މަޖިލީހުގެ ރައީސް ގާސިމް އާއި ޕީޕީއެމްގެ ބައެއް މެމްބަރުން ބައްދަލު ކުރައްވަނީ. --ފޮޓޯ/ޓުވިޓާ
23 ޖެނުއަރީ 2019 - 11:50
ޕީޕީއެމާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމުގެ ހައްގު އެތައް ބަޔަކަށް ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާތީ، އެ ހުރަސްތަކަށް ހައްލެއް ހޯދަން މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ހެނދުނު ބައްދަލުކޮށްފި އެވެ.
އެ ބައްދަލުވުން އޮތީ މަޖިލީހުގެ އިދާރާގަ އެވެ.
މަޖިލީސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ހޯމަދުވަހު ހުޅުވާލާނެ އެވެ. އެކަމަކު ޕީޕީއެމުން ޓިކެޓް ދީފައި ތިބި މެމްބަރުންނަށް އެ ޕާޓީގެ ނަމުގައި ވާދަކުރެވޭކަށެއް ނެތެވެ. އެއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު ހިންގަވާ ޕީޕީއެމް، އެމަނިކުފާނުގެ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ހަވާލުކޮށްދޭން އާއްމު މެމްބަރަކު ހުށަހެޅި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ހިނގަމުންދާތީ އެވެ.
Majlis Raees Hon @qasimibrahim ah Shukuru Dhannavan. Emanikufaanakee Adu Assavaa, Adhi Avas Hallu Hoadhavaidhevvumuga Laamaseelu Beyfulheh. @Banafsaa #PNC #PPM pic.twitter.com/ECsrVpm6QL
— Ahmed Nihan (@ahmed_nihan) January 23, 2019
ގާސިމްއާ އެކު ބާއްވަވާ ބައްދަލުވުމާ ގުޅޭ ގޮތުން ނިހާން ކުރެއްވި ޓުވީޓް
މަޖިލީހުގައި ޕީޕީއެމް މިހާރު ތަމްސީލް ކުރައްވާ 27 މެމްބަރުންގެ ތެރެއިން ބައެއް ބޭފުޅުންނާއި ޔާމީން ސަރުކާރުގެ އިސް މަގާމްތައް ފުރުއްވި ބޭފުޅުންނަށް ޕީޕީއެމްގެ ޓިކެޓް ވަނީ ދީފަ އެވެ.
ޕީޕީއެމްގެ ނަމުގައި ވާދަކުރަން ކުރިމަތިވި ހުރަސްތަކަށް ހައްލު ހޯދަން ޕީއެންސީ އުފައްދަވަން ޔާމީން ނިންމެވި ނަމަވެސް ޕާޓީ ރަޖިސްޓްރީކުރުމުގައި ވަނީ ލަސްތަކެއް ކުރިމަތިވެފަ އެވެ. އެއީ، އިލެކްޝަންސް ކޮމިޝަނުން ގަސްތުގައި ހިންގާ ޖަރީމާއެއް ކަމަށް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އީސީން މި ތުހުމަތު ދޮގު ކުރެ އެވެ.
ނިހާން "މިހާރު" އަށް ވިދާޅުވީ މަޖިލީހުގެ ރައީސް ގާސިމްއާ މިއަދު ބައްދަލު ކުރެއްވީ ޕީޕީއެމްގެ މެމްބަރުންގެ ހައްގު ނިގުޅައިގަންނަ މައްސަލަ އާއި ޕީއެންސީ އުފެއްދުމަށް ދަތިކުރަމުންދާ މައްސަލައިގައި ހައްލެއް ހޯދަން ކަމަށެވެ. ޕީއެންސީ އުފެއްދަން ހުރަސްއެޅުމަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެ އީސީން އަމަލުކޮށްގެންވާނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ބޮޑަށް ޒާތީވެ ޕީއެންސީ އުފައްދަން ހުރަސްއަޅާ މައްސަލައިގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އެބަޖެހޭ އިލެކްޝަންސް ކޮމިޝަން ޒިންމާދާރުކުރުވަން،" ނިހާން ވިދާޅުވި އެވެ.
މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް މުގަރިރު ކަން ކުރައްވާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް އީސީގެ މައްސަލަ ހުށަހަޅާ ގޮތަށް ވަނީ ނިންމައިފަ އެވެ.
ޔާމީން، ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ގެންދަވަނީ: ޕީއެންސީ އުފައްދަވަނީ ޕީޕީއެމަށް ކުރިމަތިވެފައިވާ ގާނޫނީ ހުރަސްތަކާ ހެދި ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވޭ.---ޕީޕީއެމް ޓުވިޓާ ފޮޓޯ
ޕީޕީއެމްގެ ޓިކެޓް، ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރައްވާ ބައެއް ބޭފުޅުންނަށް ކަށަވަރުވެފައިވާ އިރު، މައުމޫނަށް ޕީޕީއެމް ލިބިއްޖެ ނަމަ އެމަނިކުފާނުގެ ސިޔާސީ ހަރަކާތް މައުމޫން ރިފޯމް މޫވްމަންޓު (އެމްއާރުއެމް) އިން ވާދަކުރާ މީހުންނަށް ވެސް ޕީޕީއެމްގެ ހައިސިއްޔަތު ދޭގޮތަށް ވަނީ ނިންމައިފަ އެވެ.
ޕީއެންސީ އުފައްދަން ގަސްތުގައި ލަސްކުރަމުންދާ ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން ތުހުމަތުކުރާއިރު، އީސީން ބުނެފައިވާ ގޮތުގައި އެކަން ލަސްވީ ހުށަހެޅި ބައެއް ފޯމުތައް ސައްހަ ނުވެގެންނެވެ. އަލުން ހުށަހެޅި ފޯމުތައް ބަލައި މައްސަލައެއް ނޫޅޭ ނަމަ ލަހެއް ނުވެ ހުއްދަ ދޭނެ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ބައެއް ފޯމުތައް ސައްހަ ނޫން ކަމަށް އީސީން ކުރާ ތުހުމަތު ނިހާން ދޮގު ކުރައްވަ އެވެ.
"ޕީއެންސީ އުފައްދަން ސައްހަ 3،000 ފޯމު ހަމަނުވެއޭ ބުނުމަކީ އެއްވެސް މީހަކު ގަބޫލުކުރާނެ ވާހަކައެއް ނޫން. އެ އަދަދަށް ފޯމު ހަމަނުވާނެ ބައެއް ނޫން ޕާޓީ އުފައްދަނީ،" ނިހާން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުދަލާލި
24 January 2019
ގާސިމް އެއީ، ކާކުކަން . މިހާރު ބައެއް ބޭފުޅުންނަށް އޮޅިއްޖެ.
ދާދޭ
23 January 2019
މިޚަބަރުގައި ބުނާ ޕާޓީއެއް ރަޖިސްޓްރީ ކޮށްދީފައިނުވާތީ ޕާޓީއޭ ކިޔައިގެން ޚަބަރުތައް ނުފެތުރުން އެދެން. ފޯމެއް ހުށަހެޅުމަކީ ރަސްމީ ކަމެއް ގެނެވޭނެ ކަމެއްނޫން ގާނޫނުގައިވާ ގޮތަށް ރަޖިސްޓްރީ ނުވެ އޮތްހާ ހިނދަކު.
ޙުސަންބޭ
23 January 2019
އީސީ ބޮލަށް ކަނޑާނެކަމެއްނެތެވެ. 3000 ފޯމް ހަމަކުރަން ހިސާބު ހެދީ އަދުރެމެޓިކްސް އިން ވީމަ، ކިހިނެއް އެ އަދަދު ހަމަކުރާނީ.
ޖިނާޙް
23 January 2019
އެއްވާން ބޭނުމިއްޔާ ކާނިވާ އޮންނާނެ
އޮޅުވާލުމުގެ ހައްދު
23 January 2019
ތިއީ ތިކަމަށް ބޭއްވި ބައްދަލުވުމެއް ނޫން. ތޮ ބައްދަލުވުން ބޭއްވީ ޖުމްހޫރީ ޕާޓީއާ ޕީޕީއެމް ގުޅެން މަޝްވަރާ ކުރަން. އެކަން އޮޅުވާލަން ތިކަމާ މަޝްވަރާކޮށް އެވާހަކަ މީޑިއާގަ ތި ދައްކަނީ. މަކަރާ ހީލަތް ހެދުމުގަ ދިވެހިން ދުނިޔެއިން ވަނަ ހޯދާނެ.
