04 ފެބުރުއަރީ 2019 - 08:48
އާބާދީ އިތުރު ކުރުމުގެ މަގުސަދުގައި މީގެ ދުވަސްކޮޅެއް ކުރިން އިޓަލީގެ އަވަށަކުން އެއް ޑޮލަރަށް ގެ ވިއްކަން ފަށާފައިވާ އިރު، އަނެއްކާވެސް ހަމަ މި މަގުސަދުގައި އެ ގައުމުގެ އަވަށަކަށް ހިޖުރަކުރާ މީހުންނަށް މާލީ އެހީ ދޭން ނިންމައިފި އެވެ.
ކުލަކުލައިގެ މާތަކުން ހިތްގައިމުކަން ގެނެސްދޭ ފެހިކަން ގަދަ ބަގީޗާއެއް ކަހަލަ އަވަށެއް ކަމަަށްވާ ލޮކާނޯގެ އާބާދީ ވަރަށް ބޮޑަށް ދަށްވެފައިވާތީ، އަމާޒަކީ މީހުން އެ ތަނަށް ހިޖުރަ ކުރަން ލޯބި ޖެއްސުމެވެ. އެގޮތުން ހިޖުރަކުރާ އާއިލާތަކަށް 10،000 ޑޮލަރާއި އެއް ޑޮލަރަށް ގަނެވޭނެ ހިތްގައިމު ކޮޓެޖަކާއި ވިހާ ކޮންމެ ކުއްޖަކަށް 1،000 ޑޮލަރު ދޭން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން މަދުވެގެން 6874 ޑޮލަރުގެ އާމްދަނީއެއް ލިބޭ ވަޒީފާއެއް ވެސް ހިޖުރަކުރާ މީހުންގެ ތެރެއިން ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް ހޯދައިދެ އެވެ.
ފްރާންސާއި ސްވިޓްޒަލެންޑްގެ ބޯޑަރާ ވެސް ކައިރީގައި އޮންނަ ލޮކާނޯ އަވަށުގެ މޭޔަރު ޖިވާނީ ބްރޫނީ ،މެޓިއެޓް ސީއެންއެން އަށް ވިދާޅުވި ގޮތުގައި ކުރިން 7،000 އަށް ވުރެ ގިނަ މީހުން ދިރިއުޅުނު އެ އަވަށުގެ އާބާދީ 1900 ގެ އަހަރުތަކުގެ ފަހުން ދަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ. އެހެންވެ ކުރިމަގަށްޓަކައި އެތަނުގައި މީހުން އާބާދުވުން އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ލޮކާނޯގެ މިހާރުގެ އާބާދީއަކީ ގާތްގަނޑަކަށް 1،500 މީހުންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން އެ އަވަށުން އަހަރަކު 40 މީހުން މަރުވާ އިރު، އުފަންވާ ކުދިންގެ އަދަދު އުޅެނީ އެވްރެޖްކޮށް 10 ގަ އެވެ.
"މީގެ ސަބަބުން ކިޔަވަން ސްކޫލަށް ދާ ދަރިވަރުންގެ އަދަދު ވެސް މަދުވެ، ސްކޫލް ވެސް ބަންދު ކުރަން ޖެހުމުގެ ބިރު ކޮންމެ އަހަރަކު އެބަ ކުރިމަތިވޭ،" މޭޔަރު ވިދާޅުވި އެވެ.
"އެކަމަކު މި ހާލަތަށް ލޮކާނޯ ދޫކޮށްލެވޭކަށް ނެތް. އެހެންވެ މާލީ ގޮތުން އެހީތެރިކަން ދީގެން ވެސް މިތަނުގައި މީހުން އާބާދު ކުރަން އަހަރެމެން ބޭނުންވޭ."
މެޓިއެޓް ވިދާޅުވި ގޮތުގައި ލޮކާނޯ އިން މަރުހަބާ ކިޔާނީ ހަމައެކަނި އިޓަލީގެ ރަށްވެހިންނަކަށް ނޫނެކެވެ. ވަކިން ހާއްސަކޮށް ޒުވާނުންނަށް މަރުހަބާ ކިޔަން ލޮކާނޯ އޮތީ ތައްޔާރަށެވެ.
