2019 ވަނަ އަހަރުގެ ބަޖެޓް ކޮމިޓީ ބައްދަލުވުން
08 ޖެނުއަރީ 2019 - 14:56
މިދިޔަ އަހަރު ނިމުނު އިރު ބަޖެޓުން ހޭދަކުރީ 26.5 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ހާމަކުރާ މާލީ ރިޕޯޓުތަކުގެ ތެރެއިން 2018 ވަނަ އަހަރުގެ އެންމެ ފަހުގެ ރިޕޯޓުން ދައްކާ ގޮތުން ބަޖެޓުގެ ޖުމްލަ ހަރަދަކީ 26.5 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންވެ މިއީ ބަޖެޓްކުރި ވަރަށް ވުރެ ކުޑަ ހޭދައެކެވެ.
މިދިޔަ އަހަރު ބަޖެޓުން ސަރުކާރުގެ ޖުމްލަ ހަރަދުގެ ގޮތުގައި ހިސާބުތަކުން ދައްކަނީ 24.9 ބިލިއަން ރުފިޔާ އެވެ. އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ރިކަރެންޓް ހަރަދަށެވެ. އެގޮތުން 17.4 ބިލިއަން ރުފިޔާ އެކަމަށް ހިނގާފައިވެ އެވެ.
މިދިޔަ އަހަރު ނިމުނު އިރު ޕަބްލިކް ސާވިސް އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ 5.7 ބިލިއަން ރުފިޔާ އެވެ. ނަމަވެސް 7 ބިލިއަން ރުފިޔާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގައި ހިމަނާފައި އޮތެވެ.
އަހަރު ނިމުނު އިރު ސަރުކާރުގެ ލޯނުތަކަށް 1.6 ބިލިއަން ރުފިޔާ ވަނީ ދައްކައިފަ އެވެ. އަދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 1.2 ބިލިއަން ރުފިޔާ ޓްރާންސްފާކޮށްފައިވާ ކަމަށް މާލީ ރިޕޯޓުން ދައްކަ އެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި ލޯނުތައް ދެއްކުމަށް 2.1 ބިލިއަން ރުފިޔާ ކަނޑައެޅި އެވެ.
މިދިޔަ އަހަރު ސަރުކާރަށް އާމްދަނީގެ ގޮތުގައި 20.5 ބިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 22.4 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ނިމުނު އިރު ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި 311.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް 733.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy