ލެސްޓާގެ ރިކާޑޯ (ކ) އަތުން ބޯޅަ ހޯދަން ލިވަޕޫލްގެ މާނޭ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ
31 ޖެނުއަރީ 2019 - 08:57
ލަންޑަން (ޖެނުއަރީ 31) - ލެސްޓާ ސިޓީއާ 1-1 އިން އެއްވަރުވެ އެއް ވަނައިގައި ހަތް ޕޮއިންޓަށް ލީޑު ފުޅާކުރަން ލިބުނު ރަނުގެ ފުރުސަތު ލިވަޕޫލަށް ރޭ ގެއްލުނު އިރު، ބޯންމައުތު އަތުން 4-0 އިން ބަލިވެ ޗެލްސީ ފަސް ވަނަ އަށް ވެއްޓިއްޖެ އެވެ.
ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަންގާރަ ދުވަހުގެރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 2-1 އިން ބަލިވެފައިވާތީ ރޭ ލިވަޕޫލް މޮޅުވި ނަމަ ހަތް ޕޮއިންޓުގެ ލީޑެއް ލިބުނީހެވެ. މިހާރު އޮތީ ފަސް ޕޮއިންޓުގެ ލީޑެއްގަ އެވެ. އެ ޓީމަށް 61 ޕޮއިންޓް ލިބިފައިވާއިރު ސިޓީ އަށް ލިބިފައިވަނީ 56 ޕޮއިންޓެވެ.
ރޭ ފަހަތުން އަރައި ވަޓްފޯޑް އަތުން މޮޅުވި ޓޮޓެންހަމަށް ތިން ވަނައިގައި އޮތީ 54 ޕޮއިންޓް ހޯދައިގެންނެވެ. ރޭ ޗެލްސީ ބަލިވުމުން އެންމެ ބޮޑު ފައިދާއެއް ކުރީ ކުޅި ބަލަން އޮތް އާސެނަލަށެވެ. އެ ޓީމު ހަތަރު ވަނަ އަށް އެރީ ފަސް ވަނައިގައި އޮތް ޗެލްސީއާ އެއްވަރަށް 47 ޕޮއިންޓް ލިބިފައިވީ ނަމަވެސް ފައިދާ ލަނޑުގެ ގޮތުން ކުރިލިބޭތީ އެވެ. ޗެލްސީ އޮތީ ފަސް ވަނައިގަ އެވެ. ޔުނައިޓެޑް ހަ ވަނައިގައި އޮތީ 45 ޕޮއިންޓާ އެކު އެވެ.
ސްނޯ ފޭބުމުގެ ސަބަބުން އުނދަގޫ ހާލަތެއްގައި އޮތް ލިވަޕޫލް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދިނީ ސަޑިއޯ މާނޭ އެވެ. އޭގެ އިރުކޮޅެއް ފަހުން ދެ ވަނަ ލަނޑެއް ޖަހަން ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ އަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ލެސްޓާގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ.
ލެސްޓާ އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި އިންގްލެންޑް ގައުމީ ޓީމުގެ ޑިފެންޑަރު ހެރީ މެގުއާ އެވެ. ދެ ވަނަ ހާފުގައި ލެސްޓާ ލީޑުނަގަން ޖޭމްސް މެޑިސަން އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނުއިރު، ލެސްޓާގެ ޑިފެންޑަރު ރިކާޑޯ ލިވަޕޫލްގެ ނަބީ ކެއިޓާ އަށް ކުރި ފައުލަކަށް ޕެނަލްޓީ ހޯދަން ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އެކަމު ރެފްރީ ނިންމީ ފައުލުނުވާ ކަމަށެވެ.
މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ކެއިޓާ އަށް ކުރި ފައުލަށް ޕެނަލްޓީއެއް ދީފައިނުވާތީ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ހަތް ޕޮއިންޓަށް ލީޑުފުޅާކުރަން ލިބުނު ފުރުސަތު ގެއްލުނު ނަމަވެސް މާ ބޮޑު މާޔޫސްކަމެއް ނެތް ކަމަށާއި އެއީ ކުރިއަށް ވުރެން މިހާރު ވެސް އެއް ޕޮއިންޓަށް ލީޑުފުޅާވެއްޖެ ކަމަށާއި ކޮންމެ ޕޮއިންޓަކީ ވެސް ސީޒަން ނިމޭއިރު ވަރަށް މުހިއްމުވާނެ އެއްޗެއް ކަމަށް ބުންޏެވެ.
ބޯންމައުތުގެ ބްރޫކްސް ޗެލްސީގެ ގޯލަށް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އޭއެފްޕީ
ބޯންމައުތު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އަށް ލީޑުނަގައިދޭން ކްރޮއޭޝިއާގެ މަޓެއޯ ކޮވަސިޗް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ބޯންމައުތުން ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން 90 ސިކުންތު ތެރޭގައި ޖެހީ ޖޯޝުއާ ކިންގްސް އެވެ. ޗެލްސީގެ އޮފްސައިޑް މަޅިން ސަލާމަތްވެ، މެޗުގެ 63 ވަނަ މިނިޓްގައި ބޯންމައުތުގެ ދެ ވަނަ ލަނޑު ޖެހީ ޑޭވިޑް ބްރޫކްސް އެވެ.