"އެހެން ގައުމުތަކުން މިތަނަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް ވެސް އަހަރެމެން މި ތިބީ މަރުހަބާ ކިޔަން ތައްޔާރަށް. އަދިި އިޓަލީން ބޭރުގައި ވަޒަންވެރިވެގެން ތިބި އިޓަލީ ރައްޔިތުން ވެސް އެނބުރި ގައުމަށް އައިސް މިތަނުގައި ދިރިއުޅުން އަހަރެމެންގެ އިލްތިމާސަކީ،" އޭނާ ވިދާޅުވި އެވެ. "ހަގީގަތުގައި މިއީ ދިރިއުޅެން ވަަރަށް ހިތްފަސޭހަ އަވަށެއް. ފަރުދަބަތަކާއި ވާދީތަކާއި މާމެލާމެލީގެ ގަސްތަކުން ޗާލުވެފައި އޮތް ތަނެއް މިއީ."
މޭޔަރު ވިދާޅުވި ގޮތުގައި ލޮކާނޯއަކީ ވަކިން ހާއްސަކޮށް ޒުވާނުންނަށް ވަރަށް ވެސް ކަމުދާ ކަހަލަ ތަނަކަށް ވާނެ އެވެ.
"ޒުވާނުން މިތަނުގައި ވަޒަންވެރިވެ، މިތަނުގައި ބަންދުކޮށްފައި މިހިރަ ފިހާރަތަކާއި ރެސްޓޯރަންޓްކާއި ބާތަކާއި ބުޓިކް ފަދަ ތަންތަން ހުޅުވައިގެން ރަނގަޅު އާމްދަނީއެއް ވެސް ހޯދޭނެ،" މެޓިއެޓް ވިދާޅުވި އެވެ. "މިއީ ވަރަށް ވެސް ހިތްގައިމު ތަނެއް."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދޫ
04 February 2019
އިޒްރާއީލާފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވޭ. ވީމާ އިޒްރާއީލަށް ހިޖުރަކޮށްގެންތިބި ޔަހޫދީން ތިޔަތަނަށް ގެންދަން ފެނޭ އޭރުން ފަލަސްތީނު މީހުނަށް އެމީހުންގެ ވަޒަންލިބިދާނެ.
ދިހި
04 February 2019
ޔާމީނު ރަގަޅު ކުދީންކޮޅު ގޮވައިގެން އެތަނަށްގޮސް އިންތިހާބުގަ ބައިވެރިވާން، ވެރިކަން ލިބިދާނެ ތޯއްޗެ ..
ެއޭނަ
04 February 2019
ރާއްޖޭގަވެސް އޮވޭ ތިކަހަލަ ތަނެއް. ނޫން ތީގެ އިދި ކޮޅުވައްތަރު. ދެތިން ދުވަހު އުޅެލާއިރު ޖިންސް ދޫވެ ވޮލެޓުން ވަކިލާރިވެސް ނުފެންނާނެ. މީހުން އެތަނަށް ކިޔަނީ "މާލެ"
ޢެޑްމުންޑޯ
04 February 2019
ތިތަންތަނުން މީހުންމަދުވެ ފަޅުވަނީ ކޮންމެވެސް ގޯސްކަމެއް އުޅޭތީކަމަށް ލަފާވަނީ
ކޯބްރާ
04 February 2019
މިގައުމުގައި މިއުޅޭ ލާދީނީ ބައިގަނޑު އެތަނައް ފޮނުވާލަން ފެނޭ
މޭޔަރޫ
04 February 2019
މޭޔަރު އަޑެއްނާހާތަ ދުނިޔޭގެ އެތައްމިތާ އުޅޭ ފަގީރު ރެފިއުޖީންގެ ވާހަކައެއްވެސް. އެމީހުންގެ ބަޔަކު ތިތަނަށް ގެންދެބަލަ. ގައިމުވެސް ވިސްނާ ހައްލުކުރަންދަތި އެތައްކަމެއް މޭޔަރަށް ލިބޭނެ.
ޗެލްސީ
04 February 2019
ތި ތަނަށްށޭނު ދާންވީ.. 6874 ޑޮލަރުލިބޭ ވަޒީފާ އަކީ މަހަކު 105997 ދިވެހި ރުފިޔާ.. އަދި ގެޔެއްވެސް ލިބޭ.. އެކަމު 1500 މީހުންގެ އާބާދީ އަކުން އަހަރަކު 40 މީހުން މަރުވުމަކީ ރަށުގެ މާހައުލު ދިރިއުޅެން އެކަށީގެން ނުވާ ކަމުގެ ހެއްކެއް..
ހޯހޯ ޅިޔަނު
04 February 2019
ބަލަގަ! އާބާދީ މުސްކުޅިވެފައިވާ ތަނެއްގައި، ދަރިން އުފަން ނުކުރާ ރަށެއްގައި ދެން އަންނާނީ އާބާދީ މަރުވެ ހުސްވަމުން ދޯ!