ސައި
23 January 2019
ގާސިމުގެ ހައްގައް ޕީޕީއެމްސަރުކާރުގަ އަރައިގަނެގެން އުޅުނު އިރު ކޮބާތޯ މިމެމްބަރުން ގާސިމުވިސްނާ ތިތާ ގާސިމަށް ހެޔޮއެދޭ އެކަކުވެސް ނެތް ދެން ޖަހާއެތިފަހަރު މާގަދަވާނެ ތިމީހުންތީ ގާސިމުގެ ހަތުރުން މަޖިސް އިންތިހާބު ނިމޭއިރަށް ގާސިމަށް ލަނޑުދޭ 65 މަތީމީހުންނަށް ވެރިކަން ނުކުރެވޭގޮތަށް ގާނޫނުހަދާނެ މަޖިލިސް ރައީސްކަމަށް އަބުދުﷲހަލީލު ގެންނާނެ ވިސްނާލާ
ގޭމްބޯއި
23 January 2019
ޤާސިމު ބޭނުންވަނީ ސަރުކާރު މަޖުބޫރީ ހާލަތަކަށް ވާއްޓާލާ އޭނަގެ ފައިމައްޗައް ތިރިވާވަރުގެ ޑުރާމާތަކެއްކުޅެން. އޭގެފަހުން އޭނަގެ ވިޔަފާރިއަށް ފައިދާވާނެ ހުރިހާކަމެއް ސަރުކާރުގެ ތެރެއިން ކުރަމުންގެންދިއުން. މީކީ އާކަމެއްނޫން. އަބަދުވެސް ޤާސިމުގެ ކަންތައްހުންނަގޮތް. ވެރިކަމެއް ބަދަލުވާ ކޮންމެފަހަރަކު މިކުޅިގަނޑު ކުޅެން ދިމާހުރާނެ. އެކިތަންތަނުން މީހުންގެނެސް ސޮއިކުރުވާ ވަރަށް ކުލަވަރުދައްކާނެ. ކުނޫޒުން ޖޭޕީ މިނިވަންވެގެންނޫނީ ޖޭޕީކަށް ކުރިމަގެއްނެތް
ސައްހަ
23 January 2019
ތިޕާޓީއަށް ތިވަނީ ހަމަ ރަނގަށް ތިތިބަ މީހުން މި ފާއިތުވި 5 އަހަރު ރައިއްޔަތުންނަ ކުރި ގޯނާ އާއި އުދަގޫ މަތިން މިހާ އަވަހަށް ހަދާން ނެތުނީތަ ؟؟؟؟؟
މާމޫން
23 January 2019
ޙައްގު ފޮރުވައިގެން އުޅޭ މީހާއާ ބައްދަލުވެފައި ތިއޮތީ.
ހޭލާ
23 January 2019
ފޮޓޯއަށް އަށް ބަލާލުމުން ގާސިމް ފޯން ސްޕީކަރަށް ލައިގެން ކޮންމެވެސް މީހަކާ ވާހަދައްކަނީ ކަމަށް ބެލެވެއެވެ. އުއްތަމަ ފަޑިޔާރަށް ގުޅަނީތޯއެވެ. ބަލަ ޔާމީނުވަނީ ބާރާއާރާ ނުފޫޒު ބޭނުންކޮށްގެން ޕީޕީއެމް ޖަހައިގެންފައެވެ. އެކަން ސްޕްރީމް ކޯޓުން ބަދަލު ކުރާނެއެވެ. ވެރިކަމުގައި ތިބިއިރު ގަތް ސަކަރާތް މިހާރަކު ނުޖެހޭނެއެވެ. އީސީވެސް ހަމަނޭވާލައިފިއެވެ. ކޯޓްތައްވެސް ހިތްދެމިލައިފިއެވެ. ގާސިމް ޖަހާހާ ބެރަކަށް ޖޭޕީގެ މިހާރުގެ ކައުންސިލްވެސް ނުނަށާނެވެ.