ބޯންމައުތުގެ ތިން ވަނަ ލަނޑު ޖެހީ ކިންގްސް އެވެ. މެޗުގެ އިތުރު ވަގުތުގައި ހަތަރު ވަނަ ލަނޑު ޖެހީ ޗާލީ ޑެނިއަލްސް އެވެ.
ރޭގެ މެޗުގައި ދާދި ފަހުން ޗެލްސީ އަށް ބަދަލުވި ގޮންޒާލޯ ހިގުއައިން އަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. ދެ ވަނަ ހާފުގައި އޭނާ ބަދަލުކުރިއިރު، މެޗަށް ފަހު ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ އެ ޓީމު އެހާ ތަފާތުކޮށް ބަލިވީ ކުޅުންތެރިން މާ ބޮޑަށް ފަރުވާކުޑަކޮށްލުމުން ކަމަށް ބުނެފަ އެވެ.
ވަޓްފޯޑުން ރޭ ވަނީ ފުރަތަމަ ލަނޑު ޖަހައި ޓޮޓެންހަމް ހާސްކޮށްލައިފަ އެވެ. ފުރަތަމަ ހާފުގައި ކްރެއިގް ކެތުކާޓު ޖެހި ގޯލުން ވަޓްފޯޑް ލީޑުނަގާފައިވަނިކޮށް ޓޮޓެންހަމުން ނަތީޖާ އަނބުރާލީ ފަހު 10 މިނިޓް ތެރޭގަ އެވެ. މެޗުގެ 80 ވަނަ މިނިޓްގައި ޓޮޓެންހަމަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖެހީ އޭޝިއަން ކަޕަށް ފަހު ރޭގެ މެޗުގައި އެ ޓީމާ ގުޅުނު ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެވެ. އޭގެ ހަތް މިނިޓް ފަހުން ޓޮޓެންހަމް މޮޅުކޮށްދިން ލަނޑު ޖެހީ އަނިޔާގައި ހުރި ހެރީ ކޭންގެ މަގާމުގައި ކުޅެމުން އަންނަ ސްޕެއިނުގެ ފޯވާޑް ފެނާންޑޯ ލޮރެންޓޭ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗެލްސީ
31 January 2019
ފައިދާ ގޯލްވެސް އެއްވަރު ޗެލްސީ ' އާސެނަލް..
ޙުސަންބޭ
31 January 2019
ލިވަރޕޫލަށް ދޭންޖެހޭ ޕެނެލްޓީއެއް ރެފްރީ ނުދިނުމުގެ ސަބަބުން ކުޅުންތެރިންގެ ހިތްވަރު މާބޮޑަށްވެސް އެލުނީއެވެ. އަދި ލިވަރޕޫލަށް ލިބުނު ފުރުޞަތުތަކުގެ ބޭނުން ނުހިފުނީ ސްނޯވގެ ސަބަބުން އެމީހުންގެ އަވަސް ކުޅުމަށް ހުރަސްއެޅިގެން ދިއުމުންނެވެ.
ރަދީފް
31 January 2019
ޗެރީސް ރޭގަ ގެންގުޅުނު ކްލިނިކަލް ޓެކްޓިކަލް ޕާފޯމަންސް އެއީ ތަައުރީފް ހައްގު ކުޅުމެއް.20 އަހަރުތެރޭގަ ޗެލްސީ ބަލިވި އެންމެ ތަފާތު ބޮޑު ސްކޯގަ ޗެރީސްއިން މެޗް ނިންމާލުން ވެސް އެއީ މަރުހަބާ ހައްގު ކާމިޔާބީއެއް.ކޮން އުޒުރެއްތަ ޗެލްސީއަށް ދެއްކެން އޮތީ؟ސްނޯގެ ސަބަބުން ފިނިވުން؟ ނުވަތަ ޓީމްގެ ވަރުބަލިކަން މާބޮޑުވުން؟؟ ކުރިއަށް ހުރި މެޗްތަކުގަ އަސްލު ޗެލްސީ ފެނިގެން ދިއުން އެއީ ޗެލްސީ ދިވެހި ފޭނުންގެ އުއްމީދުކަން ކަށަވަރުވެޔަގީންވޭ.~އާސެނަލް ފޭން~
ރަދީފްގެ ބަފާބެ
31 January 2019
ޗެލްސީ ކުޅުނު ކުޅުން އާރސެނަލްއަށްވުރެ މާރީތި. އެމީހުންނަށް ނަސީބު އެހީނުވީ. ފުޓްބޯޅައިގައި މިކަހަލަ ކަންތައްތައްވެސް ވާނެ. އެހެން ޓީމުތަކަށް މަލާމާތްކުރުމުގެ ބަދަލިގައި ތިމާ ސަޕޯރޓްކުރާ ޓީމުގެ ހާލަތާމެދު ވިސްނާލުން މުހިންމު. ލީގު ނިމުމުން ބަލިވީޔޭ އުޒުރޭ ކިޔާބަލަ.