރާއްޖޭގެ 1% ތާއީދުނެތް މީހަކު ތާއީދުގެ ވާހަކަ ދެއްކުމުން އެވާހަކަ މުހިއްމުވާ މީހެއްވެސް ނޫން.
ޖުވޗެރ
19 December 2018
މާފަންނު އުތުރު ދާއިރާ އަށް ލީލާ އަލީ، އަދި އެ ދާއިރާއަށް ފެނަކައިގެ ކުރީގެ އެމް.ޑީ. ލަމްޢާންވެސް. ވައިސަރީ.
އަބްދުލްރަހީމް
19 December 2018
ރިޔާޒު މިހާރު ކުޑަކޮށްވެސް ވިސްނަވާކަށް ނުޖެހޭނެ. ޔާމީނުގެ ތާއީދު ލިބުނީމަ ތިޔަހުރީ ހޮވެނިމިފަ. ހުވާކޮށްލަން ހަމަޖެހޭނީ.
ހަސަނު
19 December 2018
މިބގޮތަށް ޔާމީނުގެ ކިތައް ޓްރޯޖަން ހޯސް ޖޭޕީ ތެރެއިން ލާފަ ކޯޅިޝަނަށް އަންނާނެ.؟؟
ދާދޭ
19 December 2018
ޔާމީނު ހުންނާނެ ގިނަބަޔަކު ތިޔަ ގާސިމު ކައިރިއަށް ފޮނުވާފައި. ހަމަ ހޮވޭއިރަށް ނައްޓާލާނެ.
އެމް ޕީ
19 December 2018
މިފަހަރު މަޖިލީހަށް ހޮވަންވީ އެމްޑީޕީ އަދި އަދާލަތު ފާޓީގެ ކެނޑިޑޭޓުން.
ފޮނިޓައްޕު ހަސަނު
18 December 2018
ޕީޕީއެމުން ކިހިނެއްހޭ އެދާއިރާއަށް ކުރިމަތިލާނީ މިހާރު ޔާމީނު އެއުޅެނީ އެނެއް ޕާޓީ ހަދައިގެން ޕީޕީއެމް ދޫކޮށްލަން.
ށ.އަތޮޅު މީހާ
18 December 2018
ގާސިމޫ! ގާސިމޫ! ހަދަން އުޅޭ އެތި ވިސްނާތި. ރަނގަޅަށް ހޭއަރާތި. ނޫނީ ފަހުން ހިތާމަކުރަން ޖެހިދާނެ.
ާަައާނިމް
18 December 2018
މައްސަލައެއް ނޫންތީ! ޔާމީން ޕާޓީތަކަށް މީހުންކޮޅު ފޮނުވާލީ ޑީލެއްގެ ދަށުން. މަޖިލީހަށް ޕާޓީތަކުން ހޮވިގެން ޕީޕީއެމްއަށް ފަހުން ބަދަލުވާން.
ހަސަނު
18 December 2018
ދެން މިހެންވީމަ އެމްޑީޕީން ވެސް ޖެހޭނު ހުރިހާ ދާއިރާއަކަށް ކުރިމަތިލާން.. އެހެ ނޫނީ ޔާމިނު ގޮނޑިތައް ހޯދާނީ ޖޭޕީ ތެރެއިން ލާފަ ކޯޅިޝަން ކެނޑިޑޭޓުންގެ ގޮތުގަ....
ހޭބަލި
19 December 2018
ހުވަފެނުގަވެސް ޔާމީން ނޫން މީހެއް ނުފެންނާނެ ތިވަރުވީމަ. ހާދަ ބިރެކޭ ތިޔަ ގަންނަނީ.
މުހަންމާދި
18 December 2018
ޖުމްހޫރީޕާޓީގައި މިހިރީ ޔާމީންގެ އެޖެންޓެއްތަ؟